Support Us

އިމާރާތުން ހަވާއަށް ދިޔަ ފުރަތަމަ މީހާ އިސްރާއީލުގެ ދިދަ ގެންދިޔަ

އިމާރާތުން ހަވާއަށް ދިޔަ ފުރަތަމަ މީހާ ހައްޒާޢުލް މަންޞޫރީ 2019ވަނަ އަހަރު ހަވާއަށް ދިޔައީ އިސްރާއީލުގެ ދިދަ ހިފައިގެން ކަމަށް އޭނާ ހާމަކޮށްފިއެވެ.

އިސްރާއީލުގެ ދުވަހު ނޫސް ޖެރޫސަލަމް ޕޯސްޓު ރޭ ބުނިގޮތުގައި އޭނާ މި ކަން ހާމަކުރީ ދުބައި އެކްސްޕޯ 2020 ގެ މަޢުރަޟުގައި ހުންނަ އިސްރާއީލުގެ ޕެވެލިޔަނަށް ޒިޔާރަތްކޮށް އެތާނގައި ތިބި އިސްރާއީލުގެ މަންދޫބުންނަށް އެ ދިދަ ހަދިޔާކުރަމުންނެވެ. އޭނާ ބުންޏެވެ. "މި ތަނަށް އައިސް އިސްރާއީލުގެ މަންދޫބުންނަށާއި އިސްރާއީލުގެ ރައްޔިތުންނަށް އަހުރެން ހަވާއަށް ގެންދިޔަ އިސްރާއީލުގެ ދިދަ ހަދިޔާ ކުރުމުގެ އުފާ ލިބިގަންނަމެވެ.

އަލްމަންޞޫރީ ބުންޏެވެ. "މީގެ ދެ އަހަރު ކުރިން އަހުރެން ހަވާއަށް ދިޔައީ މި ދިދަ ހިފައިގެންނެވެ. މިއީ އަހުރެން އިސްރާއީލުގެ އެންމެންނަށް ދޭ ހަދިޔާއެކެވެ."

އޭނާ ހާމަކުރިގޮތުގައި މި އަންނަ މަހުގެ ކުރީކޮޅުގައި އަހުރެން އިސްރާއީލަށް ޒިޔާރަތް ކުރާނަމެވެ. އިސްރާއީލުގެ މީޑިއާ ބުނާގޮތުގައި އޭނާ އިސްރާއީލަށް ކުރާ މި ދަތުރުގައި އިސްރާއީލުގެ ދެކުނުގެ ސަރަޙައްދެއް ކަމުގައި ހަދައިފައިވާ ނަޤަބު ސަރަޙައްދުގެ އުތުރުގައި ހުންނަ އީލާން ރާމޫން ދާރުލްއާސާރަށް ޒިޔާރަތް ކުރާނެއެވެ. މި ދިދަ ބޭއްވޭނީ މި ދާރުލްއާސާރުގައެވެ.

މަންޞޫރީ މި ދިދަ އިސްރާއީލަށް ހަދިޔާކުރުމުން އިސްރާއީލު މީހުން އެމީހުންގެ ޓްވީޓްތަކުގައި މަންޞޫރީއަށް ޝުކުރުކޮށް ތާރީފުކޮށްފައި ވެއެވެ. އިސްރާއީލުގެ ޚާރިޖިއްޔާއިން ކުރި ޓްވީޓެއް ބުނާގޮތުގައި މަންޞޫރީއަކީ އިސްރާއީލުގެ ޕެވެލިޔަނަށް ޒިޔާރަތް ކުރި ވަރަށް ލޮބުވެތި މެހެމާނެކެވެ. މި ޕެވެލިއަން ބެލެހެއްޓުމާ ޙަވާލުވެ ހުރި އިސްރާއީލުގެ މަންދޫބު ވިދާޅުވި ގޮތުގައި "އޭނާ ހަވާއަށް ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުގައި މި ޕެވެލިއަނަށް ވަޑައިގެންނެވުމުން އޭނާ އިސްރާއީލީންނަށް ދެއްވާ އަހައްމިއްޔަތު އެނގިގެން ހިނގައްޖެއެވެ. އޭނާ މި ކުރެއްވި ހަދިޔާއަކީ ވަރަށް އަގު ބޮޑު ހަދިޔާއެކެވެ."

ހައްޒާޢުލް މަންޞޫރީ ހަވާއަށް ދިޔައީ 2019ވަނަ އަހަރުގެ ސެޕްޓެންބަރުގައި ރޫސީ ޖައްވީ އުޅަނދު ސޮޔޫޒް އެމް އެސް – 15 ގައެވެ. އޭނާ ބިމަށް އެނބުރި އައިސްފައި ވަނީ ހަވާގައި އަށް ދުވަސް ހޭދަކޮށްފައެވެ. އޭނާ ހަވާއަށް ދިޔައީ ބައިނަލްއަޤްވާމީ ޖައްވީ އުޅަނދު އައިއެސްއެސް އަށް ފޮނުވުނު 61 ވަނަ މިޝަންގައެވެ.

އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓް ބުނާގޮތުގައި މަންޞޫރީ ހަވާއަށް ދިޔައީ ރަޝިޔާއާށް ވަރަށް ގިނަ ފައިސާ ދީގެންނެވެ. އެއީ މުއްސަނދީން މި ސްޓޭޝަން ދަތުރުކުރާ ގޮތަށް ޓިކެޓް ނަގައިގެން އޭނާ ކުރި ދަތުރެކެވެ. އޭނާއަކީ އެސްޓްރޮނޯޓެއް ނޫނެވެ.

ބައިނަލްއަޤްވާމީ މި ސްޓޭޝަނަށް ފޮނުވުނު 61 ވަނަ މިޝަންގެ ފަޅުވެރީންގެ ތެރޭގައި އިސްރާއީލުގެ އެސްޓްރޮނޯޓެއް ކަމުގައިވާ ޖެސީކާ މާއީރު ވެސް ވެއެވެ.

އިސްރާއީލާއި އިމާރާތާ ދެމެދުގައި ގުޅުންތައް ޠަބީޢީ ކުރެވުނީ 13 އޮގަސްޓް 2020 ގައެވެ. އޭގެފަހުން އިމާރާތު– އިސްރާއީލު ގުޅުންތައް ދަނީ ވަރަށް ބާރަށް ގެތެމުން އެމުނެމުން ކުރިއަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *