...

Support Us

ޕާކިސްތާނު މެދުވެރިކޮށް ސުޢޫދީން އަފްޣާނުގެ އިޤްތިޞާދު ސަލާމަތްކުރާނެބާ

އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ތެރެއިން ލައިފައި ޕާކިސްތާނުގެ އެހީގައި އަފްޣާނިސްތާނުގައި ސުޢޫދީން އައު ދައުރެއް ކުޅެން ފަށާފާނެކަމުގެ އިޝާރާތްތަކެއް ފެންނާން ފަށައިފިއެވެ.

އަފްޣާނިސްތާނުގައި އެތައް އަހަރުތަކެއް ވާންދެން ހިނގައިފައިވާ ހަނގުރާމައިގެ ސަބަބުންނާއި ބޭރުގެ އެހީތައް ކެނޑިގެންގޮސްފައިވުމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު ވަނީ މުޅިން ޚަރާބުވެ ވީރާނާވެފައެވެ.

މި މަހުގެ 19ވަނަ ދުވަހު އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް އިސްލާމް އާބާދުގައި ބޭއްވުނެވެ. މި ޖަމްޢިއްޔާގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަނީ ސުޢޫދިޔާއިން ކަމުން މި ބައްދަލުވުމުގައި ސުޢޫދީ ޚާރިޖީވަޒީރު ފައިޞަލް ބިން ފަރަޙާން ވަރަށް އިސް ދައުރެއް ކުޅުއްވިއެވެ. މި ބައްދަލުވުން ބޭއްވުނީ އަފްޣާނިސްތާނަށް ބޭނުންވާ އިންސާނީ އެހީއާ ބެހޭގޮތުން ވާހަކަދެއްކުމަށް ޓަކައެވެ. އިސްލާމީ ޤައުމުތަކުގެ ޚާރިޖީވަޒީރުންނާއި މަންދޫބުންގެ އިތުރަށް އދގެ ސަލާމަތީ މަޖިލީހުގެ މަންދޫބުންނާއި ޔޫރަޕްގެ އިއްތިޙާދުގެ މަންދޫބުންނާއި ޖަޕާނުފަދަ އިންސާނީ އެހީތައް ދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ޤައުމުތަކާއި ޢާލަމީ މާލީ މުއައްސަސާތަކާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ބައެއް އިދާރާތައް ބައިވެރިވިއެވެ.

މާލީ އެހީގެ ދޮރުތައް ހުޅުވުން

ސުޢޫދީ ޚާރިޖީވަޒީރު ފައިޞަލް ބިން ފަރަޙާނު މި ބައްދަލުވުން ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަފްޣާނިސްތާނަކީ "ވަރަށް ދިގު މުއްދަތަކަށް ވޭނާ ކެކުޅުންތައް ބަރުދާސްތުކޮށްފައިވާ" ޤައުމެއް ކަމަށް ވިދާޅުވިއެވެ. އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން އަފްޣާނިސްތާނާއެކު އެއްބާރުލައި އެކަތިގަނޑަކަށް ވާނެކަމަށް ސުޢޫދީ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ އަމީން ޢާންމު ޙުސައިން އިބްރާހީމު ޠާހާ ހާމަކުރެއްވިގޮތުގައި އަވަސް އެހީ އަފްޣާނިސްތާނަށް ފޯރުކޮށްދިނުމަށް ޓަކައި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން ޚާއްޞަ މިޝަނެއް ފޮނުވަން ވަނީ ހަމަޖެހިފައެވެ. އޭނާ ވިދާޅުވިއެވެ. "އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކާއި އިސްލާމީ ދުނިޔޭގެ އެހީގެ މަރްކަޒުތައް ވިލަރެސްކޮށްގެން އިންސާނީ މަސައްކަތްތަކަށް ވާގިވެރިވުމަށް ޓަކައި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން ދައުރެއް އަދާކުރުމަށް އޮތީ ތައްޔާރަށެވެ."

އަފްޣާނިސްތާނަށް އެމެރިކާއިން ކަނޑައަޅައިފައިވާ ޚާއްޞަ މަންދޫބު ޓޮމް ވެސްޓް ހާމަކުރެއްވި ގޮތުގައި އިންސާނީ އެހީތައް ފޯރުކޮށްދޭ މަރްކަޒުތަކާއެކު އެމެރިކާ ވެސް މަސައްކަތް ކުރާނެއެވެ. އޭނާ ވިދާޅުވިގޮތުގައި މި އެހީތައް ފޯރުކޮށްދިނުމަށް ޓަކައި ޚާއްޞަ އާލިއްޔަތެއް ޤާއިމުކުރަން ވަނީ ޖެހިފައެވެ. އަފްޣާނިސްތާނުގެ 38 މިލިއަން މީހުންގެ ތެރެއިން 60 ޕަސަންޓު މީހުން ކުރިއަށް މި އޮތް ފިނި މޫސުމުގައި "ބަނޑަށް ޖެހިދާނެކަމުގެ ބިރު" އެބަ އޮތެވެ. ކާބޯތަކެއްޗާބެހޭ ބައިނަލް އަޤްވާމީ ޕްރޮގްރާމުން ސަމާލުކަމަށް ގެނައިގޮތުގައި އަފްޣާނިސްތާނުގައި 3.8 މިލިއަން ކުޑަ ކުދީންނަށް ކާޑުބަލި ޖެހިދާނެ ކަމުގެ ބިރު އެބަ އޮތެވެ.
މި ބައްދަލުވުމުގައި ޕާކިސްތާނުގެ ޚާރިޖީވަޒީރު ޝާހު މަޙްމޫދު ޤުރައިޝީ ވިދާޅުވިގޮތުގައި އަފްޣާނިސްތާނުގެ "އިޤްތިޞާދު މުޅިން ހަލާކުވެ ވީރާނާވެގެން ހިނގައިދާނެކަމުގެ ބިރު" ވަރަށް ބޮޑުކަން ހަނދާނުގައި ބަހައްޓަން އެބަ ޖެހެއެވެ. އަފްޣާނިސްތާނުގެ މުއައްސަސާތައް އަލުން ބިނާކުރުމަށާއި، ވުނަކުރުން އިތުރުކުރުމަށާއި، ކާބުލްގެ އިޤްތިޞާދު ރަނގަޅުކުރުމަށް ބޭނުންވާ ފަންނީ ތަޖްރިބާ ފަހިކޮށްދިނުމަށް ޓަކައި އެހީދިނުމުގެ މަސައްކަތްތައް ވިލަރެސް ކުރުމާ ބެހޭ ގޮތުން ހުށައެޅިފައިވާ ހަ ނުކުތާގެ މަޝްރޫޢު ދިރާސާކުރުމަށް ޕާކިސްތާނުގެ ޚާރިޖީވަޒީރު މި ބައްދަލުވުމަށް ގޮވައިލެއްވިއެވެ.

އެމެރިކާގެ "މޮނިޓަރ" ޖާލު ބުނާގޮތުގައި މި މަސައްކަތްތަކުގައި އަފްޣާނިސްތާނު ސަރުކާރު ބައިވެރިވާނެއެވެ. އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު މުއްލާ އަމީރު ޚާން މުއްތަޤީ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަފްޣާނިސްތާނު ސިޔާސީ ގޮތުން އެކަހެރި ކުރުމަކީ އެއްވެސް ބަޔަކަށް ފައިދާ ހުރި ކަމެއްނޫނެވެ." މި ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "މި ދުނިޔޭގައި އިންސާނުން އުފައްދައިފައިވާ އެންމެ ބޮޑު މަސްއަލަކަމުގައި އަފްޣާނިސްތާނު ވެދާނެއެވެ."

މި ބައްދަލުވުމުގައި ބައިވެރިވި ވަފްދުތައް އެއްބަސްވި ކަންތައްތަކުގެ ތެރޭގައި އިންސާނީ އެހީތަކާއި މާލީ އެހީތައް އަފްޣާނިސްތާނަށް އޮހޭނެ މަގު ތަނަވަސްކޮށް ދިނުމަށް ޓަކައި މާލީ ދޮރުތަކާއި ބޭންކު ދޮރުތައް ހުޅުވުން ވެއެވެ.

ސުޢޫދީން މުހިއްމު ދައުރެއް ކުޅޭނެތަ

އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ މި ދައުރުގެ ރައީސުގެ ހައިސިއްޔަތުން މި މަހާސިންތާ ބާއްވަން ގޮވައިލީ ރިޔާޟުންނެވެ. ރިޔާޟުގެ މި ގޮވައިލުމަށް އިޖާބަދީ މި ބައްދަލުވުމަށް މެހެމާންދާރީ އަދާކުރީ އިސްލާމް އާބާދުންނެވެ.

ރިޔާޟުގައި ހުންނަ އީރާނީ ދިރާސާތަކާބެހޭ ބައިނަލް އަޤްވާމީ މަރްކަޒުގެ ރައީސް މުޙައްމަދުލް ސިލްމީ މޮނިޓަރަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މި ބައްދަލުވުމުގެ އަމާޒަކީ އަފްޣާނިސްތާނުގެ ޙާލަތު ދިރާސާ ކުރުމެވެ. މި މަސްއަލައިގައި ސުޢޫދީ ސިޔާސަތު ވަރަށް ސާފުކަމަށް އޭނާ ވިދާޅުވިއެވެ. އަފްޣާނިސްތާނަށް އިންސާނީ އެހީތައް ފޯރުކޮށްދެވެން ޖެހޭނެކަމަށް ރިޔާޟު ދެކެއެވެ. ސިލްމީ ވިދާޅުވިއެވެ. " ރިޔާޟުން ދަނީ އަފްޣަނިސްތާނުގެ ޙާލަތު ވަރަށް ކައިރިން ބަލަމުންނެވެ. އިންސާނީ އެހީތައް ހިފައިގެން ސުޢޫދީ ޢަރަބިއްޔާގެ ހަތަރު ބޯޓެއް ވަނީ ފޮނުވައިފައެވެ.އިންސާނީ އެހީތަކާބެހޭ ސަލްމާން ރަސްގެފާނު މަރްކަޒުން 65 ޓަނުގެ އިންސާނީ އެހީ ވަނީ ފޮނުވައިފައެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ 1647 ވަށިގަނޑު ވެއެވެ. ސުޢޫދީން މިފަދަ އެހީތައް ދެމުންގެންދިޔަ ނަމަވެސް އަފްޣާން ސަރުކާރު ޤަބޫލު ކުރުމުގެ މަސްއަލައާމެދު ރިޔާޟުން ވިސްނަމުން ނުދާކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނު ނިރުބަވެރީންނާއި ޙައްދުފަހަނަޅައިފައިވާ މީހުންގެ ހިޔާވައްސަކަށް ބަދަލުވިޔަ ނުދިނުމަށް ޓަކައި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ މެންބަރުންގެ މެދުގައި އެއްބާރުލުން އޮންނަން ޖެހޭނެކަމަށް ސުޢޫދީ ޢަރަބިއްޔާ ދެކެއެވެ.

އިންޓެލިޖެންސް އޮންލައިން ހާމަކުރި ރިޕޯޓެއް ބުނާގޮތުގައި ސުޢޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާން އަންގަވައިގެން ސުޢޫދީ ޖާސޫސީ އިދާރާގެ ކުރީގެ ރައީސް ތުރްކިލް ފައިޞަލް ޠާލިބާނުންނާއެކު ދަނީ ވާހަކަދެއްކުންތައް ބާއްވަވަމުންނެވެ. ތުރްކިލް ފައިޞަލަކީ މީގެ ވިއްސަކަށް އަހަރު ކުރިން ޠާލިބާނުންނާއެކު މުޢާމަލާތު ކުރައްވައިފައިވާ ތަޖްރިބާކާރު ބޭފުޅެކެވެ. މި ރިޕޯޓު ބުނާގޮތުގައި މުއްލާ ޢުމަރުގެ ދަރިކަލުން މުއްލާ ޔަޢުޤޫބާ އޭނާ ވަނީ ބައްދަލު ކުރައްވައިފައެވެ. އަދި ޠާލިބާނުންގެ އިސް މަސްއޫލުވެރިއެއް ކަމުގައިވާ މުއްލާ ޢަބްދުލްޣަނީ ބަރްދާރާއެކު ޤަޠަރުގައި ވަނީ ބައްދަލު ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.