...

Support Us

ތަސްވީރަކާ ބެހޭ ވާހަކައެއް

މަތީގައިވާ ތަސްވީރުގެ، ކަނާތް ފަރާތުން އެ ފެންނަނީ ރޫސީ ނެށުންތެރިއެއް ކަމަށްވާ ސޯފީނާޒެވެ. އޭނާގެ އަމިއްލަ ރަށުގައި އޭނާއަށް މާބޮޑު ކާމިޔާބީއެއް، މަޝްހޫރު ކަމެއް، ނުލިބެއެވެ. ނަމަވެސް، އޭނާ މިސުރަށް ގޮސް މިސުރުގައި އޭނާ މަޝްހޫރުވެ މުއްސަނދިވިއެވެ. އޭނާގެ ބޭރު ފުށުގެ ސޫރަ ރީތިވުމުންނެވެ. ރީތި މޫނަކާއި ދިގު އިސްކޮޅެއް ލިބިފައި، ބުރުސޫރަ ރީތިވީމައެވެ.

ތަސްވީރުގެ ވާތް ފަރާތުން އެ ފެންނަނީ މިސުރުގައި ކެމިސްޓްރީ ކިޔަވައިދެއްވި މުދައްރިސެކެވެ. ނަމަކީ އަހުމަދު ޒުވައިލެވެ. މިސުރުގައި އުޅުއްވި އިރު، އޭނާއަށް އަޅާލުމެއް، މާ ބޮޑު މަޝްހޫރުކަމެއް ނުލިބެއެވެ. ނަމަވެސް، އޭނާ އެމެރިކާއަށް ގޮސް، އިތުރަށް ކިޔަވައި އެތާނގައި ކިޔަވައިދިނުމާއި ބަހުސް ލިޔުމުގެ މަސައްކަތްކޮށް، މުއްސަނދިވެ، މަޝްހޫރުވިއެވެ. އަދި، 1999ގައި ކެމިސްޓްރީގެ ރޮނގުން ނޯބެލް ޕުރައިޒް ހާސިލު ކުރެއްވިއެވެ.

މިކަން ބުނެދެނީ ކޮން ވާހަކައެއް ހެއްޔެވެ؟ ފަހަރެއްގައި ވެސް، މިތަނުގައި މައްސަލައަކީ ތަސްވީރުގައިވާ މީހުންނެއް ނޫނެވެ. ސޯފީނާޒު ރީތިވުމާއި ނުވަތަ ހުތުރުވުން އެއީ އޭނާގެ އަމިއްލަ އަތްމަތީ އޮތް ކަމެއް ނޫނެވެ. އަދި، މިސުރު މީހުންގެ ލޮލުގައި އޭނާ އަޅައިގަތުން ވެސް އެއީ އޭނާގެ ކުށެއް ނޫނެވެ. ހަމަ އެހެންމެ، ޒުވައިލުގެ އިލްމީ ގާބިލުކަމެއްވާކަން، އެހެން މީހުންނަށް ފާހަގަނުކުރެވުނުކަމީ އޭނާގެ މައްސަލައެއް ނޫނެވެ. މައްސަލައަކީ މިސުރު މީހުންގެ މައްސަލައެކެވެ. އެމީހުންނަށް ފެނި، އަގު ވަޒަންކުރެވެނީ ހަމަ އެކަނި މީސްމީހުންގެ ބޭރުފުށެވެ. މީސްމީހުންގެ އެތެރެފުށް ދެނެގަނެ، އެމީހުންނަށް ލިބިފައިވާ ގާބިލުކަން ދެނެގަތުމުގެ ބޭނުމެއް އޮތް ކަމަކަށް އެމީހުން ނުދެކެއެވެ. އެހެންވެ، އެމީހުންނަށް ރީތިވެ، އަހަންމިއްޔަތުކަން ދެވުނީ ރީތި މީހެއްގެ ނެށުމަށެވެ! މިކަންވީ، އެމީހުންގެ ޚިޔާލާއި ފިކުރު ހިލުވާލައި، އޭނާގެ ނެށުމުގެ އަވައިގައި ޖެހި، ޣާފިލުވެ ތިބެން މެދުވެރިވި ސަބަބަކަށެވެ.

މިއީ ހަމައެކަނި މިސުރުން ފެންނަ މަންޒަރެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން ވެސް ފެންނަ މަންޒަރެކެވެ. މީސްމީހުންގެ ބޭރުފުށަށް ބަލައި، މޫނުގެ ނޫނީ ލާފައި ހުންނަ ހެދުމުގެ ވިދުވަރު، އެމީހުންގެ ހަގީގަތް ދެނެގަތުމަށް ހުރަސް އެޅުމުގެ މަންޒަރެވެ. މީގެ އެންމެ ވަރުގަދަ ހެކި ފެނިގެންދަނީ އަޅުގަނޑުމެންގެ ޖަމާއީ ކަންކަން އިސްލާހުކޮށް ކުރިއަރުވަން އަޅުގަނޑުމެން އިންތިޚާބުކުރާ މީހުން އެއްވާ މަޖުލިހުންނެވެ. އެމީހުން ދައްކާ ވާހަކަތަކުން، އަޅުގަނޑުމެންނަށް ފެންނަނީ ބޭރުފުށާއި އަދި މުހިއްމު ވަނީ ރީތި ނެށުންތައް ކަމުގެ ހެކި ލިބެއެވެ. ބައެއް ފަހަރު، އެތާ ތިބޭ މީހުން، މަސްތީ ހާލަތުގައި، ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ގޮތަށް ބޭރު ބަސްބަހުން ދައްކާ ވާހަކަތަކުންނެވެ! އަނެއް ބައި ފަހަރު، ވަކި ކަމެއް ދިފާއުކުރުމުގެ ގޮތުން، އެއްވެސް މަންތިގީ ހަމައެއް ނެތި ދަމާ ހާސަރުތަކުންނެވެ.

މިކަން ބަދަލުވާން ވެއްޖެއެވެ. މިފަދަ މަޖުލީސްތަކަށް ސޯފީނާޒު ފަދަ ނެށުންތެރިންނާއި މަސްތީ، މުހައްރިޖުން، ޖޯކަރުން، ނުހޮވައި، ޒުވައިލު ފަދަ ކަމަށް ގާބިލު މީހުން ހޮވަން ދަސްކުރަން ޖެހިއްޖެ ވަގުތު އަތުވެއްޖެއެވެ! "އިޤްރައު" ކަލޭގެފާނު ކިޔަވާ ވިދާޅުވާށޭ" އޮންނަ ވަހީ ބަސްފުޅުން، ވިސްނައި ފިކުރުކުރުމަށް ގޮވައިލައި އެކަމަށް ބާރު އަޅައި، މުޚާތަބުކުރެވިފައިވާ އުއްމަތެއް "އުރްގުޞް" ނަަށާށޭ ކިޔައި ގޮވާލާ ގޮވާލުމަށް އިޖާބަދޭ އުއްމަތަކަށް ވެދިޔުމުން ދުރަށްދާންވެއްޖެ ވަގުތު އަތުވެއްޖެނޫން ހެއްޔެވެ؟

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.