Support Us

ޣަދަރުވެރިންނާ ބެހޭ ގޮތުން ރޯމަނުންގެ ފަލްސަފާވެރިއެއް ބުނެފައި އޮންނަ ވާހަކައެއް

ތިރީގައި އެވަނީ ރޯމަނުންގެ ސިޔާސީ ވެރިއެއް، އަދި ފިލޯސަފަރެއް އަދި ގާނޫނީ ވަކީލެއް ކަމުގައިވާ މާކަސް ސިސެރޯ ޣައްދާރުންގެ ނުރައްކާތެރިކަމާ ބެހޭ ގޮތުން ބުނެފައި އޮންނަ މަޝްހޫރު ބުނުމެކެވެ. އޭނާ މިދުނިޔެ ދޫކުރީ މީލާދީ ސަނަތުގެ 43 އަހަރު ކުރީގައެވެ.

"އުއްމަތެއްގެ މޮޔައިންގެ ކިބައިން ވެސް އެ އުއްމަތަށް ސަލާމަތްވެ، ދިރި ހުރެވިދާނެއެވެ. އަދި، އުއްމަތުގެ ތެރޭގައި އުފެދޭ ބޮޑާ ކިބުރުވެރި، އަމިއްލަ ބޮޑުކަން ދައްކަން އުޅޭ މުސްތަބިއްދު އިސްވާރުންގެ (ލީޑަރުންގެ) ކިބައިން ވެސް އެ އުއްމަތަށް ސަލާމަތްވެ، ދިރި ދެމި ހުރެވިދާނެއެވެ. ނަމަވެސް، އުއްމަތެއްގެ ތެރޭގައި، އެ އުއްމަތުގެ ބައެއް ކަމުގައި ވެގެން އުޅޭ ޣަދަރުވެރި މީހުންގެ ޣަދަރުވެރިކަމުން އެ އުއްމަތަކަށް ސަލާމަތެއް ނުވެވޭނެއެވެ."

ރަށުތެރޭ، ރަށު މީހާގެ ގޮތުގައި އުޅޭ ޣަދަރުވެރިޔާގެ ބިރުވެރިކަމަށް ވުރެ، ރަށް ބޭރު ދޮރޯށި ކުރިމަތީ އަސްކަރު ޖަހައިގެން އޮތް ދުޝްމަނުންގެ ލަޝްކަރު ބިރުވެރިކަން ކުޑައެވެ. އެހެނީ، ދުޝްމަނަކީ ކާކުކަން އެނގެއެވެ. އޭނާއަކީ ކާކުކަން އަންގައިދޭ ދިދަ، ހާމަ ގޮތެއްގައި ފެންނަހެން، އުފުލައިގެން ހުރެއެވެ. ނަމަވެސް، ޣަދަރުވެރިޔާ ރަށުގެ ދޮރޯށިން ވަދެ ރަށުތެރޭގައި މިނިވަން ކަމާއެކު އުޅެއެވެ. އޭނާގެ، ހީލަތްތެރި އޮޅުވާލަނިވި، ބުނުންތައް ރަށުގެ ވާދީތަކުގެ ތެރޭގައި، ރަށުގެ މަގުމަގުގައި ވަޔާއެކު އެނބުރެމުން ދެއެވެ. އަދި، އެ ޣައްދާރުގެ ހީލަތްތެރި އޮޅުވާލަނިވި ވާހަކަތައް ސަރުކާރުގެ އިދާރާތަކުގެ ހޯލުތަކުގައި ވެސް އިއްވާލެވި، ގަބޫލުކުރެވޭ ގޮތްވެފައި އޮވެއެވެ.