Support Us

މަނިކު ސޭޓު: ކުރިން- އެންމެ އާދައިގެ މީހެއް، މިހާރު- ވަރަށް އާދަޔާޚިލާފު މީހަކަށް

މީހަކު ފެންނަ ފެނުމުން އެއީ ކޮން ކަހަލަ، ކޮން މިޒާޖެއްގެ މީހެއްކަން ނޭނގިދާނެއެވެ. އަދި އެ މީހެއްގެ ހަށިގަނޑު ފެނުމަކުން އެއީ ކިހާ އުމުރެއްގެ މީހެއްކަން ވެސް ނޭނގިދާނެއެވެ. އަދި ކައިވެނީގެ އަދަދާއި އަނބިންނާއި ދަރީންގެ އަދަދު އެނގުމަކުން ވެސް އެ މީހެއްގެ ކިބައިގައި ހުންނަ ބަފާވަންތަކަމާއި ލޯތްބާއި އޯގާތެރިކަމާއި ރޮމޭންޓިކް ގޮތްގަނޑު ނޭނގިދާނެއެވެ. އެކަމަކު އިބްރާހިމް މަނިކު ނުވަތަ މަޝްހޫރު މަނިކު ސޭޓުގެ ފޭސްބުކް ބަލައިލުމުން، މިކަހަލަ ވަރަށް ގިނަ ސުވާލުތަކަކަށް ޖަވާބު ލިބި އިތުރު އެތައް މައުލޫމާތެއް ލިބޭނެކަން ޔަގީނެވެ. އެކަމަކު މިއިން އެއް ސުވާލަކަށް ޖަވާބު ނުލިބުނަސް، ޔަގީންކަށަވަރުވާ ކަމަކީ އުމުރުން 54 އަހަރުގެ މަނިކުގެ ސޭޓުގެ ބޮޑީބިލްޑް ޒުވާން ހަށިގަނޑު ފެނުމުން، ޒުވާން އަންހެން ކުދިންގެ ހިތްތަކަށް ހަމަ ކެތްނުވާކަމެވެ. އެ ކުދިންގެ ހިތުގައި ވިކަމުންދާ ކަމެވެ.

މަނިކު ސޭޓުގެ ފޭސްބުކްގައި 5 ލައްކަ 37 ހާސް ނުވަ ސަތޭކަ ފޮލޯވަރުން

މަނިކު ސޭޓަކީ ވަރަށް އާދަޔާޚިލާފު ޝަހުސިއްޔަތެއްކަން އެންމެ ފަސޭހައިން އެނގޭނީ އޭނާގެ ފޭސްބުކް ބަލައިލުމުންނެވެ. މަނިކު ސޭޓުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ފަސް ލައްކަ 37 ހާސް ފޮލޯވަރުން އެބަތިއްބެވެ. މަނިކު ސޭޓުގެ ޕޯސްޓުތަކަށް ވެސް އެވްރެޖް ގޮތެއްގައި 10 ހާހާއި 30 ހާހާ ދެމެދުގެ އަދަދަކަށް ލައިކްސް ދީފައި އެބަހުއްޓެވެ. މި އަދަދުތަކަކީ، ވަރަށް ބޮޑަށް ލަފާކުރެވޭ ގޮތުގައި، ރާއްޖޭގެ ރެކޯޑު އަދަދުތަކެކެވެ.

"އަހަންނަކީ ސެލެބްރިޓީއެއް. އަހަރެންގެ ފޭސްބުކުން ވެސް އެކަން އެނގޭނެ،" މަނިކު ސޭޓު ފަޚުރުވެރިކަމާއެކު ބުނެލިއެވެ.

މަނިކު ސޭޓުގެ ރަސްމީ ފޭސްބުކް ޕޭޖުގެ އިތުރަށް އޭނާގެ ޕްރައިވެޓް އެފް.ބީއެއް ވެސް ގެންގުޅެއެވެ.

މަނިކު ސޭޓުގެ ދުވަހުގެ ހުރިހައި ހަރަކާތްތަކެއް އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުން ގަވައިދުން އަދާހަމަކުރަމުން ގެންދެއެވެ. އެހެންވެ މަނިކު ސޭޓުގެ ފޭސްބުކް ބަލައިލުމުންވެސް އެއީ ޝައުގުވެރި އެތައް ވާހަކައެކެވެ. ފޫހިކަމެއް ނެތި ކިތަންމެ އިރަކު ވެސް ބެލިދާނެއެވެ.

"އަބަދުވެސް ހިތަށް އަރާ ދަރިންގެ ފުޓުބޯޅަ ޓީމެއް ހަމަކުރާނަމޭ"

މަނިކު ސޭޓަށް ވަނީ އަށް ކައިވެނިން ޖުމްލަ 12 ކުދިން ލިބިފައެވެ. އެއީ 10 އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. އެންމެ ދޮށީ ދަރިފުޅުގެ އުމުރަކީ 32 އަހަރެވެ. އެންމެ ހަގު ދަރިފުޅަށް އަދި ދެ އަހަރު ނުފުރެއެވެ. މަނިކު ސޭޓުގެ އެންމެ ދޮށީ ފަސް ކުދިންނަށް ވަނީ 18 އަހަރު ފުރިފައެވެ. ހުރިހައި ކުދިން ވެސް ވަނީ ކިޔަވައިފައެވެ. މަނިކު ސޭޓަށް ކާފަ ކިޔާ ތިން ކުދިން އެބަތިއްބެވެ.

މަނިކު ސޭޓުގެ ހުރިހައި ކުދީންނަށާއި އެ ކުދިންގެ މައިންނަށާއި އަނބީންނަށްވެސް އޭނާ ކޮންމެ މަހަކު މުސާރަ ދެއެވެ. ކުރިން ފަސް އަކުރުގެ އަދަދުތަކުން މުސާރަ ދިން ނަމަވެސް، ކޮވިޑާ ގުޅިގެން އެ އަދަދުތައް ވަނީ ކުޑަކޮށްފައެވެ. މަނިކު ސޭޓުގެ ކުދިންގެ ތެރެއިން ވަޒީފާއަކަށް ދަނީ އެންމެ ކުއްޖެކެވެ. އެހެން ކުދިން ކިޔަވައިގެން، ގޭގައި ތިބީއެވެ. ވަޒީފާއަކަށް ދާން އެކުދިން ބޭނުންނުވަނީއެވެ.

"އަޅުގަނޑު ވަރަށް ކުރިއްސުރެ ވެސް އަބަދުވެސް ހިތަށް އަރާ ދަރިންގެ ފުޓުބޯޅަ ޓީމެއް (11 ކުޅުންތެރިން) ހަމަކުރާނަމޭ. އެހެންވެ މިއަދު ވަނީ އެ އުންމީދު ވެސް ހާސިލްވެފައި. ރިޒާވަރެއްވެސް އެބަހުރި މިހާރު،" މަނިކު ސޭޓު ބުންޏެވެ.

މަނިކު ސޭޓުގެ ކުއްޖެއްގެ އުފަން ދުވަސް ކަމަށްވިޔަސް، އަދި ޗުއްޓީ ދަތުރެއްގައި އާއިލާއާއެކު ރަށެއްގައި އުޅުނަސް، އަދި ކައިވެނީގެ ހަފުލާއެއް ކަމަށް ވިޔަސް، އެ ހުރިހައި ކަމެއް ގަވައިދުން ފޭސްބުކުގައި އަދާހަމަކުރަމުން ގެންދެއެވެ. އެކަމަށް ޚާއްސަ ފޮޓޯގްރާފަރަކު ވެސް ހުރެއެވެ.

ތިން ވަނަ އަތްނބާއެކު ހަނީމޫނުގެ 10 ދުވަސް 

މަނިކު ސޭޓުގެ ފޭސްބުކުގައި އެންމެފަހުން އަދާހަމަވަމުން އައި އަދި އެންމެ ޝައުގުވެރި އެއް ކަމަކީ އޭނާ ތިން އަތްނބަށް ކައިވެނިކުރި ޚަބަރުތަކާއި ފޮޓޯތަކާއި ހަނީމޫނުގެ ވާހަކަތަކެވެ. އެއީ މަނިކު ސޭޓުގެ އަށް ވަނަ ކައިވެންޏެވެ. ހަނީމޫނަށް ފުރަންވެގެން ދެމަފިރިން ކާރުގައި ބޮޑުފާލަން ކައިރިއަށް ދިޔަތަނާއި ލޯންޗުގައި ދަތުރުކުރާތަނާއި ރިސޯޓަށް ފައިބައި، އެ ރަށް ބަލައިލައިން ހިނގާތަން ފެންނަނީ ހަމައެކަނި ފޮޓޯއަކުން ނޫނެވެ. އެކަމާ ބެހޭ 4.41 މިނިޓުގެ ހާއްސަ ވީޑިއޯ ކްލިޕަކުންނެވެ. ބައްލަވާލައްވާށެވެ.

ހަނީމޫންގެ ވީޑިއޯ

މަނިކު ސޭޓުގެ ތިން ވަނަ އަތްނބަކީ ގދ. ތިނަދުއަށް އުފަން، އުމުރުން 22 އަހަރުގެ ކުއްޖެކެވެ. ކައިވެނިކުރީ ހުސްވި ނޮވެމްބަރު 30 ވަނަ ދުވަހުއެވެ. މަނިކު ސޭޓުގެ އާ ކައިވެނީގެ މާމުއިހަނދުގެ ރޭތައް ހޭދަކުރީ، ފަސް ތަރީގެ ކުރުނބާ މޯލްޑިވްސްގެ ހިތްގައިމު ދޮންވެލި ގޮނޑުދޮށްތަކާއި މޫދާއި ރެސްޓޯރަންޓުތަކާއި އަގުބޮޑު ކޮޓަރީގައެވެ.

(ކުރުނބާ މޯލްޑިވްސްއަކީ މީގެ 50 އަހަރު ކުރިން، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓެވެ. ރާއްޖެ ޒިޔާރަތް ކުރައްވާ ބޭރު ގައުމުތަކުގެ ވެރިންވެސް އެންމެ ގިނައިން ތިއްބަވާނީ ކުރުނބާގައެވެ.)

ހަނީމޫން ދަތުރުގެ އުސްއަލިތައް ވެސް މަނިކު ސޭޓުގެ ފޭސްބުކުން ބަލައިލެވޭނެއެވެ. މިނިވަންކަމާއި ހަމަހިމޭންކަމުގެ މާހައުލެއްގައި މާމުއިހަނދުވަރު ދެކިލަން ކުރުނބާގައި ހޭދަކުރި 10 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކުވެސް، ޚާއްސަ ފޮޓޯތަކެއް މަނިކު ސޭޓު ދިޔައީ ފޭސްބުކުގައި އަދާހަމަކުރަމުންނެވެ. އަދި އެއީ ހަނީމޫންގެ ކިތައް ވަނަ ދުވަސްކަންވެސް ފޮޓޯތައް ބަލައިލާ ކޮންމެ މީހަކަށް އެނގޭ ގޮތަށެވެ. ހަނީމޫންގެ ފުރަތަމަ ދުވަހު، ދެމަފިރިން އެކުގައި ނަގައިފައިވާ އަސަރުގަދަ ފޮޓޯތަކަށް 70 ހާހަށް ވުރެ ގިނަ މީހުން ލައިކްސް ދީ، ކައިވެންޏަށް މަރުހަބާއާއި ތަހުނިޔާ ފޮނުވައި 100 މީހުން ކޮމެންޓް ކޮށްފައިވެއެވެ.  ހަނީމޫންގެ ބައެއް ދުވަސްދުވަހުގެ ފޮޓޯތަކަށް 40 ހާހުން މަތީގައިވެސް ލައިކްސް ހުއްޓެވެ. އެންމެ މަދުން ވެސް ހުރީ 29 ހާހުގައެވެ.

ގަވައިދުން ޖިމް ހަދައި، ބޮޑީ ބިލްޑްކުރޭ

މަނިކު ސޭޓުގެ އާއިލާ ދިރިއުޅެނީ ކުރިން ނަލަހިޔާ ހޮޓެލް ހިންގި، މިހާރުގެ ނަލަހިޔާ ރެސިޑެންސްގައެވެ. މަނިކު ސޭޓު ހުންނަނީ އެ ބިލްޑިންގުގެ ބައެއް ފްލޯ ކުއްޔަށް ހިފައިފައެވެ. އެތަނުން ކޮންމެ އަންތބަކަށް އެޕާޓްމަންޓެއް ހުރެއެވެ. ތިން ވަނަ ފްލޯ އެއްކޮށް ޚާއްސަކޮށްފައި ވަނީ ޖިމްއަށެވެ. އެއީ ޒަމާނީ ހުރިހާ އާލާތަކާއި ސައުނާއެއް ވެސް ހިމެނޭ ޖިމްއެކެވެ. އެއީ މަނިކު ސޭޓުގެ ޕާސަނަލް ޖިމްއެވެ. އެތަނަށް ވަންނާނީ މަނިކު ސޭޓުގެ އާއިލާގެ މެމްބަރުން އެކަންޏެވެ.

ގަބޫލްކުރަން ދަތިވިޔަސް މިއީ މަނިކު ސޭޓެވެ. މީގެ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސްކުރިއެވެ. މި ދެ ފޮޓޯ ނަގައިފައި ވަނީ ކޮވިޑް ފެނިގެން 2020 މާޗުގައި މާލެ ލޮކްޑައުންކުރި ދުވަސްވަރުއެވެ. ބޮޑު ބަނޑަކާއެކު ހުރި މަނިކު ސޭޓުގެ އޭރުގެ ބަރުދަނަކީ 97 ކިލޯއެވެ. ނަމަވެސް ގަވައިދުން ކަސްރަތުކޮށް، ޚާއްސަ އުސޫލަކުން ކައިބޮއެ، ޖިމް ހަދަން ފެށުމުން 21 މަސް ތެރޭގައި ވަނީ 39 ކިލޯ ލުއިކޮށްލައިފައެވެ.

އިސްކޮޅުން 5.5 ފޫޓުގެ މަނިކު ސޭޓުގެ މިހާރުގެ ބަރުދަނަކީ 58 ކިލޯއެވެ. މަނިކު ސޭޓު ބުނާ ގޮތުން އޭނާ ހާސިލްކޮށްފައި ވަނީ ދުނިޔޭގެވެސް ރެކޯޑެކެވެ.

"ޖިމް ހަދައި ކަސްރަތުކޮށްގެން މިއަށްވުރެ އަވަހަށްވެސް ހިއްކައިލެވިދާނެ. އެކަމަކު އަޅުގަނޑު ބަރުދަން ލުއިކުރީ ވަރަށް ގަވައިދުން، ބޮޑީއަށް ބަލައިގެން ޚާއްސަ ޑައެޓް މެނޫއަކާއި ކަސްރަތު ޕްރޮގްރާމަކާއެކު. އަނެއްކާ އެއްވެސް ޕްރޮޓީނެއް، އެއްވެސް ވޭޕްރޮޓީނެއް ބޭނުންނުކުރަން، އެއްވެސް ބޭހެއް ނުކަން. ހަމަ ނެޗުރަލް ފޯމެޓް. ވަރަށް ދިރާސާކޮށްގެން ސައިންޓިފިކް އުސޫލުތަކާ އެއްގޮތަށް އަޅުގަނޑު ހިކުނީ. އަޅުގަނޑުގެ އިންސްޓްރަކްޓަރަކީ ވެސް އަޅުގަނޑު. އަޅުގަނޑުގެ ބޮޑީ ހިކިގެން ދިޔައީ ބޮޑީގައި އެއްވެސް ރުލެއް، އެއްވެސް ކޫރުމެއްވެސް ނެތި،" މަނިކު ސޭޓުގެ އަގުބޮޑު ޖިމް ދައްކާލަމުން ކިޔައިދިނެވެ.

ކުދިވެރިންނާއެކު ރަށަކަށް ދިޔައަސް، ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ދިޔައަސް އަދި ހަނީމޫންގައި ރިސޯޓަކަށް ދިޔައަސް، ކަސްރަތާއި ޖިމް ކަންތައް މަނިކު ސޭޓު ގަވައިދުން ކުރިއަށް ގެންދެއެވެ. ހަފުތާއަކު ހަ ދުވަހު، ދުވާލަކު ތިނެއް ބައި ގަޑިއިރެވެ. މިހާރު އެކަން ވަނީ މަނިކު ސޭޓުގެ ކަށީގައި ހިފައިފައެވެ.

މަނިކު ސޭޓުގެ ބައެއް ކުދިންވެސް ޖިމްގައި ދުވެ، ތަފާތު ކަސްރަތުތައް ކޮށް ހަދައެވެ.

މަނިކު ސޭޓަކީ އަނބިންނާއި ހުރިހައި ކުދިންނާއެކު ދޭތެރެދޭތެރެއިން ޗުއްޓީ އަށް ރަށްރަށަށް ގޮސް، އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ މީހެއްކަން، ހަމަ ގައިމުވެސް އެފް.ބީގެ ފޮޓޯތަކުން އެނގެއެވެ. އަދި އުފަން ދުވަސްތަކާއި އެކިއެކި މުހިންމު މުނާސަބަތުތައްވެސް، އާއިލާއާއެކު ފާހަގަކުރާ ފިސާރި ގެވެހި ބަފައެއްކަންވެސް އެނގެއެވެ. އަދި ކުދިވެރިންގެ ސްކޫލް ހުރިހައި ކަމެއްގައިވެސް، އަނބިންނާއެކު ބައިވެރިވާކަން ވެސް އެނގެއެވެ.

ކޮންމެ ދުވަހަކު 201 ބާތްޕާރުސަލް ކޮންމެވެސް މިސްކިތަކަށް

މަނިކު ސޭޓަކީ ވަރަށް ބޮޑު އިޖުތިމާއީ ޚިދުމަތްތެރިއެކެވެ. މަނިކު ސޭޓުގެ އިޖުތިމާއީ އެހީތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، އޭނާގެ ފަރާތުން މެންދުރުގެ ކެއުން، މާލޭގެ ކޮންމެވެސް މިސްކިތަކަށް ކޮންމެ ދުވަހަކުވެސް ފޮނުވުމެވެ. ސޮދަގާތުގެ ގޮތުގައެވެ. ފޮނުވާނީ ބަރާބަރު 201 ޕާރުސަލެވެ. އެކި ދުވަހު އެކި ރަހަތަކެވެ. އެކި ދުވަހު އެކި މިސްކިތަށެވެ. އެގޮތަށް ބަތް ޕާރުސަލް ފޮނުވާތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މަނިކު ސޭޓުގެ މި އެހީތެރިކަން ފެށީ، މީގެ ދެ އަހަރު ކުރިން، 21 ސެޕްޓެމްބަރު 2019ގައެވެ. އެއީ އޭގެ ކުރީ ދުވަހު، ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ، އެ ހިސާބުގަނޑުގެ އެތައް ގެއެއް އަނދައި ހުލިވެ، އެކަކު މަރުވެ، އެތައް ބަޔަކު ވަގުތީ ހިޔަލަށް ބަދަލުކުރުމުން، އެ މީހުންނަށް ދޭންފެށި އެހީއެއްގެ ގޮތުންނެވެ. ނަމަވެސް ދުވަސްކޮޅަކު އެ މީހުންނަށް އެހީވެފައި، ދެން އެހީ ބަދަލުވީ މާލޭ ފަޅުގައި ހުންނަ އޮޑިފަހަރުގެ މީހުންނަށެވެ. ކޮވިޑުގައި، 2020 މާޗު 15 ގައި، ހޮޓާތަކާއެކު މުޅި މާލެ ލޮކްޑައުން ކުރުމުން ވެސް، އޮޑިފަހަރަށް ކެއުން ފޯރުކޮށްދިނުން މަނިކު ސޭޓު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިސްކިތްތަކަށް ކާން ގެންދަންފެށީ އޭގެ ފަހުންނެވެ. މިހާރު ކޮންމެ ދުވަހަކުވެސް މާލޭގެ ކޮންމެވެސް އެއް މިސްކިތަކަށް މެންދުރުގެ ކެއުމުގެ 201 ޕާރުސަލް ފޮނުވާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.

މިސްކިތްތަކަށް ގެންދާ ބަތް ޕާރުސަލްގެ އަދަދު 201 އަށް ހަމަޖައްސައިފައި އޮންނަނީ އެއީ ކޮން އަދަދަކަށް ވާތީތޯ ސުވާލުކުރުމުން މަނިކު ސޭޓު ބުނީ އެއީ ލިއުމުގައި ފެންނަ ގޮތަކުން އެއްވެސް މީހަކަށް އޮޅުމެއް އަރާފާނެތީ ކަމަށެވެ.

"200 ވީމަ ހިތަށް އަރާފާނެ 20 ޖަހަން އުޅެނިކޮށް އިތުރަށް ސުމެއް ޖެހިފަޔޭ. އެކަމަކު 201 ވީމަ އެނގޭނެ އެއީ ހަމަ ގަސްދުގައި ޖަހައިފައި އޮތް އެކެއްކަން. އަޅުގަނޑަކީ ހިސާބުގެ މީހެއް. އަދަދުގެ މީހެއް. ކޮންމެ ކަމެއް ވެސް ކުރާނީ އަދަދަށް ވިސްނައި، ދިރާސާކޮށްފައި،" މަނިކު ސޭޓު ބުންޏެވެ.

ބާތް ޕާރުސަލް ތައްޔާރުކުރުމާއި ޑެލިވަރީގެ ކޮންޓްރެކްޓް މަނިކު ސޭޓު އޮންނަނީ ބަޔަކާ ހަވާލުކޮށްފައެވެ. އެކަން ހިންގަނީ މަނިކުސޭޓު ފައުންޑޭޝަންގެ ނަމުގައެވެ. ކޮންމެ ދުވަހަކުވެސް ޕާރުސަލްތައް ބެހުމަށްފަހު ފޮޓޯ ނަގައިފައި މަނިކު ސޭޓަށް ވައިބަރ ކުރަންޖެހެއެވެ. އެއާއެކު މަނިކު ސޭޓުގެ އެފް.ބީ އަދާހަމަވާނެއެވެ.

ގުރުއާން ކިޔެވުން: ހޮބީއެއް

މަނިކު ސޭޓުގެ އެންމެ ބޮޑު ހޮބީއަކީ ގުރުއާން ކިޔެވުމެވެ. ދުވާލާއި ރޭގަނޑު އެތައް ގަޑިއިރެއް ގުރުއާން ތިލާވަތުކުރުމުގައި އޭނާ ހޭދަކުރެއެވެ. ގަވައިދުން ގުރުއާން ކިޔެވުމުގެ މަސައްކަތް މަނިކު ސޭޓު ފެށީ ކޮވިޑް ލޮކްޑައުންގައި ގޭގައި ބަންދުވުމާ ގުޅިގެން، ގޭބަންދުގައި ހުރެގެން ރަނގަޅު ކަމެއް ކުރުމުގެ ވިސްނުން އައިސްގެންނެވެ.

"އެ ދުވަސްވަރު އެއް ބަޔަކު ކުރި ކަމަކީ ޓޮއިލެޓް ޕޭޕަރުން ފުޓުބޯޅަ ކުޅުނީ. ޑރ. ޝަހީމު ފެއްޓެވީ ގުރުއާން ޗެލެންޖެއް. އަޅުގަނޑު ނެގީ ޖިމް އާއި ގުރުއާން ކިޔެވުން. ގުރުއާން ކިޔަވަން އޭރު ފެށި ގޮތަށް ވަރަށް ފަރިތަކޮށް ކިޔަވަމުން މިދަނީ. އެ ގޮތުން 2020ގައި ހަތް ޚަތިމު ނިންމިން. މި އަހަރުގެ މިހާތަނަށް ނިންމައިފިން 25 ޚަތިމު. މިހާރުވެސް ދުވާލަކަށް 40 ސަފުހާ ކިޔަވަން. ފަނަރަ ދުވަހުން ޚަތިމެއް ކުރާނަން. ދިވެހިރާއްޖޭގެ އެންމެ ރީތި އަޑު އަޅުގަނޑުގެ އޮންނާނީ. މީހުންނަށް ނޭނގެނީ އެކަން،" މަނިކު ސޭޓު ބުންޏެވެ.

"ގުރުއާން ކިޔަވަން ފައްޓައިފައި އަޅުގަނޑު ހިތަށްއެރީ ގުރުއާނުން އަޅުގަނޑު ސްޕެޝަލައިޒްވާނީ ކޮން ކަމަކަށްތޯއޭ. ވިސްނައި ދިރާސަތަކެއް ކުރި އިރު ވާގޮތަކީ ސިޔަރަތުން މި އެނގެނީ އުސްމާން އަލައިހިއްސަލާމް އަކީ އެއްރެއިން ވިތުރީގައި ޚަތިމުކުރައްވާ ސަހާބީއެއްކަން. ދެން އަޅުގަނޑު ހެދީ ހިސާބެއް. ގުރުއާނުގައި އޮންނާނީ 604 ސަފުހާ. އެހެންވެ ރޭގަނޑު އަށަކުން ފެށިގެން ހަތް ގަޑިއިރު ތެރޭގައި ކިޔަވައިގެން މުޅި ގުރުއާން ނިންމޭނީ ތިނެއް ޖަހަންވާއިރަށް. ހަތް ގަޑިއިރު އެއީ. ހަތް ގަޑިއިރަކީ 420 މިނިޓް. އެއީ 25،200 ސިކުންތު. އެ އަދަދު 604 (ސަފުހާ) އިން ގެއްލީމާ އަންނާނީ 41.7 ސިކުންތު. އޭގެ މާނައަކީ 41 ސިކުންތުން ސަފުހާއެއް ކިޔެވީމައޭ ކިރިޔާ ހަތް ގަޑިއިރުން ޚަތިމެއް ކުރެވޭނީ،" ހުރިހައި އަދަދެއް މަނިކު ސޭޓު ހިތުން ކިޔައިދެމުންދިޔައެވެ.

"އެހެންވެ އަޅުގަނޑު އެ ގޮތަށް އަމާޒު މި ހިފީ. މިހާރު އަޅުގަނޑު ކިޔަވާނަން 37 ސިކުންތު ތެރޭގައި ސަފުހާއެއް."

މަނިކު ސޭޓު ބުނީ ގުރުއާން ހިތުދަސްކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި އޭނާ ބޭނުންވަނީ ގިނަވެގެން ހަތްގަޑިއިރު ތެރޭގައި ޚަތިމެއް ކުރެވޭހާ ފަރިތަކޮށް އަބަދުވެސް ކިޔަވަން ކަމަށެވެ.

ގުރުއާން ކިޔަވައިދޭ ހަތް ކުލާސް ރާއްޖޭގައި ހިންގާ

މަނިކު ސޭޓު އަމިއްލައަށް ގުރުއާން ކިޔަވާލައިފައި ނިންމާލަނީކީ ނޫނެވެ. ގުރުއާނުގެ ނޫރުން ޅަ ކުދިންގެ ހިތްތައް އަލިކުރުމަށް ވެސް ގިނަގުނަ މަސައްކަތެއް އޭނާ ކުރެއެވެ. އެގޮތުން ހިލޭސާބަހަށް މަނިކު ސޭޓު ހިންގާ ހަތް ގުރުއާން ކިލާސް މާލެ އާއި އަތޮޅުތަކުގައި އެބަހުއްޓެވެ. އެއީ ރ. ދުވާފަރާއި މަޑުއްވަރީ އާއި ފައިނުގެ އިތުރުން އއ. މަތިވެރި އާއި ގދ. ތިނަދޫ އާއި ޏ. ފުވައްލުމަކުގައެވެ. މާލޭގައި ހިންގި ކިލާސް ކޮވިޑާ ގުޅިގެން މެދުކަނޑާލި ގޮތަށް އަދި ނުފައްޓައެވެ. މަނިކު ސޭޓު މަސައްކަތް ކުރަމުން އަންނަނީ ވީހާ އަވަހަކަށް އެ ކިލާސް އަލުން ފަށާށެވެ.

މި ކިލާސްތަކުގައި ގުރުއާން މުބާރާތްތައް ވެސް ބާއްވައި، ކުދިންނަށް ހިތްވަރުދީ ހަދައެވެ.

ގުރުއާން ކިލާސްތައް މަނިު ސޭޓު ހިންގުމުގެ މަގުސަދު އޭނާގެ ފޭސްބުކްގެ ކަވަރ ފޮޓޯއިން ވަރަށް ސާފުކޮށް އެ އޮތީ ފެންނާށެވެ.

"ގުރުއާނުގެ އިލްމު ފެތުރުމަށް ކުރެވޭ މަސައްކަތުގެ ހިތްހަމަޖެހުމާއި މަންފާ އިހުސާސް ވާނަމަ، ޖުރިހާ ވިޔަފާރިވެރިން އަގަކާ ނުލައި ގުރުއާން އިލްމު ފެތުރުމަށް މަސައްކަތް ކުރީހެވެ."

މި ގުރުއާން ކިލާސްތަކުގެ ޓީޗަރުންގެ މުސާރަ އާއި ތަނުގެ ކުލީގެ ހުރިހައި ކަމެއް ބަލަހައްޓަނީ އެމް.އެސް ފައުންޑޭޝަނުންނެވެ. އެ ގުރުއާން ކިލާސްތަކުގައި އެތައް ސަތޭކަ ކުދިންނެއް ހިލޭ ކިޔަވަމުންދެއެވެ. އެއީ މަނިކު ސޭޓަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެހާމެ ބޮޑު އުފަލެކެވެ.

ފެތުން

ޖިމް ހަދާތީ އާއި ގިނައިރު ގުރުއާން ކިޔަވާތީ ނޭވާލުމުގެ ނިޒާމް ރަނގަޅުކުރުމަށްޓަކައި މަނިކު ސޭޓު ކުރާ ކަމަކީ ފެތުމެވެ.

"މޫދަށް ގޮސް ސްނޯކަލް ކުރަން އަޅުގަނޑު އުޅެން ދޮޅު ގަޑިއިރު ވަންދެން. އެއީ ފިންސުން ބާރަށް ޖަހައިގެން ފެތުން. ކޮންމެ 40 ދުވަހެއް ކޮށްފައި ސްނޯކްލިންއަށް މިދަނީ،" މަނިކު ސޭޓު ބުންޏެވެ.

މޫދަށް އެރި ފެތުމުގެ އިތުރަށް މަނިކު ސޭޓަކީ މަހަށް ގޮސް މަސް ބާނަން ވެސް ވަރަށް ކުޅަދާނަ މީހެކެވެ. ދޭތެރެ ދޭތެރެއިން މަސް ދަތުރުތައް ރާވައިހަދައެވެ.

މަނިކު ސޭޓަކީ ކޮބާ؟

މަނިކު ސޭޓުގެ ބައްޕަ އަކީ ރ. އިނގުރައިދޫ މީހެކެވެ. މަންމަ އަކީ ނ. ހޮޅުދޫ މީހެކެވެ. މަނިކު ސޭޓަށް ތިން އަހަރުގައި މަންމަ ނިޔާވެއްޖެއެވެ.

ރަށު ސްކޫލާއި މާލެއިން ވެސް މަނިކު ސޭޓު ކިޔެވިއެވެ. ފުރަތަމަ ވަޒީފާ އަދާކުރީ އެސް.ޓީ.އޯ 126 ނަންބަރު ފިހާރައިގެ ކާތިބު ކަމެވެ. އެއީ އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އެއަށްފަހު އެއާޕޯޓް ސެކިއުރިޓީ އޮފިސަރަކަށް އެއް އަހަރު އުޅުނެވެ. ފަހުން ދަތުރުކުރަން ގޮސް، ދުނިޔޭގެ އެތަންމިތަން ބަލައި ހެދިއެވެ. ދެން މަސައްކަތް ކުރީ މާލޭގެ ޓޫރިސްޓް މުދާ ވިއްކާ ފިހާރައެއްގައެވެ. އަދި ހޮޓެލް ސްކޫލްގައި ތިން އަހަރުގެ ކޯހެއް ހަދައި، ޖަޕާނު ބަސް ލިޔަންކިޔަން ދަސްކުރިއެވެ.

މަނިކު ސޭޓުގެ އަމިއްލަ ވިޔަފާރިއެއްގެ ގޮތުން، 1993 ގައި ހިންގަންފެށީ ޗާންދަނީ މަގުގައި ހުންނަ މަންޝާ ސްވެނިއަރސް އެވެ. އެ ހިސާބުން ފެށިގެން ދުލެއް ނުދީ ވިޔަފާރީގައި އޭނާ ކުރިއަށް ދިޔައީ، ފަސް އެނބުރި ބަލައިލުމެއްނެތިއެވެ.

މަނިކު ސޭޓުގެ ބައްޕަ ދާދި ފަހަކުން ނިޔާވުމުން، ނަލަހިޔާ ރެސިޑެންސްގައި ބައްޕަ އުޅުނު ކޮޓަރި މިހާރު ހުރީ ދޫނި ކޮއްޓަކަށް ހަދައިފައެވެ. ރާއްޖެ އެތެރެކޮށްފައިވާ އަގުބޮޑު އެތައް ދޫންޏެއް އެ ތަނުގައި އެބަހުއްޓެވެ. އެތަނުން އެންމެ ހާއްސަ ދޫންޏަކީ "ކާފަ" ނަމަކަށް ކިޔާ މެކާއޯއެވެ. މަނިކު ސޭޓު ފެނުމުން އެ ސޮރު ނަށައި ހަދައެވެ. އަދި ވާހަކަ ދައްކާވެސް ހަދައެވެ. މި ދޫނިތައް މަނިކު ސޭޓު ގެންގުޅެނީ ވަރަށް ރަނގަޅަށް ކާންދީ ބަލަހައްޓައިގެންނެވެ.

ސިޔާސީ މީހެއް ނޫން

މަނިކު ސޭޓު ބުނާ ގޮތުގައި އޭނާއަކީ ސިޔާސީ މީހެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން 2014 ގައި އޭނާ މަސައްކަތްކޮށް ނާކާމިޔާބުވި ހިސާބުން، ރާއްޖޭގެ ސިޔާސީ ކަންކަމުން އޭނާ ވަނީ އެއްކޮށް ދުރުވެ، ދުވަހަކު ވެސް ސިޔާސީ ކަމެއްގައި ބައިވެރިނުވާން ހުވާކޮށްފައެވެ. އެހެންވެ، ސިޔާސީ އެއްވެސް ކަމަކުން މަނިކު ސޭޓެއް ދެނެއް ނުފެންނާނެ ކަމަށް އޭނާ ބުނެއެވެ.

މަނިކު ސޭޓުގެ މިހާރުގެ އުންމީދަކީ ކޮބާ؟

އަޒުމް ކަނޑައަޅައިފި ކަމެއް ހާސިލް ކުރުމަށް ކަށިން ހިތްވަރު ނެރެގެން މަސައްކަތްކުރާ މަނިކު ސޭޓުގެ ހަޔާތުގެ ގިނަ އުންމީދުތަކެއްގައި މިއަދު ވަނީ ކުލަޖެހިފައެވެ. މިހާރުގެ ދިރިއުޅުމާ ދޭތެރޭ އޭނާ ހިތްހަމަޖެހެއެވެ. އަބަދުވެސް ﷲ އަށް ހަމްދުކުރެއެވެ. އޭނާ ގަބޫލްކުރަނީ އިހުލާސްތެރިކަމާއެކު ކުރާ މަސައްކަތުގައި، ބަރަކާތް ލައްވާނެ ކަމެވެ. އަދި ކާމިޔާބު ހޯދުމަށް ދަންނަވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަމުގައި ހެދުމެވެ. އަދި ލިބޭ އެއްޗަކުން އެހެން މީހުންނަށް ހޭދަކުރުމެވެ. ފައިސާއަށް ދަހިވެތިނުވެ، އެހެން މީހުންގެ ބޭނުންތައްވެސް ފުއްދައިދިނުމެވެ. އަދި އާއިލާއަށާއި ގާތް ތިމާގެ މީހުންނަށް ލޯބިދީ އެހީތެރިވުމެވެ.

މަނިކު ސޭޓު ބުނާ ގޮތުގައި ކާރަކަށް އެރިޔަސް ނޫނީ ލޯންޗަކަށް އަދި މަތިންދާ ބޯޓަކަށް އެރިޔަސް އޭނާ އަބަދުމެ އިންނާނީ ޒިކުރު ކުރުމުގައެވެ. އޭނާ އަށާއި އާއިލާ އަށް އަދި ވަކިން ހާއްސަކޮށް ރާއްޖެއަށް ރަނގަޅު ގޮތްތައް މިންވަރުކޮށްދެއްވުން އެދި އަބަދުވެސް އޭނާ ދުއާ ދަންނަވައެވެ.

މަނިކު ސޭޓު ވަރަށް ގިނައިން އުމްރާއަށް ވެސް ދެއެވެ. ދާ ކޮންމެ ދަތުރެއްގައި އޭނާގެ ބައެއް އެކުވެރިންވެސް ގެންދެއެވެ.

"މަނިކު ސޭޓަކީ ވަރަށް ހެޔޮލަފާ، ވަރަށް ޚުލްގު ރަނގަޅު، އެހެން މީހުންނަށް ކަމޭހިތާ، އެހީތެރިވާ، އިންސާނިއްޔަތުކަން ވަރަށް މަތިވެރި، ދީންވެރި މީހެއް،" އެންމެ ކުރުކޮށް މަނިކު ސޭޓު ސިފަކޮށްދޭން އެދުމުން، އޭނާގެ ވަރަށް ގާތް މީހަކު ބުންޏެވެ.

މަނިކު ސޭޓުގެ ވިސްނުން މިހާރު ހުރީ ވަރަށް ތަފާތު ގޮތަކަށެވެ. ރާއްޖޭގެ ކަންކަން އޮތް ގޮތުން ރާއްޖޭގައި ދިރިއުޅުމުގެ ޝައުގުވެރިކަމެއް އޭނާގެ މިހާރު ނެތެވެ.

"އަޅުގަނޑު ގަސްދުކުރަނީ އެހެން ގައުމަކަށް ހިޖުރަކުރަން. ގާނާ އަށް ހިޖުރަކުރަން ބޭނުންވަނީ. އަޅުގަނޑުގެ ދިރާސާތައް ދައްކާ ގޮތުން އެއީ ކޮރަޕްޝަންގެ ކަންތައްތައް ވެސް ވަރަށް ކުޑަ ގައުމެއް. އެހެންވެ ގާނާ އަށް ގޮސް، އެ ތަނުންވެސް މީހަކާ އިނދެ، އެ ތަނުގައި އަލުން ދިރިއުޅުމެއް ފަށަން ގަސްދުކުރަނީ. އެއީ މިހާރުގެ ޑްރީމަކީ،" މަނިކު ސޭޓު ބުންޏެވެ. "ހުރިހައި ކުދިންނަށް އުޅެވޭނެ ގޮތަށް ގެދޮރާއި ހުރިހާއި ކަމެއް ވެސް ހަމަޖެހޭނެ. ހުޅުމާލޭގައި މިހާރު ވެސް ހުންނާނެ ގެއެއް. އެތަން 10 ބުރިއަށް ހަދާލައިފައި ހުރިހާ ކުދިންނަށް ދޭނީ. ގާނާއަށް ދިޔަސް ދޭތެރެ ދޭތެރެއިން ރާއްޖެވެސް އަންނާނަން."

މަނިކު ސޭޓުގެ ވާހަކަތައް އަދި މި ނިމުނީކީ ނޫނެވެ. އެހެން ނަމަވެސް ކުރުކޮށްލީއެވެ. ކުރުކޮށް ވެސް ބުނެވޭނީ މަނިކު ސޭޓަކީ ހަމަ އާދަޔާޚިލާފު މީހެއް ކަމެވެ. ޝައުގުވެރި އެތައް ކަމެއްގެ ވެރި މީހެއް ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
752412
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ހަމަ އަންތަރީސް ވެއްޖެ ސޭޓްގެ ކުޅަދާނަ ކަމާ ދީލަތި ކަމުން...! says:

    ހަމަ އަންތަރީސް ވެއްޖެ ސޭޓްގެ ކުޅަދާނަ ކަމާ ދީލަތި ކަމުން…!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *