Support Us

ނަބަވީ ހަދީސްފުޅެއްގެ މައްޗަށް ވަރަށް އަވަސް ކަޅިއެއް: ފިތުރަތުގެ ވާހަކަ

އިމާމު ބުޚާރީއާއި އަދި އިމާމު މުސްލިމު ވެސް ރިވާކުރައްވާފައިވާ ނަބަވީ ހަދީސެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، އިންސާނާ ދުނިޔެއަށް އުފަންވަނީ (ސަލާމަތް) ފިތުރަތުގެ މަތީގައެވެ. ދެން، އޭނާ ޔަހޫދީ( އަގީދާގެ މީހަ)ކަށް ނޫނީ ނަސްރާނީ (އަގީދާގެ މީހަ)ކަށް ނޫނީ މަޖުސީ (އަގީދާގެ މީހަ)ކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ."

މި ހަދީސްގެ މައްޗަށް ނަޒަރު ހިންގާލުމުގެ ކުރިން، މި ހަދީސްގެ މައްޗަށް މިއަދު ބަލާލަން ޖެހުނު ސަބަބު ލިޔެލަން ޖެހެއެވެ. މިހާރު ދައުރުވަމުންދާ ޓުވީޓެއްގައި ބުނެފައި އޮންނަނީ އިންސާނާ އުފަންވަނީ ލާއިލާހިއްޔަތުގެ (އެތިސްޓެއްގެ) މީހެއްގެ ގޮތުގައެވެ. އާދެ، އެއްވެސް ދީނީ އަގީދާއެއްގެ ވެރި މީހެއްގެ ގޮތުގައެއް ނޫނެވެ. އަދި، ކިޔެއް ހެއްޔެވެ؟ މި ޓުވީޓުގައި ބުނާ ގޮތުން، އިލާހުވަންތަ ފަރާތަށް އިންކާރުކުރާ މީހެއްގެ ގޮތުގައެވެ. އާދެ، މި ޓުވީޓު ފެނުމުން، މަތީގައި އޮތް ނަބަވީ ހަދީސްގެ މައްޗަށް ނަޒަރު ހިންގާލަން ހިތަށް އެރީއެވެ.

މަތީގައި އޮތް ނަބަވީ ހަދީސްގެ މާނައަކީ ކޮބައިހެއްޔެވެ؟ މި ހަދީސްގެ މާނަ ވިސްނި ދިޔުމަށްޓަކައި ހަދީސްގައި އޮތް މިފްތާހީ ލަފްޒު ކަމުގައިވާ 'ފިތުރަތު’ގެ މައްޗަށް ބަލައިލަން ޖެހެއެވެ. މި ހަދީސްގައި ފިތުރަތޭ ބުނެފައި އޮތް ބަހުގެ މާނައަކީ އިންސާނާ ދުނިޔެއަށް އުފަންވާއިރު، އޭނާގެ ކިބައިގައި ވަކިކަހަލަ ގޮތްތަކެއް ލެއްވި، 'ޚަލްގު' ކުރެއްވިފައިވާ ކަމެވެ. އާދެ، އޭނާގެ އުފެދުމުގައި ވަކި ކަހަލަ ގޮތްތަކެއްވާ ކަމެވެ. މި ހަދީސްގެ ސިޔާގު (ވާހަކައިގެ އޮނިގަނޑު، ކޮންޓެކެސްޓު) އިޝާރަތް ކުރަނީ އެ ގޮތަކީ ދީނުގެ ޖައުހަރީ އަގީދާއާ ގުޅިފައި އޮންނަ ގޮތެއް ކަމެވެ.

ދީނުގެ ޖައުހަރީ އަގީދާއާ ގުޅިފައި އޮންނަ، ސަލާމަތް ފިތުރަތުގެ ގޮތަކީ ކޮބައި ހެއްޔެވެ؟ އެއީ އިލާހަކު ވޮޑިގެންވާ ކަން ގަބޫލުކުރުން އޭނާގެ ކިބައިގައި ލެއްވިފައިވާ ކަމެވެ. މީގެ އިތުރުން، އޭނާ އުފަންވަނީ އެއްވެސް ކުށެއް ނެތް، މައުސޫމު ކުއްޖެއްގެ ގޮތުގައި ކަމެވެ. އަދި، މިކަން ނިޔާކުރަނީ އޭނާ އުފަންވަނީ އަޚުލާގީ ގޮތުން ރަނގަޅު މީހެއްގެ ގޮތުގައި ކަމެވެ. މިސާލަކަށް، ތެދު ބުނުމާއި އަމާނަތްތެރިވުން ފަދަ ރަނގަޅު ސިފަތަކަށް ލޯބިކުރުމަކީ އޭނާގެ ކިބައިގައި ގުދުރަތީ ގޮތުން ލެއްވިފައިވާ ސިފަތަކެކެވެ. އާދެ، އިންސާނާ ދުނިޔެއަށް އަންނި އިލާހިއްޔަތުގެ އަގީދާގެ މީހެއްކަމުގެ ސިފަ، އެބަހީ، މާތްﷲއަށް އީމާންވުމުގެ ސިފަ، އަދި މީގެ އިތުރުން، ހެވާއި ނުބައި ވަކިކޮށް ދެނެގަތުމުގެ ސިފަ، މިކަންކަން ލިބިގެންކަމެވެ. ފިތުރަތުގެ މި ސިފަ، އިސްލާމް ދީނާ ގުޅެނީ ކިހިނެއް ހެއްޔެވެ؟

'އިސްލާމް' މި ބަހުގެ ލަފްޒީ މާނައަށް ވިސްނާލުމުން، މި ސިފަ އިސްލާމް ދީނާ ގުޅޭގޮތް ސާފުވާނެއެވެ. 'އިސްލާމް' މި ބަސް، ދީނީ މާނައެއްގައި ދެ ގޮތަކަށް ބޭނުން ކުރެވޭ ކަން ހަދާނުގައި ބަހައްޓަން ޖެހެއެވެ. އެއް ގޮތަކީ 'މުއައްސަސީ' ސިފައެއްގައެވެ. ވަކި އަގީދާއަކާއި އަޅުކަންތަކަކާއި އެކަންކަމާ ގުޅިފައި އޮންނަ ވަކި ސަގާފަތަކަށް އިޝާރަތްކޮށް ބުނާ ބުނުމެވެ. އަނެއް ގޮތަކީ އެ ބަހުގެ ލަފްޒީ މާނައެވެ.

'އިސްލާމް’، މި ލަފްޒުގެ ލަފްޒީ މާނައަކީ ނަފްސު، މާތްﷲއަށް ދީލާލުމެވެ. މި މާނައިގައި ދެ އުންސުރެއް، ދެ ބައެއް، އެކުލެވެއެވެ. ފުރަތަމަ ބައަކީ މާތްﷲއަށް އީމާން ވުމެވެ. އެކަލާނގެއަށް ނަފްސު ދީލާލެވޭނީ އެންމެ ފުރަތަމަ އެކަލާނގެއަށް އީމާންވެގެން ނޫން ހެއްޔެވެ؟ ދެން، އެކަލާނގެއަށް ނަފްސު ދީލާލުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟ އޭގެ މާނައަކީ ރަނގަޅާއި ނުބައި ވަކިކޮށް، ރަނގަޅު ގޮތުގައި ނަފްސު ބެހެއްޓުމެވެ. ސަލާމަތް ފިތުރަތުގެ މާނަ ވެސް އިޝާރަތްކުރަނީ ހަމަ މި މާނައަށެވެ. މާތްﷲއަށް އީމާންވެ، ހެޔޮ ގޮތް ދެނެގަނެ، އެ ގޮތް ގަބޫލުކުރުމުގެ މައްޗަށެވެ. އާދެ، ފިތުރަތާއި އިސްލާމާ މި ލަފްޒު ގުޅޭ ގޮތަކީ އެއީއެވެ.

ދެން، ހަދީސްގެ އަނެއް ބައިގެ މާނައަކީ، މި ސާދާ ސަލާމަތް ފިތުރަތް މަތީ އިންސާނާ އުފަންވި ކަމުގައި ވިޔަސް، ވަކި ކަހަލަ އަގީދާތަކެއްގެ ވެރި މީހަކަށް އިންސާނާ ހަދާލަނީ އޭނާގެ މާހައުލު ކަމެވެ. ޔަހޫދީ އަގީދާގެ މީހަކަށް، ނޫނީ ނަސްރާނީ އަގީދާގެ މީހަކަށް ނޫނީ މަޖޫސީ އަގީދާގެ މީހަކަށް ނޫނީ އަދި އެހެންވެސް އަގީދާތަކުގެ މީހަކަށް، އިންސާނާ ހަދާލަނީ އޭނާގެ މާހައުލު ކަމެވެ.

މިތާގައި ފާހަގަކޮށްލަން ބޭނުން އެހެން ނުކުތާއެއް ވެސް އެބަ އޮތެވެ. 'އިސްލާމް' މި ލަފްޒާއި އެއިން ނެގިފައިވާ، 'މުސްލިމު’، 'އަސްލަމަ' ފަދަ އެހެން ހުރިހާ ލަފްޒެއްވެސް، ކީރިތި ގުރުއާނުގައި ބޭނުން ކުރެވިފައި ވަނީ އޭގެ ލަފްޒީ މާނައިގައި ކަމެވެ. ފަހަރެއްގައި ވެސް އޭގެ މުއައްސަސީ މާނައިގައެއް ނޫނެވެ. އެހެންވެ، ކީރިތި ގުރުއާނުގައި ކަނޑައެޅިފައި އޮންނަނީ ދީނުގެ ޖައުހަރު ގުޅެނީ އިސްލާމް މި ލަފްޒުގައި އެކުލެވޭ މާނައިގެ ދެ އުންސުރާ ކަމެވެ. އެއީ މާތްﷲ ވޮޑިގެންވާ ކަމާއި އަދި ހެޔޮ ގޮތުގެ މައްޗަށް ހަޔާތް ބިނާކުރުމުގެ މައްޗަށް ކަމެވެ. (މިސާލަކަށް އާލް އިމްރާނު ސޫރަތުގެ 19ވަނަ އާޔަތާއި އެ އާޔަތާއި މެދު އިހުގެ މުފައްސިރެއް ކަމުގައިވާ ތަބަރީގެ ވާހަކައާއި އަދި މިޒަމާނުގެ މުފައްސިރެއް ކަމުގައިވާ މުހައްމަދު އަބްދުހޫގެ ވާހަކަ ކޮޅުވެސް ބަލާލާށެވެ!)

ދެން، އަނެއްކާ ވެސް، މަތީގައި އިޝާރަތްކުރި ޓުވީޓުގައި އޮތް ވާހަކައިގެ މަތިން ހަނދާންކޮށްލާށެވެ! އިންސާނާ އުފަންވަނީ ލާއިލާހިއްޔަތުގެ (އެތީސްޓެއްގެ) ގޮތަށް ކަމުގައި ލިޔެވިފައި އޮތް ވާހަކަ ހަނދާން ކޮށްލާށެވެ. އެ ލިޔުނު މީހަކު އެހެން ލިޔެފައި އޮތީ ކީއްވެ ހެއްޔެވެ؟ އެހެން އޭނާ އެބުނަނީ އުފަންވާއިރު، އިންސާނާ ވަކި އަގިދާއެއްގެ މީހަކަށް ނުވާކަން ބުނުމުގެ މާނައިގައި ހެން ހީވެއެވެ. މި މާނައަށް ބަލާއިރު ކޮންމެ ވެސް ވަރެއްގެ ހަގީގަތެއް އޭގައި އެބަ އޮތެވެ. ޝައްކެއް ނެތް ގޮތުގައި އިންސާނާ ދުނިޔެއަށް އަންނަނީ ވަކި ދީނެއްގެ ފުރިހަމަ އަގީދާ އެނގިފައި އޮވެގެންނެއް ނޫނެވެ. ނަމަވެސް، މިގެ މާނައަކީ އޭނާއަކީ ލާހިއލާހިއްޔަތުގެ މީހެއްގެ ގޮތުގައި އުފަން ވުމެއް ނޫނެވެ. އޭނާގެ ކިބައިގައި އިންސާނިއްޔަތުގެ ވަކި ސިފަތަކެއް ލެއްވިފައި ވެއެވެ. އޭގެ ތެރޭގައި މާތްﷲ ވޮޑިގެންވުން ގަބޫލުކުރުމުގެ ސިފައާއި އަދި، ހެވާއި ނުބަޔަކީ އޮންނަ އެއްޗެއްކަން ގަބޫލު ކުރުމުގެ ސިފަވެސް ލެއްވިފައި ވެއެވެ. މިކަންކަމަށް ބަދަލު ގެންނަނީ އޭނާ އުޅެ ބޮޑުވާ މާހައުލެވެ. އެ މާހައުލު އޭނާގެ ސަލާމަތް ފިތުރަތް އިތުރަށް، ހެޔޮ ގޮތުގައި ތަރައްގީ ކުރުމާއި ނުވަތަ ނުކުރުމުގެ ބާރު ލިބިގެން ވެއެވެ.