Support Us

ކޮލަމް މާޒީ: އިންޑިއާ ކަނޑަކީ އިންޑިއާގެ މިލްކެއްހެއްޔެވެ؟

އަޅުގަނޑު މި މައުޟޫޢުގައި ލިޔާން މި ގަސްތުކުރީ "އިންޑިއާ ކަނޑުގައި އޮވެ، 'އިންޑިއާ އައުޓް’އެކޭ ނު ގޮވޭނެ"ކަމަށް ވިދާޅުވެ، މި ކަނޑުގެ މިލްކުވެރިކަން އިންޑިއާއަށް ނިސްބަތްވާ ފަދަ މޭރުމަކުން ރާއްޖޭގެ އިސް ބޭފުޅަކު ވިދާޅުވެ "ގޮވެއްޔެއް" ލިޔުއްވައިފައިވާތީ، މި ކަމުގެ ހަގީގަތް އޮތް ގޮތް ތަންކޮޅެއް ތިލަކޮށްލެވޭތޯއެވެ؟ އެއް ބަޔަކު 'އިންޑިއާ އައުޓް’އޭ ގޮވާއިރު، އަނެއް ބަޔަކު 'އިންޑިއާ އިން’އޭ ގޮވައި ދައުވަތު ވެސް ދެނީތާއެވެ. އެހެން ނަމަވެސް ބަޔެއްގެ މިލްކެއްގެ ތެރޭގައި ތިބޭ ނަމަ، އެ މިލްވެރި ފަރާތް އެ ތަނަކުން ބޭރުވާން ގޮވުމަކީ ޤާނޫނީ ގޮތުން ވެސް އަދި އަޚުލާޤީ ގޮތުން ވެސް ކޮށްގެންވާނޭ ކަމެއް ކަމަކަށް އަޅުގަނޑެއް ވެސް ގަބޫލެއް ނުކުރަމެވެ. އިންޑިއާ ކަނޑުގައި އޮވެ ވަކި ގޮވުމެއް ނުގޮވޭނެ ކަމަށް ވިދާޅުވުމުން، އެ ބޭފުޅަކު "އިންޑިއާ ކަނޑު" މާނަކުރައްވައިފައި އެ ވަނީ "އިންޑިއާގެ ކަނޑު"ގެ ގޮތުގައިކަން ދޭހަވެއެވެ. އެހެންކަމުން އެކަން ހުއްޓުވާން ނުވަތަ ކުރިއަރުވާން މަސައްކަތްކުރުމުގެ ކުރީން، އިންޑިއާ ކަނޑުގެ މިލްކުވެރިކަން އޮތް ގޮތެއް ސާފުވާންޖެހޭނެ ކަމަށް ދެކެމެވެ.

އިންޑިއާ ކަނޑަކީ ކޮބައިތޯ ފުރަތަމަ ބަލައިލާނަމެވެ. ހިންދުމާކަނޑު ނުވަތަ އިންޑިއާ މާކަނޑަކީ އުތުރުން އީރާނާއި ޕާކިސްތާނާއި އިންޑިއާއާއި ބަނގްލާދޭޝް، އިރުމަތީން މެލޭޝިއާގެ މައިބިމާއި އިންޑޮނޭޝިއާގެ ސުންދާ ޖަޒީރާއާއި އޮސްޓްރޭލިއާ ބައްރު، ދެކުނުން ދެކުނުކަނޑު، ހުޅަނގުން އެފްރިކާއާއި ޢަރަބިކަރަ ވަށައިލެވިފައިވާ ބިޔަ މާކަނޑެކެވެ. މި ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައެވެ. އެހެންނަމަވެސް މިއީ ދުނިޔޭގެ މައި ތިން މާކަނޑު (ކަމުގައިވާ ޕެސިފިކް ކަނޑާއި އެޓްލާންޓިކް ކަނޑާއި އިންޑިއާ ކަނޑާއި މި ތިން ކަނޑު)ގެ ތެރެއިން އެންމެ ކުޑަ އަދި ޖުޣުރާފީ ގޮތުން އެންމެ ހަގު، އަދި އުފެދިފައިވާ ގޮތުން އެންމެ ގުނަވެތި މާކަނޑެވެ. މި ކަނޑު އެފްރިކާގެ ދެކުނު މުލީން ފެށިގެން އޮސްޓްރޭލިއާއާ ހަމައަށް ހަ ހާސް ދުއިސައްތަ މޭލަށް (10 ހާސް ކިލޯމީޓަރަށް) ދެމިގެންވެއެވެ. އަދި މި މާކަނޑާ ގުޅިގައިވާ ކުދި ކަނޑުތައް ނުހިމަނައި، މި މާކަނޑުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 27 މިލިއަން ދެލައްކަ ސާޅީސް ތިންހާސް އަކަމީޓަރެވެ. މި މާކަނޑުގެ އާންމު ފުންމިނަކީ 12 ހާސް ދުއިސައްތަ ހަތަރު ފޫޓް ނުވަތަ ތިން ހާސް ހަތް ސަތޭކަ އެކާޅީސް މީޓަރެވެ. ނަމަވެސް ކަނޑުގެ އެންމެ ފުންދިމާ (އިންޑޮނޭޝިއާގެ ޖާވާގެ އައްސޭރި ސަރަހައްދު)ގެ ފުންމިނުގައި 24 ހާސް ހަތަރު ސަތޭކަ ބަޔާޅީސް ފޫޓު (ހަތްހާސް ހަތަރު ސަތޭކަ ފަންސާސް މީޓަރު) ހުންނަކަމަށް ވެއެވެ.

އިންޑިއާ ކަނޑުގެ އިންސަރަހައްދަކީ އަދި ރަސްމީކޮށް ބަރާބަރަށް ވަކިކުރެވި ބަޔާންކުރެވިފައިވާ ސަރަހައްދެއް ނޫނެވެ. މިސާލަކަށް އޮސްޓްރޭލިއާގެ މައި ބިމާއި ތެސްމޭނިއާއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދަކީ އިންޑިއާ މާކަނޑުކަމަށް އެއް ބަޔަކު ބަލާއިރު، އަނެއް ބަޔަކު ބަލަނީ އެއީ ޕެސިފިކްމާކަނޑުގެ ބައެއްގެ ގޮތުގައެވެ.

ހަމަ މި ފަދައިން އިންޑިއާ މާކަނޑުގެ ދެކުނު އިން ވެސް ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅި އެއްބަސްވެވިފައެއް ނެތެވެ. އެއް ބަޔަކު ބަލަނީ ދެކުނު ތަނޑިއާ ހަމައަށް އެއީ އިންޑިއާމާކަނޑު ކަމަށެވެ. އަނެއް ބަޔަކު ބަލަނީ އިންޑިއާމާކަނޑުގެ ދެކުނު އިން ގުޅިފައިވަނީ ދެކުނުކަނޑާ ހިސާބަށް ކަމަށެވެ. ދިވެހިރާއްޖެ މި އޮތް ސަރަހައްދަކީ ޢަރަބިކަނޑު ކަމަށް ބަލާ ބަޔަކު ވެސް އުޅެއެވެ. ދުނިޔޭގައި ތިން ވަނައަށް އެންމެ ބޮޑު އިންޑިއާ މާކަނޑޭ ކިޔާ ސަރަހައްދުގެ ހަގީގަތަކީ މި ދެންނެވީއެވެ.

ދެން އިންޑިއާ ކަނޑަށް އިންޑިއާ ކަނޑޭ މި ކިޔެނީ ކީއްވެގެންތޯ ވެސް ބަލައިލަމާތޯއެވެ!

ރާއްޖޭގެ ދެ އަތޮޅު ދޭތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދަށް ވެސް އަޅުގަނޑުމެން ނަން ދީފައި ހުންނަ ގޮތާމެދު ފުރަތަމަ ބަލައިލުން ރަނގަޅެވެ. ހުވަދޫކަނޑަށް ހުވަދޫކަނޑޭ ކިޔަނީ ކީއްވެގެންތޯއެވެ؟ އުތުރުން ގުޅިފައިވަނީ ހައްދުންމައްޗާއެވެ. އެ ކަނޑުގަ"އި މަސްވެރިކަމަށް މަޝްހޫރު ދެރަހާއާއި ސަތޯތިލައިގެ މިލްކުވެރިކަން ހުވަދުއަތޮޅަށް އޮވޭތޯއެވެ؟ ނުވަތަ އެހެން ބަޔަކަށް ވަކި ނެތް ހައްގެއް އެ ކަނޑުގައި ހުވަދުއަތޮޅަށް އޮވޭތޯއެވެ! ހައްދުންމައްޗާއި ކޮޅުމަޑުލާ ދެމެދުގައި އޮންނަ ކަނޑުގެ ސަރަހައްދަށް ހައްދޫކަނޑޭ ކިޔަނީ ކީއްވެގެންތޯއެވެ؟ މުލަކަތޮޅާއި ކޮޅުމަޑުލާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދަށް ކުރެލީކަނޑޭ ކިޔަނީ ކީއްވެގެންތޯއެވެ؟ ކާށިދޫ އުތުރާއި ދެކުން އަދި ވަށައިގެން އޮންނަ ކަނޑުގެ ސަރަހައްދަށް "ކާށިދޫކަނޑު" ކިޔަނީ ކީއްވެގެންތޯއެވެ؟ މާލެއަތޮޅު ދެކުނުބުރިއާއި އުތުރުބުރިއާ ދެމެދުގައި އޮންނަ ސަރަހައްދަށް ވާދޫކަނޑޭ ނުކިޔައިތޯއެވެ؟ މި ސަރަހައްދުތަކުގެ ކަނޑުތަކުގެ މައްޗަށް، އެ ތަންތަނުގެ ނަން ނިސްބަތްވެފައިވާ އަތޮޅަކަށް ނުވަތަ ރަށަކަށް ވަކި ޚާއްޞަ އިމްތިޔާޒެއް ނުވަތަ ޙައްޤެއް އޮވޭތޯއެވެ؟ ނޫނެކެވެ. އެއީ މިލްކުވެރިކަމާ ގުޅިފައި ވާ ނަންނަމެއް ނޫނެވެ. އެއީ ދަތުރުފަތުރުގެ ފަސޭހައަށް ޓަކައި، އޮޅުންފިލުވައިދިނުމުގެ ބޭނުމަށް ޓަކައި ޖުޣުރާފީ ގޮތުން ކިއިފައި ހުންނަ ނަންނަމެވެ. ކާށިދޫކަނޑަށް ކާށިދޫކަނޑޭ ކިޔުނީ އެ ރަށުގެ ވަށައިގެން އޮންނަ ސަރަހައްދަކަށްވާތީ ކަމަށް ވާ ނަމަ، ދިވެހިރާއްޖޭގެ ވަށައިގެން އޮންނަ ކަނޑުގެ ސަރަހައްދަށް ދިވެހިކަނޑު ކިޔުން މާ އައުލާ ނޫންތޯއެވެ؟ ކޮންމެ އަތޮޅެއްގެ އައްސޭރިފަށް ގުޅިފައިވަނީ އެ ކަނޑާ ކަމަށް ވާތީ ދިވެހިރާއްޖެއިން ކަނޑު ހިއްސާކުރާ މިންވަރު ކުޑައެއް ނުވާނެއެވެ. އަދި ދިވެހިރާއްޖޭގެ ވަށައިގެންވާ ބޮޑު ސަރަހައްދަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ގޮތުގައި ވަނީ ކަނޑަވެސް އަޅައިފައެވެ. ހަމަ މި ފަދައިން އިންޑިއާއާއި އޮސްޓްރޭލިއާއާއި އިންޑޮނޭޝިއާ ފަދަ ބިން ބޮޑެތި ޤައުތަކުގެ އައްސޭރިފަށުން ވެސް އިންޑިއާ ކަނޑު ހިއްސާކުރާ މިންވަރު ހަމަ އެހާމެ ބޮޑެވެ. ނަމަވެސް ނަން ކިޔުމަކީ އެހެން އޮންނަ ކަމެއް ނޫނެވެ.

މިކަންކަން މިހެން އޮތް އިރު ވެސް ދިވެހިރާއްޖޭގެ ވަށައިގެން މިވާ ކަނޑުގެ ސަރަހައްދަށް އިންޑިއާކަނޑޭ މި ކިޔަނީ ކީއްވެގެންތޯއެވެ؟ އެއީ އިންޑިއާގެ މިލްކުވެރިކަން އެ ކަނޑުގެ މައްޗަށް އޮތީމާތޯއެވެ؟

އިންޑިއާކަނޑަށް އިންޑިއާމާކަނޑު (އިންޑިއަން އޯޝަން)ގެ ގޮތުގައި ނަންކިޔާން ފެށުނީ 1515 ވަނަ އަހަރުގައިކަމަށް ބެލެވެއެވެ. ފުރަތަމަ އެ ނަން ކިޔުނީ ލެޓިން ބަހުން (އޯޝަނަސް އޮރިއެންޓަލިސް އިންޑިކަސް) ކަމަށްވެއެވެ. ފަހުން އެ ނަން އިނގިރޭސިބަހުން އިންޑިއަން އޯޝަންގެ ގޮތުގައި ބަލައިގަތީއެވެ.

އިންޑިއާމާކަނޑަށް އިންޑިއާމާކަނޑޭ ކިޔުނީ ކާށިދޫކަނޑަށް ކާށިދޫކަނޑު ވެސް ކިއިފައިވާ ގޮތަށް މި ސަރަހައްދުގައި އިންޑިއާ އޮތް ޙިކުމާތީ ނުކުތާގެ ސަބަބުންނެވެ. އެވޭލާ ޒަމާނުގައި ވިލާތާއި އިރުމަތީ ގައުމުތަކާ ގުޅުވައިދޭ މަގުގައި އިންޑިއާ އޮތް ޖުޣުރާފީ މަޤާމުގެ ސަބަބުންނެވެ. ހުޅަނގާއި އިތުމައްޗާ ގުޅުވައިދޭ ވިޔަފާރީގެ މަގުތައް ބެލެހެއްޓޭނެ ސަރަހައްދެއްގައި އޮތީ އިންޑިއާއެވެ. އިރުމައްޗާއެކު އޮންނަ ވިޔަފާރީގެ ގުޅުންތަކުގެ ބާރުވެރިކަން ހޯދުމަށް ޓަކައި އިންޑިއާ ކަނޑުގައި ތަފާތު ކުރިމަތިލުންތައް ވެސް މާޒީގައި ހިނގައިފައި އެބަހުއްޓެވެ. މި ކަންކަން އެންމެ ގާތުން ބެލޭނެ ޖުޣުރާފީ ނުކުތާގައި އޮތީ އިންޑިއާއެވެ. އެހެނީ އެންމެ ދިގު އައްސޭރިއެއް އެ ކަނޑާ ގުޅިފައިވަނީ އިންޑިއާއާއެވެ. އަދި އިންޑިއާ އޮތީ މި ވިޔަފާރިމަގުގެ މެދެއްހައި ތާނގައެވެ. އެހެންކަމުން ދަތުރުފަތުރު ފަސޭހައަށާއި ޖުޣުރާފީ ބޭނުމަށްޓަކައި ކަނޑުގެ ނަން އިންޑިއާގެ ނަމަށް ނިސްބަތްވެފައިވަނީއެވެ. ކާށިދޫކަނޑު ކާށިދޫއަށް ނިސްބަތްވެފައިވާ މިސާލުގައެވެ. އެއީ އެ ކަނޑުގެ މިލްކުވެރިކަމުގެ އެއްވެސް ޙައްޤެއް އިންޑިއާއަށް އޮވެގެން ކިއިފައިވާ ނަމެއް ނޫނެވެ. މި ކަނޑުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުކަމަށް ކަނޑައެޅިފައިވާ ބައިގެ މައްޗަށް ޤާނޫނީ ގޮތުން ހިނގާނީ ދިވެހިރާއްޖޭގެ ބާރެވެ. ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަހައްދުން އިންޑިއާގެ މަސްވެރީންނަށް އެހެން އެއްވެސް ގައުމެއްގެ ބަޔަކަށް ވެސް އެ ސަރަހައްދުން މަސް ހިފައި މަސް ބާނައި ހެދުމުގެ ޙައްގެއް ގާނޫނީ ގޮތުން ލިބިފައެއް ނޯންނާނެއެވެ. އެ ސަރަހައްދަށް އެހެން ގައުމެއްގެ ބޯޓުފަހަރު ވަދެ ދާއަޅައި މަސްކޮޅު ކަހައިލައިދެން ދާނަމަ، އެއީ ރާއްޖޭގެ ކަމާ ބެހޭ ފަރާތުން ހުއްދަ ދީގެން ނުވަތަ އަޅައިނުލައިގެން ހިނގާ ކަންތަކެވެ.

ފާހަގަކޮށްލާން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ އިންޑިއާކަނޑަކީ އިންޑިއާގެ ކަނޑެއް ނޫންކަމެވެ. މިކަން އޮޅޭ ގޮތަށް ބައެއް ބޭފުޅުން ވާހަކަފުޅުދައްކަވައި ގޮވެލިފަތި ގޮވައި ހެއްދެވުމަކީ ޤައުމިއްޔަތާ ބީރައްޓެހި ކަންކަމެވެ.

ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި، ޤައުމުގައި ޤާނޫނާ ޚިލާފަށް އެއްވެސް ޤައުމެއްގެ އަސްކަރީ ބާރެއް ގާއިމުވާކަށް ދިވެހި ޤައުމަށް ކުލުނު ހުރި މީހަކު ނުރުހޭނެއެވެ. އެހެންވީމާ، ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށާއި ތިބީ ހުސް ޓެކްނީޝަނުންނާއި އޮފިޝަލުން ކަމަށް ވިދާޅުވެ އެތައް އިތުރުފުޅުތަކެއް (ދޮގުތަކެއް) ހެއްދެވުމަށް ފަހު، ފަހުން އެކަމަށް އިޢުފުވެވަޑައިގަތުމުން، ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމާއި އަދި ނިޔަތް ވެސް ރަނގަޅު ނޫންކަން ޤައުމާ މެދު ވިސްނާ މީހުން ދެނެގަންނާނެއެވެ. ސިއްކިމްގެ އަމަން ބެލެހެއްޓުމުގެ ނަމުގައި އެތަނަށް އިންޑިއާ ސިފައިން އަރައި އެ ޤައުމުގެ ޚާއިނުންނާ ގުޅިގެން އެ ޤައުމު އަޅުވެތި ކޮށްލި ގޮތް ޤައުމުދެކެ ލޯބިވާ މީހުން ދިރާސާކުރާނެއެވެ. ނޭޕާލާއި ބޫޓާން ފަދަ ޤުދުރަތީ ވަސީލަތްތައް ގިނަ ޤައުމުތައް އަމަން ބެލެހެއްޓުމުގެ ނަމުގައި އިޤުތިޞާދީ އަޅުވެތިކަމެއްގެ ދަށަށް ވައްޓައިލި ގޮތާއި އެކަމުން އަރައިގަންނާން މިހާރު އެ މީހުންނަށް ކުރިމަތިވެފައިވާ އުނދަގޫ ވެސް ދެނެގަންނާނެއެވެ. އެހެންކަމުން އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއެއް ދިވެހިރާއްޖެއަށް އަތްގަދަކުރާކަށް ދިވެހި ޤައުމަށް ހެޔޮ އެދޭ އެއްވެސް މީހަކު ނުރުހޭނެއެވެ. ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލަށްވުރެ އަމިއްލަ ވަގުތީ ފައިދާއަކަށް މަސައްކަތްކުރާ ބަޔަކު އެ ފަދަ ކަންކަން ދިފާޢުކުރާން ކިތަންމެ ވާހަކައެއް ދެއްކިޔަސް ޤައުމުގެ އިސްތިޤުލާލާއި ސިޔާދަތަށް ޓަކައި ޤައުމު ދެކެ ލޯބިވާ މީހުން ތެދުވާނެއެވެ. އަދި ރާއްޖޭގައި ފައިހަރުކޮށްގެން ތިބީ ކޮންމެ ގައުމެއްގެ ސިފައިންކަމަށް ވިޔަސް އެ މީހުންނާ ދެކޮޅަށް މިނިވަންކަމުގެ ދިފާޢުގައި ދިވެހީން ޖިހާދުކުރާނެއެވެ. އެ ގޮތަށް މިއަދު ތިބީ އިންޑިއާ ސިފައިންކަމަށް ވާނަމަ "އިންޑިއާ އައުޓް"އޭ ވެސް ގޮވާނެއެވެ. އިންޑިއާގެ ނަމަށް ނިސްބަތްވާ ކަނޑެއްގައި ދިވެހިރާއްޖެ އޮތުމަކީ ދިވެހީންގެ އަމިއްލަވަންތަކަމާއި އިސްތިޤުލާލު ޤުރުބާންކުރާންޖެހޭ ކަމެއް ނޫނެވެ.

މި ކަމުގައި އެންމެ ހައިރާންވާން ޖެހޭ ކަމަކީ ދިވެހި ޤައުމުގެ އިޤުތިޞާދު ހަލާކުކޮށްލުމަށް ޓަކައި ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނާ ޚިލާފަށް، ދިވެހި ފަތުރުވެރިކަމާއި މަސްވެރިކަމާ ދެކޮޅަށް ދުނިޔޭގެ އެތަންމިތާނގައި ކެމްޕޭނުކޮށް ހަދައި، ހިތަށް އެރިހައި އެއްޗެއް ގޮވައި، ޗައިނާއޭ ކިޔައިގެން ރޯބުހުތާނު އެތައް ދޮގު ވާހަކަތަކެއް ހަދަހަދައިގެން ދައްކައި، ޗައިނާއަށް އެއްޗެހި ގޮވި މީހުންނަށް، މިއަދު އެހެން ބަޔަކު އިންޑިއާގެ ނަން ގަނެލިޔަސް އެކަން ތަޙައްމަލު ނުކުރެވިގެން ތެޅިފޮޅޭކަމެވެ. އެހެންނަމަވެސް އެހެން އެއްވެސް ޤައުމެއްގެ އަދި ދިވެހިރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާ ދުވަހަކު ވެސް ޗައިނާއިން ބެހިފައެއް ނެތެވެ. މި ކަން އޮތްގޮތް މި ދެންނެވި މީހުންނަށް ނޭނގެނީ ތޯއްޗެކެވެ. ނުވަތަ ނޭނގޭ ކަމަށް ހަދަނީއެވެ.

މިއީ ދިވެހިރާއްޖެއެވެ. މިއީ ޢަލިރަސްގެފާނުގެ ހިތްވަރުފުޅުގަދަ ޤައުމީ ޖޯޝުގެ ލޭފޮދުން ކާދު ލިބިފައިވާ ބިމެވެ. އެ ފަސްގަނޑުން އެތައް ބަޠަލުންނެއް އުފަންކުރި ބިމެވެ. އުތީމު މަހާރަދުންނާއި ދޮންބަނޑާރައިންނާއި ޝަހީދު ޙުސައިން އާދަމަކީ މި ލޮބުވެތި ފަސްގަނޑުގެ ދަރީންނެވެ. ދިވެހި ކާބަފައިން ދިވެހީންނާ ޙަވާލުކޮށްފައިވާ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ސިޔާދަތާއި އިސްތިޤުލާލު އެތައް ސަތޭކަ އަހަރެއް ވަންދެން ދެމެހެއްޓީ މި ލޮބުވެތި ދިވެހި ފަސްގަނޑުގެ ޤައުމީ ދަރީންނެވެ.

ވީމާ، ދިވެހި ޤައުމުގެ ސިޔާދަތީ ބާރުކެނޑި އިޤުތިޞާދީގޮތުން އިނދައްސައިލާން ބަޔަކު މަސައްކަތްކުރާނަމަ، އެކަމާ ދެކޮޅަށް ތެދުވާނެ ބަޔަކު، ޤައުމުދެކެ ލޯބިވާ ބަޔަކު، އަބަދުވެސް މި ޤައުމުގައި އުޅޭނެއެވެ. އެއްވެސް ޤައުމެއްގެ ތައްޕާހުގައި އުޅޭކަށް ދިވެހީން ބޭނުމެއް ނުވާނެއެވެ. އިނގިރޭސީންގެ ދިދައަށް އިރު ނޯއްސުނު ޒަމާނުގައި އިނގިރޭސި "ޙިމާޔަތުގައި" އޮންނާން އިންޑިއާ ވެސް ބޭނުންނުވީ ޤައުމިއްޔަތުގެ ބާރުގައެވެ. ވީމާ، ދިވެހި ޤައުމުގެ މިނވަންކަން ކަށަވަރުކުރާކަށް އެހެން ގައުމެއްގެ ސިފައިން މިތާނގައި ތިބޭކަށް ދިވެހި ޤައުމު ދެކެ ލޯބިވާ އެކަކު ވެސް ނޭދޭނެއެވެ.

މިއަދު މި ޤައުގައި ފައިހަރުކޮށްގެން ތިބީ އިންޑިއާގެ ސިފައިންކަމަށް ވާތީ "އިންޑިއާ އައުޓޭ" ގޮވާނެއެވެ. އިންޑިއާ ސިފައިން ބޭރުވަންދެން އެ މަސައްކަތްކުރާނެއެވެ. އިންޑިއާއިން އިނގިރޭސީން ބޭރުކުރި ގޮތަށް ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ވެސް ބޭރުކުރެވޭންޖެހޭނެއެވެ. ޚާއިނުންގެ ފުރައްސާރައިންނާއި އިންޑިއާ ސިފައިން މި ރާއްޖޭގައި ތިބޭންޖެހޭ ކަމަށް ކޮންމެވެސް ޒާތީ މަޖުބޫރީއަކަށް ޓަކައި ވާހަކަދައްކާ މީހުން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތަކުންނާއި އެކި ފަހަރު އެކި ގޮތަށް ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަތަކުން މުޙިއްބުލްވަޠަނުންނަށް ލިބޭނީ އިތުރު ހިތްވަރެވެ. އަންނާނީ އިތުރު ފޯރީއަކާއި ޖޯޝެކެވެ.

އިންޑިއާގެ ނަމަށް ނިސްބަތްވާ ކަނޑެއްގައި ދިވެހިރާއްޖެ އޮތުމަކީ ދިވެހިރާއްޖޭގައި އިންޑިއާގެ ސިފައި ތިބޭންޖެހޭ ސަބަބެއް ނޫނެވެ. އިންޑިއާ މީހުން މި ޤައުމުގައި ޓީޗަރުކަމާއި މުދައްރިސްކަންކުރަނީ ދެ ފަރާތުގެ ފައިދާއަށެވެ. އިންޑިއާއިން މުދާ ގެންނަނީ އަގުދީގެންނެވެ. ދިވެހީން އިންޑިއާއަށް ބޭސްފަރުވާއަށް ދަނީ ދިވެހީންގެ ޚަރަދުގައެވެ. އެކަމަށް އެތައް ހާސް ރުފިޔާއެއް ޚަރަދުކުރެއެވެ. ވީމާ، މި ފަދަ ސަބަބުތަކަކީ ދިވެހި ޤައުމުގެ އިސްތިޤުލާލު ނީލަމަށް ލާން އޮތް ޙުއްޖަތެއް ނޫނެވެ. އެއީ ދިވެހީންނަށް ދިވެހީން ބޭނުންވާ ޚިޔާލެއް ފާޅުނުކުރެވޭންވީ ސަބަބެއް ނޫނެވެ. "އިންޑިއާ އައުޓް" ނުގޮވޭން ވީ ސަބަބެއް ނޫނެވެ. މި ސަރަހައްދުގައި ދިވެހިރާއްޖެ އުފައްދަވައިފައިވަނީ ޤުދުރަތްފުޅުންނެވެ. ވީމާ، މި ކަނޑުގެ ޙައްޤު އެހެން ޤައުމުތަކަށް ވެސް ލިބިފައިވާ ފަދައިން ދިވެހިރާއްޖެއަށް ވެސް އެ ޙައްޤު އޮންނާނެއެވެ. އެއީ ދިވެހިރާއްޖޭގެ ވެސް ކަނޑެކެވެ. ސްރީލަންކާގެ ވެސް ކަނޑެކެވެ. އިންޑޮނޭޝިއާއާއި މެލޭޝިއާގެ ވެސް ކަނޑެކެވެ. އަދި އެންމެންގެ ވެސް ކަނޑެކެވެ. އާދޭހެވެ! އިންޑިއާމާކަނޑަކީ އިންޑިއާގެ މިލްކެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
72

4 Responses

  1. ނަޝީދު އަށް ހީވަނީ އެހެންހެން. ޕައްލަންބެ ހެދިގެން ތިމާވަރެއް ނެތިގެން. ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގޭ އަނގަ ގަދަ މިތުރު

  2. ވަރަށް ޢިލްމީ އަދި ޤައުމީ ލިޔުމެއް. "ޢަދިވެސް" ޓީމަށް އަދިވެސް މިއަށްވުރެ ފުރިހަމަ މަސައްކަތްތައް ކުރެވޭނެ. ތަހުނިޔާ ދަންނަވަން!

  3. ހާދަހާ ބޮޑަކަށް ޗައިނާ ވެފައޭ ތިޔަ ހުންނެވީ. ތިޔަބޭފުޅާއާ ވައްތަރު ލިޔުމެއް ނޫން. ވެރިކަން ބަދަލުވީމަ ޗައިނާ ސަފީރުކަން ލިބޭނެ. އޭރުން އނެއްކާ ސީނުދަތުރުނާމާ ލިޔެވޭނެ. ގުދްލަކް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *