Support Us

ކޮލަމް: އަލި

އަމިއްލަ ވަޒަން ދޫކޮށް ކުރި ހިޖުރަ- 1

އުފަން ލޮބުވެތި ފަސްގަނޑު، އާދެ ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫގެ އުފާވެރި މާހައުލާއި ލޯބިވާ މައިފުނާއި ލޯބިވާ މަދަރުސާއާއި ލޯބިވާ ބައްޕައާއި ޢާއިލާއާއި އެތައް އެކުވެރީންނާ ވަކިވެގެން އަޅުގަނޑު މާލެ އައީ 1989ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. ލޯބިވާ މަންމައާ އެކުގައެވެ. މިއީ ހަޔާތުގައި ކުރަން ޖެހުނު ތަޖުރުބީ ދަތުރެކެވެ. މާލެ އާދެވުނީ ތިން ހަތަރު ދުވަހުންނެވެ. މާސިންގާ ބިޔަ ހުވަދޫ ކަނޑު ކަޑައްތު ކުރުމަށް ފަހު ވެސް އެތައް ކަނޑަކާއި ކަނޑު އޮޅިތަކެއް ހުރަސްކޮށް ދަތުރުކުރުމަށް ފަހުއެވެ.

ހަނދާނުގެ ވިންދުތަކުގައި އެ ދަތުރުގެ ރޭތަކުގައި ދިން ރިހި ހަނދުވަރާއި އެކި އުމުރުގެ މީހުން ދަތުރުމަތީގައި ކިޔައި އުޅުނު ވާހަކަތަކާއި ހުނުނު ހުނުމާއި ކުރި ސަމާސާތައް ބިންވަޅު ނެގިފައިވެއެވެ. ގަދަކަނޑުތަކުގައި އަޅުގަނޑު އުޅެން ޖެހުނު ޙާލާއި ވީ ވަރުބައްޔާއި އެނބުރި ބޯއެނބުރުންތަކާއި ލޯބިވާ މަންމަގެ މެދުކެނޑުމެއް ނެތް އޯގާވެރި ހޭހަންކުރެއްވުންތައް ހިތާއި ލެޔާއި މޭގައި ވަނީ ކަޅިވެ ފެވިފައެވެ. އެއީ ދަތުރެކެވެ. ތާރީޚީ ދަތުރެކެވެ. މަގުސަދަކާއި މުހުތާދަކަށް ޓަކައި ކުޅަ އަޅުގަނޑުގެ ހަޔާތުގެ ފުރަތަމަ ދަތުރެވެ. ދަތުރު ކުރީ "ކާމިޔާބު" ދޯނީގައެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. އާދޭހެވެ! ރަނގަޅު ތައުލީމެއް ހާސިލްކުރާށެވެ. މި ބޮޑު މަގުސަދުގައި ފެށި ދަތުރު "ކާމިޔާބު ދޯނީގައި" ކޮށް މާލެ ލަފައި ނިންމުނު ކަމުގައި ވިޔަސް އެ ދަތުރުގެ ދަތުރުގެ ހަގީގީ މަންޒިލް މަގުސޫދު ކާމިޔާބު ކަމާ އެކު ނިންމުމުގައި ކުރިމަތިލާން ޖެހުނު ދަތިތަކާއި ހުރަސްތަކެއް އޭރަކު ނުވިސްނެއެވެ.
ހަގީގަތުގައި ތައުލީމަށް ކުރި ދަތުރުގައި ކަޑައްތު ކުރި ގަދަ ކަނޑުތަކާއި ޖެހުނު ވިއްސާރަކޮޅިގަނޑުގަނޑާއި ދޯނި މަތީގައި އަޅުގަނޑު އުޅެން ޖެހުނު ހާލު އެއީ ތައުލީމުގެ އަހަރުތައް ހޭދަ ކުޅަ ރާސްތާގައި ފަހުން ކުރިމަތިލާން ޖެހުނު ކަންކަންކަމަށް ޓަކައި ކުރެވުނު ފުރިހަމަ އަމަލީ ތަޖުރިބާއެއް ކަމުގައި ނޫނީ އަޅުގަނޑު ނުދެކެމެވެ. މާތްﷲގެ ތަޤުދީރުގެ ކޮންމެ ކަމަކީ ވެސް އިންސާނާގެ މުޅި ހަޔާތުގެ އަމަލީ މަންޒަރަކެވެ. ކޮންމެ ކަމެއް ވެސް މެދުވެރިވަނީ ފަހުން އެ ކަމަކުން ވާނޭ މޮޅެއް އޮވެގެނެވެ. އުފާވެރިކަމެއް އޮވެގެންނެވެ.

މާލެ އައިސް މަންމައާ އެކު އަޅުގަނޑު ހުރީ އަޅުގަނޑުގެ ބޮޑުބެ ދައްތަގެ ގޭގައެވެ. އެއީ ގ. ސަންބުރައިޓެވެ. އެއީ ގ. މުޖުމަރާގެ ބަހައިގެން ބޮޑުބެ ދައްތައަށް ލިބުނު ބައިގައި ބޮޑުބެމެން އެޅުއްވި ގޭގެ ނަމެވެ. އަޅުގަނޑު ކިޔަވަން މާލެ ގެންނެވީ އެއްބަނޑު ދައްތައެވެ. މަރިޔަމް ރަޝީދާއެވެ. ދައްތަ ވެސް އޭރު އުޅެމުން ދިޔައީ ހަމަ އެ ގޭގައެވެ.

ދެތިން ހަފުތާއަށް ފަހު މަންމަ ރަށަށް ފުރުއްވަން ބޯޓަށް އެރުއްވިއެވެ. އެއީ އުމުރަށް ހަނދާން ހުންނާނެ ދުވަހެކެވެ. މިހާރުގެ ޖުމުހޫރީ މައިދާނުގެ ހުޅަނގު ދެކުނި ކަންމަތީގައި އޭރު ނިކަން ދިގު ރުކެއް ހުންނާނެއެވެ. އަނެއް ކަންމަތީގައި ހުންނަނީ އޭރު ކޮން ތަނެއް ކަމެއް ހަނދާނެއް ނެތެވެ. މިހާރު އެތާ އެ ހުންނަނީ ދިވެހިޜާއްޖޭގެ މަރުކަޒީ ބެންކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއެވެ. ދަންނަވަން މި އުޅެނީ މުޅިން އެހެން ވާހަކައެކެވެ.
މަންމަ ފުރުއްވަން އުޅުއްވާތީ އަޅުގަނޑު ރުއިރުއިމެވެ. މަންމަ ނެތުމުން ވާނެ އެކަނިވެރިކަން ހިތަށް އަރައިފައެވެ. އަޅުގަނޑަކީ މަންމައާއި ބައްޕަގެ އެންމެ ހަގު ދަރިފުޅެވެ. މިހެންވުމުން އަޅުގަނޑު ނެތުމުން މަންމަ ރަށުގައި ވާނެ އެކަނިވެރިކަން ވެސް ހިތަށް އަރައިފައެވެ. އަޅުގަނޑުގެ މަންމައަކީ ކެތްތެރިކަމުގައި ލާމަސީލު މިސާލެކެވެ. މަންމަ ހިތްދަތިކަން ތަހައްމަލް ކުރަނީ ކަރުނަ ހިތަށް ހިންދަވައިގެންނެވެ. މަންމަގެ އެއްބަނޑުއެއްބަފާ ބޭބެ (މޫސާބެ) ނިޔާވި ޚަބަރު ލިބިލެއްވި ދުވަހާއި މަންމަގެ އެއްބަނޑުއެއްބަފާ ކޮއްކޮ (މާލޭބެ) ނިޔާވި ޚަބަރު ލިބިލެއްވި ދުވަހު މަންމަގެ އިހުސާސްތައް މަންމަ ހިފެހެއްޓެވި ހަރުދަނާ ގޮތްތަކުން އަޅުގަނޑަށް މިހިރަކަންކަން ވަނީ ވަރަށް ސާފުކޮށް ދަސްވެފައެވެ.

މަންމަ އިންނެވީ ބޯޓުގައެވެ. އަޅުގަނޑު ވަރަށް އަޑުގަދަކޮށް ރުއީމެވެ. ތޮށިގަނޑު މަތީ ހުރެގެން ބާރުބާރަށް ރުއީމެވެ. ގިސްލަގިސްލައިފައެވެ. މިހެން ދެންނެވިޔަސް އެ ވަގުތުގައި އަޅުގަނޑު ކުރި އިހުސާސާއި ހިތަށް އެރި އާދަޔާ ޚިލާފު އެތައް ޝުއޫރެއްގެ ހަގީގީ އިހުސާސްގެ އިހުސާސް އެއްވެސް މީހަކަށް ނުކުރެވޭނެއެވެ. އެއީ ވަރަށް ދެރަވި ދުވަހެކެވެ. ހިތުގައި ޖެހި ގިސްލަގިސްލައިފައި ރޮވުނު ދުވަހެކެވެ. މަންމައަށް އުނދަގޫވެލައްވާ ވަރުން އިރުއިރުކޮޅާ ދޯނީގެ ދިރުނބާކޮޅަށް ދުރުވެ އަޅުގަނޑަށް ނަސޭހަތް ދެއްވައި ހިތްވަރު ދެއްވައެވެ. ތިމަން ދެން މި ފަހަރު ނުދުރުވާނަމޭ ރަށަށް ބުނުއްވައިފައި ދޯނިން ފައިބަންނަވަން ވެސް އުޅުއްވިއެވެ. މަންމައަށް އަޅުގަނޑާ ނުލައި އުޅުއްވަން ވަރަށް ދަތިވާނެ ކަން އަޅުގަނޑަށް އިހުސާސް ކުރެވޭލެއް ވިސްނެވެ.

ކޮންމެއަކަސް ދޯނި ފުރާ ގަޑި ވެސް އެތައް އިރަކަށް އަޅުގަނޑާ ހުރެ ލަސްވިއެވެ. އެންމެފަހުން އަޅުގަނޑުމެންގެ ރަށު ބޭބެއެއް (ތުއްތުބެއްޔާ) ދޯނިން ފައިބައިގެން އައިސް އަޅުގަނޑުގެ އަތުގައި ހިފައިގެން ވަރަށް ހެޔޮ ނަސޭހަތް ދިނެވެ. އަޅުގަނޑު މާލެ އައި ބޭނުން ހަނދާންކޮށްދިނެވެ. އެ ބޭނުން ފުރިހަމަ ނުކޮށްފިނަމަ މަންމަ ވެސް ދެރަވެލައްވާނެ ކަމަށާއި ބައްޕަ ވެސް ދެރަވެލައްވާނެ ކަމަށް ބުނެ ނަސޭހަތްދީ ހިތްވަރު ދިނެވެ. އޭރު ވެސް އަޅުގަނޑަށް ދިޔައީ ގިސްލެވެމުންނެވެ. މަންމައަށް ގޮވެމުންނެވެ. ކޮންމެއަކަސް ތުއްތުބެއްޔާގެ ލައްކަ މަސައްކަތުން އަޅުގަނޑަށް ހިތްވަރު ލިބުނެވެ. އޭރު ގެޔަށް އައިސް ވަދެވެނީއެވެ. ލަސްވެގެން ދައްތަ ވެސް ހުރީ ކަންބޮޑުވެފައެވެ. މިއީ ރަށްފުށުގެ ކުދިން މާލެ އައިމާ ނުވެނުދާނެ ކަމެއް ކަމަށް ވުމުން އަޅުގަނޑަށް ވެސް މި ކަން ތަޖުރިބާ ކުރަން ޖެހުނީއެވެ.

މަންމަ ވެސް ރަށުގައެވެ. ބައްޕަ ވެސް ރަށުގައެވެ. މާލޭގައި އަޅުގަނޑު އެއްބަނޑު ދައްތައާ އެކުއެވެ. ދެން އޮތީ ކިޔެވުން ފެށުމެވެ. އޭރު ރަށްފުށު ކުދިންގެ ތައުލީމުގައި ނަގާ ކިޔާ މަދަރުސާތަކެއް ހުއްޓެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެއް މަދަރުސާއަކީ މަދަރުސަތުލް ޢާލިޔާއެވެ. މަދަރުސާއަށް ވައްދަން ފޯމު ފުރައިފިއެވެ. އޭރު އޮންނަ ގޮތުން އަޅުގަނޑުމެން ކަހަލަ ރަށްރަށުން އަންނަ ކުދިންގެ ފެންވަރު ދަނެގަންނަން އިމްތިހާނެއް އޮވެއެވެ. އިމްތިހާނު ކޮށްފިއެވެ. އަޅުގަނޑުގެ ހުރި ފެންވަރު ކަމަށް ކަނޑައަޅައި ޖާގަ ދެއްވީ ގުރޭޑު 3އިންނެވެ. އަޅުގަނޑު ރަށުން ކިޔެވުން ނިންމީ ގުރޭޑު 6އިންނެވެ. ދެވޭ ތައުލީމުގައި ހުރި ފެންވަރު ނިކަން ރަނގަޅަށް ވިސްނުނެވެ. އޭރު އަޅުގަނޑުގެ އުމުރުން 15 އަހަރު ފުރި ފަސްވަނަ މަހަށް އެޅެނީއެވެ. މިއީ އަދުގެ ތައުލީމުގެ އުމުރުގައި މަދަރުސީ ހަޔާތް ނިންމާ އުމުރެވެ. ކުރާނީ ކީއްތޯއެވެ! އޭރުގެ ހާލަތެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211

3 Responses

  1. ވަރަށް ޝައުގުވެރި ގެނެސްދީފައިވެއް
    މި ފަދަ ލިޔުންތައް ކިޔަން އިންތިޒާރު ކުރެވޭ

Leave a Reply to ށަހުލާ ރައްދު ކެންސަލް

Your email address will not be published. Required fields are marked *