Support Us

އެއީ ނިމުމެއް ނުވާ ކާމިޔާބީއެކެވެ.

އެކުވެރިންނޭވެ.

ތިޔަބައި މީހުންގެ މަދުރަސީ ދައުރު ނިންމާލުމަށްފަހު ދިރިއުޅުން އާރާސްތު ކުރުމަށް ތިޔަ ބައިމީހުން މަސައްކަތް ފަށަމުއެވެ. ސަރުކާރުގެ ވަޒީފާތަކަށާއި، އަމިއްލަ މީސް މީހުންގެ ވަޒީފާތަކަށާއި، އަމިއްލަ މަސައްކަތްކުރުމަށް އަވަސްވެގަނެއެވެ. މަސައްކަތުގެ މާހައުލުގައި އެންމެ މަތީ މަޤާމަށް ދިއުމަށް ބުރަ މަސައްކަތް ކުރެއެވެ. އޮފީހުގެ ވެރިން އެންމެ ރުހޭ އަދި އެދޭގޮތަށް މަސައްކަތް ކުރެއެވެ. ވަޒީފާގެ ކުރިއެރުން ލިބި ތިމާގެ ދަރަޖަ އުފުލި މާލީ ތަނަވަސްކަން އިތުރުކުރުމުގެ ބޭނުމުގައެވެ. ފަހި ދިރިއުޅުމެއްގެ ބޭނުމުގައެވެ. ތިބާގެ މަސައްކަތު ފެންވަރު ބަލާ ހިނދު އެންމެ ގިނަ ޕޮއިންޓް ހޯދުމުގެ ބޭނުމުގައެވެ.

ހެނދުނު އޮފީހަށް ދާގޮތަށް އިރުއޮއްސެންދެން ވަރުބަލިކަމެއްނެތި މަސައްކަތްކުރެއެވެ. އަދި ތިބާގެ މަސައްކަތުގަ އަވަދިނެތި އިންނަތަން ފެނި ތިބާގެ ވެރިޔާ ތައުރީފުގެ ބަސްކޮޅެއް ބުނެލުމުން ތިބާ ހިތްހަމަޖެހި ނުހަނު އުފާވެއެވެ. އެހެންނުވާންވީ ސަބަބެއްވެސްނެތެވެ. އެހެނީ ތިބާ އަށް ލިބޭނެ ކުރިއެރުން ބިނާވެފައި އޮތީ ތިބާ ކުރާ މަސައްކަތަށް ވެފައި، ތިބާގެ މަސައްކަތުގެ އަގު ވަޒަންކުރާ ތިބާގެ އޮފީހުގެ ވެރިޔާއަށް ތިބާގެ އިޚްލާސްތެރި މަސައްކަތް ފެނުމަށްވުރެ ވަކިން ބޮޑު އެހެން ހިތްހަމަޖެހުމެއް ނުއޮންނާނެކަން ޔަޤީނެވެ. މިއީ މިވަގުތީ ދުނިޔޭގައި ބޭނުންވާ ކާމިޔާބީ ލިބިގަތުމަށް ތިބާ މަސައްކަތް ކުރާ އޮފީހުގެ ވެެރިޔާ ހިތްހަމަ ޖެއްސުމައް ތިބާ ބޭނުންވާވަރެވެ. އަދި ތިބާކުރާ މަސައްކަތް އޭނާއަށް ފެނުމުން ތިބާގެ ހިތަށް ލިބިދޭ ތަސައްލީއެވެ.

އަމިއްލަ މަސައްކަތްކުރާ މީހާ އަށް ވިސްނާލަމާހެވެ. އޭނާގެ އަމަލުތައްވެސް ހަމަ މިފަދައެވެ. އޭނާގެ ވެރިންނަކީ އަދި އޭނާ އަށް މުސާރަ ނުވަތަ އާމްދަނީ ގެނެސްދޭ މީހަކީ އޭނާ ކާރިއަށް ޚިދުމަތް ހޯދަން ނުވަތަ ވިޔަފާރި ކުރަން އަންނަ މީހާއެވެ. އޭނާ ޚިދުމަތް ލިބިގަންނަން އަންނައިރު އޭނާ ހިތަހަމަޖައްސައިދޭން ތިބާ ނުހަނު މަސައްކަތްކުރެއެވެ. އަދި އޭނާ އަންނައިރު ތިބާ އޭނާ ޚިދުމަތް ލިބިގަންނަން އަންނަ ކަންތަކުގައި މަސްއޫލުވެ އުޅޭތަން ފެނި ތައުރީފުގެ ބަސްކޮޅެއް އިއްވައިފިނަމަ ހަމަ ކުރިން ބުނި ފަދައިން ތިބާ އުފަލާއި ހިތްހަމަޖެހުން ގެނުވައިދެއެވެ. އެހެނީ ތިބާގެ އާމްދަނީ އާއި ކުރިއެރުން ބިނާވެގެން ވަނީ އޭނާ ހޯދާ ޚިދުމަތުން ނުވަތަ ކުރާ ވިޔަފާރިއިންނެވެ. މިކަނުގެ ނަތީޖާވެސް ބިނާވަނީ ތިބާ ކުރާ މަސައްކަތާއެވެ. އަދި އެމަސައްކަތާ އޭނާ ގަޔާވާ މިންވަރަކާއެވެ. މިއީ މި ވަގުތީ ދުނިޔޭގައިވެސް ކަންހިގާ ގޮތެވެ.

އެކުވެރިންނެވެ. ތިބާ މި ދުނިޔެއަށް ފޮނުއްވާފައިވަނީ ﷲއަށް އަޅުކަން ކުރުމަށެވެ. ތިބާ މިދުނިޔޭގައި ހޭދަކުރަން ލިބިފައިވަނީ ވަރަށްވެސް ކުޑަ ދުވަސްކޮޅެކެވެ. ތިބާގެ ހަޔާތުގެ ބައްތި ތިބާއަށް ނޭނގި ހުއްޓާ އިސާހިތަކު ނިވިދާނެއެވެ. ވިސްނާލާށެވެ. ތިބާގެ ޕްރޮމޯޝަން ތިބާ ކުރިމަތީ އެބައޮތެވެ. ތިބާއަށް އެންމެ މަތީ މަޤާމަށް ދެވެން އެބައޮތެވެ. މިދުނިޔޭގެ ކުރިއެރުމާ ކާމިޔާބީއާ ޚިލާފަށް މި ކާމިޔާބީ އަކީ ދާއިމީ ކާމިޔާބީއެކެވެ. މި ޕްރޮމޯޝަން އާ ކާމިޔާބުވެސް ގުޅިފައިވަނީ ތިބާގެ އަމަލުތަކާއެވެ. ތިބާގެ މަސައްކަތު ފެންވަރު ވަޒަންކުރުމަށް ތިބާގެ އެޕްރެއިސަލް ފޯމް ގެންދާ ފަދައިން ތިބާގެ އަމަލުތައްވެސް މަލާއިކަތް ބޭކަލުން ތިބާ ހެއްދެވި ފަރާތަށް އުފުއްލަވައެވެ. ތިބާގެ އަމަލުތައް އެކަލާނގެ ހަލުރަތަށް ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހަކު އުފުއްލަވާ ކަމަށް ވާރިދުވެފައިވެއެވެ.

އެކުވެރިންނެވެ. ތިބާ އޮފީހުގައި ބުރަކޮށް މަސައްކަތް ކުރާތަން ފެނި އޮފީހުގެ ވެރިމީހާއާއި ތިބާއާ ދޭތެރޭ ރުހެން އެދޭގޮތަށް ތިބާގެ އަމަލުތައް ތިބާ ޚަލްޤު ކުރެއްވި އެއްކައުވަންތަ އިލާހުގެ ހަލުރަތަށް އުފުލޭއިރު ތިބާ އެ އިލާހަށް ރޯދައަށް ހުންނަތަން އެކަލާނގެ ބައްލަވާ ވޮޑިގަންނަވާ ތިބާއާ މެދު އެ އިލާހު ރުހިވޮޑިގަތުމަށް ތިބާ ބޭނުން ނުވޭހެއްޔެވެ؟ ވިސްނާލާށެވެ. މިދުނިޔެ މިއީ ފަނާވެ ނެތިދާނެ ތަނެކެވެ. މިތަނުގައި ލިބޭ ކާމިޔާބީވެސް ހަމަ އެފަދައެވެ. ނަމަވެސް އާޚިރަތުގައި ލިބޭ ކާމިޔާބީ އަކީ ނިމުމެއްނުވާ ކާމިޔާބީއެކެވެ. ދާއިމަށް ދެމިގެންދާ ކާމިޔާބީއެކެވެ. މިކާމިޔާބީ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް އަހުރެންގެ އަމިއްލަ ނަފުސަށާއި ތިބާއަށް އަހުރެން ނަސޭހަތްތެރިވަމެވެ. އަދި އަހަރެމެންނީ އަހަރެމެންގެ އަމަލުތައް ﷲގެ ހަލުރަތަށް އުފުއްލެވޭ ހިނދު ރޯދައަށް ތިބުމުގެ ކުޅަދާނަކަމާއި ނަސީބު ލިބިފައިވާ ބަޔަކު ކަމުގައި ލައްވާދޭވެ. آمين

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *