Support Us

ކާޅު ކޮންފަރަންސާއި ޑިމޮކުރަސީ

އަނެއްކާ ވެސް ކާޅު ކޮންފަރެންސު މަތިން ހަނދާން ކޮށްދީފިއެވެ. މި ފަހަރު ކާޅު ކޮންފަރެންސު މަތިން ހަނދާން ކޮށްދިނީ ޑިމޮކުރަސީގެ ވާހަކައާއި އެއާ ގުޅިފައި އޮންނަ ޚިޔާލު ފާޅުކުރުމުގެ ވާހަކައާއި އެކަމުގެ ހަގީގަތް ދައްކުވައިދޭ މަންޒަރުތަކެވެ.

އެންމެ ފުރަތަމަ ކާޅު ކޮންފަރަންސުގެ ވާހަކައިގެ ހަނދާން އާކޮށްލަމާ ހެއްޔެވެ؟ މީގެ އެތައްއެތައް ދުވަހެއް ކުރިން، ބަޑިޖަހައި ކާޅު މެރުމުގެ ޕުރޮގުރާމު ވެސް ހިންގުމުގެ ކުރިން، ރަށެއްގެ ކަމުވޮށިވެގެންވީ ކާޅުތަކެއް އެއްވެ، ކޮންފަރަންސެއް ބޭއްވިއެވެ. ކޮންފަރަންސުގެ އެޖެންޑާގައި އޮތީ ނަޖިސް ކެޔުމާ ބެހޭ ގޮތުން ބަހުސްކުރުމެވެ. އެއީ ހަމަ މީރު، ރަނގަޅު ކާނާއެކޭ ބުނެ ބައެއް ކާޅުތައް ބަހުސްކޮށް ހުއްޖަތް ދެެއްކިއެވެ. އަދި ނަޖިހަކީ ކާޅުގެ ރީތި ކަޅުކުލަ އިތުރުކޮށް، ދިހުން ގެނެސްދޭ ވިޓަމިން އޭގައި އެކުލެވޭ ކާނާއެއް ކަމުގައި އެންމެ ފަހުގެ ހޯދުންތައް ދައްކާކަން ވެސް އެންމެ އަޑު ގަދަ، ބަސް ހިނގާ ކާޅު ބުނެދިނެވެ.

ކޮންމެ އަކަސް، އެންމެ ފަހުން ކާޅު ކޮންފަރަންސުން ނިންމީ ނަޖިސް ނުކެއުމަށެވެ. އިންސާނުންގެ ތަކެތީގެ ތެރެއިން ކާންވާނީ ހަމައެކަނި މަސްކަމެވެ. ސަބަބަކީ ހިއްކަން އަވީލާފައި ހުންނަ މަސްގަނޑެއް ޖަހައިގަނެގެން ދާއިރު ތިން އުފަލެއް ލިބެއެވެ. ޖަހައިގަނެ ތިމާގެ ކުޅަދާނަކަން ވިސްނި ލިބޭ އުފަލެވެ. އަދި، މަސްގަނޑުގެ މީރު ރަހަ ލިބުމުގެ އުފަލެވެ. މީގެ އިތުރުން، އިންސާނުންނަށް ގެއްލުން ދިނުމުން ލިބޭ އުފަލެވެ. ކޮންމެ އަކަސް ކަމު ވޮށިގެންވީ ކާޅުތައް ނިންމީ އިންސާނުންނަށް ޖެއްސުންކޮށް އެމީހުން ހިއްކާ މަސްކޮޅު ކެއުމަށާއި އިންސާނާގެ ނަޖިސް އެއްގޮތަކަށް ވެސް ނުކެއުމަށެވެ.

ކޮންމެ އަކަސް ކޮންފަރަންސް ނިންމާލުމަަށް ފަހު، ބައެއް ކާޅު ގެނެއްސައި ހުރި، މަސް ކައި، އެންމެ ފުރަތަމަ ކަމުވޮށިވެގެންވި އިސް ކާޅު އުދުއްސައިގަތެވެ. ނަމަވެސް، ގޮނޑުދޮށާ ދިމާއިން ތިރިން، ހުދު ދޮންވެލިގަނޑުގައި އެތަން މިތާނގައި ހުރި ނަޖސްތައް ކާޅުތަކުގެ ލޮލުގައި އަޅައިގަތުމުން ހޭވެރިކަމެއް ނެތެވެ. ކާޅުތަކުގެ ނަޖިސް ނުކެއުމަށް އަޒުމް ކަނޑައަޅައި ނިންމި ނިންމުމަށް ހަމަ ވަގުތުން ނިމުން ގެންނަން ނިންމިއެވެ. ދެން، އިސް ކާޅު ގޮވާލިއެވެ. މަސް ކެއުމަށް ފަހު، އަނގަ މީރުކޮށްލަން އެއްޗެއް ކާންޖެހޭނެ ނޫން ހެއްޔެވެ؟ އެންމެންނޭވެ، ނަޖިހަކީ ފައިދާ ހުރި ކާނާއެކެވެ. ނަޖިސް ކެއަސް އެންމެ ރަނގަޅެވެ. ހަމަ ކުރިން ވެސް ކަންތައް ކުރަމުން އައި ގޮތަށެވެ. އެ ގޮތަކީ، ނަޖިސް ކެއުމަކީ، ހަަމަ އެންމެ ރަނގަޅު، މޮޅު އިތުރުވެގެންވާ ގޮތެވެ.

ދެން މީގެ ވިއްސަކަށް އަހަރު ކުރިއަށް ޖެހިލަމާ ހެއްޔެވެ؟ އެންމެ ވަރުގަދައަށް އިވިގެން ދިޔަ އަޑަކީ ގިނަ ޕާޓީތަކުގެ ޑިމޮކުރަސީއޭ ކިޔާ ނިޒާމެއް ގާއިމު ކުރެވުނު ވާހަކައެވެ. އަދި، އެ ނިޒާމު ގާއިމުކުރެވުމާ ވިދިގެން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުޅުވިފައި އޮންނާނޭ ކަމެވެ. އެކަމަކީ އިންސާނީ ހައްގެއް ކަމާއި އެހެންވެ، އެކަމަށް ހުރަސް އަޅައިގެން ނުވާނޭ ކަމުގެ އަޑު އިވުނެވެ. އާދެ، ކާޅު ކޮންފަރަންސުގައި ނަޖިސް ކެއުން ހުއްޓަން ނިންމި ގޮތަށް، ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް އެއްވެސް ގޮތަކަށް ހުރަސް ނޭޅުމަށް ނިންމީއެވެ.

ދެން، މިހާރު މި ފެންނަނީ ޑިމޮކުރަސީ އާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އެންމެ ބާރުލާފައި ގޮވި މީހުންގެ އަމަލުތައް، އެ ގޮވި ގޮވުންތަކާ ތަފާތުކޮށް ފެންނަ ތަނެވެ. ބަޔަކު އިންޑިޔާ އައުޓޭ ގޮވައި ޚިޔާލު ފާޅުކޮށް ސަރުކާރުގެ ސިޔާސަތާ ދެކޮޅު ހެދުމުން، އެކަން ހުއްޓުވަން އުޅޭ ތަނެވެ. އަދި، މިނޫން ގޮތްގޮތުން ވެސް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ ތަނެވެ. ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުންނަށް ސަރުކާރުގެ ސިޔާސަތަށް ފާޑު ނުކިޔޭނޭ ކަމާއި، ފާޑުކިޔަފި ނަމަ، ވަޒީފާއިން ވަކިކުރެވޭ ތަނެވެ. ގާނޫނީ އިމުގެ ތެރޭގައި ތިބެ، ސަރުކާރަށް ފާޑުކީ ކަމުގައި ވިޔަސް ވެހެވެ. އަދި، ސަރުކާރުގެ އިސް މީހުން ކުރާ ފަދައިން އެކަން ކުރިޔަސް ވެހެވެ. މިސާލަކަށް ސަރުކާރުގެ އިސް ބައެއް މީހުން، ބައެއް ގައުމުތަކާއި ދިމާކޮށް، ވަރަށް ފާޅުގައި، އަދި ބައެއް ފަހަރު ދޮގު މައުލޫމާތު ބޭނުން ކޮށްގެން ވެސް، ފާޑު ކިޔައެވެ. އަދި، ބައެއް ގައުމުތަކުން ނަގާފައިވާ ލޯނުތައް ނުދެއްކުމަށް ވެސް ބާރު އަޅައި ވާހަކަ ދައްކައެވެ. ހަމަ މި ނަމޫނާއަށް ބަލައި، އިންޑިޔާ އައުޓޭ ކީމައި އެކަން އެބަ ގޯސް ވެއެވެ. އަދި، އެކަން ހުއްޓުވަން ޖެހެއެވެ.

މިތަނުގައި ފާހަގަކުރަން ބޭނުންވަނީ އިންޑިޔާ އައުޓުގެ ވާހަކަ ރަނގަޅުކުރުން ނޫނީ ނުރަނގަޅު ކުރުމެއް ނޫނެވެ. މިތަނުގައި ފާހަގަކުރަން ބޭނުންވަނީ ޑިމޮކުރަސީގެ އުސޫލަކާ ޚިލާފު ގޮތަކަށް ކަންތައް ކުރެވޭ ވާހަކައެވެ. ގާނޫނީ އިމުގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަ އިރު، އެފަދައިން އެކަން ކުރުމުން، އެކަން ހުއްޓުވަން އުޅޭ ވާހަކައެވެ.

މިކަން ހުއްޓުވުމުގެ ގޮތުން، ތާކުންތާކު ނުޖެހޭ ވާހަކަތައް ވެސް ދައްކައެވެ. އިންޑިޔާއިން، ރާއްޖެއަށް ހަނޑޫ އެތެރެކުރާ ވާހަކައެވެ. އަދި، ބައެއް މީހުން މިވާހަކަ ދައްކާއިރު، މިކަން އަބަދުވެސް އޮތީ މިހެންކަން ދޭހަވާ ގޮތަށް ވެސް ވާހަކަ ދައްކައެވެ. ރާއްޖެއަށް މައިގަނޑު ގޮތެއްގައި ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައްޔާއި އަދި، އޭގެ ކުރިންނާއި ފަހުންވެސް، ބަރުމާއިން ހަނޑޫ އެެތެރެކުރިކަން މި މީސް މީހުންނަށް ނޭނގުނު ކަމެވެ. ނުވަތަ އެނގެން ބޭނުންނުވި ކަމެވެ. ދެން އެންމެ ހެއްވާ އަނެއް ކަަމަކީ ރާއްޖެ އިންޑިޔާ ކަނޑުގައި އޮންނާތީ، އަދި، އެކަނޑަށް އިންޑިޔާ ކަނޑޭ ކިޔާތީ އިންޑިޔާގެ ބާރުގެ ދަށުގައި ރާއްޖެ އޮންނަން ޖެހޭކަން ދޭހަވާ ގޮތަށް ވާހަކަ ދެއްކުމެވެ. އެހެން މީހުންގެ އެއްވެސް ވިސްނުމެއް ވެސް ނޯންނާނޭކަން މިހެން ބުނުމުގެ ފަހަތުގައި އޮތުމުން، އެހެން މީހުންގެ ބުއްދިއަށް ކުރެވޭ މަލާމާތަކަށް މިކަން ވެއެވެ. އިންޑިޔާ ކަނޑުގައި ވަރަށް ގިނަ ކުދި ގައުމުތަކާއި އަދި ނިސްބަތުން ބޮޑެތި ގައުމުތައް ވެސް އޮވެއެވެ. ސިރީލަންކާއާއި ސީޝެލްސްއާއި މޮރީޝަސްއާއި ރީޔުނިއަންއާއި ކޮމޮރޯސްއާއި މަޑަގަސްކަރު ފަދަ ގައުމުތަކެވެ. އަދި، އިންޑޮނޭޝިޔާ ވެސް އޮންނަނީ ހަމަ އިންޑިޔާގެ ކަނޑުގައެވެ. އޮސްޓްރޭލިޔާގެ ހުޅަނގު ބިތް އޮންނަނީ އިންޑިޔާ ކަނޑަށެވެ. އެހެންވީމާ، މިހުރިހާ ގައުމުތައް ވެސް އޮންނަން ޖެހޭނީ އިންޑިޔާގެ ބާރުގެ ދަށުގައި ހެއްޔެވެ؟ މި ހަމައިގެ ވާހަކަ މި ގައުމުތަކުގެ މީސްތަކުންގެ ކައިރީ ދެއްކިދާނެ ހެއްޔެވެ؟ ނުވަތަ ދައްކަން ހިތަށް ވެސް އަރާފާނެ ހެއްޔެވެ؟ ނުދައްކާނެއެވެ. ދައްކަން ހިތަށް ވެސް ނާރާނެއެވެ! ކީއްވެ ހެއްޔެވެ؟ އެގައުމުތަކުގެ މީހުންނަކީ ގަމާރުން ކަމުގައި ނުބެލެވޭތީއެވެ! ނަމަވެސް، އަޅުގަނޑުމެންގެ ބައެއް ސިޔާސީވެރިން ދެކެނީ އެމީހުންގެ އަމިއްލަ ގައުމުގެ މީހުންނަކީ ތަންދޮރު ނުދަންނަ، އަދި އެހެންވެ، ވަރަށް ފަސޭހައިން ގުނބޯ ހެއްދޭ ގަމާރުންގެ ގޮތުގައެވެ.

މީގެ އިތުރުން ވެސް މިހާރު ފެންނަ ބައެއް ވާހަކަތައް އެބަ ހުއްޓެވެ. ހަގީގަތް ބަދަލުކޮށްލައިގެން، އަދުގައި ކަންކުރަނީ ރަނގަޅަށް ކަން ބުނެދިނުމުގެ ގޮތުންނެވެ. މިފަދަ އެއް ވާހަކައެއްގައި އޮންނަނީ އިންޑިޔާ ސިފައިން ރާއްޖެ ގެނައީ ކުރީގެ ސަރުކާރުން ކަމެވެ. ވީ އަސްކަރީ އެއްބަސް ވުމެއް ވީ ކުރީ ސަރުކާރުން ކަމެއްވެ. މި ސަރުކާރުން އެކަން އިސްލާހުކޮށް ރަނގަޅުކުރީ ކަމެވެ.

މިކަމުގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ އިންޑިޔާއާވީ އަސްކަރީ އެއްބަސްވުން، އެންމެ ފުރަތަމަ އެކުލަވާލައި އެއްބަސްވީ 2008ގަައި ރާއްޖޭގެ ވެރިކަމަށް އައި ސަރުކާރުގެ ފަރާތުންނެވެ. މި އެއްބަސްވުން އޮތީ ވަކި މުއްދަކަށް ފަހު، އާކުރާ ގޮތަށެވެ. ދެން، 2013 ހިސާބުގައި މި އެއްބަސްވުން އާކުރެވުނެވެ. ނަމަވެސް، މި އެއްބަސްވުމުގެ މުއްދަތު ފަހުން ހަމަވެ، 2016ގައި މި އެއްބަސްވުން އާ ނުކުރަން ނިންމިއެވެ. އެއްބަސްވުމުގެ ރޫހާއާއި އެއްގޮތަށް އިންޑިޔާއިން ކަންތައް ނުކުރާތީއެވެ. މިސާލަކަށް ހިލޭ ދިން ކަމަށް ބުނާ ދެ ހެލިކޮޕްޓަރާއި އަދި، އެ ދުއްވަން ދިވެހިން ތަމްރީނުކުރުން ކުރިއަށް ނުދިޔުމެވެ. އެހެންވެ، އެ ދެ ހެލިކޮޕްޓަރު ގެންދިޔުމަށާއި އެ ދުއްވަން ދަސްކޮށްދިނުމުގެ ތަމްރީނުދޭން ތިބި އިންޑިޔާގެ ސިފައިން ރާއްޖެއިން ފޭބުމަށް އެންގުނެވެ. އެ މީހުންގެ ވިސާ ހުސްވުމުން، އާ ނުކޮށްދެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމަކަށް އިންޑިޔާއިން އިޖާބައެއް ނުދެއެވެ. އަދި، އެ ދެ ހެލިކޮޕްޓަރާއި އިންޑިޔާގެ ސިފައިންވެސް ރާއްޖޭގައި، ވިސާ ނެތި، ގަވާއިދާ ޚިލާފަށް ތިބީއެވެ. އެމީހުން އެ ގޮތަަށް ތިބެން މެދުވެރިވީ އޭރުގެ އިދިކޮޅުގެ ހަރަކާތްތަކެވެ. ސަރުކާރު ދެންމެ ދެންމެ ވައްޓާލަފާނެހެން ހީވި ހީވުމެވެ. އެދުވަސްވަރު، އޭރުގެ އިދިކޮޅު ބައެއް މީހުން، އިންޑިޔާގެ ސަރުކާރުގެ ކިބައިން އިންޑިޔާގެ ލަޝްކަރު ރާއްޖެ ފޮނުވައި ސަރުކާރު ބަދަލުކުރުމަށް ވެސް އެދުނެވެ. އޭރު އިންތިޚާބު ވެސް ކައރިވެފައި އޮތުމުން، އިންޑިޔާގެ މުހައްލިލުން ދުށީ އިދިކޮޅުގެ މީހުން އިންތިޚާބުގައި ކާމިޔާބުކުރާނޭ ކަމެވެ. އަދި، އިންޑިޔާގެ ކަމާ ބެހޭ މީހުން، ރާއްޖޭގެ އިދިކޮޅު މީހެއްގެ ގާތު، އަވަސް އަރައިނުގަނެ، ކެތްގެން ތިބުމަށާއި، އެމީހުންނަށް ވެރިކަން ލިބޭނޭ ކަމުގެ ވާހަކަވެސް އޭރު ބުންޏެވެ. އަދި، ދުރާލައި، އަސްކަރީ އެއްބަސްވުންތަކެއް އިދިކޮޅާ އެކު ކުރެވުނެވެ. މި އެއްބަސްވުމުގައި ސޮއިކުރަން، ރިޔާސީ އިފްތިތާހީ ޖަލްސާއަށް މޯޑީއައެވެ. އެހެންވެ، އިންޑިޔާގެ އަސްކަރީން ގެނައީ ކުރީ ސަރުކާރުންނޭ ބުނެ ދައްކަނީ ހަގީގަތާ މުޅިން ޚިލާފު ވާހަކައެކެވެ. މިކަމަކާ ބެހޭ ލިޔުންތަކާއި ޓީވީ ޕުރޮގުރާމުތަކުގެ ފީތާތައް ލިބެން އޮންނާނެއެވެ. އެންމެ ފަސޭހައިން މިވާހަކަތައް ފެންނާނީ އިންޑިޔާގެ ނޫސްތަކުންނެވެ. ހަގީގަތް ހޯދަން ބޭނުންވާ މީހަކަށް އެކަން ހޯދައިގަންނާކަށް އުނދަގުލެއް ނުވާނެއެވެ!

އަޅުގަނޑުމެންނީ މިފަދަ ގަމާރުން ކަމުގައި ދުށުމުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ސިޔާސީ ވެރިންގެ އަމިއްލަ މަސްލަހަތު ނިޔާކުރާ ގޮތުން، ބޭނުން ވަގުތެއްގައި ހިތަށް އެރި ވާހަކައެއް، އެއީ ދޮގެއް ވިޔަސް، ނޫނީ ސަލާމަތް ބުއްދީގެ ހަމަތަކާ ޚިލާފު ވާހަކަ އެއް ވިޔަސް، ދައްކަން ކެރުމެވެ. މީގެ ވިއްސަަކަށް އަހަރު ކުރިން، ބައެއް ސިޔާސީ ވެރިންގެ މަސްލަހަތު އޮތީ ޑިމޮކުރަސީއާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ވާހަކަ ދެއްކުމެވެ. އެހެންވެ، އޭރު އެވާހަކަ އެ ގޮތަށް ދެއްކީ ފަހަރެއްގައި ވެސް ވަކި އުސޫލުތަކެއްގެ މަތީގައި ތިބެ، އެ އުސޫލުތައް ގަބޫލުކުރާތީކީ ނޫނެވެ. އޭރު އެމީހުންގެ މަސްލަހަތު ނިޔާކުރީ، އާދެ، ވެރިކަމަށް އައުން ފަހިވާނޭ މަގަކީ އެ ގޮތަށް ވާހަކަ ދެއްކުން ކަމުގައިވާތީއެވެ. ދެން، މިހާރު އެއާ ދިމާ އިދިކޮޅަށް ވާހަކަ ދައްކައި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަނީ ވެސް އެކަން އެމީހުންގެ އަމިއްލަ މަސްލަހަތާ ގުޅޭތީއެވެ. ގައުމު ކުރިއަރުވަން، ނޫނީ ރައްޔަތިންގެ ހައްގުތައް ހޯދައިދޭކަން ނޫނެވެ.

އާދެ، މިހާރު ބައެއް ސިޔާސީ ވެރިންގެ އަމިއްލަ މަސްލަހަތު ނިޔާކުރަނީ މީގެ ވިއްސަކަށް އަހަރު ކުރީގެ ހާލަތަަށް ރުޖޫއަވުން ރަނގަޅު ކަމެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަކަން ހުއްޓުވައި، ކުރިން ވެސް އޮތް ފިރުއަނުގެ ޑިމޮކުރަސީގެ ނިޒާމު ގާއިމުކުރުމެވެ. ފިރުއައުނުގެ ޑިމޮކުރަސީގެ ނިޒާމޭ ހެއްޔެވެ؟ އާދެ، ފިރުއައުނު ބުނީ ކީކޭ ހެއްޔެވެ؟ 'ތިމަންނައަށް ފެންނަ ގޮތް ނޫން އެހެން ގޮތެއް ކަލޭމެންނަކަށް ނެތެވެ! ތިމަންނައަށް ފެންނަ ގޮތަކީ އެންމެ މޮޅު ގޮތެވެ!'

އާދެ، އެހެންވެ، ޑިމޮކުރަސީއާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބަދަލުވެގެން މިހާރު މިދިޔައީ ކާޅު ކޮންފަރަންސުގެ ނިންމުމަށެވެ. ކާޅުތައް ވެސް ނަޖިސް ކެއުން މަނާކުރުމަށް ފަހަު، އަނެއްކާ ވެސް ނަޖިހުގެ މީރު ރަހަ، ހިތަށް އައުމުން، އެ ނިންމުން ބާތިލުކޮށް ކުރިން ކަން އޮތް ގޮތަށް، ނަޖިސްކާން ނިންމީއެވެ. ޑިމޮކުރަސީއާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެސް މިވީ ހަމަ އެހެންތާއެވެ! ވެރިކަން އަތަށް އެރުމުން، ފިރުއައުނުގެ ޑިމޮކުރަސީގެ ރަހަ މާ ރަނގަޅުކަމަށް ފެނި، އެއްކަލަ ތިރީސް އަހަރު ރަނގަޅު ނޫންކަމުގައި ބުނި، ފިރުއައުނީ ޑިމޮކުރަސީ ރަނގަޅުވެ، އިސްތިބްދާދިއްޔަތަކީ- ޑިކްޓޭޓަޝިޕަކީ- ގަމާރުން ގެންގުޅެން އެންމެ މޮޅު ސިޔާސީ ނިޒާމު ކަމުގައިވެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެއްޗެހި ބުނުން ކަމުގައި ބަދަލުވީއެވެ!

މިކަމުން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ނަމަކުން ހަގީގަތް ބަދަލު ނުވާނޭ ކަމެވެ! ސަރުކާރުގެ އިދާރާއަކަށް ރަށު އޮފީހޭ ކިޔުމުގެ ބަދަލުގައި ސެކްރަޓޭރިއަޓޭ ކިޔަސް އެ އިދާރާ ތަރައްގީވި ކަމުގައި ނުބެލެވޭނެއެވެ. ރަށަކަށް ރަށެކޭ ކިޔުމުގެ ބަދަލުގައި ސިޓީއޭ ކިޔުމަކުން ރަށް ތަރައްގީ ކުރެވުނީ ކަމުގައި ނުބެލެވޭނެއެވެ. ހިމާރެއް ކޯޓު ފަޓުލޫނު ލެއްވުމަކުން އޭގެ ހިމާރީ ޝަޚުސިއްޔަތު ބަދަލުވެ، ބުއްދިވެރި ސިޔާސީ ލީޑަރަކަށް ނުވާނެއެވެ. ބާވެ، ވެއްޓިފައިވާ އިމާރާތެއްގައި ކުލަލުމަކުން އެ އިމާރަތް ވަރުގަދަވެ އާވީކަމުގައި ނުބެލެވޭނެއެވެ. ހެޔޮ ރަނގަޅު ބަދަލު ގެނެވޭނީ އެތެރެ ފުށުގެ ހަގީގަތް ބަދަލުކުރެވިގެންނެވެ. ގައުމުތަކުގެ ތަރައްގީ ގުޅެނީ މީހުންގެ ވިސްނުމާއި ފިކުރާއެވެ. ހަގީގީ ކުރިއެރުމާއި ތަރައްގީ ގުޅިފައިވަނީ ވިސްނުމާއި ފިކުރު ބަދަލުކުރެވިގެންނެވެ. އެހެން ނޫނީ އަބަދު ތިބެން ޖެހޭނީ އަމިއްލަ މަސްލަހަތުތަކަށް އަޅުވެތިވެފައި ތިބޭ ކެހިވެރި ސިޔާސީ ވެރިންގެ އަޅުވެތި ކަމުގައި އެމީހުން ކިޔާހާ އެއްޗެއް ކިޔައި އެމީހުންނަށް ސަނާކިޔައި 'ލީޑަރު ތަސްބީހަ' ކިޔުމުގައެވެ. ކާޅުތައް ފަދައިން ނަޖިހަކީ 'މީރު' އެއްޗެއް ކަމަށް ދެކި، ކުރިއެކޭ ވެސް އެއްގޮތަށް، ޚުދްމުޚްތާރު، ޣަދަރުވެރި ސިޔާސީވެރިން ކާންދޭ ނަޖިސް ކެއުމުގައެވެ!'