Support Us

ހޮވާލެވިފައިވާ ހިކުމަތްތެރި ބަސްކޮޅެއް

ތިރީގައި މި ވަނީ ހޮވާލެވިފައިވާ ހިކުމަތްތެރި ބަސްކޮޅެކެވެ.

  1. ނަރަކައަށް ދާން އޮންނަ މަގު އޮންނަނީ ފިނިފެންމާއުކައި ފުރާލެވިފައެވެ.

މީގެ މާނައަކީ ކޮބައިބާވައެވެ؟ އުރެދުމުގެ މަގު އޮންނަނީ ރީތިކުރެވިފައި، އިންސާނާގެ ހިތް އެ މަގަށް ލަންބުވާލާ ގޮތަށެވެ. އިވޭ ގިނަ އަޑުތަކާއި ފެންނަ ގިނަ މަންޒަރުތައް އެ މަގަށް އިންސާނާ ގެންދެއެވެ. ނުރަނގަޅު މަގުން ހިނގައިގަތުމުން، ތިމާގެ ޟަމީރު އެ މަގުން ނުހިނގަން ބުނުމުން، ހަވާނަފްސު ތިމަން ކައިރީގައި ބުނެއެވެ. އުމުރުގައި އަދި ތަން އެބަ އޮތެވެ. މިހާރު ތިހުރީ ޒުވާންކޮށް ސިއްހަތު ވެސް ސަލާމަތުންނެވެ. އެންމެން ހެން ވެސް އެއުޅެނީ މަޖާކޮށް އުފާކުރުމުގައެވެ. އެހެންވެ، މިހާރު މަޖާކޮށް ހިތް އުފާކޮށްދީފައި ފަހުން ތައުބާވެ ހެޔޮ މަގަށް ރުޖޫއަވާނީއެވެ.

މި ބަސް އެހެން ގޮތަކަށް ވެސް އިބާރަތް ކުރެވިފައި އޮވެއެވެ. ނަރަކައަށް ދާން އޮންނަ މަގު ފަހިކުރެވި، ކޮށާލެވެނީ ހެޔޮ ނިޔަތް މެދުވެރިކޮށެވެ. މާނައަކީ ނުރަނގަޅު ކަމެއް ކުރަން ގަސްދުކުރާ އިރު، ބައެއް ފަހަރު، އެކަން ރަނގަޅު ކުރަނީ، އެކަން ކޮށްފައި މިވެނި ރަނގަޅު ކަމެއް ކުރާނީއޭ ބުނެއެވެ. ނުވަތަ ނުރަނގަޅު ކަންތައް ކުރުމުގެ ބޭނުމަކީ ރަނޅު ކަމެއް ކުރުމަށް މަގު ފަހިކުރުމޭ ބުނުމެވެ. މިސާލަކަށް، ވައްކަން ކުރަނީ ސަދަގާތްކުރާށޭ ބުނުމެވެ. އެހެންވެ، ހަނދާންކުރަން ޖެހެނީ ރަނގަޅު ނިޔަތެއްގައި ނުބައި ކަމެއް ކުރުމުން، އެކަން ރަނގަޅުކަމަކަށް ނުވާނޭކަމެވެ.

  1. މަސައްކަތުގައި މަޝްޣޫލުވެ، ހަރަކާތްތެރިވަމުންދާ ހިނި، ނިދާފައި އޮންނަ ގެރިއަކަށް ވުރެ ގިނަ މަސައްކަތް ކުރެއެވެ.

މި ބަހުގައި ބާރު އެޅިފައިވަނީ މަސައްކަތުގެ މުހިއްމު ކަމުގެ މައްޗަށެވެ. މީހާ ކިތަންމެ ބޮޑު ވިޔަސް ނޫނީ ކުޑަ ވިޔަސް، އޭގެ ޒާތުގައި މޮޅެއް ނެތެވެ. މީހާ މޮޅު އިތުރުވެގެންވަނީ އޭނާގެ އަމަލުތަކުގެ މައްޗަށް ބިނާވެގެންނެވެ. ތިމާ އަތުގައި މިވެނި އެވެނި ފާހެއް އޮތޭ ބުނުމަކުން އޭނާގެ މޮޅުކަމެއް ފެނިގެން ނުދެއެވެ. އޭނާގެ ހުރި ނަމަ ހުރި މޮޅު ކަމެއް ފެނިގެންދާނީ އޭނާގެ އަމަލުތަކުގެ ތެރެއިންނެވެ. ނުވަތަ ތިމަންނައަށް މިވެނި އެވެނި ކަމެއް އެނގެޔޭ، މިވަނި އެވެނި ކަމެއް ކުރެވިދާނޭ، ބުނެގެން އޭނާއަށް ކަމެއް އެނގޭކަން، ނުވަތަ އޭނާއަށް ކަމެއް ކުރެވޭކަން ސާބިތެއް ނުވެއެވެ. އެކަން ސާބިތުވާނީ އޭނަގެ އަމަލުތަކެ މައްޗަށް ބަލައެވެ. އާދެ، މީހެއްގެ އަގު ވަޒަން ކުރެވެނީ އޭނާގެ ޚިދުމަތުގެ މައްޗަށް ބަލާފައެވެ. އޭނާގެ ބޭރު ފުށަށް ބަލައިގެންނެއް ނޫނެވެ.

  1. ނަސީބަކީ، އޭގައި ލެނގިލުމުން، އޭނާގެ ގައިމައްޗަށް ވެއްޓޭ، ފާރެއް ކަހަލަ އެއްޗެކެވެ.

އާދެ، މި ބަހުގެ މާނައަކީ ނަސީބަކީ އިންސާނާގެ މަސައްކަތުން ހޯދާ އެއްޗެކެވެ. އޭނާ އެދޭ ކަމެއް ކުރަން ކަނޑައަޅައި، އެއަށް ފަހު، އެކަން ލިބިގަތުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމުން، ނަސީބު އައިސް 'އޭނާގެ ގައި މައްޗަށް ވެއްޓެއެވެ!' އާދެ، ނަސީބު އައިސް އޭނާގެ އަތުގައި ހިފައެވެ.

  1. ގެއެއް ކޮޅަށް ހުންނަނީ ބިންގަނޑު މަތީއެއް ނޫނެވެ. ނަމަވެސް، އަންހެނެއްގެ ކޮނޑުމަތީގައެވެ.

މި ބަހުގައި ފާހަގަކުރެވިފައި ވަނީ ގެއެއް ބިނާ ކުރުމުގައި، އާއިލާއެއް ހެޔޮ ގޮތުގައި ބިނާކުރުމުގައި އަންހެނާގެ ދައުރުގެ މުހިއްމުކަމުގެ މައްޗަށެވެ.

  1. ކަލޭގެ އަނބިމީހާއަށް ކަލޭ އިހުތިރާމު ނުކުރާ ނަމަ، ކަލޭވާނީ ކަލޭގެ އަމިއްލަ ނަފްސަށް އިހާނެތިކޮށް ހިތާ މީހަކަށެވެ.
  2. ކަލެއަށް ނުބޮވޭ ފެން، ދެމި ދިޔަދޭށެވެ!

އާދެ، ތިމާ އެއަށް ބޭނުން ނުޖެހޭ ތަކެތި ފޮރުވައި އިހުތިކާރު ނުކުރާށެވެ. އެ ތަކެތި އެހެން މީހުން ބޭނުން ކުރިޔަ ދޭށެވެ.

  1. ކަލޭގެ އެންމެ ބޮޑު ދުޝްމަނަށް އިތުބާރު ކުރާ ފަދަ ގޮތެއްގައި ކަލޭގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ވެސް އިތުބާރުކުރާށެވެ.

މިތަނުގައި ފާހަގަކުރަން ބޭނުންވަނީ ރަހުމަތްތެރިންނަށް އިތުބާރު ނުކުރުމެއް ނޫނެވެ. ނަމަވެސް، ރަހުމަތްތެރިކަމުގެ ހުރިހާ ގުޅުމެއް ދެމި ނޯވެދާނޭ ކަމެވެ. އެހެންވެ، ރަހުމަތެރިންނަށް ވެސް އިތުބާރުކުރުމުގައި ހައްދެއް އޮންނަން ޖެހޭނޭ ކަމެވެ.

  1. ބަހަނާތައް ދެއްކުން އޮތުމުން، އެކަކަށް ވެސް ގޯސްކޮށް ކަމެއް ނުކުރެވެއެވެ.

މި ބަހުގައި ބާރު އަޅަނީ ކަމެއް ނުކުރެވުމުން، އެކަމަށް އިއުތިރާފުވެ، އެކަން ކުރެވޭތޯ އުޅުމެވެ. ކަމެއް ނުކުރެވުމުން، ބަހަނާ ދައްކަން ވެއްޖެ ނަމަ، އެކަކަށް ވެސް އެމީހެއްގެ އުނިކަމެއް ފާހަގައެއް ނުކުރެވޭނެއެވެ. އެހެން ވުމުން، އެ އުނިކަން ފޫބެއްދައި އިސްލާހުކުރުމުގެ މަސައްކަތް ކުރެވޭ ގޮތެއް ނުވެއެވެ.

  1. އޫރާއި ގުޅިފައި އޮންނަ މައްސަލަތަކުގައި ހުރިހާ އެއްޗަކީ ވެސް ފައިސާއެވެ. ފައިސާއާ ގުޅިފައި އޮންނަ މައްސަލަތަކުގައި އެންމެންނަކީ ވެސް އޫރުންނެވެ!

ޝައްކެތް ނެތެވެ. ނުބައި މީސް މީހުންގެ މައްސަލަތައް ގުޅެނީ ފައިސާއާއެވެ. ހަމަ އެހެންމެ، މައްސަލަތައް ފައިސާއާ ގުޅުމުން، އެންމެން ވެސް ނުބައިވެ، އޫރުހާ އަޚުލާގީ ގޮތުން ދަށު ދަރަޖައަށް ވެއްޓެން ދިމާވެއެވެ.

  1. ހަސަދަވެރި ލޯބިވެރިޔާ ވާނީ ހަޔާތުގެ އަޅާ ނުލާ ބައިވެރިއަކަށެވެ.
  2. ކޮށްޓެއް ހެދިފައި ވަނީ ރަނުގެ ތޭރިތަކަކުން ވިޔަސް، އެވާނީ ހަމަ ކޮށްޓަކަށެވެ.
  3. ކަލޭ ގަންނަން ބޭނުންވާ އެއްޗެއްގެ ވާހަކަ ބުނެފިނަމަ، ކަލެއަކީ ކޮންކަހަލަ މީހެއްކަން އަހަރެން ބުނެދޭނަމެވެ.
  4. ޒުވާން އިރުގައި އަހަރުމެން ދަސްކުރަމެވެ. އަހަރުމެންނަށް ވިސްނެނީ ދުވަސް ވުމުންނެވެ.
  5. ހަތިޔާރު ގެންގުޅޭ ތަންތަނުގައި ހަނގުރާމަ ހިނގާނެއެވެ.
  6. ސުލްހަ މަސަލަސްކަންމަތީ އުޅެން އެދޭ ނަމަ، ކަލެއަށް އެނގޭ ހުރިހާ ކަމެއްގެ ވާހަކަ ނުދައްކާށެވެ. އަދި، ކަލެއަށް ފެންނަ ހުރިހާ ކަމެއްގެ މައްޗަށް ފާޑުކިޔައި ގޮތް ނުކިޔާށެވެ.
  7. ލޯތްބެއް ނެތް ހަޔާތަކަށް ވުރެ ނުބައި ހަޔާތެއް ނޯވެއެވެ.
  8. އެއްމެ ހޮރެއް ނޫނީ ނޭނގޭ މީދާ، ވަރަށް އަވަހަށް ބުޅަލުގެ ޝިކާރައަކަށް ވެދެއެވެ.
  9. ހަސަދަވެރިންނަށް ތައުރީފާއި ޝުކުރުގެ ބަހެއް ނުބުނެވޭނެއެވެ. އެމީހުންނަށް ކުރެވޭނެހާ ވެސް ކަމަކީ ހިންދިރުވާލުމެވެ.
  10. ރުޅިއައުމުން ހަނުހުންނަ އަނބިމީހާއަށް ބިރުވެތިވާށެވެ!
  11. ބަނޑުހައިކަން އިންސާނާ ބިންމައްޗަށް ވައްޓާލަފާނެއެވެ. ނަމަވެސް، އޭނާގެ އިއްޒަތުއްނަފްސު، އޭނާގެ ނަފްސަށް އޭނާ ކުރާ އިހުތިރާމު، އޭނާ ކޮޅަށް ތެދުވުމަށް އެހީވެދެއެވެ.
  12. މާތްވަލީވެރިންގެ ކެތްތެރިކަން ވެސް ކޮޅުންލާ ހިސާބެއް އޮވެއެވެ.
  13. އެ ޖިހާދެއްގެ މަސައްކަތް ނުފެށޭ ޖިހާދަކަށް ވުރެ ކާމިޔާބުކުރަން އުނދަގޫ ޖިހާދެއް ނޯވެއެވެ.
  14. ތުއްތު ކުއްޖާ ވަޅަށް ވެއްޓި މަރުވުމުން، ވަޅަށް ފަސްއަޅައި ފޮރުވާލައެވެ.

މިބަހުގައި ބާރު އެޅިފައި ވަނީ، ދެރަ ގޮތެއް މެދުވެރި ވުމުގެ ކުރިން، ސަލާމަތުގެ ފިޔަވަޅުތައް އަޅަން ޖެހޭނޭ ކަމެވެ. އަރަބި ހަރުބަހެއްގައި އޮންނަ ފަދައިން، ޖަމަލު ބަނދެފައި، ދެން. މާތްﷲއަށް ވަކީލުކުރާށެވެ. އަދިވެސް، މިފަދަ އެހެން ބަހެއްގައި އޮވެއެވެ. ބަލި ފެތުރި، ބޭސްކުރަން ޖެހުމުގެ ކުރިން، ބަލި ފެތުރުނަ ނުދިޔުމުގެ ފިޔަވަޅުތައް އެޅުން، މޮޅު އިތުރު ވެގެން ވެއެވެ.

  1. އަހަރުމެން އުފަންވަނީ މަރުވުމަށްޓަކައެވެ.

އާދެ، އެކަކަށް ވެސް މަރަކަށް ނުފިލޭނެއެވެ. ކީރިތި ގުރުއާނުގައި ބަޔާން ކުރެވިފައިވާ ފަދައިން، މަރަށް ފިލަން ދާނޭ ތަނެއް ނޯންނާނެއެވެ. އެންމެން ވެސް މަރުގެ ރަހަ ދެކޭނެއެވެ. އުފަން ވުމަށް ފަހު، އިންސާނާގެ މަރުގެ ވަގުތު އައިސް ޖެހިއްޖެއެވެ. އެ ވަގުތަކީ ކޮބައިކަން އޭނާއަށް ނޭނގޭ ކަމެވެ. އެހެންވެ، ދުނިޔޭގައި އޭނާ ކުރާ މަސައްކަތެއް ކުރަންވާނީ މި ހަގީގަތް މަތިން ހަނދާންކޮށް، މަރަށް ތައްޔާރުވެ ހުރެއެވެ.

  1. ކައިވެންޏަކީ ކަލޭގެ ދުޝްމަނާއެކު އެއް އެނދެއްގައި ނިދާ ހަމަ އެކަނި ހަނގުރާމައެވެ.

އާދެ، ޝައްކެއް ނެތް ގޮތުގައި ކައިވެންޏަކީ ވަރަށް ވެސް ބޮޑު ހަނގުރާމައެކެވެ. އަޖައިބަކީ، މަތީގައި ބުނެފައިވާ ފަދައިން، އެ ހަނގުރާމައިގައި ދުޝަމަނާއެކު އެއް އެނދެއްގައި ނިދަން ޖެހޭ ކަމެވެ!

  1. މާ ގިނައިން ވާހަކަ ދައްކާ މީހާގެ އަނގައިން ގިނަ ކުށް ބަސްތައް ނިކުމެއެވެ.
  2. ޝުކުރުވެރިވުމަކީ ލޯބިވުން ކަމުގައި ނުދެކޭށެވެ.
  3. ލެއްޕިފައި ހުންނަ އަނގައަކަށް މެއްސެއް ނުވަންނާނެއެވެ.
  4. އެކައްޗެއް ވެސް ނޭނގޭ މީހާ އެކައްޗަކާ މެދު ޝައްކެއްވެސް ނުކުރެވޭނެއެވެ. އަދި އެކައްޗެއް ދެކެ ބިރެއް ވެސް ނުގަނެވޭނެއެވެ.
  5. ނުބައި ކަންކަމުގެ މައްޗަށް އާދަވެ، ހޭނިފައިވާ މީހާ، ރަނގަޅުކަމެއް ފެނުމުން އުނދަގޫ އިހުސާސުކުރެއެވެ.