Support Us

އަލިފުޅުބޭގެ ރިހޭދަތް

މީހަކާ މެދު ބަރު ހިތެއް ނުބާއްވައި، މީހެއްގެ ނުރުހުމެއް ރައްދު ނުވެ އުޅެވޭތޯ ބެލުމަކީ އަލިފުޅުބޭގެ ހިތުގެ ނިޔަތެވެ. މީހަކު ހިތްހަމަ ނުޖެހިގެން އަޑުލައި ހަރުއަޑުން ބަސްބުނެ ހެދުމަށް ވުރެ ވަކީން މި އުމުރުގައި އަލިފުޅުބޭގެ މެޔަށް ތަދުވާ ކަމެއް ބޮލަށް ބުރަވާކަމެއް ހަމަ ނޯވެއެވެ.

ދަތެއްގައި ވޭން އަޅާތީ ޑަކްޓަރަށް ދައްކައިލާން ކުއްޖަކު ލައްވައި އޭނާ އެޕޮއިންޓްމެންޓެއް ހެއްދިއެވެ. އެ ކުއްޖަކު ބުނީ އެޕޮއިންޓްމެންޓް ލިބިފައި އޮތީ ދޮޅުމަހެއް ހައި ދުވަސް ފަހަށް ކަމަށެވެ. އެހެން ނަމަވެސް އަލިފުޅުބޭ އެއްޗެއް ނުބުނެއެވެ. ދަތުވޭނަށް ކެތްކޮށްލާނީއެވެ. ހަސްފަތާލަށް ގޮސް ވަރުބައިލައި ނުހަދާނީއެވެ.

ނަސީބު ރަނގަޅުކަމުން އަލިފުޅުބެއަށް ކާފަ ކިޔާ ކުއްޖަކު މެލޭޝިޔާއަށް ކުރަން އޮތް ދަތުރެއްގައި އަލިފުޅުބޭ ގެންދާން ހަމަޖެހިއްޖެއެވެ. އެ ދަތުރުގައި ޑަކްޓަރަށް ދައްކައިލައި ހަށިގަނޑުގެ ދެން ހުރި ޓެސްޓްތައް ވެސް ހަދައިލެވިދާނެތާއެވެ.

ދަތުރު ނިންމާފައި ރަށަށް އައިސް ހަފުތާއެއް ވީ ތަނާ ހަސްފަތާލުން މެސެޖެއް އައިކަމަށް ވެއްޖެއެވެ. މާދަމާއަކީ ޑަކުޓަރަށް ދައްކާން އޮތް ދުވަސްކަމަށް ވާތީއެވެ.

[ކޮން ދަތެއްގައި ރިހެނީ]
ޑަކުޓަރު އެއްސެވިއެވެ.

[ރިހުނީ މި ދަތުގައި]
އަލިފުޅުބޭ އިނގިލި ޖައްސައިލުމަށް ފަހު ބުންޏެވެ.

[އަނގަހުޅުވާލާ! މި ދަތުގައި ތަ]؟
ދަގަނޑު ދުނިކޮޅަކުން ދަތެއްގައި ޖައްސައިލުމަށް ފަހު ޑަކުޓަރު އެއްސެވިއެވެ.

[ނޫން. ނޫން! މި ދަތުގައި]
އަލިފުޅުބެ ދަތްޕިލަ ނަގައި ޑަކްރަޓުގެ މޭޒުކޮޅުމަތީ ބާއްވައިލައިފައި ކޮލުދަތުގައި އިނގިލައްސައިލައިފައި ބުންޏެވެ. ޑަކުޓަރު ކޯފާވެ ރަތްވެއްޖެއެވެ.

[ބަލަގަ ކީކޭ ހިތަށް އަރައިގެން ތިޔަ އުޅެނީ]

ކޮންމެޔަކަސް އަލިފުޅުބޭ ވަރަށް ދެރަވެއްޖެއެވެ. ދެ ފަރާތުގެ ވާހަކައަށް ފަހު އަލިފުޅުބޭގެ ޙިކުމަތާއެކު ޑަކުޓަރަށް ވެސް ފަހުން އައީ ބޮޑު ހިމޭންކަމެކެވެ. ހަމަ އެހެންމެ ދުވަސްވީ މީހަކާދިމާޔަށް ބާރަށް އެއްޗެހި ވިދާޅުވެވުނީތީ މޮޅިކަން ވެސް ހިތަށް ވެރިވިއެވެ.

އަލިފުޅުބޭ ކަން ހިނގިގޮތް ޑަކްޓަރަށް ދަންނަވައިދިނެވެ. އެޕޮއިންޓްމެންޓު ލިބުމުގައި އޮތް ދައްޗެވެ. ދަތްތަކުގައި އެޅިވޭނެއެވެ. މެލޭޝިޔާއަށް ގޮސް ދަތްޕިލާއެއް ޖެހިކަމެވެ. އޭނާ ޑަކްޓަރަށް ދެންނެވި ވާހަކައަކީ ދިރިއުޅެން އޮތް މި ރާއްޖޭގައި ކަންކަން ހަމަޖައްސައިފައި އޮތް ގޮތުން އަހަރެމެން އެކަކު އަނެކަކު ދެކެ ރުޅިނައިސް އުޅެވެން ނެތުމަކީ ކިހައި ދެރަކަމެއް ހެއްޔެވެ؟

އަލިފުޅުބޭ ބުންޏެވެ. ކޮއްކޯއެވެ. މި ހާލަތުގައި ކޮއްކޮގެ މައްސަލައަކީ ކޮބައިހެއްޔެވެ؟ އަދި ބޭބެގެ މައްސަލައަކީ ވެސް ފަހެ ކޮބައިހެއްޔެވެ؟ ދަތެއްގައި ވޭން އަޅާ މީހަކަށް ދޮޅު މަސް ދުވަހު އެ ވޭނުގައި މަޑުކުރާން ޖެހެންޏާ އެއީ ގައުމީ މައްސަލައެއް ނޫންހެއްޔެވެ؟ ބަނޑުންތޮޅޭ މާބަނޑު އަންހެން ކުއްޖާ ޑަކްޓަރަށް ދެއްކެނީ ދަރިފުޅު ލިބި އެ ދަރިފުޅަށް ނަންކިޔާން ކައްކާރޭ ކަމަށް ވަންޏާ އޭގެ މާނައަކީ ކޮބައިހެއްޔެވެ؟ އެއިން އެނގެނީ ގައުމެއްގެ ސިއްޙީ ޚިދުމަތް އެ ގައުމެއްގެ އަހުލުވެރީންނަށް ޓަކައި އޮތް ގޮތެވެ. އޮތް މިންވަރެވެ. އޮތް ފެންވަރެވެ. އެ ކަމުގެ ޒިންމާއާ ހަވާލުވާން ހުވާކުރި ހުވާވެރީންގެ ނާގާބިލުކަމެވެ.

ކޮއްކޮ ތިޔައީ ދަތުގެ ޑަކްޓަރެކެވެ. ނަގާބިލު ދަތްތަކަށް ކޮއްކޮ ހަދަނީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ ސާފުކުރަނީއެވެ. ދެން ފުޓުނި އަޅަނީއެވެ. އެ ދެވެނީ ފުރުޞަތެވެ. ރަނގަޅުވާން މުހުލަތެވެ. އެ ވަރުން ވެސް ނުވެ، އެންމެ ފަހުން އެ ދަތްތަކުގެ ސަބަބުން ހިރުގަނޑު ހަލާކުވެ މުޅިހަށިގަނޑު ކެންސަރަށް ބަދަލުވާ ހިސާބަށް ނުދަނީސް، ކޮއްކޮގެ އަތުން އެ ދަތްތައް ލުއްސައިލަމު ނޫންހެއްޔެވެ؟ އަލިފުޅުބޭގެ ދަތްތަކަށް އޭގެ ވާޖިބު އަދާނުކުރެވި ބޮޑު ވޭނަކަށް ވީމާ އަލިފުޅުބޭ ވެސް މި އައީ އެ ދަތްތައް ލުއްސައިލައިގެންނެވެ. އާ ދަތްޕިލައެއް ޖަހައިގެނެވެ. އޭރުން ހިރުގަނޑާއި އަޅުގަނޑާ ސަލާމަތްވެ، މި އަރައިފައި ހުރި އައްސިގަނޑާއި ތަދުގަނޑު ވެސް ފިލައި ދިޔައީ ނޫންހެއްޔެވެ؟

އަލިފުޅެބޭއަށް ވާހަކަ ގެންދެވުނު ރާގުން ޑަކްޓަރާއި އަލިފުޅުބެއަށް ވެސް އެކުއެކުގައި ހީނލެވުނެވެ. އަދި ފުން އިޙްސާސަކާއި ފިކުރުތަކަކާ އެކު ބޯޖަހާލެވުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *