Support Us

ގައުމުތައް ތަރައްގީވެ ކުރިއަރައިދިޔުމާ ބެހޭ ވާހަކައެއް

ގައުމުތައް ތަރައްގީވެ ކުރިއަރައި ދިޔުމަށްޓަކައި ތަރައްގީގެ އަމާޒަކަށް ވާންޖެހެނީ ގައުމުގެ އަފުރާދުންނެވެ. ތަރައްގީގެ މަޝްރޫއުތައް ވާން ޖެހޭނީ، އޭގެ ޒާތަށްޓަކައި ހިންގޭ މަޝްރޫއުތަކަކަށް ނޫނެވެ. ގައުމުގެ އަފުރާދުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށްޓަކައި ހިންގޭ މަޝްރޫއުތަކަކަށެވެ. ތަރައްގީގެ އަމާޒަކަށް ގައުމުގެ އަފުރާދުން ވުމުން، ތަރައްގީގެ މަސައްކަތް ވެގެންދާނީ އެމީހުންގެ ހަޔާތީ ބޭނުންތައް ފުއްދޭނޭ ގޮތް އެމީހުންނަށް ހޯދައިދީ އެމީހުންނަށް މަސައްކަތް ކުރުމުގެ ފުރުސަތައް ލިބޭނޭ ގޮތް ހެދުމެވެ. މަސައްކަތްކޮށްގެން ރަނގަޅު ދިރިއުޅުމެއް ހޯދައިގަނެވޭނޭ އާމްދަނީއެއް ލިބޭނޭ ނިޒާމެއް ގާއިމުކުރުވެ. އެންމެންނަށް ވެސް އަމިއްލައަށް ވިސްނައި ފިކުރުކުރުމުގެ ހުނަރު ލިބިދޭނޭ ފަދަ ހަރުދަނާ ރަނގަޅު ތައުލީމެއް ނިޒާމެއް ބިނާކުރުމެވެ. ފަރުދުންގެ މެދުގައި ތަފާތުކުރުމެއް ނޯންނަ، އެމީހުންގެ ސިއްހީ ބޭނުންތައް، ސަލާން ނުޖަހައި ފުއްދޭނޭ ފަދަ ސިއްހީ ނިޒާމެއް ގާއިމުކުރުމެވެ.

މިފަދަ ގޮތެއްގައި ގައުމު ތަރައްގީކުރުމަށްޓަކައި ދެ ކަމެއް ބޭނުންވެއެވެ. އެންމެ ފުރަތަމަ ހޭލުންތެރި ރައްޔިތެއް އުފެދެން ބޭނުމެވެ. މާތްރަސްކަލާނގެ ތިމާއަށް ހިބަކޮށް، ދެއްވާފައިވާ ސަލާމަތް ބުއްދި އަމިއްލައަށް ބޭނުންކޮށްގެން، އަމިއްލައަށް، ވިސްނައި ފިކުރުކުރަން އެނގޭ ރައްޔިތެކެވެ. ވެރިކަންކުރާ ކޮންމެ ވެރިޔެއްގެ ވާހަކައަކަށް، ޚުޝާމަދުކޮށް، ކަނު ސިފައެއްގައި، އަތްތިލަބަޑި ނުޖަހާ، ބުއްދީގެ ހަމަތައް ބޭނުންކޮށްގެން، އެ ވާހަކަތަކުގެ އަގުވަޒަންކުރަން އެނގޭ ރައްޔިތެކެވެ. މިފަދަ ރައްޔިތަކު އޮވެއްޖެ ނަމަ، ވެރިންނަށް ތިބޭ މީހުން، އެމީހުން ހިތުހުރި އެއްޗެއް ކިޔަން، ޖެހިލުންވާނެއެވެ. ދޮގު، ޕުރޮޕަގަންޑާ ވާހަކަތައް ނުދައްކައި، ކަންކަން ކުރާނަމޭ ބުނެ ސިޔާސީވެރިން ވައުދުވާ ނަމަ، އެކަން ކުރާނީ ކިހިނެއްކަން ވެސް ބަޔާންކޮށްދޭނެއެވެ. އަދި ކަމެއް ކުރަން ބުނާއިރު، އެކަން ކުރަން ޖެހެނީ ކީއްވެގެން ކަމައި އެކަމުގެ ޚަރަދުތަކަކީ ކޮބައި ކަމާއި އެ ޚަރަދުތައް ކުރުމުގެ ފައިސާ ހޯދާނޭ ގޮތް ވެސް ބުނާނެއެވެ. މީގެ އިތުރުން، އެ ފައިސާ އަނބުރާ ދައްކާނޭ ގޮތް ވެސް ބުނެދޭނެއެވެ. ސަބަބަކީ ހޭލުންތެރި ރައްޔިތެއް އޮތް ނަމަ، މިކަންކަން ބަލަން އެ ފަދަ ރައްޔިތެއް ބޭނުންވާނެތީއެވެ.

މިފަދަ ގޮތެއް ރައްޔިތުންނަށް ހޭލުންތެރިވުމަކީ، އެކަމާއިގެން، އުޅެއްޖެ ނަމަ، ވާނޭ ކަމެކެވެ. އެކަން ކުރުމުގެ ހިއްވަރު ލިބިގަންނަން ޖެހޭނީ، ދެންމެ މި ނަންގަތް ފަދައިން ހޭލުން ތެރި ވެވިއްޖެ ނަމަ، އެކަމުގެ ފައިދާ ހުރިހާ އެންމެނަށް ވެސް ކުރާނެތީއެވެ. އަނެއް ކޮޅުން، މިފަދަ ގޮތެއްގައި ހޭލުންތެރި ނުވެއްޖެ ނަމަ، ކޮންމެ މީހަކު ނުވަތަ ކޮންމެ ބަޔަކު ވެރިކަމަށް އައި ކަމުގައި ވިޔަސް، އެމީހަކު ނުވަތަ އެބަޔަކު މަސައްކަތް ކުރާނީ އެމީހުންގެ އަމިއްލަ ފައިދާއާއި މަސްލަހަތު އިސްކޮށްގެން ކަން ހަނދާން ކުރަން ޖެހެއެވެ. ވޭތުވި ދިޔަހާ ދުވަހެއްގެ ތާރީޚަށް ބަލައި މިކަން ދެނެގަންނަން ޖެހެއެވެ. އެއްވެސް މީހަކީ، އޭނާ ވަކި އާއިލާ އަކަށް އުފަން ވުމުން، ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ތަބާވުމުން، ހެޔޮ ގޮތް ވިސްނޭ މީހެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް، ހެޔޮކޮށް ވިސްނުމުގެ އެކަށޭނަކަށް ގުދުރަތުން ދެއްވާފައި ވެއެވެ. އެހެންވެ، ކޮންމެ މީހަކަށް ވެސް އޮތީ އެމީހެއްގެ ހެޔޮ ވިސްނުން ބޭނުންކޮށްގެން ހެޔޮ ގޮތަކީ ހެޔޮ ގޮތް ކަމުގައި ދުށުމެވެ. އަދި ނުބައި ގޮތަކީ ނުބައި ގޮތް ކަމުގައި ދުށުމެވެ. ތިމާމެންގެ ކުރި މަތީ، ރޯމާ ދުވާލު، ދޮގު ހަދައި އޮޅުވާލައި، މަކާރާއި ހީލަތް ހަދައި، ވައްކަމާއި ފަސާދައިގެ އަމަލުތައް ހިންގާ މީހުންނަށް ތާއީދު ނުކުރަންވީއެވެ. އަދި ތިމާއަށާއި އެހެން އެންމެނަށް ވެސް ފައިދާ ހުރި ގޮތަކީ މިއީ ކަމުގައ ދުށުމެވެ. މިފަދައިން ކޮންމެ މީހަކު ވެސް އޭނާގެ އަމަލުތައް ބެހެއްޓިއްޖެ ނަމަ، ހޭލުންތެރި ރައްޔިތެއް އުފެދޭކަން ލަހެއް ފަހެއް ނުވާނެއެވެ.

ދެވަނަ ކަމަކީ ގައުމިއްޔަ ލޯބީގެ ބާރުން ހިއްވަރު ލިބިގަނެގެން ގައުމާއި ގައުމުގެ އަފުރާދުންގެ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރާނޭ ޚިދުމަތްތެރި އިޚުލާސްތެރި، ތެދުވެރި ހަރުދަނާ ޒައީމުންނާއި ސިޔާސީ ވެރިން އުފެދުމެވެ. ތިމާގެ އަމިއްލަ ނަފްސާއި އަމިއްލަ އެދުމުގެ މަސްލަހަތު އިސްކޮށް، ތިމާގެ އަމިއްލަ ނަފްސަށާއި އަމިއްލަ އެދުންތައް ހާސިލުކުރުމަށްޓަކައި ސިޔާސީ ބާރުތައް ހޯދަން ދަހިވެތިވެގަންނަ ސިޔާސީ ވެރިންގެ ބަދަލުގައެވެ.

ހޭލުންތެރި ރައްޔިތަކާއި އިޚުލާސްތެރި ތެދުވެރި ސިޔާސީ ވެރިން އުފެދިއްޖެ ނަމަ، ތަރައްގީގެ މަސައްކަތް، އޭގެ ހަގީގީ އަމާޒުކަމުގައިވާ ރައްޔިތުން ކަމުގައި ދެކިގެން، ބާރު އިސްޕީޑުގައި ކުރިއަށް ގެންދެވޭނެއެވެ.