Support Us

ޖުހާގެ ނަޒަރުގައި ތަނެއްގެ ހާލަތު ނުދަންނަ ބީރައްޓެއްސަކު އެތަން ދެނެގަންނާނެ ގޮތް

އެއް ދުވަހަކު ޖުހާއާ ކުރެވުނު ސުއާލެކެވެ. ތަނެއް އެއްގޮތަކަށް ވެސް ނުދަންނަ ބީރައްޓެއްސަކު ތަން ދެނެގަންނަން ބޭނުންވެއްޖެ ނަމަ، އޭނާއަށް އެތަން ދެނެގަނެވިދާނޭ ގޮތެއް އޮވެދާނެ ހެއްޔެވެ؟

ޖަވާބުގައި ޖުހާ ބުންޏެވެ. ނުދަންނަ ތަންތަނަށް ނުގޮސް ވަރަށް ގިނައިން އެތަންތަން އެބަ ދެނެގަނޭނޫން ހެއްޔެވެ؟ ފަލަކުގައިވާ އެކިއެކި ތަރިތަކުގެ މައުލޫމާތު އެބަ ލިބިގަނޭނޫންހެއްޔެވެ؟ އެތަރިތަކުން ލިބޭ ކުޑައެއްޗެއްގެ އަލީގައެވެ. ހިލޮކޮޅުތަކާއި ފޮޓޯތަކުގެ އަލީގައެވެ.

ހަމަ މިފަދައިން، ނުދަންނަ ތަނެއް، ކޮންމެވެސް ވަރަކަށް ނަމަވެސް ދެނެގަނެވިދާނެއެވެ. މި ނަންގަތް ފަދަ 'ފޮޓޯތަކާއި' ކުދިކުދި 'ހިލަކޮޅުތަކުގެ' އެހީގައެވެ. އެންމެ ފުރަތަމަ ތަނެއް ދެނެގަންނަން، އެނގެން ޖެހޭނީ ކޮންކޮން ކަމެއް ހެއްޔެވެ؟ ތަނުގެ މީހުން ވިސްނާ ފިކުރުކުރާ ގޮތެވެ. ތަނުގެ އަގުތަކެވެ. ތަނުގައި ކުށުގެ ކަންތައްތައް އޮތް ހާލަތެވެ. ތަނުންގެ ވެރިންނާއި އާންމުން ތަމްސީލުކުރާ މީހުންގެ ކަންތައްތައް ހުންނަ ގޮތެވެ. މި ކަންކަން އެނގިިއްޖެ ނަމަ، ތަން ދަސްވާން ފެށުމަށް މަގެއް ކޮށޭނެއެވެ.

ތަނުގެ މީހުންގެ ވިސްނުމާއި ފިކުރުކުރުން ހުންނަ ގޮތް އެންމެ ފަސޭހައިން ފެންނާނެ 'ފޮޓޯއަކީ' ތަނުގެ ނޫސްތަކުގައި ލިޔެފައި ހުންނަ ލިޔުންތަކުންނެވެ. އަދި، އެ ލިޔުންތަކާމެދު މީހުން ފާޅުކޮށްފައި ހުންނަ ޚިޔާލުތަކުން ވެސް މެއެވެ. އެފަދަ ލިޔުންތަކާއި އެ ލިޔުންތަކާ ގުޅޭ ގޮތުން ފާޅުކުރެވިފައިވާ ޚިޔާލުތައް ބިނާވެފައި އޮންނަނީ އިލްމީ މައުލޫމާތާއި ޒިހުނިއްޔަތުގެ މައްޗަށް ކަމަށް ވަންޏާ، އެތަނުގެ މީހުންވާނީ އިލްމީ އަދި ޒިހުނިއްޔަތުގެ ބައެއް ކަމުގައެވެ. އެފަދަ ލިޔުންތަކަކީ އެއްވެސް އަމިއްލަ ކުލައެއް ނެތި، އިވޭ އަޑުތަކާއި ފެންނަ މަންޒަރުތައް ނަކަލުކޮށް ލިޔެފައިވާ ލިިޔުންތަކެއް ނަމަ، އެ ބަޔަކުވާނީ އަމިއްލަ މުސްތަގިއްލު ވިސްނުމެއް ނެތް، ތިމާމެންގެ އަމިއްލަ ބުއްދި ބޭނުން ނުކުރާ ނުވަތަ ކުރަން ނޭނގޭ ބަޔަކަށެވެ. ނޫސްތަކުގައި، ޚަބަރުތަކާއި ރިޕޯޓުތަކާއި ގުޅޭގޮތުން ޖަހާފައި ހުންނަ ފޮޓޯތަކުން ވެސް ވަރަށް ގިނަ ކަންތައްތައް އޮޅުންފިލައިފާނެއެވެ. މިސާލަކަށް، އެކިއެކި އިޝްތިހާރުތައް ގެނެސްދޭއިރު، އެކަން ތަމްސީލުކުރަން ބޭރު މީހުންގެ ފޮޓޯތައް ގެންނަ ކަމަށް ވަންޏާ، އަމިއްލަ ނަފްސަށް އިތުބާރު ކުޑަކަމާއި އަމިއްލައަށް ކަންކަން ކުރެވިދާނޭ ކަމާ މެދު ޝައްކުކުރެވޭކަން، ބައެއް ފަހަރު، ފާހަގަކުރެވިދާނެއެވެ.

މީގެ އިތުރުން ވެސް، ލިޔުންތަކާއި ތައުލީގުތަކުގެ އަދަބީ ފެންވަރަށް ބަލައިލުމުން ތަނުގެ ތައުލީމީ ނިޒާމާ މެދު ވެސް ކޮންމެ ވެސް މިންވަރެއް ފާހަގަކުރެވޭނެއެވެ. ތައުލީމެއް ހޯދައިދިނުމުގެ އެންމެ މުހިއްމު މަގުސަދަކީ ވިސްނަން ދަސްކޮށްދިނުމާއި ތިމާއަށް ވިސްނޭ އެއްޗެއް ސާފުކޮށް ބުނެދިނުމުގެ ހުނަރު ދަސްކޮށްދިނުން ކަމުގައިވާ އިރު، ނޫސްތަކުގައި ލިޔެވޭ ލިޔުންތަކުންނާއި ތައުލީގުތަކުން ތައުލީމީ ނިިޒާމަށް މަގުސަދު ހާސިލު ކުރެވިފައި އޮތީ ކިހާވަރަކަށްކަން ކޮންމެ ވެސް ވަރަކަށް ނަމަވެސް ފާހަގަކޮށްލެވޭނެއެވެ.

ދެން އޮތީ ތަނުގެ އާންމުންގެ ކަންކަމާއި ހަވާލުކުރެވިފައިވާ މީހުންގެ މައްޗަށް ބަަލައި އެނގިދާނޭ އެނގުމެކެވެ. ތަންދޮރު ދަންނަ، ކަންކަން ކުރުމުގެ މަގާއި ގޮތް އެނގޭ، ގާބިލު މީހުންނާ މި ފަދަ މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައވާ ނަމަ، ތަނުގެ ރައްޔިތަކީ ތަސައްރަފު ފުދިފައިވާ ހޭލުންތެރި ބަޔަކު ކަމުގައި ބެލެވިދާނެއެވެ. ނަމަވެސް، ގައުމުގެ ނައުގެ ހުންގާނާއި ހަވާލުކުރެވިފައި ތިބީ ސިކުނޑީގައި އެއްވެސް ބާރެއް ނެތް، ކަންކަން ކުރަން އޮންނަަ މަގާއި ގޮތް ނޭނގޭ، ނާގާބިލު ބައެއް ކަމުގައި ވާނަމަ، އެކަމުން ފެންނަނީ އާންމު ރައްޔިތުންގެ ހާލަތެވެ. މަސްއޫލުވެރި ކަންކަމަށް އިސްކުރާނޭ މީހުން ދެނެނުގަނެވިވާ ބައެއްކަމުގައެވެ. ދާދި ފަސޭހައިން 'ފޮނި ވާހަކަތަކަށް' ހެއްލި ހިނގައިދާނޭ ބައެއް ކަމެވެ. ރަނުގެ ފޮއްޗަކަށް ވިކި، ތިމާމެންގެ އަބުރާއި އިއްޒަތް ވެސް ވިއްކާލައިފާނޭ ބައެއް ކަމެވެ. ޒާތީ ތައައްސުބުން އެއްކިބާވެ، ގާބިލުކަމުގެ ސިފައަށް ބަލައި ކަންކަމަށް މީހުން އިސްކުރަން ނޭނގޭ ބައެއް ކަމުގައެވެ. މިފަދަ ބައެއްގެ އަތަށް، އެއް ހޮރުން ދެފަހަރު، ކީއްކުރަން ހެއްޔެވެ؟ ތިން ހަތަރު ފަހަރު ވެސް ކަށި ޖެހިދާނޭ ބައެއް ކަމެވެ! ގައުމު އިމާރާތްކޮށް، ރައްޔިތުންނަށް ދިރިއުޅުމުގެ މަގުފަހިކޮށް ދިނުމަކީ ވެރިކަމުގެ ވާޖިބުކަން ނޭނގޭ މީސް މީހުން ވެރިކަމަށް އިސްކޮށް، އެފަދަ މީހުންގެ ފޮނި ޚިޔާލީ ވާހަކަތައް އަޑުއަހައި، އެފަދަ މީހުންނަށް، ޚުޝާމަދުކޮށް ލީޑަރު ތަސްބީހަ ކިޔައި، އަތްތިލަބަޑި ޖެހުމުގައި ދެމިތިބޭނޭ ބައެއް ކަމެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *