Support Us

ޙަކީމުކަލޭގެފާނުގެ އައިނުކޮޅު

ދުނިޔޭގެ ޝަހަރުތަކުގެ ތެރެއިން ޝަހަރެކެވެ. އެ ޝަހަރުގެ އާއިލާއަކަށް ލިބުނު ކުއްޖެކެވެ. މުޅި އާއިލާގެ ލޯބި ހަންހާރަޔާއެކު މި ކުއްޖާއަށް ނަމެއްކިޔެވެ. ތަނުގެ އަހުލުންގެ ރީތި ވެހީ ނަމެކެވެ. ކުލަ ގަދަ އޮފު ގަދަ ރަސްމިއްޔާތެއްގައެވެ. މި ކުއްޖާ ވީ މުޅި އާއިލާ އެ ކުއްޖާގެ ފައިދަށަށް ތިރިކޮށްލި ބާރުވެރިޔަކަށެވެ. ހަރުކަށިކަމެވެ. ގޮތްދޫނުކުރުމެވެ. އާއިލާގެ އެއްވެސް މެންބަރެއްގެ ހިތުގެ ރިހުމަކަށް އުދާހަކަށް، ނިތުގެ ރުލަކަށް ޚިޔާލަކަށް ބެލުމެއް ނެތެވެ. ކާބަފައިޒަމާނުއްސުރެ އެއްވެފައިވާ މުދަލާއި ތަކެއްޗަށް އެނާ ހަދަނީ ހަދާނެ ގޮތެކެވެ. އެއީ އޭނާގެ މިލްކެއް ފަދައެވެ.

އާއިލާގެ ތެރޭގައި މި މައްސަލަ ބޮޑުވެއްޖެއެވެ. ގިނަ މީހުނަށް ވިސްނުނީ އެ ކުއްޖާޔަށް ދެވުނު ނަމެއްގެ ސަބަބުން ލައިގަތް ސުންޕާކަމެއްގެ ގޮތުގައެވެ. އެހެންވެގެން މި ކުއްޖެއްގެ ނަން ބަދަލުކޮށްލައިފިއެވެ. ރީތި އަރަބި ނަމެކެވެ. އޭގެ ބަރަކާތުން ހެވެއް ރަނގަޅެއް ވޭތޯއެވެ. ޒަމާންތަކެއް ވީ އިރު އެ ކަމަކުން ވެސް ވީކަމެއް ނެތެވެ.

އަނެއްކާ ވެސް ނަންބަދަލުކޮށްލައިފިއެވެ. މި ފަހަރު ހުޅަނގުގެ ތަޢުލީމާ ގުޅިފައިވާ ނަމެކެވެ. ޔޫނާނީ ފިކުރުތަކާ ގުޅިފައިވާ އިނގިރޭސި ފަޅީގެ ނަމެކެވެ. ޖޯޖު ވޮޝިންޓަން ނުވަތަ އަބްރަހަމް ލިންކަން ފަދައިން، އަމިއްލަ އާއިލާގެ ހެވަތަށް ހިންމަތްކުރާނެކަމުގެ އުންމީދުގައެވެ. އެކަމަކު މި ފަހަރު ވެސް ދިޔައީ ހަމަ ތޮޅިޔަށެވެ.

އޭގެ ފަހުން އަނެއްކާ ވެސް ނަންބަދަލުކުރާން އާއިލާގެ ތެރޭގައި ވާހަކަފެށިއްޖެއެވެ. މި ކަމާގުޅިގެން ފާއިތުވި ތަނަށް ބަލާ މުސްކުޅި ހަރު ޒާތު މީހުންގެ ޚިޔާލަށް އައީ، މި މުސީބާތުން އަރައިނުގަނެވިގެން އުޅޭ އެހެން ސަބަބެއް އޮވެދާނެކަމަށެވެ. އެހެންވީމާ ހޯދާންވީ އެ ސަބަބެކެވެ. އެ ކަމަށް ޓަކައި ދާންވީ ޙަކީމެއްގެ ގާތަށެވެ.

ހަކީމުކަލޭގެފާނު އެއްސެވިއެވެ. ތިޔަ ކުއްޖަކަށް ތިޔަބައިމީހުން ދީ އުޅުނު ނަންތަކަކީ ކޮބައިހެއްޔެވެ؟ އޭގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ އެ މީހުން ދެންނެވިއެވެ. އެންމެ ފުރަތަމަ އަޅުގަނޑުމެން ކީ "ރަސްކަން" އެވެ. ދެން ކީ "ޖުމްހޫރިއްޔާ" އެވެ. ދެން ކީ "ޑިމޮކްރަސީ" އެވެ. އެކަމަކު އޭނާގެ އުޅުމަކަށް އަޚްލާޤަކަށް ބަދަލެއް ނައެވެ.

ރަސްކަމެއްގެ ނަން އޭނާއަށް ކީ އިރު ވެސް މުޅި ޝަހަރުގެ ބިންތަކާއި މުދަލާ ހުރިހައިކަމެއް ހަމަ އޭނާގެ ހިތެކެވެ. ޖުމްހޫރިއްޔާއެކޭ ކީމާ ވެސް ހަމަ އެހެނެވެ. ޑިމޮކްރަސީއޭ ކީމާ ކުޑަ ތަފާތެއް އައެވެ. އެއީ ޑިމޮކްރަސީއޭ ކިޔުނު އިރު އޭނާ ވެސް ބޮޑުވެ، މީހުންނާ އިނދެ ކުދީން ލިބި އެކުދީން ބޮޑެތިވެއްޖެއެވެ. ނަތީޖާއަކަށްވީ މިހާރު ހުރިހައި މުދަލެއް، ބާރެއް އޮތީ އޭގެ ދެތިން ބަފައިންގެ އަތުގައެވެ. އަޅުގަނޑުމެންގެ ހަތަރު ހާސް އަހަރުވީ ގޯތީގެ އެންމެހައި ރުއްގަހާއި ވެޔޮވެލާއި ވިނަކޮޅެއް ހުރި ނަމަ އެ ވިނަކޮޅަކަށް ދަންދެނެވެ. މިހާރު އެ ތަކެއްޗާއި އެންމެހައި އިމާރާތްތަކާއި ވަޅު ފަދަ ތަންތަނާއި ދާނި ދަނޑިޔަށް ދަންދެން ވިއްކައިލައިފިއެވެ. އަނެއްކާ މިއަދު އިވެނީ އޭނާގެ ބާރު ދަމަހައްޓާން އެ އޮތްތާ ސިއްލަންކޮޅުން ދުރު ހިލޭ ބީރައްޓެހީންގެ ޖަމާއަތެއްގެ މީހުން ގެންނާން އުޅޭ ޚަބަރެވެ.

ފުން ނޭވާފުޅެއް ލެއްވުމަށް ފަހު ހަކީމުކަލޭގެފާނު ވިދާޅުވިއެވެ. ތިޔަ ހުރިހައި ނަމެއް އެއް ފަރާތްކޮށްލައިފައި އަހަރެން ތިޔަ ކުއްޖަކަށް ތަފާތު އެހެން ނަމެއް ކިޔަމެވެ. އެ ނަމަކީ "ސަރުކާރު" އެވެ.

ހަގީގަތުގައި ތިޔަ ވީ ގޮތެއް އެނގޭހެއްޔެވެ؟ ތިޔަ ގޯއްޗަކީ އެ ތަނުގެ ބިމަކީ ރުއްގަހަކީ ކަލޭމެންގެ އެއްޗެއްކަން ކަލޭމެންނަށް ގަބޫލުކުރެވިފައި ނެތީއެވެ. އެކަން އިޙްސާސްކުރެވިފައި ވެސް ނެތީއެވެ. ކަލޭމެން ހީކޮށްގެން ތިބެނީ އެ ތަކެތީގެ ވެރިޔަކީ ތިޔަ ބުނާ މީހާކަމަށެވެ. އޭނާ ދެއްވައިފިއްޔާ ހެޔޮފުޅުކަމެވެ. ނުދެއްވައިފިއްޔާ ޙިކްމަތްތެރިކަމެވެ. ދިރުވައިލައިފިއްޔާ ވިސްނުންފުޅުގެ ތޫނުކަމެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ތިޔަ ބުނާ މީހަކީ ކޮންމެ ނަމެއް ކިޔަސް އެ ތާނގެ ވެރިއެއް ނޫނެވެ.

ކަލޭމެން ތިޔަ ދެމެހެއްޓި ނަން ބަދަލުކުރުމުގެ އާދަ ބަދަލުކުރާކަށް އަހުރެންނެއް ނުބުނާނަމެވެ. އެހެންވީމާ މި ފަހަރު ވެސް ނަން ބަދަލުކުރަމާ ހިނގާށެވެ. އަދި ކަންވެސް ބަދަލުކުރާން ޖެހެއެވެ. މި ފަހަރުގެ ނަމަކީ [ސަރުދާރު] އެވެ. ދެން ކަން ބަދަލުކުރުމަށް ޓަކައި މި ދެނީ ޚާއްޞަ އައިނެކެވެ. މީގެ ފަހުން މި އައިނު ލޮލުގައި އަޅައިގެން އޭނާއަށް ބަލާށެވެ. މި އައިނު މެދުވެރިކޮށް ކަލޭމެންގެ ސިކުނޑީގައި ސަރުދާރެއްގެ ސޫރަ ކުރަހާލާށެވެ. ކަލޭމެންނަށް އޭނާ ފެނަންވާނީ ސަރުދާރެއްގެ ގޮތުގައެވެ. ކަލޭމެންގެ ލޮލުގެ ހިމަކޮޅުން ވެސް އޭނާއަށް ބަލާންވާނީ އެ ނަޒަރުންނެވެ. މި ގޮތަށް ސިކުނޑީގައި އެ ސޫރަ ކުރެހުމަށް ޓަކައި އެންމެ ފުރަތަމަ ތަނުގެ ވެރީންނަކީ ބާރުވެރީންނަކީ ކަލޭމެންނާއި ކަލޭމެންގެ ދަރީންގެ ދަރީންކަން ގަބޫލުކުރާން ޖެހެއެވެ. ތިޔައީ ތިޔަ ގޯތީގެ މިލްކުވެރީންކަށް ވިސްނެން ޖެހެއެވެ. ކެރިގެން އެ ގޮތަށް ފިކުރުކުރާން ފަށާށެވެ. އޭރުން ވާނީ ކިހިނެއްހެއްޔެވެ؟

ސަރުދާރަކީ ކަލޭމޭންގެ މުދާ ބަލަހައްޓާން މުސާރަދީފައި ވަގުތީގޮތުން ބަހައްޓާ މީހެކެވެ. ހަނދާންކުރާށެވެ. މި ވިސްނުން ކަލޭމެނަށް އަތުވެއްޖެއްޔާ އޭނާ ގޯސްހަދާން ފެށީމާ ކަލޭމެނަށް ނޫނެކޭ ބުނާން ހިތްވަރުލިބޭނެއެވެ. އޭނާ ވަޒީފާއިން ވަކިކުރާން ކެރޭނެއެވެ. އެއީ އަޅުކަންކުރާން ޖެހޭ ކަލާނގެއެއް ނޫންކަން ކަލޭމެންނަށް ގަބޫލުކުރެވޭނެއެވެ. ކަލޭމެންގެ ތެރެއިން މީހުން ކުށްކުރާ ގޮތަށް އޭނާ ވެސް ކުށްކުރާނެކަން، ކަލޭމެންގެ ތެރޭން މީހުން މަކަރުހަދާ ގޮތަށް، އޭނާ ވެސް މަކަރު ހަދައިފާނެކަން ހިތަށް ގެންނާން ފަސޭހަވާނެއެވެ. ހަމައެހެންމެ އޭނާއަށް ވެސް އޭރުން އޭނާގެ ސައިޒު އެނގި ކަލޭމެން ދެކެ ބިރުގަންނާނެއެވެ. ކަލޭމެންގެ ބާރު އޭނާއަށް އިޙްސާސްކުރެވޭނެއެވެ. އޭނާ ވަޒީފާއިން ވަކިކޮށްފާނެތީ ޖެހިލުންވާނެއެވެ. އާއިލާގެ ތެރޭގައި އަގުވެއްޓި އެކަހެރިކޮށްލެވޭނެތީ ސިހޭނެއެވެ. އޭރުން ކަލޭމެނަށް ހަމަބިމަށް އެރުނީއެވެ. އޭނާއަށް ހަމަބިމަށް ފޭބުނީއެވެ.

ވިސްނާށެވެ. ހަނދާންކުރާށެވެ. ސަރުދާރު ކިޔާހައި ލަވަޔަކަށް ވަޒީފާ ދޭ ފަރާތުން ހެއްލިގަނޭ ހެއްޔެވެ؟ ނަށައިގަނޭ ހެއްޔެވެ؟ ނޫނެކެވެ. ކަލޭމެނަށް ގޮތްކިޔައި ދޭނީ އޭނާއެއް ނޫނެވެ. އޭނާ އޭނާގެ ސައިޒުގައި ބަހައްޓާށެވެ. އޭނާ ކަންތައް ކުރާންވީ ގޮތް ކިޔައިދޭނީ ކަލޭމެނެވެ. ވަޒީފާ ދިން ފަރާތުންނެވެ. މި ކަމަށް ޓަކައި ފުރަތަމަ ކުރާން އޮތް ކަމަކީ ކަލޭމެންނަކީ ކޮން ފަދަ ބާރެއް އޮތް ބައެއްކަން ކިހައި މުދަލެއްގެ ހައްގުވެރީންނެއްކަން އެ މުދަލުގެ މައްޗަށް ބަސްބުނާނީ ހަމައެކަނި ކަލޭމެންކަން ހިތުގެ އެންމެ ފުނުން އިޙްސާސްކުރުމެވެ. އެނގި ލޯ ހުޅުވުމެވެ. ހޭލައި ރޯނާ ފިލުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *