Support Us

އާސާރުކޮށްފައިވާ ފޯނު ހިމެނޭ ފޮޓޯ ފްރޭމަކާއެކު މުހައްމަދު ޝަހީބު

ރޯމިން ކޯލަކުން ދިން ފުޓްބޯޅަ ކޮމެންޓްރީގެ ނުދައްކާ ހުރި ވާހަކަތައް- 18 އަހަރު ފަހުން…

މިއީ އަޅުގަނޑުގެ ނޫސްވެރިކަމުގެ ހަޔާތުގައި ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެކެވެ. އެއީ 2003 ވަނަ އަހަރެވެ. މީގެ 18 އަހަރު ކުރިއެވެ. އޭރު ހަވީރުގައި މަސައްކަތް ކުރާތާ 15 ވަރަކަށް އަހަރު ވަނީއެވެ. އަޅުގަނޑު މަސައްކަތް ކުރަމުން އައީ ހަވީރުގެ ސްޕޯޓްސް ޑެސްކުގައެވެ. މަގާމަކީ ސީނިއަރ އެސިސްޓެންޓް އެޑިޓަރ، ސްޕޯޓްސް އެވެ.

އަދި ހަވީރުގެ މެނޭޖްމަންޓުން ނެރޭ ހުވާސް މަޖައްލާގެ އެޑިޓަރެވެ.

ސާފް ޗެމްޕިއަންޝިޕް ކަވަރުކުރަން ބަންގްލަދޭޝަށް

ބަންގްލަދޭޝްގެ ޑާކާގައި 10-20 ޖަނަވަރީ 2003 އަށް ކުޅެން ހަމަޖެހިފައި އޮތް ސާފް ޗެމްޕިއަންޝިޕް ތިން ވަނަ ފުޓުބޯޅަ މުބާރާތް ކަވަރުކުރުމަށް ހަވީރުގެ ފަރާތުން ދާ ނޫސްވެރިއެއްގެ ގޮތުގައި އަޅުގަނޑު ހަމަޖެހުނެވެ. އޭގެ ކުރިންވެސް ބައިނަލްއަގުވާމީ އެތައް މުބާރާތެއް ކަވަރުކުރުމަށް ދުނިޔޭގެ އެތަންމިތަނަށް ދަތުރު ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. ހަވީރުގެ ސްޕޯޓްސް ޑެސްކުގައި އޭރު ތިބީ އަޅުގަނޑާއި މޫސާ ލަތީފެވެ.

ނޫސްވެރިކަމުގެ އަލިމަސް ގަލަމާއެކު ޝަހީބު އަދި މޫސާ ލަތީފު (ވ) 12 ޑިސެމްބަރު 2018ގައި

މޫސަ އަކީ 1989 ގައި އަޅުގަނޑު ހަވީރުގައި ލިޔަން ފެށިއިރުވެސް، ކުޅިވަރު ސަފުހާ ލިޔަމުން އައި، އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ އެންމެ މޮޅު ސްޕޯޓްސް ޖާނަލިސްޓެވެ. އަދި އެންމެ މޮޅު ފީޗަރ ރައިޓަރުވެސް މެއެވެ. ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ދަނީ ދެ މީހުން ބަހާލައިގެން، ފަހަރަކު މީހެކެވެ. އެކަމަކު ބައެއް ފަހަރު ދެ މީހުން އެކުގައިވެސް ބައެއް ގައުމުތަކަށް ގޮސްފައި ހުންނާނެއެވެ.

ސާފް ޗެމްޕިއަންޝިޕް ކަވަރުކުރަން އަޅުގަނޑު ޑާކާއަށް ހިނގައްޖައީމެވެ. ގްރޫޕު ސްޓޭޖުގައި ބޫޓާން ކޮޅަށް ހަ ލަނޑު ޖަހައި އަދި ނޭޕާލް އަތުން 3-2ން މޮޅުވެގެން ރާއްޖެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ގްރޫޕު މެޗުގައިވެސް ބަންގްލަދޭޝް އަތުން 1-0ން ރާއްޖެ ވީ ބައްޔެވެ. މުބާރާތުގެ ހަބަރުތައް އެންމެ ތާޒާކަމާއެކު ގެނެސްދެމުންދިޔައީ ހަވީރުންނެވެ. ރާއްޖޭގެ ކުޅިވަރު ޚަބަރުތައް އޭރު އެންމެ ތާޒާ ވާނީ ވެސް ހަވީރުގައެވެ. ހަވީރުގެ ފުރަތަމަ ސަފުހާއަށްވުރެ ކުރިން، ގިނަ މީހުން އޭރު ކިޔާލާނީ ވެސް ފަހު ސަފުހާއެވެ. ރާއްޖޭގެ ކުޅިވަރު އޮންނާނީ ހަވީރުގެ ފަހު ސަފުހާގައެވެ.

18 ޖަނަވަރީ 2003، ބަންގުބަންދު ނެޝަނަލް ސްޓޭޑިއަމް، ޑާކާ

ސާފް ޗެމްޕިއަންޝިޕް ތިން ވަނަ ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ދިވެހި ރާއްޖެ އާއި ޕާކިސްތާނު ބައްދަލުކުރި މެޗު ފެށުމުގެ ގަޑިއެއްހާއިރު ކުރިން ބަންގުބަންދު ނެޝަނަލް ސްޓޭޑިއަމަށް އަޅުގަނޑު އަތުވެއްޖައީމެވެ. މިއަދު ނޫހުގެ ޖާނަލިސްޓް (ފަހުން ޓީވީއެމްގައި ވެސް އުޅުނު) މުހައްމަދު ޝަނޫނާ ދެމީހުންނެވެ. މުބާރާތް ކަވަރުކުރަން ބަންގާޅަށް އައި ރާއްޖޭގެ ނޫސްވެރިންނަކީ އަޅުގަނޑުމެން ދެމީހުން އަކަންޏެވެ. މެޗު ނޯޓު ކުރުރުމަށްޓަކައި ދެ ޓީމުގެ ޓީމު ލިސްޓު ނަގައިގެން، ހަމަޖެހިލައިގެން ދެ މީހުން ތިބީ ދެ ޓީމު ވޯމްއަޕް ކުރާތަން ބަލާށެވެ. އެވަގުތު އަޅުގަނޑަށް ކުއްލިއަކަށް ފޯން ކޯލެއް އައެވެ.

މެޗުގެ ރަނިން ކޮމެންޓަރީ ގެނެސްދޭން މިނިސްޓަރު އެދިވަޑައިގަތުން

ފޯނު އަންނަނީ ސީދާ މާލެއިންނެވެ. އަޅުގަނޑުގެ މާލޭ ނަންބަރަށެވެ. ދިރާގުގެ އިންޓަނޭޝަނަލް ރޯމިންގެ ހިދުމަތް ބޭނުންކުރާތީ އެ ފޯނު ނަގައިފި ނަމަ ހުރިހައި ލާރިއެއް ދާނީ އަޅުގަނޑުގެ އަތުންނެވެ. މިނިޓަކަށް އެތައް ރުފިޔާއެކެވެ. އެހެންވެ ފުރަތަމަ އިނީ ފޯނު ނުނަގާށެވެ. އެކަމަކު ފޯނު އަންނަނީ ވަރަށް މަތިންނެވެ. އޭރުގެ އިންފޮމޭޝަން މިނިސްޓަރު އަދި އެފް.އޭ.އެމްގެ ޗެއާމަން ސަމަރުބްލޫ އިބްރާހިމް މަނިކު (ސަމަރޭ) އެވެ. އެފް.އޭ.އެމްގެ ޗެއާމަނަށް ވާތީ، ފުޓުބޯޅައާ ބެހޭ ޚަބަރުތަކުގެ މައުލޫމާތު ހޯދަން ސަމަރޭ އަށް ވަރަށް ގިނައިން ގުޅަންޖެހެއެވެ. އަޅުގަނޑުމެން ކޮންމެ އިރަކު ގުޅިޔަސް، ސަމަރޭ ފޯނު ނަންގަވައި، ޖަވާބު ދެއްވާނެއެވެ. އަދި ބައެއް ފަހަރު ވަރަށް ދިގުކޮށްވެސް ވާހަކަ ދައްކަވާނެއެވެ. ސަމަރޭއަކީ ވަޒީރެއް ނަމަވެސް، އަބަދުވެސް އެ މަނިކުފާނަކީ ވަރަށް މަޖާ، ސާދާ މިޒާޖެއްގެ ބޭފުޅެކެވެ. ހީކުރެވުނީ ސަމަރޭ އެ ގުޅުއްވަނީ ކޮންމެވެސް ކަމެއް ވަރަށް ގޯސްވެގެން ކަމަށެވެ. އެހެންވެ، އެމަނިކުފާނަށް ކުރެވޭ އިހުތިރާމެއްގެ ބޮޑުކަމުން، ރޯމިން ކޯލަކަސް، އެންމެފަހުން ފޯނު ނެގީއެވެ.

ސަމަރޭ ފުރަތަމައިނުންވެސް ވިދާޅުވީ ތިޔަހުރީ ބަންގްލަދޭޝްގައިތޯއެވެ. އާދޭހޭ ދެންނެވީމާ ވިދާޅުވީ މިއަދު ރާއްޖެ ކުޅެން އޮތް ސެމީފައިނަލް މެޗުގެ ލައިވްފީޑް ޓީވީއެމަށް ލިބޭ ގޮތެއްނުވި ކަމަށާއި އެހެންވެ ޓީވީންނާއި ރޭޑިއޯއިން ފޮނުވުމަށްޓަކައި، މެޗުގެ ރަނިން ކޮމެންޓްރީ ޝަހީބު ކޮންމެހެން ވެސް ގެނެސްދޭންޖެހިއްޖެ ކަމަށެވެ. (އެ މުބާރާތް ކަވަރުކުރުމަކަށް ޓީވީންނާއި އަޑުންވެސް އެއްވެސް މީހެއް ބަންގާޅަކަށް ނާދެއެވެ.)

އަޅުގަނޑު ދިޔައީ ސިއްސައިގެންނެވެ. ސަބަބަކީ ކޮމެންޓްރީ ދިނުމަކީ އަޅުގަނޑު ޓެސްޓަކަށްވެސް، ދުވަހަކުވެސް ކުރި ކަމަކަށް ނުވެފައި، އަދި އެކަމާމެދު ދުވަހަކުވެސް ހިޔާލެއްވެސް ކޮށްފައިވާ ކަމަކަށް ނުވުމުން، އަމުދުން މި ކަހަލަ މުހިންމު މެޗެއްގެ ކޮމެންޓްރީ އަޅުގަނޑަށް ގެނެސްދެވޭނެ ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނޭތީއެވެ. އަޅުގަނޑަކީ އަބަދުވެސް ލިޔާ މީހެކެވެ. ގަލަމުގެ މީހެކެވެ. ދުލުގެ މީހެއް ނޫނެވެ.

އަޅުގަނޑު ހުއްޓުންއެރިއެވެ. އެކަމަކު އަވަސް ޖަވާބެއްވެސް ދޭންޖެހެއެވެ. ރޯމިން ކޯލެއް ވީމާ މިހާރުވެސް އެތައް ސަތޭކަ ރުފިޔާއެއް އަރައިފާނެކަން އެނގެއެވެ. އެހެންވެ އެއީ އަޅުގަނޑު ދުވަހަކުވެސް ކުރި ކަމެއް ނޫނޭ ސަމަރޭއަށް ދަންނަވައިފީމެވެ. އެކަމަކު ނުވާނެއެކޭ އެންމެ ފަހަރަކުވެސް ނުދަންނަވަމެވެ.

ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި އެފް.އޭ.އެމްގެ ޗެއާމަން ސަމަރުބްލޫ އިބްރާހިމް މަނިކު (ސަމަރޭ)

"ދިވެހި ސަރުކާރުގެ ވަރަށް ބޮޑު އެދުމެއް"

ސަމަރޭ ވިދާޅުވީ ޝަހީބަށް އެކަން ވާނެ ކަމަށާއި އެކަން ކޮށްދިނުމަކީ ދިވެހި ސަރުކާރުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ދެން އަޅުގަނޑު ވަރަށް އިހުތުރާމާއެކު ދަންނަވައިފީމެވެ. އަޅުގަނޑު އައިސް މިހުރީ މުބާރާތް ކަވަރުކުރަން ހަވީރުގެ އިދާރާއިން ފޮނުވައިގެންކަން އެނގިވަޑައިގަންނަވާނެ ކަމަށް ހީކުރާ ކަމަށެވެ. އަދި އަޅުގަނޑުގެ ހުރިހައި ޚަރަދެއް ކުރަނީވެސް ހަވީރުންކަން ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އަޅުގަނޑުގެ އަތުގައި ބަންގްލަދޭޝްގެ ސިމެއް ވެސް ނެތް ކަމަށާއި އޮތީ މާލޭގެ ސިމް އެކަނި ކަމަށާއި، 90 މިނިޓަށްވުރެ ޔަގީނުންވެސް ދިގުވާނެ ފުޓުބޯޅަ މެޗެއްގެ ކޮމެންޓްރީ، ރޯމިން ކޯލަކުން ދީފިއްޔާ ބިލް ހާދަ ބޮޑެއް ވާނެއޭ ވެސް ދަންނަވައިފީމެވެ. ސަމަރޭ ވިދާޅުވީ އަޅުގަނޑުގެ ޓިކެޓް ޚަރަދާއި ހުރުމާއި ކެއުމާއި ޕޮކެޓްމަނީގެ ހުރިހައި ޚަރަދަކާއި ފޯނު ބިލް ކިތަންމެ ބޮޑުވިޔަސް ވެސް ދިވެހި ސަރުކާރުން އެ ހުރިހައި ހަރަދެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އެކަމާ އެއްވެސް ފިކުރެއް ކުރާނެ ކަމެއް ނެތް ކަމަށެވެ. ބޭނުންވަނީ ކޮންމެ ގޮތަކުން ވެސް މެޗުގެ ކޮމެންޓްރީ ގެނެސްދިނުން ކަމަށެވެ.

ދިވެހި ސަރުކާރުން އެދުނަސް، އަދި ފޯނު ބިލް ދައްކަވައި ދަތުރުގެ ހުރިހާ ހަރަދެއް ދެއްވިޔަސް، މީޑިއާއާ ގުޅުންހުރި ތިކަހަލަ ކަމެއް އަޅުގަނޑަށް ކުރެވޭނީ ހަވީރުގެ ހުއްދައެއް ލިބިގެން ކަމަށް ވެސް ސަމަރޭއަށް ދަންނަވައިފީމެވެ. އަދަބު، އިހުތިރާމާއެކުގައެވެ. އެ ނޫން ގޮތަކަށް އެކަން ކުރެވިގެންވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވުނެވެ. ސަބަބަކީ ކުޅިވަރުގެ ނޫސްވެރިއެއްގެ ގޮތުން، މެޗާ ބެހޭ ގޮތުން ރޭޑިއޯ/ޓީވީގައި އެއްޗެއް ބުނެލުމާއި، މެޗެއްގެ ލައިވް ކޮމެންޓްރީ ގެނެސްދިނުމާ ތަފާތުވާތީއެވެ. މިނިސްޓަރު ވިދާޅުވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިޔަސް ހަވީރުގެ ހުއްދަ ނެތި އެކަން ކޮށްފި ނަމަ، ވަޒީފާގެ އަޚުލާގީ މިންގަނޑާއި ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުގެ އިންތަކުން ބޭރަށް ދެވުނީ ކަމަށް އަޅުގަނޑަށް ގަބޫލްކުރެވުނެވެ. ވީމާ އެގޮތަށް ދެންނެވީއެވެ. އަދި އެ ހުއްދަ ދެއްވޭނީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިނަށް އެކަނި ކަމުގައިވެސް ސަމަރޭ އަށް ދަންނަވައިފީމެވެ. އެހެންވެ ވަގުތު ސަލާމަތްވެފައި އެންމެ ރަނގަޅުވާނީ ޑރ. ޒާހިރާ ސީދާ ސަމަރޭ ގުޅުއްވައިގެން އެ ހުއްދަ ހޯއްދެވިއްޔާ ކަމަށް ވެސް ދަންނަވައިފީމެވެ. (ޑރ. ޒާހިރަކީ އޭރު ސްޕޯޓްސް މިނިސްޓަރުވެސް މެއެވެ.)

ހަގީގަތުގައި އަޅުގަނޑު އިސްވެ ޑރ. ޒާހިރަށް ގުޅައިފައި ދަންނަވައިގެން، އެކަން ކުރާކަށް އަޅުގަނޑު ބޭނުމެއްނުވިއެވެ. އަޅުގަނޑަށް ގަބޫލްކުރެވުނު ގޮތުގައި އެންމެ ފުރަތަމަވެސް އެކަން ދާންޖެހޭނީ އެ މަގުންނެވެ. އެންމެ މަތިންނެވެ. މިއީ ކުޑަކުޑަ ކަމެއް ނޫނެވެ. ވަރަށް ބޮޑު ކަމެކެވެ. ނަމަވެސް ސަމަރޭ އެ ގޮތަކަށް އެއްބަސްވެވަޑައެއްނުގަތެވެ. ވިދާޅުވީ ޑރ. ޒާހިރަށް ޝަހީބު ފޯނުކޮށްފައި ދަންނަވާލައިގެން ހުއްދަ ހޯދައިލުމަށެވެ. އެންމެފަހުން ސަމަރޭ ކުރުނުކުރެއްވުމުން، އަދި ރޯމިން ކޯލް ދިގުވާތީ، އާދޭހޭ ދަންނަވައިފީމެވެ. ސަމަރޭ ވިދާޅުވީ ޑރ. ޒާހިރަށް ގުޅައިފައި، ވިދާޅުވާ އެއްޗެއް އަވަހަށް އަންގައިދިނުމަށެވެ. މެޗު ފެށެން ވަރަށް ވަގުތު ކުޑަތަންވެއްޖެ ކަމަށެވެ. (ރޯމިން ކޯލެއްގައި މާލެއިން އަޅުގަނޑަށް (ޑާކާ އަށް) ގުޅިޔަސް، ޑާކާއިން މާލެއަށް ގުޅިޔަސް ބިލް އެހާ ބޮޑުވާނެއެވެ. އޭރު ހުންނަނީ ދިރާގު އެކަންޏެވެ.)

ހަވީރުގެ ޗެއަރމަންގެ ހުއްދަ ހޯދުން

ކޮންމެއަކަސް އަޅުގަނޑު ޑރ. ޒާހިރަށް ގުޅައިފީމެވެ. ރޯމިން ކޯލަކުންނެވެ. ސަމަރޭ ގުޅުއްވައިފި ކަމަށާއި މި ކަމަށް އެދިވަޑައިގެންފި ކަމަށާއި ޓިކެޓް ޚަރަދާއި ހުރުމާއި ކެއުމާއި ޕޮކެޓްމަނީގެ ހުރިހައި ޚަރަދަކާއި ފޯނު ބިލްވެސް ދިވެހި ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވި ވާހަކަވެސް ދަންނަވައިފީމެވެ. ޑރ. ޒާހިރު ވިދާޅުވީ ތިކަމުގައި ތިމަންމަނިކުފާނު ގިނަކަޏްނާ ގޮތެއް ނުނިންމަވާނެ ކަމަށާއި ސީނިއަރ އެޑިޓަރުންނާ މަޝްވަރާ ކޮށްލައްވައިފައި، ޖަވާބެއް އެބަދެއްވަން ކަމަށެވެ. އޭރު އަޅުގަނޑުގެ ހިތުގެ ވިންދު އަވަސްވެ، ދާހިތްލައި، ހާސްވާން ފަށައިފިއެވެ. ކުއްލިއަކަށް ކުރަން މިޖެހުނު ބޮޑު ކަންތައްގަނޑުގެ ބާވަތުންނެވެ.

އަޅުގަނޑުގެ އަތްފައި ފިނިވެފައި އިންދާ، ގިނަ އިރުތަކެއްނުވެ ޑރ. ޒާހިރު ގުޅުއްވައިފިއެވެ. ވިދާޅުވީ މިނިސްޓަރު ސަމަރޭ ވިދާޅުވި ގޮތަށް އެކަން ކޮށްދިނުމަށެވެ. ޝަހީބަށް ކޮމެންޓަރީ ދެވިދާނެތޯވެސް އެއްސެވިއެވެ. އަޅުގަނޑު ދެންނެވީ އެއީ މީގެ ކުރިން ދުވަހަކުވެސް ނުކުރާ ކަމެއް ކަމަށާއި މަސައްކަތް ކުރެވިދާނެ ކަމަށެވެ. ވިދާޅުވީ ޝަހީބަށް އެކަން ކުރެވޭނެ ކަމަށް ގަބޫލްފުޅު ކުރައްވާ ކަމަށާއި ވީ އެންމެ ރަނގަޅަކަށް އެކަން ކޮށްދިނުމަށެވެ. އަދި ވަރަށް ސާފުކޮށް ވިދާޅުވިއެވެ؛ ހަވީރުގެ ނޫސްވެރިއަކު މިއަދު އެކަން ކޮށްދެނީ އޭގެ ބަދަލުގައި ހުރިހައި ބިލްތަކެއް ދިވެހި ސަރުކާރުން ހަވާލުވާ ގޮތަށް ނޫން ކަމަށާއި، ފޯނު ބިލަށާއި އެހެނިހެން ހުރިހައި ހަރަދެއްވެސް ކުރާނީ ސީދާ ހަވީރުން ކަމަށެވެ. މިކަމުގައި ހަވީރުގެ ފަރާތުން އެއްބާރުލުން ދޭން ނިންމީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އެހެންވެ ސަރުކާރުން އެއްވެސް ފައިސާއެއް ދެއްވާނެ ކަމެއް ނެތޭ ސަމަރޭއަށް ދަންނަވައިދިނުމަށް ވެސް ޑރ. ޒާހިރު ވިދާޅުވިއެވެ.

ހިތު ވިންދުގެ ސްޕީޑު އިހުނަށްވުރެ އަވަސްވިއެވެ. މިކަން ކުރަން މަޖުބޫރުވެއްޖެއެވެ. މެޗު ފެށެން ކުޑަ އިރުކޮޅަކަށް ވެއްޖެއެވެ. އަޅުގަނޑު ސަމަރޭއަށް ގުޅައިފީމެވެ. އަދި ޑރ. ޒާހިރު އޯކޭ ދެއްވި ވާހަކަ އާއި އެއްވެސް ފައިސާއެއް ބޭނުން ނޫން ކަމާއި މިއީ ހަވީރުން ކޮށްދޭ ގައުމީ ކަމެއްގެ ގޮތުގައި ބެއްލެވުމަށް އެދިވަޑައިގެންނެވި ވާހަކަވެސް ދަންނަވައިފީމެވެ.

"އެހެންތަ! ހާދަ ރަނގަޅޭ. ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ދަންނަވާތި. އިރުކޮޅަކުން ގުޅާނެ ކުއްޖެއް. އޭނާ ކިޔައިދޭނެ ހަދަންވީ ގޮތް،" ސަމަރޭ އެހެން ވިދާޅުވެފައި ފޯން ބޭއްވެވިއެވެ.

އިރުކޮޅަކުން ފޯނެއް އައީ ލޭންޑް ލައިނަކުންނެވެ. ދިވެހިރާއްޖޭގެ އަޑުންނެވެ. މެޗު ފެށެން ދެތިން މިނިޓަށް ވީމާ އެބަ ގުޅަން ކަމަށާއި ތައްޔާރަށް އިނުމަށް އެ އަންހެން ކުއްޖާ އެދުނެވެ.

ފޯނުގެ އިތުރު ބެޓެރިއެއް ގެންދެވުން- ނަސީބެއް

އަޅުގަނޑުގެ ފޯނުގެ ބެޓެރީ 90 މިނިޓް ވަންދެން ނުހިފަހައްޓާނެކަން ޔަގީނެވެ. އެއީ ކުޑަކުޑަ ފޯނެކެވެ. މިހާރު ގެންގުޅޭ ބައްތި ފޯނު ވަރުގެ ފޯނެކެވެ. އެކަމަކު ބެޓެރީ ކަންތަކާ އަޅުގަނޑު ކުޑަކޮށް ވެސް ހާހެއް ނުވެއެވެ. ސަބަބަކީ އަބަދުވެސް އިތުރު ބެޓްރީއެއް ޗާޖުކޮށްފައި ރެޑީގައި ބާއްވާތީއެވެ. އަޅުގަނޑު ދަނޑަށް ގެނައި ދަބަހުގައި ބެޓްރީ އެބައޮތެވެ. ބެޓެރީ ގެންނާނެ ކަމެއް ނެތޭ ހިތަށް އަރައިފައިވެސް، ކަމެއް ދިމާވާނީ ބުނެފައެއް ނޫނޭ ހިތަށް އަރައި، ކޮޓަރިން ނުކުންނަމުން ބެޓެރީ ދަބަހަށް ވައްޓާލީއެވެ. ނަސީބެކޭ ހިތަށްއެރިއެވެ.

ބެޓެރީ ގެނައުމުގެ ބޭނުމެއް ނެތޭ ހިތަށް އެރީ ރޯމިން ކޯލެއް ވީމާ ކޯލްތައް ނުނަގާތީއެވެ. ކޯލެއް އައުމުން، ކަނޑާލައިފައި އެސް.އެމް.އެސް ކުރަނީއެވެ. (ރޯމިން ކޮންމެ އެސް.އެމް.އެސް އަކަށްވެސް ފަސް ރުފިޔާ އޭރު ޗާޖުކުރެއެވެ.) އެގޮތް ވެސް ފޯނު ނެގުމަށްވުރެ މާ ބޮޑަށް ޚަރަދު ކުޑައެވެ. އެހެންވެ، އިންޓޯލް ގަޑީގައި ބެޓްރީ ބަދަލުކޮށްލާ ގޮތަށް، ބެޓެރި ތައްޔާރުގައި ބޭއްވީއެވެ. (އެ ދުވަސްވަރު މޯބައިލް ފޯނުގެ ބެޓެރީ އަކީ ވަކިން ނަގައި ލެއްވޭ އެއްޗެކެވެ. ބެޓެރީ ނުނެގޭ ގޮތަށް ސްމާޓު ފޯނުތައް ހެދީ އަދި މާފަހުންނެވެ. އޭރު އަޅުގަނޑު ކޮންމެ ފޯނެއް ގަތަސް އަބަދުވެސް އިތުރު ބެޓެރީއަކާއި ބެޓެރީ ޗާޖަރެއް ގެންގުޅެމެވެ. މިހާރު ގެންގުޅެނީ ޕަވަރ ބޭންކެވެ.)

މެޗު ފަށަން ދެތިން މިނިޓަށް ވީތަނާ އަޑުން ގުޅައިފިއެވެ. އަދި މެޗުގެ ރަނިން ކޮމެންޓްރީ ގެނެސްދޭނީ ބަންގްލަދޭޝްގެ ބަންގުބަންދު ނެޝަނަލް ސްޓޭޑިއަމްގައި ހުރި ހަވީރުގެ ޖާނަލިސްޓް މުހައްމަދު ޝަހީބު ކަމުގައި ބުނެ، އަޅުގަނޑާ ހަވާލުކޮށްފިއެވެ. އަޅުގަނޑު، ޝުކުރިއްޔާއޭ ކިޔައި ހަވާލުވެ، ފަށައިފީމެވެ.

މަނިކުގެ ކޮމެންޓަރީއަކީ ނަމޫނާއެއް

ފުޓުބޯޅަ ކޮމެންޓްރީ ނުދިނަސް، ނުވަދިހައިގެ އަހަރުތަކުގައި ގަލޮޅު ދަނޑުގައި ކުޅޭ މެޗުތަކުގެ ކޮމެންޓްރީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭއިރު، އަޑުގެ ކޮމެންޓްރީ ބޮކްސްގައި ޒަމާންތަކެއް ވަންދެން އަޅުގަނޑު އިނީމެވެ. އޭރު ކޮމެންޓްރީ ދޭނީ އިބްރާހިމް އުމަރު މަނިކެވެ. މަނިކަކީ ރާއްޖޭގައި އަދިވެސް އެފަދަ ދެވަނައެއް ނެތް ފަދަ ހުނަރުވެރިއެކެވެ. މަނިކު ކޮމެންޓަރީ ގެނެސްދޭނީ ފިސާރަ ފޯރިއާއި ޖޯޝުގައެވެ. އަޅުގަނޑުގެ ވަރަށް ޒަމާންވީ، ވަރަށް ގާތް، މީޑިއާ ކޮލީގެކެވެ. ބައެއް ފުޓުބޯޅަ މެޗުތަކަށް މަނިކާއެކު ރާއްޖެއިން ބޭރަށްވެސް އަޅުގަނޑު ދަތުރުކުރީމެވެ. ނޭޕާލަށް ވެސް ދިޔައީމެވެ. އެކަމަކު ދުވަހަކުވެސް މަނިކާއި އަޅުގަނޑުގެ ހިތުން ނުފިލާނެ ދަތުރަކީ ކްލަބު ވެލެންސިއާއާ އެކު 1992 ގައި ޕާކިސްތާނުގެ ލާހޯރަށް ކުރި ދަތުރެވެ. މަނިކާ ދިމާވެއްޖެ ނަމަ، އެ ދަތުރުގެ ހަނދާންތައް އަބަދުމެ އާކުރަމެވެ. އެންމެ ފަހުން ރޭވެސް މަނިކާ ދިމާވިއެވެ. ސެލްފީއެއް ވެސް ނެގީމެވެ.

މަޝްހޫރު ފުޓުބޯޅަ ކޮމެންޓޭޓަރު އިބްރާހިމް އުމަރު މަނިކު (ކ) އާއި ޝަހީބު (16 ޑިސެމްބަރު 2021ގައި)

އަޑުގެ ކޮމެންޓަރީ ބޮކްސްގައި އަޅުގަނޑަށް އޮންނާނީ ފުރަތަމަ ހާފުގެ ކުޅުމާ ބެހޭ ގޮތުން އިންޓޯލް ގަޑީގައި ކުޑަކޮށް އަނގަތަޅާލުމެވެ. ޚާއްސަ މެޗުތަކުގައި މެޗު ފެށުމުގެ ކުރިންވެސް ވާހަކަ ދައްކަމެވެ. އަޅުގަނޑު ދަނީ ހުރިހައި ތަފާސްހިސާބެއް ހިފައިގެން، މެޗަށް ތައްޔާރުވެގެންނެވެ. އިންޓޯލް ގަޑީގައި އިންޓަވިއު ކުރިއަށް ގެންދާނީ އަލީ ހިލްމީ ނޫނީ ނަސްރުﷲ އިދުރީސްއެވެ. ކޮމެންޓްރީ ބޮކްސް އަށް ކޮންމެ ދުވަހަކު ވެސް ޑޮންޑޮނާއި ހެދިކާ، ސްޕޯޓްސް ޑިވިޝަނުން ފޮނުވާނެއެވެ. ވަރަށް އަރާމުގައި މެޗު ބަލައިލައިފައި، އެންމެން އެކުވެގެން ރަނގަޅު އިންޓޯލެއް ލިބުމަކީވެސް ކިހާ ހިތްހަމަޖެހޭނެ ކަމެއްތޯއެވެ؟

މަނިކު ކޮމެންޓަރީ ދޭތަނުގައި އެތައް ޒަމާނެއް ވަންދެން އެގޮތަށް އިނުމުގެ ސަބަބުން، މަނިކުގެ ސްޓައިލްގަނޑު އޮންނަނީ އަޅުގަނޑުގެ ހިތަށް ނެގިފައެވެ. އެކަމަކު މައްސަލައަކީ އަމަލީ ގޮތުން އެކަން ކޮށްފައި ނެތުމެވެ. މަނިކުހާ ދޫ ފަރިތަ ނުވާނެތީއެވެ.

މެޗުން މޮޅުވެ ރާއްޖެ ފައިނަލަށް

ކޮންމެއަކަސް، އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް، ކޮމެންޓްރީ ދެމުން ދިޔައީމެވެ. މެޗުގެ 11 ވަނަ މިނިޓުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ލަނޑު ޖަހައި ރާއްޖެ ކުރި ހޯދައިފިއެވެ. ރާއްޖެ ލީޑު ފުޅާކުރަން މަސައްކަތް ކުރަނީއެވެ. ޕާކިސްތާނު ތެޅިފޮޅެނީއެވެ. މެޗު ފޯރި ހައްތަހާ ވަނީ ގަދައެވެ. ޕާކިސްތާނަށް ލަނޑެއް ނުޖެހި އުޅެނިކޮށް 1-0ން މެޗު ނިމި ރާއްޖެ ފައިނަލަށް ހިނގައްޖެއެވެ. ކޮމެންޓްރީގެ ފޯރި މާ ގަދަވެއްޖެއެވެ. އަޅުގަނޑު ފޯނުން ވާހަކަ ދައްކަމުންދައްކަމުން، ވީނުވީއެއް ނޭނގި، ގޮނޑިން ފައިބައިގެން ގޮސް ދަނޑުމައްޗަށް ވެސް އަރައިފީމެވެ. މީޑިއާ ފާސް އޮތީމާ އަޅުގަނޑު ހިފަހައްޓާކަށް މީހަކު ނޫޅެއެވެ. އަދި ދިވެހި ޓީމުގެ ކޯޗާއި މެނޭޖަރާއި ކެޕްޓަނާވެސް ވަގުތުން ސުވާލުކޮށް، ކޮމެންޓްރީ އިތުރަށް ފުރިހަމަކޮށްފީމެވެ. އެހެންވެ ރޯމިން ކޯލުގެ ދިގުމިން މިހާރު 100 މިނިޓަށް ވުރެވެސް މާ ބޮޑުތަން ދިގުވާނެއެވެ. އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް އެކަން ކޮށް ނިންމައި، ދިވެހިރާއްޖޭގެ އަޑުގެ ސްޓޫޑިއޯއާ ހަވާލުކޮށްފީމެވެ. މަނިކުވެސް ހަދާ ގޮތަށެވެ.

ދަނޑުމަތީގައި އިންޓަވިއުކުރަމުންދިޔައިރު އަޅުގަނޑުގެ ހިތަށް ވެރިވެފައިވާ ގައުމީ ޖޯޝާއި ފޯރީގެ ސަބަބުން، ރަނގަޅަށް އަޑުވެސް ބޭރުނުވެއެވެ. އުފަލުން ގޮސް ރޮވެމުންދިޔައެވެ. އަދި ރާއްޖޭގައި ތިބި ފުޓުބޯޅަށް ލޯބިކުރާ ހުރިހައި ދިވެހިންނަށް މި އުފާވެރިކަން މި ގެނެސްދެވެނީ އަޅުގަނޑުގެ ސަބަބުންނޭ ހިތާ އިތުރަށް ޖަޒުބާތު އުފެދެމުންދިޔައެވެ.

ތައުރީފުގެ ކޯލްތައް އަންނަން ފެށުން

މެޗު ނިމުނުތާ އިރުކޮޅެއް ތެރޭގައި ސަމަރޭ ގުޅުއްވައިފިއެވެ. ކޮމެންޓްރީ ވަރަށް ފުރިހަމަ ކަމަށާއި އެކަން ރައީސުލްޖުމްހޫރިއްޔާ ވެސް ފާހަގަކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑަށް ވަރަށް ތައުރީފު ކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ. އިރުކޮޅަކުން ޑރ. ޒާހިރުވެސް ގުޅުއްވައި، ވަރަށް ތައުރީފު ކުރެއްވިއެވެ. އަދި އޮނަރަބަލް އުމަރު ޒާހިރުވެސް ގުޅުއްވައި ހަމަ އެ މޭރުމުން ވާހަކަ ދެއްކެވިއެވެ. އަދިވެސް ވަރަށް ގިނަ ރައްޓެހިން ގުޅިއެވެ. އެއްވެސް ކޯލެއް ނުނަގައި މަޑެއް ނުކުރަމެވެ. މިހާރު ރޯމިން އަކަށް ބެލުމެއް ނެތްތާއެވެ. އެ ހުރިހައި ފަރާތްތަކެއްގެ ޝުއޫރުތަކަށް އަޅުގަނޑު ހިތުގެ އަޑިން ޝުކުރު އަދާކުރީމެވެ.

ފައިނަލް މެޗު ބައްލަވައިލެއްވުމަށް ސަރުކާރުގެ އިސް ވަފުދެއް ބަންގްލަދޭޝަށް އައެވެ. އިސްކޮށް ހުންނެވީ ސްޕޯޓްސް މިނިސްޓަރ އަދި ހަވީރުގެ ޗެއަރމަން ޑރ. ޒާހިރު ހުސެއިނެވެ. ޑރ. ޒާހިރު އަޅުގަނޑަށް ހަދިޔާއެއްވެސް ދެއްވިއެވެ. ވަރަށް އުފާވިއެވެ. އެ ވަފުދާއެކު ފައިނަލް މެޗުގެ ކޮމެންޓްރީ ގެނެސްދިނުމަށް އަޑުގެ ޓީމެއް ވެސް އައެވެ. މަނިކުވެސް އައެވެ. އެހެންވެ ދެވަނަ ކޮމެންޓްރީ ދޭކަށް ނަސީބަކުން އަޅުގަނޑަކަށް ނުޖެހުނެވެ. ފައިނަލްގައި ބަންގްލަދޭޝްއާ ވާދަކޮށް 90 މިނިޓް ހަމަވިއިރު 1-1ން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 3-5ން ރާއްޖެ ބަލިވީއެވެ. އެހާ މޮޅަށް ކުޅެ ބަލިވުމުން ވަރަށް ދެރަވިއެވެ.

ޖެހިގެން އައި ދުވަހު ހަވީރުގެ "މީހުން" ކޮލަމުގައި ވެސް އޮތީ އަޅުގަނޑުގެ ވާހަކައެވެ. އެކަމަށްވެސް އަޅުގަނޑު ޝުކުރު އަދާކުރީމެވެ.

19 ޖަނަވަރީ 2003، ހަވީރުގެ "މީހުން" ކޮލަމް

ޝަހީބުގެ ކޮމެންޓްރީ ބަރާބަރު

އާދަމް ހަލީމް

"ހަމަ ލޮލުން ފެނުމަށްވުރެ ވެސް ފުރިހަމައަށް މެޗުގެ ރަނިން ކޮމެންޓްރީ ޝަހީބު ގެެނެސްދިން. ވަރަށް އުފާވި. އަޅުގަނޑު މިއުޅެނީ ޝަހީބާ ނުގުޅިގެން،" ބަންގްލަދޭޝްގައި ކުރިޔަށްދާ ސާފުޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗުގައި ޕާކިސްތާނާ ދިވެހި ރާއްޖެ ބައްދަލުކުރި މެޗުގައި "ހަވީރު"ގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު، ސްޕޯޓްސް، އަދި ހަވީރުން ނެރޭ "ހުވާސް"ގެ އެޑިޓަރު، މުހައްމަދު ޝަހީބު ފޯނު މެދުވެރިކޮށް ޓީވީންނާއި ރެޑިއޯ އިން ކޮމެންޓްރީ ފޮނުވުމުން މިނިސްޓަރަކު ހަވީރަށް ފޯނު ކުރައްވައި، ޝަހީބަށާއި ހަވީރުގެ މަސައްކަތަށް ތައުރީފު ކުރެއްވި އެވެ.

މީގެ އިތުރުން ވެސް ޝަހީބުގެ ކޮމެންޓްރީ އަށް ތައުރީފުގެ ބަސްތަކެއް އޮއްސައިލުމަށް "ހަވީރު"ގެ ނިއުސް ރޫމަށާއި"ހަވީރު"ގެ ވެބްސައިޓަށް ގިނަ އަދަދެއްގެ މެސެޖްތައް ލިބުނެވެ.

ކުޅިވަރަށް ލިޔާ ދިވެހި ނޫސްވެރިންގެ ތެރެއިން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އެންމެ ގިނަ ހަބަރުތަކާ ރިޕޯޓުތައް ލިޔެ އެންމެ ގިނަ ތަޖުރިބާ ލިބިފައިވާ ސިނިއާ އެއް ނޫސްވެރިޔަކަށް ޝަހީބު ވެ އެވެ. ޕާކިސްތާނާއި ރާއްޖެ ކުޅުނު މެޗު ޓީވީން ލައިވްކޮށް ދެއްކޭ ގޮތް ނުވި ހިނދު، ޝަހީބު މެޗުގެ ހުރިހާ ކަމެއް ހިނދުންހިނދަށް ހުށަހަޅައިދެމުން ދިޔައީ ވަރަށް ފުރިހަމަ އަށެވެ. ޝަހީބުގެ އެ މަސައްކަތްވީ ކޯޗުންނާ ކުޅުންތެރިންގެ އިންޓަވިއުތަކާއެކު ފުރަތަމަ ފަހަރަށް ގެނެސްދިން ކޮމެންޓްރީ އަށެވެ.

ޝަހީބު ބުނީ އޭނާގެ ކޮމެންޓްރީ އަށް ދިވެހިން ދިން ސަަޕޯޓަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. އަހަރެމެން ބުނާން އޮތީ ޝަހީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ.

ކޮމެންޓްރީ ދިން ފޯނާއި ސިމް އާކައިވްކުރުން

މުބާރާތަށްފަހު، މާލެ އައިސް ދުވަސްކޮޅެއް ވީތަނާ އެއް ދުވަހަކު ހަވީރުގެ ޗެއާމަން ޑރ. ޒާހިރު އަޅުގަނޑު ގެންދަވައިފައި ވިދާޅުވިއެވެ. ޝަހީބުގެ އެ ދުވަހުގެ ކޮމެންޓްރީއަކީ ހުރިހައި ގޮތަކުން ބެލިޔަސް ވަރަށް ތާރީޚީ ކޮމެންޓްރީއެކެވެ. އިންޓަނޭޝަނަލް ރޯމިން ކޯލަކުން ބައިނަލްއަގުވާމީ ފުޓުބޯޅަ މެޗެެއްގެ ރަނިން ކޮމެންޓްރީ ޓީވީ އާއި ރޭޑިއޯއިން އެއްވެސް ގައުމެއްގައި މީގެ ކުރިން ގެނެސްދީފައެއްނުވެއެވެ. އެހެންވެ ތި ފޯނާއި ސިމް ތީ ވަރަށް ތާރީޚީ އެއްޗަކަށް ވާނެއެވެ. އެހެންވެ ގަސްދުކުރައްވަނީ އަޅުގަނޑުގެ ފޯނާއި ސިމް، ރާއްޖޭގައި ދެން ބޭނުންނުކުރާ އެއްޗެތީގެ ގޮތުގައި ހަވީރުގައި އާކައިވްކުރައްވަން ކަމުގައި ވިދާޅުވިއެވެ. އަދި އެކަމާ ދިރާގާ ވާހަކަ ދައްކަވައިގެން ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އަޅުގަނޑު ވަރަށް އުފާވިއެވެ. އެހެންވެ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ދެންނެވީމެވެ.

ހަވީރު ސްޕޯޓްސް އެވޯޑުގެ "ހިދުމަތުގެ އެވޯޑް" ޑރ. ޒާހިރު ހުސެއިން، ޝަހީބަށް ދެއްވަނީ (2014)

ޑރ. ޒާހިރު ހުސެއިން- ނޫސްވެރިކަމުގެ ހަޔާތުގެ ބައްޕަ

ޑރ. ޒާހިރު ހުސެއިނަކީ އަޅުގަނޑުގެ ނޫސްވެރިކަމުގެ ހަޔާތުގެ ބައްޕައެވެ. މި ދާއިރާގައި އަޅުގަނޑު ކުރިއަށް ދާން ހުރިހައި މަގެއް ތަނަވަސްކޮށްދެއްވައި، ފުރުސަތުތައް ދެއްވީ އެމަނިކުފާނެވެ. އެމަނިކުފާނަކީ ވަރަށް ހަރުދަނާ ވިސްނުންފުޅަކާއި ތަސައްވުރެއް ގެންގުޅުއްވި ބޭފުޅެކެވެ. އަޅުގަނޑަށް އިތުބާރު ކުރެއްވި، އަދި ލީޑުކުރަން ފުރުސަތު ދެއްވި ބޭފުޅެކެވެ. އަޅުގަނޑަށް މިއަދު މިހާ ހިސާބުގައި މި ހުރެވުނީ، މާތް ﷲގެ ހެޔޮ ރަހުމަތްފުޅާއެކު، ޑރ. ޒާހިރު ހުސެއިން ދެއްވި ނަސޭހަތާއި އިރުޝާދާއި އެހީތެރިކަމާއި ފުރުސަތުތަކުގެ ސަބަބުންކަން ޔަގީނެވެ. އަދި ހަވީރުގެ އެކުވެރި އެޑިޓަރުންނާއި ނޫސްވެރިންގެ ސަޕޯޓުގެ ވެސް ސަބަބުންނެވެ. ހުރިހައި ބޭފުޅުންނަށް ޝުކުރިއްޔާއެވެ.

ޑރ. ޒާހިރު (ކ-4) ހަވީރުގެ އެޑިޓަރުންނާއެކު (ކ-ވ) މޫސާ ލަތީފު، މުހައްމަދު ޝަހީބު، ހިރިގާ އަހުމަދު ޒާހިރު، ޑރ. ޒާހިރު ހުސެއިން އަދި ޑރ. އަލީ ރަފީގު

ޑރ. ޒާހިރުގެ ލީޑަޝިޕާއި ވިޜަންގެ ނަތީޖާއަކަށްވީ، ހަވީރު ނެރެމުންދިޔަ ހުރިހައި ޒަމާނެއްގައި ވެސް ރާއްޖޭގެ އެއް ވަނަ ނޫހުގެ ގޮތުގައި ހަވީރު ދެމިއޮތުމެވެ. ހަވީރަށް 39 އަހަރު ވީތަނާ ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން ނޫސް ނެރުން ހުއްޓައިލިއިރުވެސް ކޮލިޓީއަކަށް ބަދަލެއް ނައުމެވެ. އަދި ހަވީރުގެ ކުޑައިގެ ދަށުން ނުކުތް ގިނަ ނޫސްވެރިންތަކެއް، ރާއްޖޭގެ މީޑިއާގެ ބްރޭންޑްތަކަކަށްވެ، މީޑިއާގެ އެކި އޯގަނައިޒޭޝަންތަކުގެ ޒިންމާދާރު އިސް މަގާމުތަކުގައި، ދިވެހި މީޑިއާ މިއަދު ލީޑްކުރުމެވެ.

ހަވީރުގައި އަޅުގަނޑު ހޭދަކުރި ވިއްސަކަށް އަހަރުގެ ތެރޭގައި ޑރ. ޒާހިރުގެ ކިބައިން އަޅުގަނޑަށް ދަސްވި ވަރަށް މުހިންމު ފިލާވަޅެއް އެބައޮތެވެ. ޑރ. ޒާހިރު އަބަދުވެސް ވިދާޅުވާ ވާހަކައެކެވެ؛ ކަމެއް ކުރާނަމަ "ކުއަންޓިޓީ" އަށް ނުވިސްނާށެވެ. އަބަދުވެސް "ކޮލިޓީ"އަށް މަސައްކަތް ކުރާށެވެ. އަޅުގަނޑު ހިތުން "ބައްޕަ"ގެ އެ ނަސޭހަތް ހަވީރުގެ ހުރިހައި ނޫސްވެރިންވެސް އަޑުއެހިއެވެ. ރާއްޖޭގައި އެންމެ ކޮލިޓީ ނޫސްވެރިން އެދުރުވެފައި ވަނީ ހަވީރުގެ މަދަރުސާއިން ކަމަށްވުން އެއީ އޭގެ ނަމޫނާ ހެއްކެކެވެ.

23 އެޕްރީލް 2003، ހަވީރު ނޫސް

ސާފް ޗެމްޕިއަންޝިޕް ސެމީ ފައިނަލް މެޗު ލައިވްކުރި މޯބައިލް ފޯނު އާސާރުކޮށްފި

އާދަމް ހަލީމު

ބަންގްލަދޭޝްގައި ކުޅުނު ސާފްޗެމްޕިއަންޝިޕް ތިން ވަނަ ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ދިވެހި ރާއްޖެ އާއި ޕާކިސްތާނު ބައްދަލުކުރި މެޗުގެ ލައިވް ކޮމެންޓްރީ ދިވެހިރާއްޖޭގެ އަޑާއި ޓީވީ.އެމް މެދުވެރިކޮށް ގެނެސްދިނުމަށް ބޭނުން ކުރި މޯބައިލް ފޯނާއި ސިމްކާޑު ތާރީހީ އެއްޗެތީގެ ގޮތުގައި އާސާރުކޮށްފިއެވެ.

ޖެނުއަރީ 18 ގައި ކުޅުނު މި މެޗު ދިރާގުގެ އިންޓަނޭޝަނަލް ރޯމިންގެ ޚިދުމަތް ބޭނުންކޮށްގެން މޯބައިލް ފޯނުން ލައިވް ކޮމެންޓްރީ ގެނެސްދިނީ ބަންގްބަންދު ނެޝަނަލް ސްޓޭޑިއަމްގައި ހުރި "ހަވީރު"ގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު އަދި "ހުވާސް"ގެ އެޑިޓަރު މުހައްމަދު ޝަހީބެވެ.

ދިރާގުގެ އޮފީހުގައި ރޭ އިރާކޮޅު ބޭއްވި ކުޑަ ހަފުލާއެއްގައި އާސާރު ކުރެވުނު މޯބައިލް ފޯނާއި ސިމްކާޑް ލާފައިވާ ބިއްލޫރި ފޮށި "ހަވީރު"ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިނާ ހަވާލުކޮށްދެއްވީ ދިރާގުގެ ސީ.އީ.އޯ އިސްމާއިލް ވަހީދެވެ.

ރޭގެ ހަފުލާގައި އިސްމާއިލް ވަހީދު ވިދާޅުވީ ޝަހީބުގެ ލައިވް ކޮމެންޓްރީ އަކީ، ދުނިޔޭގައި، އިންޓަނޭޝަނަލް ރޯމިންގެ ޚިދުމަތް ބޭނުންކޮށްގެން މޯބައިލް ފޯނަކުން ބައިނަލްއަގުވާމީ ފުޓުބޯޅަ މެޗެއްގެ ލައިވް ކޮމެންޓްރީ ޓީވީ އާއި ރޭޑިއޯ އިން ގެނެސްދިން ފުރަތަމަ ފަހަރު ކަމަށާއި އެއީ އާދަޔާ ހިލާފު ކަމެއް ކަމަށެވެ. އެހެންވެ ލައިވް ކޮމެންޓްރީ ގެނެސްދިން "ނޮކިއާ 5210″ ފޯނާއި މޯބައިލް ނަންބަރު 774420، ރާއްޖޭގައި ދެން ބޭނުން ނުކުރާ އެއްޗެތީގެ ގޮތުގައި އާސާރު ކުރުމަށް "ހަވީރު"ން ނެގި އިސް ނެގުމަށް ދިރާގުން ޝައުގުވެރިވީ ކަމަށެވެ. އަދި އާސާރު ކުރެވުނު ފޯނާއި ސިމް ކާޑުގެ ބަދަލުގައި ދިރާގުން އާ ފޯނަކާއި ސިމް ކާޑެއް ހަދިޔާކޮށްފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ހަފުލާގައި ޑރ. ޒާހިރު ހުސެއިން ދެއްކެވި ވާހަކަފުޅުގައި، ތާރީހީ ތަކެތި އާސާރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ޑރ. ޒާހިރު ވިދާޅުވީ އާސާރު ކުރެވިފައި ހުރި ގިނަ އެއްޗެހިތަކެއް "ހަވީރު"ގައި ނެތް ކަމަށާއި ނަމަވެސް ރޭޑިއޯ އާއި ޓީވީން ޝަހީބު ލައިވް ކޮމެންޓްރީ ގެނެސްދިން ފޯނަކީ "ހަވީރު"ގެ މުހިންމު އާސާރެއްގެ ގޮތުގައި ރައްކާކުރާނެ އެއްޗެއްކަމުގަ އެވެ. އަދި މި ކަމުގައި ދިރާގުން ބެހެއްޓި ޝައުގުވެރި ކަމަށްޓަކައި ދިރާގުގެ ސީ.އީ.އޯ އަށާއި އެހެނިހެން ވެރިންނަށް ޝުކުރު އަދާކުރެއްވި އެވެ.

މި ހަފުލާގައި ޝަހީބު ވެސް ވާހަކަ ދެއްކި އެވެ. އޭނާ ބުނީ އޭނާ ކޮމެންޓްރީ ގެނެސްދިން ފޯނާއި ސިމްކާޑު ހަވީރާއި ދިރާގު ގުޅިގެން އާސާރުކުރިކަން އެއީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމުގައި ދެކޭ ކަމަށެވެ. އަދި އެކަމަށް އިސް ނެންގެވީތީ "ހަވީރު"ގެ ޗެއާމަނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި މުބާރާތް ކަވަރުކުރުމަށް "ހަވީރު"ން ގޮސް ހުއްޓައި، ރޭޑިއޯ އާއި ޓީވީން ލައިވް ކޮމެންޓްރީ ދިނުމުގެ ފުރުސަތު އޭނާއަށް ދެއްވީތީ އިންފޮމޭޝަން މިނިސްޓަރު ސަމަރުބްލޫ އިބްރާހިމް މަނިކަށް ވެސް ޝުކުރު އަދާކުރި އެވެ.

"އޭގެ ކުރިން ދުވަހަކު ވެސް އަޅުގަނޑު މިއީ ކޮމެންޓްރީ ގެނެސްދިން މީހެއް ނޫން. ނަމަވެސް އެ ދުވަހު ކަންތައް ދިމާވި ގޮތުން އަޅުގަނޑު ދިނީ. އެ ކޮމެންޓްރީ އަށް އަޅުގަނޑުގެ ރައްޓެހިންނާއި ވަރަށް ގިނަ ދިވެހިން ދިން ތަރުހީބަށް ވެސް މި ފުރުސަތުގައި ޝުކުރު ދަންނަވަން،" ޝަހީބު ބުންޏެވެ.

ކޮމެންޓްރީއެއް ނެތް، ވަރަށް ދެރަ

ތާރީޚީ އެ ކޮމެންޓްރީގެ އަޑުކޮޅެއް މި ރިޕޯޓާއެކު ހިމަނާލުމަށް އެ ކޮމެންޓްރީ ހޯދަން އަޅުގަނޑު ވަރަށް މަސައްކަތްކުރީމެވެ. (އެ ކޮމެންޓްރީ އަޅުގަނޑުވެސް އަޑެއް ނާހަމެވެ.) ޕީ.އެސް.އެމް އަށް ރަސްމީ ގޮތުން އެދިގެން، އަދި އެތާނގެ ވެރިންނަށް ވެސް ދަންނަވައިގެންނެވެ. އަޅުގަނޑަށް ލިބުނު ހިތްދަތި ޖަވާބަކީ ޓީވީއެމްގެ ލައިބްރަރީގައިވެސް އަދި ދިވެހިރާއްޖޭގެ އަޑުގެ ލައިބްރަރީގައިވެސް އެ ކޮމެންޓްރީ ނެތް ކަމަށެވެ. އެ ދެތަނުގައި ނެތް އެއްޗެއް ހޯދަން އަޅުގަނޑު ދެން ޓަކި ޖަހާނީ ކޮން ދޮރެއްގައި ކަމެއް ނޭނގެއެވެ. (މި ރިޕޯޓް ވިދާޅުވާ އެެއްވެސް ބޭފުޅެއް އަތްޕުޅުގައި، ނޫނީ ދެނެވަޑައިގަންނަވާ ބޭފުޅެއްގެ އަތްޕުޅުގައި އެ ކޮމެންޓަރީ އޮތިއްޔާ އަޅުގަނޑަށް ކޮޕީއެއް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ހީކުރަމެވެ. މިހެން މި ދެންނެވީ އެކަހަލަ އޯޑިއާ އާއި ވީޑިއޯ ރައްކާކުރައްވައިގެން އުޅުއްވާ ބޭފުޅުންވެސް ތިއްބަވާނެ ކަމަށް ހީކޮށެވެ.)

އަޅުގަނޑު ބޭނުންކުރި މޯބައިލް ނަންބަރު 774420، ރާއްޖޭގައި އެއްވެސް ގޮތަކަށް ބޭނުންނުކުރާ ނަންބަރެއްގެ ގޮތުގައި ދިރާގުން ބޭއްވިއެވެ. ނަމަވެސް ފަހުން އައި ބަދަލަކާ ގުޅިގެން، އިތުރު ހަތެއް ކުރިއަށް ލާންޖެހުމުން، އެ ނަންބަރު ވެސް ބަދަލުވިއެވެ. އެކަމަކު އެއީ އިންޓަނޭޝަނަލް ރޯމިން ކޯލަކުން އަޅުގަނޑު ކޮމެންޓްރީ ދިން ނަންބަރެއް ނޫނެވެ.

ސަމަރޭއަށް ޝުކުރިއްޔާ!

އޭރުގެ އިންފޮމޭޝަން މިނިސްޓަރު އަދި އެފް.އޭ.އެމްގެ ޗެއާމަން ސަމަރުބްލޫ އިބްރާހިމް މަނިކު (ސަމަރޭ) އެދިވަޑައިގެންނެވި އެދިވަޑައިވަޑައިގަތުމަށް، އަޅުގަނޑަށް ކުރެވުނު އެންމެ ރަނގަޅަކަށް، އެ ދުވަހު ކޮމެންޓްރީ ގެނެސްދިނީމެވެ. މިނިޓުން ގުނާ ނަމަ އެއީ ސަތޭކަ އެތައް މިނިޓެއްގެ މަސައްކަތެވެ. ފައިސާއިން ގުނާ ނަމަ އެތައް ހާސް ރުފިޔާއެކެވެ. ކޮމެންޓަރީ ދިނުމަށްފަހު މާލެ އައި ފަހަކުން ސަމަރޭއާ ބައްދަލުވެ، އެ ވާހަކަ ދެކެވިފައެއް ނެތެވެ. އެކަމަކު އަބަދުވެސް އަޅުގަނޑު ސާފުކޮށްލަން ބޭނުންވެފައި އޮތް ކަމެއް އޮތެވެ. އެހެންވެ މި ރިޕޯޓްގައި އެކަން ހިމަނައިލުމަށްޓަކައި، ސަމަރޭއަށް އަޅުގަނޑު ގުޅައިލީމެވެ. އެއީ ޑިސެމްބަރު 12 ވީ އާދިއްތަ ދުވަހުއެވެ. އަދި ދެންނެވީމެވެ. ސަމަރޭގެ އެދިވަޑައިގަތުމަކަށް މީގެ 18 އަހަރު ކުރިން، އިންޓަނޭޝަނަލް ރޯމިން ކޯލެއް ބޭނުންކޮށްގެން ބަންގްލަދޭޝްގައި ހުރެފައި އަޅުގަނޑު ދިން ފުޓުބޯޅަ ކޮމެންޓްރީގެ ހަނދާންތަކާ ބެހޭ ގޮތުން ތައްޔާރުކުރާ ރިޕޯޓަކަށް ކުޑަ މައުލޫމާތު ކޮޅެއް ބޭނުންވާތީ އެންމެ ހަތަރު މިނިޓަށް ބައްދަލުކޮށްލަން ބޭނުންވާ ކަމަށެވެ. ތިން މިނިޓް އެއީ ދެ ސުވާލެއް ކޮށްލަން ކަމަށާއި އަނެއް މިނިޓް އެއީ ސަމަރޭއާއެކު ފޮޓޯއެއް ނަގާލަން ކަމަށެވެ. އަޅުގަނޑުގެ ދެ ސުވާލުވެސް ދެންނެވީމެވެ. އެއީ އެ ދުވަހުގެ ސެމީފައިނަލް މެޗުގެ ލައިވް ފީޑު ޓީވީއެމަށް ނުލިބުނީ ކީއްވެގެންތޯ އާއި ކޮމެންޓްރީ ގެނެސްދޭން އަޅުގަނޑު ގާތުގައި ވިދާޅުވީ ކީއްވެގެން، ކާކުގެ ލަފައެއްގެ މަތިންތޯއެވެ. ސަމަރޭ ވިދާޅުވީ ހޯމަ ދުވަހު ހަވީރުގެ ވަގުތެއް ރަނގަޅުވާނެ ކަމަށެވެ. އެހެންވެ ގަޑިއެއް ކަށަވަރުކުރަން ހޯމަ ދުވަހު ހެނދުނު މެސެޖްކޮށް، އަދި ފަހުން ވަރަށް ގުޅީމެވެ. ހަބަރެއްނުވިއެވެ. ފޯނު ނެންގެވީ އެރެއެވެ. އުޒުރުވެރި ކަމެއް ދިމާވީ ކަމަށް ވިދާޅުވިއެވެ. އަދި އަންގާރަ ދުވަހު މެންދުރެއްހާއިރު ގުޅުއްވާނެ ކަމަށް ވިދާޅުވިއެވެ. ހަބަރެއްނުވިއެވެ. އަޅުގަނޑު ވަރަށް ގުޅީމެވެ. އެންމެ ފަހުން ފޯނަށް ޖަވާބު ދެއްވީ އިއްޔެ (ބުރާސްފަތި) ދުވަހު ހެނދުނުއެވެ. ވިދާޅުވީ ބުރާސްފަތި ދުވަހު މެންދުރު ގުޅުއްވާނެ ކަމަށެވެ. ހަބަރެއް ނުވުމުން އަޅުގަނޑު ވަރަށް ގުޅީމެވެ. އަދި މެސެޖްވެސް ކުރީމެވެ. ބައްދަލުކޮށްލައްވަން ދަތިފުޅިއްޔާ ފޯނުން ވާހަކަ ދައްކާލެވުނަސް އެންމެ ރަނގަޅު ކަމަށް، އަޅުގަނޑުގެ އެންމެ ފަހު މެސެޖުގައި ރޭ އަށެއް ޖެހިއިރު ދެންނެވީމެވެ. ހަބަރެއްނުވިއެވެ. އަޅުގަނޑު ފޯނުގެ ކޯލް ލޮގް ބަލައިލި އިރު ފާއިތުވީ ފަސް ދުވަހުގެ ތެރޭގައި ޖުމްލަ 54 ކޯލް އަޅުގަނޑު ސަމަރޭއަށް ކުރެވިފައި އެބައޮތެެވެ. ޖަވާބު ދެއްވީ ތިން ކޯލަށެވެ. އެހާ ގިނަ ކޯލް ކުރީ ކޮންމެ ފަހަރަކުވެސް އުންމީދެއް ދެއްވާތީއެވެ. އެ ވާހަކަ ދައްކަވަން މިހާރު ބޭނުންފުޅެއް ނޫނޭ ވިދާޅުވި ނަމަ، ޔަގީނުންވެސް ދެ ވަނަ ފަހަރަކަށް ނުގުޅީމުހެވެ.

ހިތަށް އެރިއެވެ. ސަމަރޭގެ އެދިވަޑައިގަތުމަކަށް ސަތޭކަ އެތައް މިނިޓެއް އަޅުގަނޑު އެ ދުވަހު ދިނީމެވެ. އެކަމަކު އަޅުގަނޑަށްޓަކައި އެންމެ ހަތަރު މިނިޓް ދެއްވަން ވެސް ސަމަރޭއަށް މިއަދު ދަތިފުޅުވީތާއެވެ. މަގުބޫލް އުޒުރުތައް ހުންނާނެތާއެވެ. މައްސަލައެއް ނެތެވެ. އެކަމަކު އަޅުގަނޑަށް އެ ދުވަހު އެފަދަ ފުރުސަތެއް ދެއްވީތީ، ސަމަރޭއަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. އެ މަނިކުފާނަށް އަދިވެސް އަޅުގަނޑު އިހުތިރާމްކުރަމެވެ.

އާކައިވްކުރި ފޯނުގެ ފޮޓޯ ލޯގަނޑެއް އަޅުގަނޑުގެ ގޭގައި ހުންނާނެއެވެ. އެއީ މާޒީއެވެ. އެއީ ތާރީޚެވެ. އެކަމަކު އެއީ ދުވަހަކުވެސް ވަކިވެވޭނެ ހަނދާނެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51
ޚިޔާލު ފާޅުކުރައްވާ!

One Response

  1. "ސަމަރޭގެ އެދިވަޑައިގަތުމަކަށް ސަތޭކަ އެތައް މިނިޓެއް އަޅުގަނޑު އެ ދުވަހު ދިނީމެވެ. އެކަމަކު އަޅުގަނޑަށްޓަކައި އެންމެ ހަތަރު މިނިޓް ދެއްވަން ވެސް ސަމަރޭއަށް މިއަދު ދަތިފުޅުވީތާއެވެ." މި އިބާރާތް ވަރަށް ސަޅި.ސާބަހޭ މުހައްމަދު ޝަހީބް.އަޅުގަނޑު ބޭނުން ޝަހީބާއި ބައްދަލުކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *