Support Us

މުޣޫލުންގެ ސަގާފަތުގެ ތެރެއިން ހޮވާލައި ނެގިފައިވާ ހިކުމަތުގެ ބަސްކޮޅެއް

  1. އުސްކޮށް ބިނާކުރާ ނަމަ، ފުންކޮށް ކޮންނަން ޖެހެއެވެ.

މިއީ އެއާ މެދު ވިސްނާލުމުން، އެންމެނަށް ވެސް ދާދި ފަސޭހައިން އެނގިގަނެވޭނޭ ހަގީގަތެކެވެ. އިމާރާތެއް އުސްކޮށް، އެތައް ބުރިއަކަށް، މައްޗަށް، ބިނާކުރާ ނަމަ، އެ އިމާރާތުގެ ބިންގާ ފުންކޮށް ކޮނެ، އަޅަން ޖެހޭ ކަމެވެ. މީގެ މިސާލު ތަބީއަތުގެ ތެރެއިން ވެސް ފެނެއެވެ. ބުނެވޭ ގޮތުގައި އުސް ފަރުބަދަތައް، އޭގެ ބިމުން މައްޗަށް ހުންނަބައިގެ އެތައް ގުނައެއް ބިމު އަޑީގައި ވެއެވެ. މި ހިކުމަތުން ގަސްދުކުރެވޭ މާނައަކީ، ހަޔާތުގައި ބޮޑެތިބޮޑެތި ކަންކަން ކުރަން އެދޭ ނަމަ، އެ ކަންކަން ހާސިލުކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ.

  1. އަނގައިން ބޭރުވެ، ވީއްލިދާ ބަހެއް އަތުލައި އަނބުރައި ގެނައުމަށް ވުރެ، އަތުން ދޫވެ، ވީއްލިދާ އަހެއް ހިފައި އަނބުރާ ގެނައުން ފަސޭހައެވެ.

އާދެ، ބުނަން ބޭނުންވާ އެއްޗެއް ބުނަން ޖެހޭނީ ވަރަށް ވެސް ވިސްނާފައެވެ. އެހެނީ، އެއްޗެއް ބުނުމަށް ފަހު، އެ ބުނާ އެއްޗެއް އަނބުރާ ނުގެނެވޭނެތީއެވެ. އަދި، ކަނޑި ބަޑީގެ ޒަޚަމްތައް ފަސޭހަވެ ދިޔަޔަސް، ބުނާ ބަހަކުން އުފެދޭ ޒަޚަމްތައް ފަސޭހަ ނުވެ، އުމަގުވެފައި އަބަދުގެ އަބަދަށް ދެމި ހުންނާތީއެވެ.

  1. އެންމެ އަގު ބޮޑު ޚަޒާނާއަކީ އިލްމުވެރިކަމެވެ. ދެން އެއަށްފަހު ދަރީންނެވެ. ދެން، އެއަށްފަހު ފައިސާއާއި މުދަލެވެ.

ޝައްކެއް ނެތް ގޮތުގައި ފައިސާއާ މުދަލަކީ ދިރިއުޅުމަށް މުހިއްމު އެއްޗެކެވެ. ނަމަވެސް، އެއީ ދިރިއުޅުން ބާއްޖަވެރިކުރުމުގެ ވަސީލަތެކެވެ. ފަރުދީ ކުރިއެރުމާއި އަދި ޖަމާއަތުގެ ކުރިއެރުން ވެސް ބިނާވަނީ އިލްމުވެރިކަމުގެ މައްޗަށެވެ. އަދި، އެކަމުގެ މައްޗަށް ބިނާވާ ހެޔޮ ޖީލެއް ބިނާކުރެވިގެންނެވެ. އެހެންވެ، ފައިސާއާއި މުދާވެރިކަން ބޭނުންކުރަން ޖެހޭނީ، އިލްމުވެރިކަން ކުރިއަރުވައި ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތުކޮށް، އިލްމާއި ހިލްމުގެ ޖީލެއް ބިނާކުރުމަށްޓަކައެވެ. ވަގުތީ އަރާމާއި އުފާތައް ހޯދުމަށްޓަކައެއް ނޫނެވެ. ބައެއް ސަގާފަތްތަކުގައި އިލްމުވެރިކަން ކުރިއެރުވުމަށްޓަކައި، މުއްސަނދިން އެމީހުންގެ ތަރިކަ މުދަލުން، މިންވަރެއް ހޭދަކުރަން ވަސިއްޔަތްކޮށް ކަނޑައަޅާލައެވެ. ތައުލީމީ މުއައްސަސާތައް ބިނާކުރުމަށާއި އެފަދަ ތަންތަން އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށާއި އަދި ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށްޓަކައި އެހީތެރިވުމަށެވެ.

  1. އެކުވެރިވެ، އެކަތިގަނޑަކަށް ވުމަކީ ކާމިޔާބު ލިބުމުގެ މަސްދަރެވެ.

އާދެ، އެކުވެރިވެ، އިއްތިހާދުވުމުގައި ގަދަފަދަކަން ވެއެވެ. ވަކިވެ، ބައިބައިވުމުގައި އޮންނަނީ ބަލިކަށިވެ ނިކަމެތިވުމެވެ. އެހެންވެ، ކަންކަމާ މެދު، ބަހުސްކޮށް ވާހަކަދައްކާ ހެދުމުގައި ޚިޔާލު ތަފާތު ވިޔަސް، އެއްބައިވާން ޖެހޭ ވަގުތު ދެނެގަނެ، އެފަދަ ވަގުތުތަކުގައި އެއްބައިވާން ދަސްކުރަން ޖެހެއެވެ.

  1. މައިންބަފައިން ދުނިޔޭގައި ދިރިތިބި ހިނދު، މީހުން ދަސްކުރާށެވެ. އަދި، ކަލޭގެ އަސް ސަލާމަތުން ހެޔޮ ހާލުގައި ގަދަފަދަކޮށް އޮތް ހިނދު، ތަންތަނަށް ދަތުރުކޮށް ތަޖުރިބާ ލިބިގަންނާށެވެ.
  2. މީހަކު ހަތް ފަހަރު ވެއްޓި، ނާކާމިޔާބުވެދާނެއެވެ. ނަމަވެސް އަށް ފަހަރު އޭނާއަށް ތެދުވުމުގެ ފުރުސަތު އޮވެއެވެ.

އާދެ، ނާކާމިޔާބުވުމުން، އެކަމުން ފިލާވަޅު ލިބިގަނެ، ކުރަން އުޅޭ ކަމެއް ކުރުން ދޫކޮށް ނުލައި، އެކަން ކުރިއަށް ގެންދަން ޖެހެއެވެ. ކާމިޔާބުގެ އައްސޭރިއަށް ދެވޭނީ އޭރުންނެވެ. ކުރިމަތިވާ ނާކާމިޔާބުގެ މަރުހަލާތަކަކީ ވާސިލުވާން ބޭނުންވާ އަމާޒަށް ދަތުރުކުރަމުންދާ ދިޔުމުގައި ގިރާކުރަން ޖެހޭ އަޑިގުޑަންތަކެއް ކަމުގައި ދެކިގެންނެވެ. އެ އަޑިގުޑަންތައް ހުރަސްކުރާ ކޮންމެ ފަހަރަކު، އެއެޅެނީ ކާމީޔާބުގެ މަގުގައި ކުރިއަށް ފިޔަވަޅެކެވެ.

  1. ކަމެއްކުރަން ގަސްދުކުރާއިރު، ބިރުގަނެ ޖެހިލުންވާ ނަމަ، އެކަން ކުރަން ނުފަށާށެވެ. ކަމެއް ކުރަން ގަސްދުކޮށް، އެކަމާ މެދު ރަނގަޅަށް ވިސްނައި، ބަލަން ޖެހޭ ބެލުންތައް ބަލައި، އެކަން ފަށައިފި ނަމަ، ދެން، އެކަމާ މެދު ބިރުގަނެ ޖެހިލުން ނުވެ، އެކަމައިގެން ކުރިއަށް ދާށެވެ!
  2. ހިތް ސާފު ވެއްޖެ ނަމަ، ތަގުދީރު ވެސް ހެޔޮވާނެއެވެ.

މި ބަސްކޮޅު ހަނދާނަށް ގެންނަނީ ނަބަވީ ސިޔަރަތުގެ ސަފުހާއަކުން ތަންކޮޅެކެވެ. ސަލާމާތް ސަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ، ވަހީގެ ތަޖުރިބާ އަލަށް ކުރެއްވުމަށް ފަހު، ބިރުފުޅުގަނެ، ގެކޮޅަށް ވަޑައިގެން، އެކަލޭގެފާނުގެ އަނބިކަނބަލުން ޚަދީޖަތުގެފާނަށް އެވާހަކަ ކިޔައިދެއްވިއެވެ. ދެން، ޚަދީޖަތުގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަކީ ޚުލްގު ހެޔޮ، އޯގާތެރި، މީސްތަކުންނަށް ކަމޭހިއްތަވާ ބޭފުޅަކީމުއެވެ. އެފަދަ ބޭފުޅަކަށް މާތްﷲ ދެރަ ގޮތެއް މެދުވެރި ނުކުރައްވާނެއެވެ. އާދެ، މީހާގެ ހިތް ސާފުވެ، އޭނާއަކީ ހެޔޮލަފާ މީހަކަށް ވެއްޖެ ނަމަ، އާޚިރުގައި އޭނާއަށް އޮންނާނީ ހެޔޮ ގޮތެވެ. ތަގުދީރު އޭނާގެ ކުރިމަތީގައި ހިނިތުންވެލާނެއެވެ.

  1. ކަލޭ މަސައްކަތް ކޮށްފި ނަމަ، ތަގުދީރު ހިނިތުންވެލައި ކަލެއާ މެދު ހެޔޮ ގޮތުގައި ކަންތައް ކުރާނެއެވެ.

މިވާހަކަ ކީރިތި ގުރުއާނުގައި އޮންނަނީ މިފަދައިންނެވެ. ބައަކަށް ދިމާވެފައިވާ ނުރަނގަޅު ގޮތް، އެމީހުން އަމިއްލައަށް ބަދަލުކުރަން މަސައްކަތް ކުރުމުން މެނުވީ މާތްﷲ އެމީހުންގެ އެ ހާލަތު ބަދަލެއް ނުކުރައްވާނެތެވެ. އާދެ، ތިމާމެންގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރަން ފެށުމުން، އެކަމުގެ މަގުފަހިވެ، މާތްﷲގެ އެހީއާއި މަދަދު ލިބެން ފަށައެވެ.

  1. ޒަމާން އަބަދު އެއް ގޮތަކަށް ނޯވެއެވެ. ވިނައިގެ ކުލަ އަބަދު ފެހިކޮށް ނޯންނަ ފަދައިންނެވެ.

އާދެ، ޒަމާން، އަބަދުވެސް، ދައުރުވަމުން ދެއެވެ. އެ ދައުރުވަމުންދާ ދިޔުމުގައި ބައެއް ފަހަރު، އުފަލާއި ބާއްޖަވެރިކަން މެދުވެރިކުރުވައެވެ. އަނެއްބައި ފަހަރު ހިތާމައާއި އަބާއްޖަވެރިކަމާ ކުރިމަތިލާން ޖެހެއެވެ. އެހެންވެ، އުފާވެރިކަން މެދުވެރިވާ ވަގުތުގައި އެކަން ބަލައިގަންނަ ފަދައިން ހިތާމަތައް މެދުވެރިވުމުން އެކަން ވެސް ތަހައްމުލު ކުރަން ދަސްކުރަން ޖެހެއެވެ. އެކަމަކީ ދާއިމީ ސިފައެއްގައި ދެމި ނޯންނާނޭ ކަމެއްކަން ހަނދާންކުރަމުންނެވެ. އާ ފަތިހެއްގެ އިރަކާއެކު އަނދިރި ރޭރެއަށް ނިމުން އަންނަ ފަދައިން، ހިތާމަތަކަށް ވެސް ނިމުން އަންނާނޭކަން ޔަގީންކުރަމުންނެވެ.

  1. ބޯ ޖަންގަލިތަކުގައި ހިނގާފަދާ އިރު ވެސް، ރުށްގަސް ނުފެންނަ މީހުން އުޅެއެވެ.

ވާވަލުގައްޔާއި ޖަންގަލިތަކުގައި ހިނގާ ބައެއް މީހުންނަށް ރުށްގަސް ނުފެންނަނީ ކީއްވެ ހެއްޔެވެ؟ ޚިޔާލީ ދުނިޔެއެއްގައި އުޅެ، ހަގީގަތް ދުށުމަށްޓަކައި ލޯ ހުޅުވަން ބޭނުން ނުވާތީއެވެ. ހަމަ އެހެންމެ، ހަގީގަތްތައް ކުރިމަތިން ފެންނަން އޮންނައިރު ވެސް، އެކަން ފާހަގަ ނުކުރެވޭ މީހުން އުޅެއެވެ. ހަމައެކަނި އެމީހުންގެ އަމިއްލަ މަސްލަހަތު ނިޔާކުރާ ގޮތްގޮތަށް ބަލައިގެން ކަންކަމާ މެދު ވިސްނާތީއެވެ!

  1. ކާމިޔާބު ލިބޭ މީހާއަށް ގިނަ ރަހުމަތްތެރިން ލިބިގެން ވެއެވެ. މިއާ ޚިލާފަށް، ނާކާމިޔާބުވާ މީހާގެ ތިބެނީ ހަމައެކަނި ރަނގަޅު ރަހުމަތްތެރިންނެވެ!
  2. ކަލޭ ކުރާ ހެޔޮ ކަންކަމުގެ ތެރެއިން ނުބައިކަންކަން ހޯދައި ބަލަން ނޫޅޭށެވެ!

ނަބަވީ އިރުޝާދުގައި އޮންނަ ފަދައިން، ހެޔޮކަންކަން ބިނާވަނީ ނިޔަތުގެ މައްޗަށެވެ. މިސާލަކަށް ސަދަގާތެއްކުރާ ނަމަ، ހެޔޮ ނިޔަތުގައި އެކަން ކުރުމުން، އެކަމުގެ ހެޔޮ ދަރުމަ ލިބެއެވެ. އެ ސަދަގާތް ލިބޭ މީހާ، އެ ސަދަގާތް ބޭނުންކޮށްގެން މިވެހި އެވެނި ނުރަނގަޅު ކަމެއް ކޮށްފާނެތީ، ސަދަގާތް ދިނުމުން ދުރެވެގަނެގެން ނުވާނެއެވެ. ސަދަގާތުގެ ހެޔޮ ދަރުމަ ބިނާވަނީ ސަދަގާތްކުރާ މީހާގެ ނިޔަތުގެ މައްޗަށެވެ. އެ ލިބޭ މީހާގެ އަމަލުތަކުގެ މައްޗަކަށް ނޫނެވެ.

  1. ކަންކަމާ މެދު، މީސްމީހުން ދައްކާ ވާހަކަތައް ގިނައިން އަޑު އެހިވަރަކަށް، އެކަންކަމުގެ މައްޗަށް އަމިއްލައަށް ވިސްނައި ފިކުރުކޮށް، ކަމުގެ ހަގީގަތް އެނގިދިޔުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.
  2. މަހަށް ފެންނަނީ އެންކޮޅެވެ. ބުޅިއެއް ނޫނެވެ. ހަމަ އެހެންމެ، ދަހިވެތި އިންސާނާއަށް ފެންނަނީ ލިބިދާނެ ވަގުތީ ފައިދާއެކެވެ. ކަމުގައި އެކުލެވިފައި އޮންނަ ނުރައްކަލާއި ގެއްލުމެއް އޭނާއަކަށް ނުފެނެއެވެ.
  3. ދަހިވެތި މީހަކަށް، މުޅި ދުނިޔޭގެ މުދަލާއި ފައިސާ ލިބުނުކަމުގައި ވިޔަސް، އޭނާގެ ދަހިވެތިކަން، ފަގީރު ހާލުގައި، އަބަދުގެ އަބަދަށް، އޭނާ އޮތުމަށް މެދުވެރިކުރުވައެވެ.
  4. އަހަރެންގެ ގައިގައި އޭގެ ފައިން ޖަހާ އަހަށް ވުރެ، އޭގެ ބުރިކަށިމަތީ އަހަރެން އުފުލާ ހިމާރުގެ އަގު، އަހަރެން ކައިރީގައި، ބޮޑެވެ.
  5. ތާޒާ މަސް ކެއުމަށް ބުޅާ އެދެއެވެ. ނަމަވެސް، ކޯރަށް އެރެން ދާކަށް ބުޅަލަކަށް ނުކެރެއެވެ!

އާދެ، ތާޒާ މަސް ކާން ބޭނުން ނަމަ، މަސް ބާނަން ދާންޖެހެއެވެ. ތިމާ ކުރަން ބޭނުންވާ ކަންކަން ހާސިލުވަނީ ހަމައެކަނި އެކަންކަމަށް އެދުމަކުން ނޫނެވެ. އެކަން ލިބިގަތުމަށްޓަކައި މަސައްކަތް ކޮށްގެންނެވެ.

  1. މުއްސަނދި މީހަކީ، އޭނާގެ ބޮލުގައި ދަރަންޏެއް އެޅިފައި ނުވާ މީހާއެވެ.
  2. ތަންދޮރު ނުދަންނަ، މޮޔަ އެއްމެ މީހަކަށް ވެސް، ދިހަ ބުއްދިވެރިންނަށް ވެސް ޖަވާބު ނުދެވޭނޭ އެތައް އެތައް ސުއާލެއް ކުރެވިދާނެއެވެ.

މީހާގެ އިލްމުވެރިކަމާއި ތަންދޮރު ދަތުން ބިނާވަނީ ކުރެވޭ ސުއާލުތަކުގެ މައްޗަކަށް ނޫނެވެ. އަދި، ކުރާ ކޮންމެ ސުއާލަކަށް ޖަވާބު ދޭން ނޭނގުމަކީ ތަންދޮރު ނުދަތުމެއް ވެސް ނޫނެވެ. ކުރާ ސުއާލެއްގެ ޖަވާބު ވަގުތުން ނުދެވުނަސް، ބަހުސްކޮށް ކަންކަން ހޯދުމުގެ ހުނަރު ލިބިގެންވި ނަމަ، ފަހުން، އެކަންކަން ހޯދިދާނެއެވެ.

  1. ހައްގާއި ހަގީގަތް ހޯދުމުގެ ބޭނުމުގައި އިލްމުވެރިންނާއި ބުއްދިވެރިން ވާހަކަދައްކަނި ފިކުރާއި ޚިޔާލާތުތަކާ ބެހޭ ގޮތުންނެވެ. އެނޫން މީސް މީހުން ވާހަކަ ދައްކަނީ އެމީހުން ކާ އެއްޗިއްސާ ބެހޭ ގޮތުންނެވެ.
  2. ކަލޭގެ ގޭގެ ދޮރު ލައްޕައި ތަޅު އެޅުވުމުން، ކަލޭ ވާނީ ކަލޭގެ ގޭގެ ރަސްގެފާނަށެވެ!
  3. އަންހެނުންނާއި ފިރިހެނުން ވެސް ނިދަނީ ހަމަ އެއްކަހަލަ ބާލީހެއްގައި ބޯ އަޅައިގެންކަމަށް ވެދާނެއެވެ. ނަމަވެސް، އެ ދެބައި މީހުން ދެކޭ ހުވަފެންތައް ތަފާތެވެ.