އާދޭހެވެ! މިއީ އަޅުގަނޑުގެ ހަޔާތުގައި އެންމެ ފުރަތަމަ ލިބުނު ތައުލީމީ އަދި އަދަބީ އިނާމު ލިބުނު ދުވަހުގެ ފޮޓޯއެކެވެ. އަތުގައި އޮތް އެންމެ ކުރީގެ ފޮޓޯ ވެސްމެއެވެ. އޭރު އެންމެ 13 އަހަރެވެ.
ތަނަކީތޯއެވެ! މިއީ ގއ. ނިލަންދޫ މަދުރަސާގައި އުޅުނު އިރު އަޅުގަނޑުމެންގެ ހެޑްމާސްޓަރު ލޮބުވެތި އުސްތާޒު މުޙައްމަދު ޖަމީދީދީ (ޖަމީލްބެ/ ޙަކީމްދީދީގެ ޖަމީލް) މަދަރުސާގެ ގުރޭޑު ހައެއްގެ އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުންގެ މެދުގައި ބޭއްވެވި ޚާއްސަ ބަހުސް އޮތް ތަނެވެ. މިއީ «ހަކީމްދީދީގެ ކޭލެ ގެހު ދަޓާ»އެވެ. މިއަދު މި ގަސް ހުރި ތަން އޮތަސް މި ފެންނަ ދިރުމެއް އެ ތާކުއެއް ނެތެވެ. މިއަދު އެތަން ފެނުމުން ހީވަނީ މަންޒަރު ގަނޑުވެ ފަޅުވެފައި ތަނެއް ހެންނެވެ.
ބަހުސް ޝަރަފްވެރިކޮށްދެއްވީ އޭރުގެ އަތޮޅުވެރިޔާ އަލްމަރުޙޫމް މުޙައްމަދު ވަޙީދެވެ. އެ މަނިކުފާނުގެ ކަނާތްފަރާތްޕުޅުން ތިޔަ ފެނިވަޑައިގަންނަވަނީ އަޅުގަނޑުމެންގެ ހިންގުންތެރި ހެޑްމާސްޓަރު މުޙައްމަދު ޖަމީލެވެ. ނިލަންދޫގެ މުޅި ރައްޔަތްހެން އެ ދުވަހު އެ ތަނަށް އެއްވެފައި އޮތެވެ. މިއަދު ދުނިޔޭގައި ނެތް އެތައް ދައްތަކައާއި ބޭބެއަކު މި މަންޒަރުން އެބަ ފެނެއެވެ. މުޅި މަދަރުސާގެ އެކިއެކި ގުރޭޑުތަކުގެ ހުރިހައި ކުދިންހެން ތިއްބެވެ. ބަހުސުން އަންހެން އެއްވަނަ ބަހުސް ކުރުންތެރިޔަކަށް ހޮވުނީ ނިލަންދޫ ފެންފިޔާޒުގޭ ނާހިދާ އަހުމަދެވެ. ފިރިހެން އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވުނީ އަޅުގަނޑެވެ.
ލިބުނީ މާ އަގުބޮޑު އިނާމެއް ނޫނެވެ. ފޮތަކާއި ފަންސުރެކެވެ. އެހެނަސް، ބަހާއި އަދަބުގެ މާސިންގާ ދުނިޔެއަށް އަޅުގަނޑު ވަންނަން މަގު ދެއްކި ފަނާރަކީ ފަހެ މިއީ ކަމުގައި ނުވާނެތޯއެވެ!
ކުޑަކުޑަ ފޮތަކާއި ފަންސުރެކެވެ. އެހެނަސް އެއީ ގަނޑު ހުސްވުމެއް ނެތް ފޮތަކާއި ތުނޑު ހުސްވުމެއް ނެތް ފަންސުރެކެވެ. އަޅުގަނޑުގެ އަދަބީ މަސައްކަތުގެ ރޫހާއި ވިންދެވެ.
ކޮންމެއަކަސް މި ފޮޓޯ އެތައް ހާސް ވާހަކައެއް ކިޔައިދީފިއެވެ. އެތައް ހަނދާންތަކެއް އައުކޮށް ދެމުންނެވެ.
އޭޒަމާނާއެވެ! ވަގުތު ދިޔައީއެވެ! ހާދަ ނުފިލާ ހަނދުމަތަކެކެވެ.
3 Responses
ކަނާތްފަރާތްޕުޅުންތޯ ނުވަތަ ކަނާތްޕުޅު ފަރާތުންތޯ ރަނގަޅު ގޮތަކީ
ރަނގަޅު ގޮތަކީ ކަނާތްޕުޅު ފަރާތް!
ކަނާތްފަރާތްޕުޅުންތޯ ނުވަތަ ކަނާތްޕުޅު ފަރާތުންތޯ؟
ރަނގަޅު ގޮތަކީ ކަނާތްޕުޅު ފަރާތް