...

Support Us

ކޮރަޕްޝަން ނައްތައިލުން

ދުނިޔޭގެ ޝަހަރުތަކުގެ ތެރެއިން ޝަހަރެކެވެ. މި ޝަހަރުގައި ކޮރަޕްޝަން މާ ގިނަވެއްޖެއެވެ. ބިމު ހުރި ވެއްޔާއި ކަނޑު ހުރި ލޮނަށް ވުރެ ވެސް ގިނަވީއެވެ. ކަން މިހެން އޮތް އިރު މި އެއްޗެއް އެ ޝަހަރުގައި ގިނަވެ ފެތުރިފައިވާ މިންވަރަކީ، ބައްތީފުކާއި ހުޅުކޮޅާ ދެމެދު ވެސް ކޮރަޕްޝަނެވެ. ކާށްޓާއި ނާށްޓާ ދެމެދު ވެސް ކޮރަޕްޝަނެވެ. އަނބިމީހާއާއި ފިރިމީހާ އަދި ކުޑަ ދަރިފުޅާއި ކިރުމައިމީހާއާ ދެމެދު ވެސް ކޮރަޕްޝަނެވެ. ކުރުކޮށް ބުނާ ނަމަ މުޅި ޝަހަރު އޮތީ ކޮރަޕްޝަނުން ތަތްތެޅި އޮލަކޮށް ވާދެމިދެމިއެވެ. ކޮންމެޔަކަސް މި އެއްޗަކީ ޠާއޫނަށް ވުރެ ވެސް ނުރައްކާ އެއްޗެއްކަމަށް ވެއެވެ. އެހެންވެ ބުއްދިވެރި ހެޔޮ ލަފާ ސިކުނޑިތަކުން މި ކަން ހުއްޓުވާން މަސައްކަތް ފަށައިފިއެވެ.

މަތީގައި މި ބަޔާންކުރި ތަޢާރުފަކީ އެ މީހުން މި މަސައްކަތް ފަށާން ވެގެން ޝަހަރުގައި ކޮރަޕްޝަން އޮތް މިންވަރު ބެލުމަށް ހެދި ދިރާސާގެ މޫނުމަތީ ޚުލާޞާއެވެ. ކޮންމެޔަކަސް މުޅި ގައުމަށް އީދެއް އައި ކަހަލައެވެ. ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަފެށުނީތީއެވެ. ޝަހަރުގެ އަހުލުވެރީންނަށް ހީވީ ހުވަނީގެ އާފާތުގައި ނުނިދިފައި ތިއްބައި އެ މަރާން ރަށުތެރެ އަމާންކުރާން ބަޔަކު ނިކުތީހެނެވެ. އަވަސް އަވަހަށް މި ކަންކުރުމަށް ޓަކައި މި ކަމަށް ހުރި ހުރަސްތައް ނައްތައިލެވުނެވެ.

އެ ކަމަށް ޓަކައި ސިއްރުގޮތެއްގައި މަސައްކަތްކޮށްދޭނޭ ބަޔަކު އަގަށް ހޯދިއެވެ. އަގު ދޭ ގޮތަކީ ވެސް ސިއްރެކެވެ. އަދި މި އަގު ދޭކަން ބަޔަކަށް އެނގިދާނެތީ އެ މީހުންނަށް ދިން އުޖޫރައިގެ އިތުރަށް އެ މީހުން ބިރުގަންނަވައި އިންޒާރު ދިނެވެ. އެ މީހުންގެ ބޯކޮޅު ބަލައި ފާރަލާނެ ސާޖޫސުން އައްޔަނުކުރެވުނެވެ. ސަބަބަކީ މި ވަބާއިން ސަލާމަތްވާން އޮތީ އެ ގޮތުންނެވެ. އަދި މީގެ އިތުރަށް ކަން ހިނގާ ގޮތުގެ ހަގީގަތް ހާމަވިޔަ ނުދިނުމަށް ޓަކައި ވާހަކަ ހަދައިގެން ކިޔުމުގެ ހުނަރު ހުންނަ ކުދީން ހޯދައި ބޮޑު އަގުދީގެން ނަހަމަ ގޮތުގައި އެ ކުދީންގެ ޒުވާން ސިކުނޑިތައް އަސްޖަހައިލެވުނެވެ. އެ ކުދީންގެ ކަމަކީ ވާހަކަހަދައިގެން ކިޔުމެވެ. ދެން މި ހުރިހައި ބުރައެއް އުފުލަމުން ދާތީ މި މަސައްކަތްކުރާ އެންމެންނަށް ތަނަވަސް އިނާޔަތްތައް ކަނޑައެޅުނެވެ. ނުބައި މަގަކުން މީގެ ތެރެއިން މީހަކަށް ދެވިދާނެތީ ހެޔޮ ނިޔަތުގައެވެ.

ކޮންމެޔަކަސް މި ބުރަ ޖިހާދުން ކޮރަޕްޝަން ކޮންޓްރޯލުކުރެވިއްޖެކަށް އިޢުލާނުކޮށްލެވުނެވެ. ކުލަގަދަ ރަސްމިއްޔާތެއްގައެވެ. އެއަށް ފަހު އޮތް ބިލެތް މީރުކޮށްލުމަކަށް ފަހު، މީގެ ތެރެއިން އެކަކު ގެޔަށް ހިނގައްޖެއެވެ. ގެޔަށް ގޮސް ހަމަ ވަންތަނާ އޭނާގެ ހަ އަހަރުގެ ކުއްޖާ ސުވާލެއްކުރިއެވެ.

ބައްޕާއެވެ. ކޮރަޕްޝަން އެއީ ކޮން އެއްޗެއް ހެއްޔެވެ؟ ބައްޕަ ޓީވީން ދުށީމެވެ. ކޮރަޕްޝަން ނައްތާ ވާހަކަ ބައްޕަ ދެއްކިއެވެ. "ކޮރަޕު… ކޮރަޕުސަނު" ކުއްލިޔަކަށް ހުއްޓުން އަރައިފިއެވެ. ތޫނު ދަރިފުޅުގެ ހޫނު ސުވާލުގެ ސަބަބުންނެއް ނޫނެވެ. އެއީ އަދި މި ވީތަނަށް ހިތަށް ވެސް އެރި ސުވާލަކަށް ނުވާތީއެވެ. ކޮރަޕްޝަން އެއީ ކޮން އެއްޗެއްތޯ އެއްވެސް މީހަކު ގާތު އަހައިލެވިފައެއް ވެސް ނެތެވެ. އިނގިރޭސި ލަފުޒެއްހެން ހީވާތީ އޭގެ މާނަ ބަލައިލެވޭކަށް ވެސް ނެތެވެ. "ދަރިފުޅު އިންޓަނެޓުން ބަލައިލަންވީނު" އެ ކުއްޖާ ގޫގުލްގައި ޖަހައިގެން މި ލަފުޒުގެ މާނަ ހޯދައި ބައްޕައަށް ކިޔައިދިނެވެ. ކޮރަޕްޝަންގެ މާނަކަމަށް އެ ބުނެދިން ކަންކަމުގައި ހިމެނުނީ، ކޮރަޕްޝަން ނައްތައިލަންކަމަށް ބުނެ އެ ކުރެވުނު ހުރިހައި ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.