Support Us

ފައިސާއަށް އެސައިންމެންޓު ހަދައިދިނުމުގެ ސަރިޔަތް

ސަރިޔަތް ފެށުނީއެވެ. އެހެން ދުވަސްދުވަހެކޭ އެއްގޮތަށް މިއަދު ވެސް އަޑުއަހާ އެންމެން ތިބީ އަންނާނެ ހުކުމަކަށް އިންތިޒާރުކޮށްގެންނެވެ. މި ފަދަ ބޮޑު ކުށްވެރިއެއްގެ މައްޗަށް އަންނާނީ ކޮންފަދަ ބޮޑު ހުކުމެއް ބާވައެވެ؟ އިރުކޮޅަކުން ފަނޑިޔާރުމަނިކުފާނު އޭނާގެ އައިނުކޮޅު ކުޑަކޮށް ހެޔޮވަރުކޮށްލައްވައި ދެފަރާތް ދެފަރާތަށް ބައްލަވައިލެއްވިއެވެ. ސެކްރެޓަރީއަށް އޭގެ މާނަ އެނގުނެވެ. އަރިހަށް ދާންވީއެވެ. ކަންފަތްޕުޅުދޮށުގައި ސިމިސިމިލައްވައިލެއްވުމަށް ފަހު ތެދުވެގެން ވަޑައިގެންފިއެވެ. ހުކުންކުރުން ދެން އަންނަ ދުވަހަކަށް ލަސްކުރެއްވިކަން އިއުލާނުކުރައްވައިފައެވެ.

ދައުވާ އުފުލިފައިވާ ޚަޞްމުގެ މައްސަލައަކީ ބޮޑުވެގެންވާ ޖަރީމާއެވެ. އެ ޝަހަރުގައި ކިޔަވާ ކުދީންނަށް، ފައިސާއަށް އެސައިންމެންޓު ހަދައިދިނުމެވެ. ބޮޑެތި ދިރާސާތަކާއި ޢިލްމީ މަޒުމޫނުތައް ލިޔެތައްޔާރުކޮށްދިނުމެވެ. އޭގެ ސަބަބުން ތަޢުލީމުގެ ފެންވަރު ދަށްވަނީއެވެ. ޖީލުތައް ބަރުބާދުވަނީއެވެ. ޢިލްމުވެރީން އުފެދުމުގެ ބަދަލުގައި ސަނަދުވެރީން ތޮއްޖެހެނީއެވެ. އެހެންކަމުން މި ކަންވަނީ މަދަރުސާތަކާއި ކޮލެޖު ޔުނިވަރސިޓީތަކަށް ހަލާކަކަށްވެފައެވެ. އޮފީސްތަކަށް އާފާތަކަށްވެފައެވެ. ކޯޓުތަކަށް ބޮޑު ޝަކުވާޔަކަށްވެފައެވެ.

ކޮންމެއަކަސް ކުށްވެރިޔާ އަދިވެސް ހުރީ ހައްޔަރުކޮށްފައެވެ. އޭނާގެ ނުރައްކަލުން މުޅި ޝަހަރު ސަލާމާތްކުރަން ޖެހޭކަމަށް އެންމެން އެއްބަސްވެއެވެ. އިންކާރުކުރާ ހަމައެކަކުނެތެވެ. އެހެންވެ ހަރުކަށި ޤާނޫނުތައް ހެދިއްޖެއެވެ. އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުން ހުއްޓުވާނެއެވެ. އެ ޝަހަރުގައި އެންމެނަށް އެއްބަސްވެވޭ ހަމައެކަނި ކަމަކީ ވެސް މިއީ ކަންނޭނގެއެވެ.

އަނެއްކާ ވެސް މައްސަލައިގެ ހުކުންކުރާ ދުވަހެވެ. ހުރިހައި ރަސްމުތަކެއް ފުރިހަމަވެއްޖެއެވެ. ޢިއްޒަތާއި ހައިބަތުގައި ފަނޑިޔާރު މަނިކުފާނު ވަޑައިގެން އޭނާއަށް ޚާއްޞަކުރެވިފައިވާ ގޮނޑިކޮޅުގައި އިށީނދެވަޑައިގެންފިއެވެ. އައިނުކޮޅުގެ މަތިންނާއި ތިރިން މުޅި ހޯލަށް ބައްލަވައިލެއްވި ގޮތުން މައްސަލައިގެ ސީރިޔަސްކަން އެނގެއެވެ. އޭރުވެސް ކުށްވެރިޔާ ހުރީ ހައްޔަރުކޮށްފައެވެ. އޭނާ ގެޔަށް ބަދަލުކުރެވޭތޯ ދިފާޢީ ވަކީލުން ކުރެއްވި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ.

ކޮންމެޔަކަސް އިރުކޮޅަކުން ފަނޑިޔާރުމަނިކުފާނަށް ބާވަތަކުގެ ގިސްފުޅެއްލެވެންފަށައިފިއެވެ. ލޯފުޅުން ކަރުނަފޮދު ނީރާންފަށައިފިއެވެ. އިސާހިތަކު ކުޑަކޮށް ފިނިވެލައި ފިނޑިވެލައި ގަނޑުވެލައިފައި އަޑުގެ ކޮޅަށް ހޭރިވަޑައިގަތެވެ. "މިކަމެއް ނުވާނެ. އަޅުގަނޑު އެކަނި މި ހުކުމުގެ އިބާރާތް ހަމަޖައްސައިލައިގެން ލިޔެވޭތޯ އުޅޭތާ މަހެއްހައި ދުވަސް މިވީ. އޭނާ ޖަލުގައި ބެހެއްޓީމާ އަޅުގަނޑުގެ މަސައްކަތްތަކަށް ވެސް ވަރަށް ބުރޫ އަރާ" ފަނޑިޔާރު އެދިވަޑައިގަތީ އަގަށް އެސައިންމެންޓް ލިޔެދޭ މީހާ އެންމެ ރެޔަކަށް ނަމަވެސް ގެޔަށް ބަދަލުކޮށްދިނުމަށެވެ. އޭރުން އޭގެ އަނެއް ދުވަހު ސަރިޔަތް ބާއްވައި ހުކުން އިއްވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވިއެވެ. ކުޑަވެސް ޝައްކެއްނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *