ޢައްބާސީ ޚަލީފާ އަލްވާޘިޤުގެ ވެރިކަމުގައި އޭނާއަށް އެއްރެއަކު ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އޭނާއަށް ހުވަފެންފުޅުން ފެނިވަޑައިގަތީ ޔައުޖޫޖުމައުޖޫޖުގެ ޑޭމު ހުޅުވިފައިވަނިކޮށްނެވެ. އެކަމާ ވަރަށް ބޮޑަށް ބިރުފުޅުގަތެވެ. މިހެންވެ، އެ ކަމުގެ ތެދުދޮގު ހޯއްދެވުމަށް ޓަކައި މިޝަނެއް ފޮނުއްވަން ނިންމެވިއެވެ.
މިކަމާ ބެހޭގޮތުން ޚަލީފާ ވާޘިޤު ޢައްބާސީ ލަޝްކަރުގެ ވެރިޔާ އަޝްނާސުއްތުރްކީއާ މަޝްވަރާ ކުރެއްވިއެވެ. ޢައްބާސީ އިދާރާގައި ތަރްޖަމާއާ ބެހޭ ބައިގައި 30 ބަސް ދެނެވަޑައިގަންނަވާ، މި މަސައްކަތަށް ވަރަށް ޤާބިލު ބޭފުޅަކު އެބަހުންނެވި ކަމަށް ސިފައިންގެ ވެރިޔާ ޚަލީފާއަށް ދެންނެވިއެވެ. އޭނާގެ ނަމަކީ ސަލާމުއްތުރްޖުމާނެވެ. މިކަމާ ބެހޭގޮތުން ސަލާމު ވިދާޅުވިއެވެ. "އަލްވާޘިޤު އަހުރެން ގެންދަވައި މި ޑޭމުގެ ޚަބަރުތައް ބަލައި އެ ޚަބަރުތައް ހިފައިގެން އައުމަށް ވިދާޅުވިއެވެ. ޚަލީފާ މި މަސައްކަތަށް ޓަކައި ވަރުގަދަ 50 ޒުވާނުން މަށަށް ދެއްވިއެވެ. މި މަސައްކަތުގައި މަ މަރުވެދާނެތީ މަގޭ މަރުގެ ދިޔައިގެ ގޮތުގައި 10 ހާސް ދިރްހަމު ދެއްވިއެވެ. އަދި މަގޭ ޖަމާޢަތުގައި ހިމެނޭ ކޮންމެ މީހަކަށް ކެއުމަށާއި މުސާރައިގެ ގޮތުގައި 1،000 ދިރްހަމު ދެއްވިއެވެ. ކިތާބުލް މަސާލިކި ވަލްމަމާލިކި ނަމަކަށް ކިޔާ ފޮތުގައި ޢަބްދުﷲ ބިން ޚަރްދުޛާބާ މި ވާހަކަތައް ގެނެސްދެއްވައިފައި ވެއެވެ.[1] އޭނާ މި ވާހަކަތައް ނަޤްލުކުރައްވައިފައި ވަނީ މި މިޝަންގެ ވެރިޔާ ސަލާމުއްތުރްޖުމާނުގެ އަރިހުންނެވެ.
ސަލާމުއްތުރްޖުމާނު ދަތުރަށް ޓަކައި ޤާފިލާ ތައްޔާރު ކުރައްވައި ކާބޯތަކެއްޗާއި ފެން އަރުވާ ބަރާކުރައްވައިގެން ޢައްބާސީ ޚިލާފަތުގެ އޭރުގެ ވެރިރަށް ސާމައްރާއިން ނުކުމެ ވަޑައިގެން ދަތުރު ކުރެއްވީ އުތުރަށެވެ. އަރްމީނިޔާއާ ދިމާއަށެވެ. އެ ދުވަސްވަރު އެއީ ޢައްބާސީ ދައުލަތުގެ ޕްރޮވިންސެކެވެ. މި ރަށުގެ ވެރިރަށް ތަފްލީސް (މިހާރުގެ ނަމަކީ ތަބްލީސެވެ. އެއީ މިއަދުގެ ޖޯރޖިޔާގެ ވެރިރަށެވެ.) އަށް ވަޑައިގެންނެވުމުން އެ ސަރަޙައްދުގެ ވާލީ އިސްޙާޤު ބިން އިސްމާޢީލު ކޯކަސްއާއި ދެކުނު ރޫސީވިލާތުގެ ރަސްރަސްކަލުންނަށް ފަތްކޮޅުތަކެއް ފޮނުއްވިއެވެ. ދެކުނު ރޫސީވިލާތުގައި އެ ދުވަސްވަރު އޮތް މުހިއްމު ދައުލަތްތަކުގެ ތެރޭގައި ޚަރްޒު ރަސްކަން ވެއެވެ. މިއީ ޔަހޫދީ ދައުލަތެކެވެ.
ސަލާމު ވިދާޅުވިއެވެ. "އަހުރެމެން ޚަރްޒުގެ ރަސްގެފާނުގެ އަރިހުގައި އެއްރޭ އެއްދުވާވަންދެން ތިބީމުއެވެ. އެ ރަސްގެފާނު އަހުރެމެންނަށް ފަސް އާރުކާޓީން ދެއްވިއެވެ. އަހުރެމެން ދަތުރު ކުރީ ކެސްޕިއަން ކަނޑުގެ އުތުރުން އިރުމައްޗަށެވެ. ސައްބީސް ދުވަހުގެ ދިގު ދަތުރަކަށްފަހު އަހުރެމެންނަށް ދެވުނީ ވަރަށް ނުބައި ވަސް ދުވާ ކަޅު ފަސް ބިމަކަށެވެ. އެއަށްފަހު އަހުރެމެންނަށް ދެވުނީ ޚަރާބުވެ ފަޅުވެފައިވާ ރަށްތަކަކަށެވެ. މި ރަށްތަކުގައި އަހުރެމެން 20 ދުވަހު ދަތުރު ކުރީމެވެ. މި ރަށްތަކާ ބެހޭގޮތުން ސުވާލު ކުރުމުން އެއީ ޔައުޖޫޖުމައުޖޫޖޫ މީހުން ހަލާކުކޮށްފައިވާ ރަށްތަކެއްކަން އެނގުނެވެ. [2]
ރޫސީވިލާތުގެ އޮރިއަންޓަލިސްޓެއް ކަމުގައިވާ އެގްނާޓިޔޯސް ކްރަޗޮވުސްކީ ލިޔުއްވި ((އަރަބި ޖޯގުރަފީގެ އަދަބުގެ ތާރީޚު)) ނަމަކަށް ކިޔާ ފޮތުގައި ސަލާމުއްތުރްޖުމާން ބަލްކާޝް ކޯރާ ހަމައަށް ވަޑައިގެންފައިވާ ކަން ކަށަވަރުކޮށް ދެއްވައިފައިވެއެވެ. މިއަދު މި ކޯރަކީ ކަޒަޚިސްތާނުގެ ލޭކެކެވެ. ސަލާމުއްތުރްޖުމާން ޗައިނާގެ ޖަންގްރިޔާ ސަރަޙައްދާ ހަމައަށް ވަޑައިގެން ޗައިނާގެ ބޮޑުފާރު ބައްލަވައިފައި ވެއެވެ.[3]
ސަލާމުއްތުރްޖުމާނު ކަށަވަރުކޮށް ދެއްވައިފައިވާ ގޮތުގައި "އޭނާއަށާއި އޭނާގެ އެކުވެރީންނަށް (އައިކާ) ނަމަކަށް ކިޔާ ރަށަށް ދެވުނެވެ. މިއީ ދަނޑުބިން ގިނަ ރަށެކެވެ. ޛުލްޤަރްނައިނީގެ ލަޝްކަރު ފައިބާ ފޭލިގެ ޖަހައިފައި ވަނީ މި ރަށުގައެވެ. މި ރަށާ ޑޭމާ ދެމެދުގައި ތިން ދުވަހުގެ ދުރުމިނެއް ވެއެވެ. ސަލާމަށް ތިން ދުވަސް ފަހުން ޑޭމު ކައިރިއަށް ވަޑައިގެންނެވުނެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ ވަށް ފަރުބަދައެކެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ޔައުޖޫޖާއި މައުޖޫޖަކީ ދެ ޤަބީލާއެކެވެ. ދެ ފަރުބަދަ ދޭތެރޭގައި ޛުލްޤަރްނައިނި ބިނާކުރެއްވި ޑޭމަކީ 120 މީޓަރުގެ ފުޅައު މަގެކެވެ. ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ބޭރަށް ނުކުންނާނީ މި މަގުންނެވެ.
ސަލާމު މި ޑޭމު ވަރަށް ތަފްޞީލުކޮށް ސިފަކޮށް ދެއްވައިފައި ވެއެވެ. އޭނާއަށް ވަނީ އެ ތަން ފެނިވަޑައިގެންފައެވެ. ޔޫރަޕާއި ރޫސީވިލާތުގެ ބައެއް މުއައްރިޚުންނާއި އޮރިއަންޓަލިސްޓުން ސަލާމުގެ ދަތުރުފުޅާމެދު ޝައްކުތައް އުފެއްދި ނަމަވެސް އަނެއްބައި މުއައްރިޚުން މި ދަތުރުފުޅުގެ ޞައްޙަކަން ވަނީ ހާމަކުރައްވައިފައެވެ. މި ވާހަކަތައް އިބްނު ޚަރްދަޛާބާ ވަނީ ރިވާކުރައްވައި ލިޔުއްވައިފައެވެ.
ޔޫރަޕްގެ ބައެއް ދާރިސުން ސަލާމުއްތުރްޖުމާނުގެ ދަތުރުފުޅަށް ތާރީފު ކުރައްވައިފައި ވެއެވެ. ސަލާމު ޑޭމާ ބެހޭގޮތުން ވިދާޅުވިއެވެ. (ޛުލްޤަރްނައިނި މި ޑޭމުގެ ބިންގާ އަޅުއްވާފައި ވަނީ 30 މުށަށް (ގާތްގަނޑަކަށް 17 މީޓަރު) އަޑިއަށް ކޮންނަވައިގެންނެވެ. އެއަށްފަހު އެ ރަސްގެފާނު މި ޑޭމުގެ ދެ ފަރާތުގައި ބިޔަ ދެ ތަނބު ބިނާކުރެއްވިއެވެ. ކޮންމެ ތަނބެއްގެ ފުޅައު މިނަކީ 25 މުށެވެ. (ގާތްގަނޑަކަށް 14 މީޓަރެވެ.) މި ދެ ތަނބު ބިނާކުރެއްވީ ދަނގަޑާއި ލޮއިންނެވެ. ތަނބުގެ ބޯމިނަކީ 50 މުށެވެ. (27 މީޓަރެވެ.) މި ތަނބުތައް ބިނާކުރައްވާފައިވަނީ ވިރުވައިފައިވާ ލޮއިގެތެރެއަށް ރާނަން ބޭނުންކުރާ ގައުބުރިބުރިގޮތަށް ހުންނަ ދަނގަނޑު ބުރިތަކެއް ބޭނުން ކުރައްވައިގެންނެވެ. ކުންނެވެ. ދަނގަޑު ބުރިއެއްގެ ދިގުމިނަކީ ދޮޅު މީޓަރެވެ. ބޯމިނަކީ ހަތަރު އިނގިލީގެ މިންވަރެވެ.
ސަލާމު ބަޔާންކުރައްވައިފައިވާ ގޮތުގައި ޛުލްޤަރްނައިނި މި ޑޭމް ބިނާކުރެއްވީ ދޮރެއް ގޮތަށެވެ. ދޮރުގެ މަތީބައި ބިނާކުރައްވައިފައިވަނީ ލޮޔާއި ދަނގަޑުން ހަދައިފައިވާ ހިލައިންނެވެ. އެއަށްފަހު އޭގެ މައްޗަށް ލޮޔާއި ދަނގަނޑު ވިރުވައި އޮއްސަވައިފައިވެއެވެ. ވައިކޮޅަކަށް ވެސް ނުވަދެވޭނެފަދަ ހިމުންކޮށެވެ. ސަލާމު ވިދާޅުވެފައިވާ ގޮތުގައި މި ތަން ފެންނަ މީހާއަށް މި ތަން ފެންނާނީ ފަރުބަދައިގެ ބައެއްގެ ގޮތުގައެވެ. މި ދޮރު ނުވަތަ ޑޭމުގެ އުސްމިނަކީ 55 މީޓަރެވެ. މި ދޮރުގައި 11.5 މީޓަރުގެ ތަޅެއް ވެއެވެ. މި ތަޅު ދެ މީހަކަށް އުފުލައެއް ނުލެވޭނެއެވެ. ސަލާމު ވިދާޅުވިއެވެ. ((އެއީ ތަޅެއް ކަމެއް ނުވަތަ ޑޭމް ވަރުގަދަކުރަން ޖަހާފައިވާ އަބެއް ކަމެއް ނޭނގެއެވެ.))
ސަލާމު އެ ހިސާބުގެ މީހުންކުރެން މި ތަނާ ބެހޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ. އެމީހުން ދެންނެވިއެވެ. (ރަސްގެފާނު ވަނީ އެ ތަން ބަލަހައްޓަން ތިން ބަނޑޭރިއަކު އިސްކުރައްވައިފައެވެ. އެމީހުން ކޮންމެ ދުވަހަކު މި ތަޅުގައި ތިން ވަގުތަކު ޖަހާނެއެވެ. ދުވާލު ފެށޭ ވަގުތު އެމީހުން ތަޅުގައި ޖެހުމުން އެ އަޑު ޑޭމްގެ އަނެއް ފަރާތުގައި އުޅޭ މީހުންނަށް މާބުރުތަކެއް ބޫންބޫން ލައްވާ އަޑުގޮތަށް އަޑެއް އިވޭނެއެވެ. އެއަށްފަހު މި އަޑު ހިނދިގެންދާނެއެވެ. މެންދުރުވުމުން އެމީހުން ތަޅުގައި އަނެއްކާ ވެސް ޖަހާނެއެވެ. މި ފަހަރުގެ އަޑު ކުރީ ފަހަރަށްވުރެ ގަދަވާނެއެވެ. އެއަށްފަހު މި އަޑު ވެސް ހިނދިގެން ދާނެއެވެ. ދެން ޢަޞްރު ވަގުތުގައި އެ ތިންމީހުން ތަޅުގައި ޖަހާނެއެވެ. މި އަޑުގަދަކަމުން އިރު އޮއްސެންދެން އަޑު ހިނދިގެން ނުގޮސް ހުންނާނެތެވެ. އެއަށްފަހު އެމީހުން އެ ތަނުން ދުރަށް ދާނެއެވެ. މި ތަޅުގައި ޖެހުމުގެ ބޭނުމަކީ އެ ތަން ބަލަހައްޓާ ބަނޑޭރިން ތިބިކަމާއި ޑޭމަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން އެންގުމެވެ.)
ސަލާމުއްތުރްޖުމާން މި ބަޑޭރީންގެ ގާތަށް ވެސް ވަޑައިގެންނެވިއެވެ. އެއީ މި ޒަމާނުގައި އޮންނަފަދަ ސަލާމަތީ ބާރެކެވެ. އެމީހުން ކޮންމެ ދުވަހަކު މި ފާރު ބަލައި ފާރަށް ލިބެމުންދާ ގެއްލުންތައް ދިރާސާކުރެއެވެ. މި ޑޭމުން އެއްވެސް ކަހަލަ އުނިކަމެއް ފެންނަމުންދޭތޯ ސަލާމު ސުވާލު ކުރެއްވުމުން އެމީހުން ދެންނެވިއެވެ. (މި ލޯވަޅު ނޫނީ ނެތެވެ. އެއީ ހިމަ ރޮއްޖެއްގެ ފުޅައު މިނުގެ ތަންކޮޅެކެވެ. މި ފާރަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިދާނެކަމުގެ ބިރެއް އެބަ އޮތްތޯ އޭނާ އެއްސެވިއެވެ. އެހިނދު އެމީހުން އެ ފަދަ ބިރެއްނެތް ކަމަށް ދެންނެވިއެވެ.) ދެން ސަލާމު އޭނާގެ ޚުއްފުގެތެރެއިން ވަޅިއެއް ނަންގަވައި އެ ލޯވަޅުތެރެއަށް ވައްދަވައި އެ ތަނުން ބައި ދިރްހަމުގެ މިންވަރުގެ އެތިކޮޅެއް ނެންގެވިއެވެ. އޭތިކޮޅު ކުޑަ ފޮތިކޮޅެއްގެތެރެއަށް ލައްވައި ޚުއްފުތެރެއަށް ލެއްވިއެވެ. މީތިކޮޅު ނެންގެވީ ޚަލީފާ ވާޘިޤަށް ދައްކަވައި ޑޭމު ބިނާކޮށްފައިވާ މާއްދާ ހާމަކޮށްދެއްވުމަށް ޓަކައެވެ.
ސަލާމުއް ތުރްޖުމާން މި ޑޭމު ރަނގަޅަށް ބައްލަވައި ދިރާސާކުރެއްވުމަށްފަހު ޢިރާޤަށް އެނބުރި ވަޑައިގެންނެވުމުގެ ދަތުރުފުޅު ފެށްޓެވިއެވެ. މި ފަހަރު ދަތުރުފުޅު ކުރެއްވީ މުޅިން އެހެން މަގަކުންނެވެ. ފުރަތަމަ މިސްރާބު ޖެއްސެވީ ޚުރާސާނަށެވެ. (އެއީ މިހާރުގެ ތުރްކުމާނިސްތާނެވެ.) އެބޭފުޅުން ދަތުރުކުރެއްވީ މެދުތެރޭ އޭޝިޔާގެތެރެއިން ސަމަރުޤަންދުން ބުޚާރާއިން ތިރްމިޛުން ނައިސާބޫރަށެވެ.
ސީނުކަރައަށް ކުރެއްވި ދަތުރުފުޅުގައި މި މިޝަންގެ ބޭފުޅުންގެ ތެރެއިން 22 ބޭފުޅަކު ވަނީ އަވަހާރަވެފައެވެ. އަދި ބައެއް ބޭފުޅުންނަށް ތަފާތު އާލާސްކަންފުޅުތައް ޖެހިވަޑައިގަތުމުގެ ސަބަބުން މިޝަނާއެކު ދަތުރުފުޅު ނުކުރެއްވުނެވެ. އަވަހާރަވި ބޭފުޅުން ފަސްދާނުލެވުނީ އެބޭފުޅުން ތުރުކުރައްވައިގެން ތިއްބެވި ހެދުންކޮޅުތަކުގައެވެ. ޢިރާޤަށް އެނބުރިވަޑައިގެން ދަތުރުފުޅުމަތީގައި ބާރަ ބޭފުޅުން އަވަހާރަވިއެވެ.
ސަލާމު ވިދާޅުވެފައިވާ ގޮތުގައި ސީނުކަރައަށް ކުރެއްވި ދަތުރުފުޅުގައި 16 މަސް ހޭދަވިއެވެ. ޢިރާޤަށް އެނބުރިވަޑައިގެންނެވި ދަތުރުފުޅުގައި 12 މަސް ހޭދަވިއެވެ. އޭގެ މާނައަކީ ވާޘިޤު ފޮނުއްވި މިޝަންގެ މަސައްކަތަށް ދެ އަހަރާއި ހަތަރު މަސް ހޭދަވިއެވެ. ޢައްބާސީ ދައުލަތުގެ ވަގުތީ ވެރިރަށް ސާމައްރާއަށް ސަލާމާއި އޭނާގެ މިޝަންގެ ބޭފުޅުން ވަޑައިގެންނެވުމުން ޚަލީފާ ވާޘިޤާ އެބޭފުޅުންނާ ބައްދަލު ކުރައްވައި ދަތުރުގެ ވާހަކަތައް އެއްސެވިއެވެ. ސަލާމު ދަތުރުފުޅުގެ ތަފްޞީލުތައް ޚަލީފާއަށް ދެންނެވިއެވެ. އަދި ޑޭމުން ގެންނެވި ކުޑަކުޑަ ދަގަނޑުކޮޅު ޚަލީފާއަށް އެރުއްވިއެވެ. ޑޭމު ހަލާކުނުވެ ހުރިކަން ޚަލީފާއަށް އެނގިވަޑައިގަތުމުން އެކަމާ އުފާފުޅު ކުރައްވައި މާތްﷲ އަށް ޙަމްދުކުރައްވައި ފަޤީރުންނަށް ޞަދަޤާތް ބެއްސެވިއެވެ. އަދި ސަލާމުގެ މިޝަންގެ ކޮންމެ ބައިވެރިއަކަށް އެއްހާސް ދީނާރުގެ އިނާމެއް ދެއްވިއެވެ.
މިއީ ސަލާމުއްތުރްޖުމާން ޔައުޖޫޖު މައުޖޫޖު ބާގައިގެ ޑޭމަށް ކުރެއްވި ދަތުރުފުޅުގެ ޚުލާޞާއެކެވެ. ސަލާމުގެ މި ދަތުރުފުޅާމެދު ބައެއް މުއައްރިޚުން ޝައްކު އުފެއްދެވިޔަސް މިއީ މުސްލިމުން އިސްނަގައިގެން ކޮށްފައިވާ ޢިލްމީ ދިރާސާއެއްކަން ކަށަވަރެވެ. މިއީ ޢިލްމީ އަދި ޖޯގްރަފީގެ މައިދާނުގައި މުސްލިމުން ޙާޞިލުކޮށްފައިވާ މުހިއްމު އަރުތައެކެވެ. ކީރިތި ޤުރްއާން ދިރާސާ ކުރުމުގެ މައިދާނުގައި ހޯދުނުހޯދުންތަކެކެވެ.
[1] – ابن خردذابة: المسالك والممالك ص163
[2] – ކުރީގެ މަޞްދަރު
[3] – ކްރަޗޮވުސްކީގެ ފޮތް : އަރަބި ޖޯގްރަފީގެ އަދަބުގެ ތާރީޚު : 1 / 140




advertisment