Support Us

ކޮލަމް: އަލި

މި ފޮތުގެ ކޮންމެ ސަފުހާއަކުން ވެސް ކިޔައިދެނީ އެތައް ހާސް ވާހަކައެކެވެ.

މިއީ އަޅުގަނޑުގެ މަދަރުސީ ޙަޔާތުގެ ހަނދާންތަކުގެ ތެރެއިން ވަރަށް މުހިންމު ހަނދާނެކެވެ. މިއީ، ދިވެއްސާއި އިސްލާމުގެ ތަމްރީނުތައް އަޅުގަނޑު ހެދި ފޮތްތަކުގެ ތެރެއިން ފެންނާން އޮތް ހަމަ އެކަނި ފޮތެވެ. އާދެ ފޮތްގަނޑެކެވެ. މި ފޮތްގަނޑު ފެނުމުން މިވީ އުފާ ދަންނަވަން ދައްޗެވެ. އުފަލުގެ ރަމްޒަކަށް އޮހުނު ކަރުނައިން ލޯފުރުނެވެ. މޭ ތެމުނެވެ. މަދަރުސީ ދައުރު ހަނދާންވީތީއެއް އެކަންޏެއް ނޫނެވެ. އަޅުގަނޑުގެ ލޮބުވެތި މަންމަ އަޅުގަނޑުގެ މި ފަދަ އެއްޗެއްސާ މެދު ބެހެއްޓެވި އޯގާވެރި ލޯބިވެތި އަޅައިލެއްވުމުގެ މަތިން ހަނދާންވެފައެވެ.

މިއީ1990ވަނަ އަހަރު އަޅުގަނޑު ގުރޭޑު3ގައި ބޭނުން ކުރި ފޮތެކެވެ. އެއީ ލޯބިވާ ރަށުން ލިބެން ނެތް ތައުލީމު ހާސިލްކުރާން އަޅުގަނޑު މާލެ އައި އަހަރެވެ. އާދެ އެއީ މީގެ29އަހަރު ކުރިއެވެ.

ލިލީމާގެއެވެ. މިއީ އަޅުގަނޑުމެންގެ ގެއެވެ. މަންމައާއި ބައްޕަގެ ގާތުގައި ދިރިއުޅުނު އުފާވެރި ޖަންނަތެވެ. އެއީ އެންމެ ރައްކާތެރި ހިޔަލެވެ. އެހެނަސް މިއަދު މީ އެ ގެެއެއް ނޫނެވެ. މިއީ މާބޮޑު މާ ތަނަވަސް ގެެކެވެ. ކޮޓަރިތައް ވެސް މާ ގިނައެވެ. ހިފައިގެންގުޅޭ ސާމާނު ވެސް ގުނައި އަދަދު ނުވެވޭހައި ގިނައެވެ. އޭރު ކާކޮޓަރިއާއި ބަދިގެ ހުރީ ގެޔާ ވަކީންނެވެ. ބަދިގޭ ދުމަށިމަތީން ދިލަޖެއްސި މަސް ހުސްނުވެ ހުރެއެވެ. މަންމަ ކައްކާ މީރު"ގަރެދެ" އާދެ ރިހާކުރު އެކިވަރުގެ ތާސްތަކުގައި ހުސްނުވެ ހުރެއެވެ. މިހާރު ވެސް އޭގެ ރަހަ އަރުތެރޭ ލާފަދައެވެ. ކާކޮޓަރީގައި ހުންނަ ލަކުޑި މޭޒުމަތި ފަލުފިލުވައި ދެނީ ކަޅުސައި ތަރުމޯޒެކެވެ.އެއީ އަޅުގަނޑަށް އެންމެ މީރު ބުއިމެވެ. އެހެން އެއްޗެއް ނެތަސް ސައިތައްޓެއް ލިބުމުން އޭރު ފުދެއެވެ. އެއީ މީރު ސައެކެެވެ. ތާޒާ ސައެކެވެ. ތަކުލީފެއް ނެތި ކޮންމެ އިރަކު ވެސް ބޮވޭ ސައެކެވެ. ތަރުމޯޒުގައި ހުންނަނީ ސައިފަތް ކުރަޔަށް އަޅައި ކައްކައި ދޯބުރާލި ހަކުރު އަޅައި ފޮނިކޮށް ތައްޔާރުކޮށްފައި ހުންނަ ސައެވެ. މިއީ ލޯބިވާ މަންމަ ނިކަން ތަރުތީބުން ކުރާ ކަމެކެވެ.

ޅައިރުގެ މި ފަދަ އެތައް ހަނދާންތަކެއް ވަރަށް ފުންފުންކޮށް ހިތުގައި ބިންވަޅު ނެގިފައި އެބަ ހުއްޓެވެ.

ކޮންމެއަކަސް، މިއަދު ހުރިހައި ގޮތަކުން ގެ ތަނަވަސް ވިޔަސް، މަންމަގެ ހެވަތުން ލިބުނު މީރު"ޝަރުބަތެއް" އަދު ލިބެންނެތެވެ.

މަންމަ ގެންގުޅުނު ސާމާނުތަކެއް ހުރި ފޮށްޓެއް ދައްތަމެންގެ ގޭގައި ހުއްޓެވެ. އެ ފޮށި ބަލައިލި އިރު އެއިން ފެނުނީ ހައިރާންވެ އަޖައިބުވާހައި ގިނަ އެއްޗެއްސެވެ. ފައިސާއާއި މުތީއެއް ނޫނެވެ. ރަނާއި ޖަވާހިރެއް ވެސް ނުމެނޫންމެއެވެ. އެއަށް ވުރެ މާ އަގުހުރި މާމުހިންމު އެއްޗެއްސެވެ. ފޮށި ހުޅުވައިލި އިރު ދުވީ މަންމަގެ މީރު ވަހެވެ. ފޮށިތެރެއިން ފެނުނީ މަންގެ ލޯތްބާއި އޯގާވެރިކަމާއި ހިމާޔަތްތެރިކަމެވެ. ތިރީސް އަހަރުގެ ކުރީގެ މި ހަނދާން އަދު އާ މިވީ މަންމަ މިކަން ކޮށްފައިވާ ރީތި ގޮތުގެ ސަބަބުންނެވެ.

މި ފޮތް ފެނުމުން ވަރަށް އުފާވިއެވެ. ފޮތުން ފެންނާން ހުރީ އޭރުގެ މަސައްކަތެވެ. އިސްލާމުގެ ތަމްރީނުތަކާއި ދިވެހީގެ ތަމްރީނުތައް ހެދީ އެއް ފޮތެއްގައެވެ. އެއީ އޭރުގެ ހާލަތެވެ. މިއަދު ކޮންމެ މާއްދާއަކަށް އެތައް ފޮތެކެވެ. ފޮތުގެ ކޮންމެ ސަފުހާއެއް މިއަދު ކިޔައިދެނީ އެއް ވާހަކައެއް ނޫނެވެ. އެތައް ހާސް ވާހަކައެކެވެ.