Support Us

ލަޔަކް އާއި ކުޑަބެ: ހުރިހައިވެސް އުފާވެރިކަމަކީ ލަޔަކްގެ މައުސޫމް ހިނިތުންވުމާއި ލޯބި އަޑު

ހިތްދަތިކަމުގެ އިންތިހާ! އެއީ މުޅި ދުނިޔެއިން ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް!

ޔޫނުސް ލަޔަކް އުފަންވީ މި އަހަރުގެ ފެބްރުވަރީ 26ގައި ޏ. ފުވައްމުލަކު ހޮސްޕިޓަލުގައެވެ. ދަރިފުޅު ފުރަތަމަ ފެނުމާއެކު ވެސް އެއީ އާދަޔާޚިލާފު ބައްޔެއް ހުރި ކުއްޖެއްކަން ޑޮކްޓަރުންނަށާއި އާއިލާއަށް ވެސް އެނގުނެވެ. އެއީ ހައްވާ އުލާ އިބްރާހިމާއި ފަރަހް ވަހީދަށް މީގެ 11 އަހަރު ކުރިން ލިބުނު ފުރަތަމަ ދަރިފުޅަކީ ވެސް ހަމަ އެ ކަހަލަ ކުއްޖަކަށްވީތީއެވެ. އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެ ދަރިފުޅު ވަނީ ހަ މަހުގައި ނިޔާވެފައެވެ.

އުމުރުން 30 އަހަރުގެ އުލާ އާއި 33 އަހަރުގެ ފަރަހަށް ލިބުނު ދެ ވަނަ ދަރިފުޅުގެ ހާލު ﷲ އިރާދަފުޅުން ރަނގަޅެވެ. އެ ދަރިފުޅުގެ އުމުރުން މިއީ ހަތް އަހަރެވެ.

ލަޔަކް އުރާލައިގެން އުލާ، ފަރަހް އާއި ކުޑަބެއާއެކު… އެންމެ ބޮޑު އުންމީދަކީ ލަޔަކަށް އަވަސް ޝިފާއެއް ދެއްވުން

ލަޔަކަށް ފަރުވާ ހޯދުމަށްޓަކައި އުލާ އާއި ފަރަހް، ދަރިފުޅު ވިހެއި ދުވަހު މާލެ އައިސް އައި.ޖީ.އެމް.އެޗަށް ދެއްކިއެވެ. ޑޮކްޓަރުން ބުނި ކަމަށް ވަނީ ދެވޭނެ އިތުރު ފަރުވާތަކެއް ނެތް ކަމަށެވެ. އެހެންވެ ދެހަފުތާއެއްހާ ދުވަހު މާލޭގައި ތިބުމަށްފަހު އެނބުރި ރަށަށްދިޔައީއެވެ.

ފަރަހް މަސައްކަތް ކުރަނީ ރިސޯޓެއްގައި ކަމުން، ދެބެން ބަލައި ހަދަނީ އުލާ އާއި އޭނާގެ އާއިލާއެވެ.

އެއީ ކޮން ބައްޔެއް؟

އެއީ "ހާރލެކިއުން އިކްތިޔޯސިސް" ނަމަކަށް ކިޔާ ބައްޔެކެވެ. މި ބައްޔަކީ ޖެނެޓިކް ޑިސްއޯޑަރއެއްގެ ސަބަބުން މައިގަނޑު ގޮތެއްގައި ހަމަށް ޖެހޭ ބައްޔެކެވެ. މި ކަހަލަ ކުދިންގެ ހުންނަނީ ވަރަށް ބޯ ހަމެކެވެ. ނަމަވެސް އަބަދު ހުންނާނީ ހަންފޮޅި، ހަންތައް ނެއްޓިފައެވެ. ހަންތައް ނެއްޓެމުންދަނީ ހުޅުނބު ގޮތަށެވެ.

އިކްތިއޯސިސްއަކީ މަދުމަދުން ފެންނަ ހަމުގެ ބައްޔެކެވެ. އެ ބަލީގެ ވިއްސަކަށް ބާވަތް ހުރެއެވެ. އޭގެ ތެރެއިން ގިނަ ބާވަތްތަކަކީ މައިންބަފައިންގެ ކިބައިން ވާރުތަވާ ބަލިތަކެކެވެ. ބަލިން ބޮޑުވަރު ވަނީ ދެ މީހުންގެ ކިބައިން ވާރުތަވީމައެވެ. ބަލީގެ އަލާމާތްތައް ޅަފަތުގައި ފެންނަން ފަށައެވެ. އުމުރުން ގިނަ ދުވަސް ވީމާ ކޮންމެވެސް ވަރަކަށް މައިތިރިވެއެވެ. އަދި ދެވަންފުރައަށް ދިޔައީމާ މަދު އަދަދެއްގެ ބަޔަކު މުޅިންހެން ރަނގަޅު ވެއެވެ.

އިކްތިއޯސިސްގެ މުހިންމު އަލާމާތަކީ ހަންގަނޑު އާދައާ ޚިލާފަށް ހިކި، ކުރަކިވުމެވެ. ބަލައިބެލުމަށް ފެންނާނީ މަހުގެ ހުޅުނބުތަކެއް ހެންނެވެ. މި ބަލީގެ ނަން އައިސްފައިވަނީ މިހެންވެގެނެވެ. ގްރީކް ބަހުން މަހަށްކިޔާ ނަމުންނެވެ.

މި ބަލި ފަސޭހަ ކުރެވޭ ބޭހެއް ނުހުރެއެވެ. މާތުރަ، ބައެއް މީހުން އުމުރުން ގިނަ ދުވަސް ވީމާ ބަލި އަމިއްލައަށް ފުދޭވަރަށް ރަނގަޅުވެއެވެ. ބަލިން ލުއި ހޯދުމަށް ހަން ތެތްކޮށް ބަހައްޓާ ކްރީމްތައް ބޭނުން ކުރެވެއެވެ.

"ހާރލެކިއުން އިކްތިޔޯސިސް" އަކީ ދުނިޔޭގައި ވެސް ވަރަށް މަދުން އުޅޭ ބައްޔެކެވެ. އެ ބަލި ޖެހުމުގެ ފުރުސަތު އޮންނަނީ ކޮންމެ ތިން ލައްކައަކުން އެއް ކުއްޖަކަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ވެސް އޭގެ ދެތިން ކުދިން އުޅޭ ކަމަށްވެއެވެ. ބޮޑުވަމުން އަންނަ ވަރަކަށް، ﷲގެ ހެޔޮ ރަހުމަތްފުޅާއެކު، އެ ކުދިން ވެސް ރަނގަޅުވަމުން އަންނަ ކަމަށްވެއެވެ.

މި ބައްޔަށް ބޭހެއް އަދި ނެތް ނަމަވެސް، ހަންގަނޑު ހިކުނަނުދީ ބެހެއްޓުމާއި އެންޓިބަޔޮޓިކް ފަދަ ބޭސް ދީގެން ފަރުވާކުރެއެވެ.

ހިތްދަތިކަމުގެ އިންތިހާ!

އުމުރުން ނުވަ މަހުގެ ދަރިފުޅަށް އަވަސް ޝިފާއެއް ހޯދުމަށް އުލާގެ ދެމަފިރިން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ބައްޔަށް ފަރުވާދޭ ދުނިޔޭގެ އެކި ހޮސްޕިޓަލްތަކުގެ މައުލޫމާތު އެ މީހުން އަންނަނީ ހޯދަމުންނެވެ. އެ ގޮތުން ދުބާއީ އާއި ބެންކޮކްގެ ޑޮކްޓަރުންނާވެސް ވަނީ ވާހަކަ ދައްކައިފައެވެ. ނަމަވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަމެވެ. އާސަންދައިން އެހީ ލިބޭނެ ކަމެއް ޔަގީނެއް ނޫނެވެ. އަދި އާސަންދައިން އެހީ ލިބުނަސް، އެ ގައުމެއްގައި ތިބުމާއި ކެއިންބުއިމާއި ދަތުރުފަތުރަށް ބޮޑު ހަރަދެއް ހިނގާނެތީ އެންމެ ބޮޑު ފިކުރަކަށްވެފައި ވަނީ އެ މައްސަލައެވެ.

ލަޔަކް އުރާލައިގެން އުލާ އާއި ކުޑަބެ: ލަޔަކަށް އުފާވެރިކަން ގެނެސްދޭން ބޭނުން

"ލާރި ނެތީމާ ހުރިހާވެސް މައްސަލައަކީ،" އުލާ "އަދިވެސް"އާ ވާހަކަ ދައްކަމުން މިއަދު ބުނެލިއެވެ. "ލާރި ލިބުނީމާ އަވަހަށް ދާންވީ ހަމަ. ވީހާ އަވަހަކަށް ދާން ބޭނުން. އެ މީހުން (ޑޮކްޓަރުން) ބުނި ޓްރީޓްކުރެވޭނެއޭ."

އުލާ ބުނީ ދަރިފުޅުގެ މުޅި ގައިގެ ހަންގަނޑު ހިކި، ނެއްޓެމުންދިއުމާއި އަތާއި ފައިގެ އިނގިލިތައް ހަލާކުވުމުގެ އިތުރުން، އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"އަހަރެން ކުޑަ ދަރިފުޅަކީ ހަރަކާތްތެރި، އުފާވެރި ކުއްޖެކެވެ. ދަރިފުޅުގެ މައުސޫމް ހިނިތުންވުމާއި ލޯބި އަޑުން މުޅި ކޮޓަރިތެރެއަށް ވެރިވެފައި އޮންނަނީ އުޖާލާކަމެވެ. އެކަމަކު ދަރިފުޅު ވޭނުގައި ރޯތަނާއި ގައިހިރުވައިފައި ކެހުމުން ހަންގޮސްގެން ލޭ އައިސް، ހެދުމުގައި ވެސް ލޭ އުނގުޅިފައި ހުންނަތަން ފެނުމަކީ ހިތަށް ކެތްވާވަރުގެ ކަމެއް ނޫނެވެ." އުލާގެ ފޭސްބުކްގައި، ވަރަށް އަސަރާއެކު ލިޔެފައިވެއެވެ.

ދުނިޔޭގައި ވެސް މަދުން ނޫނީ ނުފެންނަ މި ބަލި ތަހައްމަލް ކުރަމުންދާ އުމުރުން ނުވަ މަހުގެ ޔޫނުސް ލަޔަކްގެ ބޭސްފަރުވާއަށް، ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަން ވަނީ އިންތިހާއަށް ބޭނުންވެފައެވެ. އެ ތުއްތު ދަރިފުޅު ހެޔޮ ހާލުގައި ދުނިޔޭގައި އުޅޭތަން ދުށުމަކީ އާއިލާގެ ވެސް އެންމެ ބޮޑު އުންމީދެވެ. އެ ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވުމަކީ އާއިލާގެ އެންމެ ބޮޑު ދުޢާއެވެ. ފައިސާގެ އެހީތެރިކަމެއް ދެވެން ނެތަސް އެ ދުއާގައި އެންމެންވެސް ބައިވެރިވުމަކީ އެ ދެމަފިރިންގެ އެންމެ ބޮޑު އެދުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
281
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *