Support Us

ވެލާ ހީރޯއިން: މުހައްމަދު އަޒުމީލް (އަޖޫބެ) އާއި މާސޭ އާއި އަހުމަދު އަޔާޒު -އަދިވެސް ފޮޓޯ: އަތީފު (އާތިކޯ)/ހުރާ 

ދަލެއްގައި ޖެހި ތާށިވެފައި ތިބި ވެލާތަކެއް ސަލާމަތްކުރުމުން މާސޭގެ ޓީމަށް ތައުރީފު އޮހެނީ

ކ. ހުރައަށް އުފަން، ގައުމީ ފުޓުބޯޅަ ޓީމުގެ މަޝްހޫރު ކުޅުންތެރިޔާ މައުސޫމް އަބްދުލްޣަފޫރު (މާސޭ) އޭނާގެ ދެ ރައްޓެހިންނާއެކު ކުޑަ ޑިންގީއެއްގައި އިއްޔެ ކަނޑުމައްޗަށް ނުކުތީ ފީނައިގެން މަސް ހިފާށެވެ. ނަމަވެސް، މަންޒިލާ ހަމައަށް ނުދެވި އުޅެނިކޮށް ޑިންގީ ވަގުތުން މަޑުކުރަންޖެހުނެވެ؛ މާވަހަރެއް ފެނިގެނެއް ނޫނެވެ. އެކަމަކު ކަނޑުމަތިން އޮޔާދިޔަ އޮއިވާއްޔެއްގައި ޖެހި ތާށިވެފައި ތިބި ވެލާތަކެއް ފެނި އެސޮރުމެން ސަލާމަތްކުރުމަށެވެ.

މާސޭގެ ޓީމު ވެލާތައް ސަލާމަތްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން.. -އަދިވެސް ފޮޓޯ/ ވީޑިއޯއިން ނަގައިފައި

ކ. ދިއްފުށި ކައިރީގައި އޮންނަ އަސްދޫ ރިސޯޓު ބޭރުން ފެނުނު މި އޮއިވާލީގައި ނަނުތަކާއި ކަންވާރުތަކާއި ގޯންޏާއި ޕްލާސްޓިކް ފުޅިތަކާއި ލަކުޑި އާއި އެހެނިހެން ކުނިބުނިތައް ލައްކަ ބައިވަރު ހުއްޓެވެ. ވެލާތައް ތިބީ ދަލުގައި އޮޅި ސަލާމަތްނުވެވިފައެވެ. އެސޮރުމެން ދަލުގައި ތާށިވެފައި ތިބޭތާ ވީ ކިހާ ދުވަހެއް ކަމެއް ނޭނގެއެވެ. މާސޭމެންގެ 20 ފޫޓުގެ ޑިންގީ ކައިރިކުރިއިރުވެސް އެސޮރުމެން ތެޅިފޮޅޭތަން ފެނުނެވެ.

މާސޭގެ ޓީމު ވެލާތައް ސަލާމަތްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން.. -އަދިވެސް ފޮޓޯ/ ވީޑިއޯއިން ނަގައިފައި

މަސް ހިފަން ފައިބަން، ހެދުން އަޅައި ތައްޔާރުވެގެން ތިބި މާސޭ އާއި އަހުމަދު އަޔާޒާއި މުހައްމަދު އަޒުމީލް (އަޖޫބެ) އަވަހަށް މަސައްކަތް ފެށީ އޮއިވާލި އަތްދޮށްކޮށް، ފަހަރަކު ވެލައެއް ނަގައި، އޭގައި އޮޅިފައި އޮތް ދާގަނޑު ވަޅިއަކުން ބުރިކޮށްލާށެވެ. އެ ތިން ޒުވާނުންގެ މަސައްކަތުން ފުރަތަމަ ވެލާ ދޮޅު މިނިޓުތެރޭގައި ސަލާމަތްކޮށް ކަނޑަށް ދޫކޮށްލިއެވެ. އެކަމަކު ދެވަނަ ވެލާ މާ ބޮޑަށް އޮޅިފައިވާތީ އެސޮރު ސަލާމަތް ކުރެވުނީ ދެ މިނިޓު ބައިންނެވެ. އެސޮރު ސަލާމަތްކޮށް ދޫކޮށްލުމުން އަނެއްކާ ވެސް ގޮސް ވާބުރިއެއްގައި އަޅައިގަތެވެ. އެކަމަކު އެ ވާގަނޑާއެކު ވަކި ހިސާބަކަށް ގޮސް، އެސޮރުގެ އަމިއްލަ މަސައްކަތުން ސަލާމަތްވެގެން އަވަހަށް ފީނައިގަތެވެ.

އަޔާ ފުރަތަމަ ވެލާ ސަލާމަތްކޮށް ކަނޑަށް ދޫކޮށްލަނީ… -އަދިވެސް ފޮޓޯ/ ވީޑިއޯއިން ނަގައިފައި

"ގޯ! ގޯގޯ. ޔޫ އާ ފްރީ ނައު،" އަޔާ ބުނެއެވެ.

ތިން ވަނަ ވެލާ ވެސް ވަރަށް ބޮޑަށް ތާށިވެފައި އޮތަސް އެ ސޮރު ވެސް ވަނީ ދޮޅު މިނިޓްތެރޭ ސަލާމަތްކޮށްފައެވެ.

މާސޭއާއި ދެ އެކުވެރިންގެ މަސައްކަތުން ޖުމްލަ ހަ މިނިޓުތެރޭގައި އެ ތިން ވެލާ ސަލާމަތްކޮށް، ކަނޑަށް ދޫކޮށްލިއެވެ.

މާސޭގެ ޓީމު ވެލާތައް ސަލާމަތްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން.. -އަދިވެސް ފޮޓޯ/ ވީޑިއޯއިން ނަގައިފައި

ވެލާތައް ސަލާމަތްކުރުމުގެ މި އޮޕަރޭޝަން މާސޭ ހިންގަމުންދިޔައިރު ވަނީ ވީޑިއޯކޮށްފައެވެ. ވީޑިއޯ ފެށީ މާސޭގެ އޮންކެމެރާ ޝޮޓަކުންނެވެ. ވެގެން އުޅޭ ގޮތާއި ވެލާތައް ސަލާމަތްކުރުމަށް ކަންކަން ކުރަމުންދިޔަ ގޮތް މާސޭ ދިޔައީ ކިޔައިދެމުންނެވެ. ނަމަވެސް ކޮމެންޓްރީ ދީ ވީޑިއޯކުރަން ގިނައިރު ހުންނާކަށް މާސޭއަކަށް ކެތެއްނުވިއެވެ؛ ވީޑިއޯ ކުރަން އަޖޫބެ އަތަށް ފޯނު ދީފައި ވެލާ ސަލާމަތްކުރުމުގައި އުޅުނީ މާސޭއެވެ.

"އަދިވެސް"އާ ވާހަކަ ދައްކަމުން މާސޭ މިއަދު ބުނީ އޮއިވާލީގައި އޮތީ ދިގު އޮނަކާއި (ބެމްބޫ) ދަލަކާއި ނަނާއި ކަންވާރާއި އެކި ފާޑުގެ ކުނބުނި ކަމަށެވެ. މާސޭ ބުނީ އެ ސާމާނު ކަނޑުން ނަގައިގެން ގެންގޮސް ރަށުގެ ކުނި ކޮއްޓަށް އުކާލީ ކަމަށެވެ. އޭގެ ވީޑިއޯ ނުނަގާ ކަމަށެވެ.

"ވެލާތައް ތިބީ ވަރަށް ވަރުބަލިވެފައި. ހީވަނީ ދެތިން ހަފުތާވަރު ވެދާނެހެން އެސޮރުމެން ދަލުގައި ޖެހިފައި ތިބޭތާ،" ފީނުމާއި މަސް ހިފުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މާސޭ، 46، ބުންޏެވެ.

މާސޭގެ ޓީމު ވެލާތައް ސަލާމަތްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން.. -އަދިވެސް ފޮޓޯ/ ވީޑިއޯއިން ނަގައިފައި

މާސޭއަކީ ހުރާ ފުޓުބޯޅަ ޓީމުގެ ރަން ޒަމާނުގައި، ގަލޮޅު ދަނޑުގައި ހޯދި ހުރިހައި ކާމިޔާބީއެއްގައި ބޮޑު ހިއްސާއެއް އަދާކޮށް، 1997 އިން ފެށިގެން ހަތަރު އަހަރު ގައުމީ ޓީމުގެ ފޯވާޑަކަށް ވެސް ކުޅެފައިވާ ހުނަރުވެރިއެވެ. ރަށުގައި ހުރެގެން އޭނާ ކުރާ މައިގަނޑު މަސައްކަތަކީ ދޮން މީހުން ގޮވައިގެން ފީނާށާއި ދަތުރު ދިއުމާއި މަސް ހިފުމެވެ. އެ ޑިންގީއަކީ މަސްވެރިކަމުގެ މަސައްކަތަށް، މީގެ އަށް މަސް ކުރިން މާސޭ ގަނެފައިވާ ޑިންގީއެކެވެ. އިއްޔެ ހެނދުނު 10 ޖެހިއިރު، އެ ވެލާތައް ސަލާމަތްކޮށްފައި ވެސް ހަވީރު ރަށަށްދިޔައީ 100 ކިލޯގެ ފަރުމަސް ހިފައިގެންނެވެ.

މާސޭ ބުނީ އިއްޔެ ފެނުނު ބާވަތުގެ ވެލައަކީ ރާއްޖެއިން އާންމުކޮށް ނުފެންނަ ބާވަތެއް ކަމަށެވެ.

"ވީޑިއޯގައި އެއީ ކަހަނބޭ އަހަންނަށް ކިއުނަސް ހަގީގަތުގައި އެއީ ވެލާ. ވާވޮށި ވެލާ އެއީ. ރާއްޖެއިން އާންމުކޮށް ނުފެންނާނެ އެ ވައްތަރެއް. ހީވަނީ ލަންކާ އިންޑިއާ ހިސާބުން ދަލުގައި ޖެހިފައި ތިބި އެއްޗެހިތަކެއްހެން އެއީ. ވަރަށް ބަލިވެފައި އެސޮރުމެން ތިބީ. ހީވަނީ ދެތިން ހަފުތާވަރު ވެދާނެހެން ދަލުގައި ޖެހި ތާށިވެ، ކާނެ އެއްޗެއް ނުލިބި އެހެން ތިބޭތާ."

މާސޭގެ ޓީމަށް ތައުރީފު އޮހެނީ

ވެލާތައް ސަލާމަތްކުރުމުގެ މި އޮޕަރޭޝަންގެ ވީޑިއޯ މާސޭގެ އެފް.ބީ އަށް އިއްޔެ ލުމާއެކު، ގިނަ ބަޔަކު އަންނަނީ އެ މީހުންގެ އެ މަސައްކަތަށް ތައުރީފުކޮށް މާސޭމެންނަށް ހިތްވަރުދެމުންނެވެ.

"ސާބަސް ވެލާ ކަހަނބު ހިމާޔަތް ކުރުމަށް ތިކުރާ މަސައްކަތަށް،" އައިންތު ބުންޏެވެ.

"މާސޭ އާއި އަޔާޒު ތަފާތު ދައްކާނެ އަބަދުވެސް،" ނަސީ ބުންޏެވެ.

އާދަމް ރަމީޒު ބުންޏެވެ. "މީގެ ރިޕޯޓަރު އިނގޭ ހަމަ ރަނގަޅީ. ދެން ހަމަ ނެޝަނަލް ޖޯގްރަފީގައި ޑޮކިއުމެންޓްރީއަކަށް ސަޖެސްޓްކުރަން ފެނޭ. ވަރަށް ބަރާބަރު މާސޭ އަދި އަޔާޒުވެސް. ތަފާތު ދައްކާނެ. ވަރަށް ފުރިހަމަ މަސައްކަތެއް. ނޯބަލް މެރިންލައިފް ސޭވިން އެވޯޑް ހައްގު އިނގޭ. މުޅި ގައުމުގެ ފަރާތުން ޝުކުރިއްޔާ!"

ވެލާތައް ދަލުގައި ޖެހިފައި ހުރި މި ވީޑިއޯ ފެނިފައި މުހައްމަދު ނާސިހު ހިތަށް އެރީ މުޅީން އެހެން އެއްޗެކެވެ. ބުންޏެވެ. "ތިހެން މުޑަހަނދި ޖެހިލައިފައި ތިބޭނަމައެއްނުން ދޯ؟…."

މުހައްމަދު އަބްދުﷲ ވެސް ޚިޔާލެއް ދިނެވެ. "ރަނގަޅު މަސައްކަތެއް. އެކަމަކު ތި ދާގަނޑު ނެގި ނަމަ ރަނގަޅުވީސް."

ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ވ. ފެލިދޫ މަރޭ ރަމީޒު ވެސް ބުނީ ތަފާތު ވާހަކައެކެވެ. ބުންޏެވެ. "ވެލާގެ މަސް މީރުވެގެން އުޅޭ ބަޔަކަށް ވެލާތައް ދޫކޮށްލަން ހިޔާލަށް އައީތީވެ އުފާކުރަން."

"ސާބަހޭ މާސޭ. ކުޅުނަސް ނުކުޅުނަސް އަބަދުވެސް ގައުމީ ރޫހުގައި،" އަބޫބަކުރު ދާވޫދު ބުންޏެވެ.

އަބޫބަކުރަށް ތާއީދުކޮށް ޝާފިއު ބުންޏެވެ. "ކޮންމެ ކަމެއްގައި ވެސް އޭނާގެ ހުންނާނީ ގައުމީ ރޫހު!"

މާސޭ ގަބޫލްކުރާ ގޮތުގައި، ހާލުގައި ޖެހި، މާރުވާން ކައިރިވެފައި ތިބި ވެލާތަކެއްގެ ފުރާނަ ސަލާމަތްކޮށް، އެސޮރުމެން މިނިވަން ކޮށްދެވުމަކީ އިންތިހާއަށް ހިތްހަމަޖެހުން ލިބުނު ކަމެވެ؛ އެއީ ދެންވެސް، އަބަދުވެސް އޭނާ ކުރާނެ ކަމެކެވެ. އެއީ ކަނޑުން މާވަހަރެއް ހޮވުމަށްވުރެވެސް ބޮޑަށް އޭނާ އުފާވާ ކަމެކެވެ.

ބުނެލަން އަޮތީ މާސޭއަށާއި މާސޭގެ ޓީމަށް ހަމަ ސާބަހޭއެވެ. އަދިވެސް ސާބަހެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *