ކަލަކު ވޮޑިގެން ނުވާނަމައީ، ތަނެއް ކައުނެއް ވެދާނޭބާ؟
ފަލަކުގައި އިރުހަނދާ ގުރަހައިގެ ތަރިތައް ދައުރުވާނޭބާ؟
ވިލާއިން مُعْصِرَاتُ ގެ ޢިލްމުވެރި ގޮތުގައި ވެހުން ވާރޭ
ހިލާލުތަކުން ވަގުތު ހޯދައި މަހާ އަހަރާ ގުނޭނޭބާ؟
ވަހާ ރަހަޔާއި ތާޒާކަން ބަދަލުނުވެ ފެން ލޮނާ އޮތުމާ
ގަހާގެހި ވެޔޮ ވެލާ ވެލުގައި މަލާމޭވާ އަޅާނޭބާ؟
އޮޔާވައި ބަދަލުވާ ހަމަޔާ އުޅަނދު ކަނޑުގައި ދުވާދުވުމާ
ފޮޔާ ދިޔަވަރު ގުޅޭ ސަބާ ދެފޮއި ހަނދުމަހުގެ ވާނޭބާ؟
ތަފާތެއް ކުޑަވިޔަސް އައުމެއް ނުވާ ވިޔައެެއް ހަމަކަމުގައި
ނަފާއެތަކެއް ލިބޭ ގޮތުގައި އިރާހަނދު ދައުރު ވާނޭބާ؟
އޮހޭ ޒާތެއްގެ ފެންފޮދަކުން ފުރާ ފުރިހަމަވި އިންސާނާ
ގޮހޭ ނިމެނީ ފަނާވެ މުޅީން އެއީ ހަމަ އިއްތިފާޤެއްބާ؟
ނުވާނަމަ އަލިކަމެއް ކައުނަށް އަނދިރިނޫނީ ނުވާހިނދުގައި
ދުވާލާ ރޭގަނޑާ ވަކިވާ ގޮތަށް އަލި އިރުގެ ވާނޭބާ؟
ކިހިނަކުން ވިސްނުމުންހެއްޔޭ؟ ކަލަކު ވާކަން ޔަޤީންނުވަނީ؟
މިހިރަ ޢަޤްލީ ދަލީލުތަކުން ޔަޤީން اَللّْهُ، ނުވަނީބާ؟
