ކީރިތި ޤުރްއާނާއި ކައު ރަސޫލާގެ ޠާހިރު ސުންނަތުގައި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ވާހަކަ ނަންގަނެވިފައި ވެއެވެ. އެބައިމީހުންނަކީ ޤާދީމީ ތާރީޚާއި ކުރިމަގުގެ ތާރީޚާ ގުޅިފައިވާ ބައެކެވެ. އަލްކަހްފު ސޫރަތުގައި އެބައިމީހުންނާ ބެހޭގޮތުން އައިސްފައިވާ ބަސްފުޅުގައި ވެއެވެ. ((حَتَّى إِذَا بَلَغَ بَيْنَ السَّدَّيْنِ وَجَدَ مِنْ دُونِهِمَا قَوْمًا لَا يَكَادُونَ يَفْقَهُونَ قَوْلًا (93) قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَى أَنْ تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا (94) قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا– މާނައީ: ދެފަރުބަދަ ދޭތެރެއަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެތާނގެ ކައިރިން އޭނާއަށް ބަޔަކުމީހުން ފެނިވަޑައިގަތެވެ. އެއްވެސް ބަހެއް (އުނދަގުލަކާލައިގެން މެނުވީ) އެއުރެންނަށް އެނގުމަކާ ގާތްވެސް ނުވެއެވެ. އެއުރެން ބުނެފޫއެވެ. އޭ ذوالقرنين އޭވެ! ހަމަ ކަށަވަރުން، يأجوج مأجوج ބާގައި މީހުންނަކީ، ބިމުގައި ފަސާދަކޮށް އުޅޭ ބަޔެކެވެ. ފަހެ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާނެ ކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟))
ޛުލް ޤަރްނައިނި ރަސްގެފާނުގެ އަރިހުން އެމީހުން އެދުނު ފަދަ ޑޭމެއް އެ ރަސްގެފާނު އެ ދެ ފަރުބަދަ ދޭތެރޭގައި ބިނާކޮށް ދެއްވިއެވެ. މި ރަސްގެފާނު މި ޑޭމު ބިނާކުރެއްވި މޭސްތިރިކަމުގެ ވާހަކަ ވެސް ކީރިތި ޤުރްއާނުގައި ހަމަ މި ސޫރަތުގައި އައިސްފައި ވެއެވެ. އޭނާ މި ޑޭމު ބިނާކުރެއްވީ ދަގަނޑާއި ލޮއި ވިރުވައި އަޅުއްވައިގެންނެވެ. މި ކަމާ ބެހޭ ޚަބަރު ބަޔާންކޮށްދެއްވައި މާތްﷲ ވަޙީ ކުރެއްވިއެވެ. ((قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ﴿٩٥﴾ آتُونِي زُبَرَ الْحَدِيدِ ۖ حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انفُخُوا ۖ حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا- މާނައީ: އޭނާ ވިދާޅުވިއެވެ. ތިމަންގެ ވެރިރަސްކަލާނގެ އެކަމުގައި ތިމަންނައަށް ދެއްވާފައިވާ ބާރު (ތިޔަ ޖިޒީއަށްވުރެ) މާރަނގަޅެވެ. ފަހެ، ތިޔަބައިމީހުން ބާރެއްލައިދީ، ތިމަންނާއާ ވާގިވެރިވާށެވެ! އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭ ހުށީމެވެ. ތިމަންނާއަށް ދަގަނޑުގެ އެތިއެތިގަނޑު ގެނެސްދޭށެވެ! ދެން އެ ދެ ފަރުބަދަ ދޭތެރޭގައި އޮތްތަން އެއްވަރުވީ ހިނދު، އޭނާ ވިދާޅުވިއެވެ. އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ފުމޭށެވެ! އޭނާ ވިދާޅުވިއެވެ. ވިރުވާފައިވާ ރަންވަންލޮއި އޭގެ މައްޗަށް އޮއްސައިލުމަށް ތިމަންނަޔަށް ގެނެސްދޭށެވެ.)) މި ގޮތަށް އެ ޑޭމު ބިނާކުރެއްވުމުން ((فَمَا اسْطَاعُوا أَنْ يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا– މާނައީ: ފަހެ، އެ ހުރަހުގެ މަތިން އެއުރެންނަށް އެރުމަކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެ ހުރަސް ފޫއަޅުވައިލުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނައެއް ނުވިއެވެ.)) މި ބަސްފުޅުން އެނގޭ ގޮތުގައި މި ޑޭމުގެ ފާރުތައް އުސްކަމުންނާއި އޮމާންކަމުން ޔައުޖޫޖުމައުޖޫޖު ބާގައިގެ މީހުންނަށް އެ ފާރު މައްޗަށް އެރުމުގެ ކުޅަދާނަކަން ލިބިގެން ނުވެއެވެ. އަދި އެ ތަނުން ބޭރަށް ނުކުތުމަށް ޓަކައި އެ ފާރު ފޫއަޅުވައިލުމުގެ ބާރު ވެސް އެމީހުންނަށް ލިބިގެން ނުވެތެވެ.
މުސްލިމުންގެ މައިކަމަނާއެއް ކަމުގައިވާ ޒައިނަބު ބިންތު ޖަޙްޝު (رضي الله عنها) ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ބިރުފުޅުން ހުންނަވާ އެ ކަމަނާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((ވަރަށް ގާތްވެފައިވާ ނުބައި ކަމަކުން ޢަރަބީން ރައްކައުތެރިކޮށް ދެއްވާށިއެވެ. މިއަދު ޔައުޖޫޖުމައުޖޫޖު ބާގައިގެ ފާރުގައި މިވެނި މިންވަރެއްގެ ބާގަނޑެއް ހެދިއްޖެއެވެ. މިހެން ވިދާޅުވެ އެކަލޭގެފާނުގެ ބޮޑުވާ އިނގިލިފުޅާއި ޝަހާދަތް އިނގިލިފުޅު ދުރުކޮށްލެއްވިއެވެ.)) ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމަތްތަކުގެ ތެރޭގައި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން މި ފާރު ވައްޓައިލައި ބޭރަށް ނުކުތުން ވެއެވެ. އެ ދުވަހުން އިންސާނުންނަށް ލިބިފައިވާ ބާރުތަކުން މި ބައިމީހުންނަށް ހުރަސްއެޅުމުގެ ޤާބިލުކަން ލިބިގެން ނުވެއެވެ.
ޔައުޖޫޖުމައުޖޫޖު ބާގައިގެ މީހުންނަށް ހުރަސްއެޅުއްވުމަށް ޓަކައި ޛުލްޤަރްނައިނި ބިނާކުރެއްވި ސައްދަކީ މުސްލިމުންގެ ވިސްނުމާއި ސަޤާފަތުގެ ތެރޭގައި އެނބުރެމުންދާ ވާހަކަތަކެކެވެ. އެއީ މި ވާހަކަ އިސްވެ ދެންނެވި އާޔަތްތަކާއި ކީރިތި ރަސޫލާގެ ޙަދީސްފުޅުތަކުގައި އައިސްފައިވާތީއެވެ. އުމަވީ ވެރިކމާއި ޢައްބާސީ ވެރިކަމުގެ ދުވަސްވަރުގައި މި މައުޟޫޢާމެދު އެތައް ފަހަރަކު ބަހުސްކުރެވިފައި ވެއެވެ. ޢައްބާސީ ޚަލީފާއެއް ކަމުގައިވާ ހާރޫނުލްވާޘިޤުގެ ވެރިކަމުގައި ސަލާމުލް ތުރްޖުމާނުގެ ނިޔަމިކަމުގައި މި ޑޭމުގެ ޚަބަރުތައް ހޯއްދެވުމަށް ޓަކައި މިޝަނެއް ފޮނުއްވިއެވެ. ޚަލީފާ ވާޘިޤު މި މިޝަން ފޮނުއްވަން ނިންމެވީ އޭނާއާށް ފެނިވަޑައިގެންނެވި ބިރުވެރި ހުވަފެންފުޅަކާ ހެދިއެވެ. ސަލާމު ދަތުރުފުޅު ކުރެއްވީ ކިހިނެއް ހެއްޔެވެ؟ މީގެ ދެ ހާސް ދުއިސައްތަ އަހަރު ކުރިން އޭނާ މި ކުރެއްވި ދިގު ދަތުރުފުޅުގައި ކުރިމަތވެވަޑައިގެންނެވި ބިރުތަކަކީ ކޮބައި ހެއްޔެވެ؟ ގިރާކުރެއްވި ހުރަސްތަކަކީ ކޮބައި ހެއްޔެވެ؟ މި ޑޭމުން އޭނާއަށް ފެނިވަޑައިގަތީ ކޮން އެއްޗެއް ހެއްޔެވެ؟ސަލާމުއްތުރްޖުމާނުގެ ކުރިން މި ޑޭމަށް ކުރެވިފައިވާ ދަތުރުތަކެއް ވޭ ހެއްޔެވެ؟

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން އިމާމު އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ރިވާކުރައްވާފައި ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِنَّ يَأْجُوجَ وَمَأْجُوجَ لَيَحْفِرُونَ السَّدَّ كُلَّ يَوْمٍ، حَتَّى إِذَا كَادُوا يَرَوْنَ شُعَاعَ الشَّمْسِ، قَالَ الَّذِي عَلَيْهِمْ: ارْجِعُوا فَسَتَحْفِرُونَهُ غَدًا، فَيَعُودُونَ إِلَيْهِ كَأَشَدِّ مَا كَانَ، حَتَّى إِذَا بَلَغَتْ مُدَّتُهُمْ، وَأَرَادَ اللهُ أَنْ يَبْعَثَهُمْ عَلَى النَّاسِ، حَفَرُوا، حَتَّى إِذَا كَادُوا يَرَوْنَ شُعَاعَ الشَّمْسِ، قَالَ الَّذِي عَلَيْهِمْ: ارْجِعُوا فَسَتَحْفِرُونَهُ غَدًا، إِنْ شَاءَ اللهُ، وَيَسْتَثْنِي، فَيَعُودُونَ إِلَيْهِ وَهُوَ كَهَيْئَتِهِ حِينَ تَرَكُوهُ، فَيَحْفِرُونَهُ وَيَخْرُجُونَ عَلَى النَّاسِ، فَيُنَشِّفُونَ الْمِيَاهَ، وَيَتَحَصَّنَ النَّاسُ مِنْهُمْ فِي حُصُونِهِمْ، فَيَرْمُونَ بِسِهَامِهِمْ إِلَى السَّمَاءِ، فَتَرْجِعُ وَعَلَيْهَا كَهَيْئَةِ الدَّمِ، فَيَقُولُونَ: قَهَرْنَا أَهْلَ الْأَرْضِ، وَعَلَوْنَا أَهْلَ السَّمَاءِ، فَيَبْعَثُ اللهُ عَلَيْهِمْ نَغَفًا فِي أَقْفَائِهِمْ فَيَقْتُلُهُمْ بِهَا"، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، إِنَّ دَوَابَّ الْأَرْضِ لَتَسْمَنُ وَتَشْكُرُ شُكْرًا مِنْ لُحُومِهِمْ وَدِمَائِهِم) މި ޙަދީސްފުޅުގެ މުޖްމަލު މާނައަކީ ޔައުޖޫޖުމައުޖޫޖު ބާގައިގެ މީހުން ކޮންމެ ދުވަހަކު ހެދުނަށް އަރާ އިރުގެ ދޯދިތައް ފާޅުވެއްޖައުމާ ކައިރިވެއްޖައުމަށް ދާންދެން މި ޑޭމު ކޮންނާނެއެވެ. އެހިނދު އެމީހުންގެ ވެރިއަކަށް ހުރި މީހާ ބުނާނެއެވެ. ތިޔަބައިމީހުން އެނބުރިދާށެވެ! މާދަމާ އަލުން ކޮންނާނީއެވެ. އެމީހުން ކޮނުން ހުއްޓައިލާއިރަށް އެ ފާރު ކުރީގެ ގޮތަށް ބިނާވެގެންދާނެއެވެ. މިބައިމީހުން މީސްތަކުންގެ މައްޗަށް ފޮނުއްވާން ކަނޑައަޅުއްވައިފައިވާ އަޖަލަކާ ހަމައަށް މި ބައިމީހުން މި ގޮތަށް މި ފާރު ކޮނެކޮނެ ތިބޭނެއެވެ. އެ މީހުން ނުކުތުމަށް ކަނޑައަޅުއްވާފައިވާ ވަގުތު ޖެހުމުން އެމީހުން މި ފާރު ކޮނެ ބޭރަށް ނުކުންނާނެއެވެ. މީސްތަކުން ބިރުން ކިއްލާތަކަށް ވަދެ ރައްކައުތެރިކަން ހޯދާނެއެވެ. އެމީހުން ބޮޑާކަމާއެކު ބުނާނެއެވެ. ބިމުގެ އަހްލުވެރީން ބަލިކޮށްފީމުއެވެ. އުޑު އަޙްލުވެރީންނަށް ވުރެ މައްޗަށް އަރައިފީމުއެވެ. އެހިނދު މާތް ﷲ އެމީހުންގެ މައްޗަށް ފަނިފަކުސައެއް ފޮނުއްވާ އެމީހުން ހަލާކު ކުރައްވާނެތެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. މި ބައިމީހުންގެ މަހާއި ލޭ ބޮއެގެން ބިމުގައި ހިނގާބިނގާވެ އުޅޭ އެއްޗެހި ފަލަވެ މާތްﷲ އަށް ޝުކުރު ދަންނަވާނެތެވެ.
މާތް ﷲ ވަޙީ ކުރެއްވިއެވެ. ((قَالَ هَٰذَا رَحْمَةٌ مِّن رَّبِّي ۖ فَإِذَا جَاءَ وَعْدُ رَبِّي جَعَلَهُ دَكَّاءَ ۖ وَكَانَ وَعْدُ رَبِّي حَقًّا ﴿٩٨﴾ ۞ وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِي بَعْضٍ ۖ وَنُفِخَ فِي الصُّورِ فَجَمَعْنَاهُمْ جَمْعًا- އޭނާ ވިދާޅުވިއެވެ. މިއީ ތިމަންގެ ވެރިރަސްކަލާނގެ حضرة ންވާ رحمة އެކެވެ. ފަހެ، ތިމަންގެ ވެރިރަސްކަލާނގެ وعد ފުޅު (ގެ ވަގުތު) އަތުވެއްޖެނަމަ، އެ ހުރަސް ކުނޑިކުނޑިވެގެން ހިނގައިދާހުށްޓެވެ. އަދި ތިމަންގެ ވެރިރަސްކަލާނގެ وعد ފުޅު، حق ތެދުކަމުގައިވިއެވެ. (98) އެދުވަހުން، ތިމަންރަސްކަލާނގެ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް އުތުރިއަރާގޮތަށް ދޫކޮށްލައްވާ ހުށީމެވެ. އަދި ތާޅަފިލި ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން ތިމަންރަސްކަލާނގެ އެއުރެން އެންމެން (އެއްތަނަކަށް) އެއްކުރައްވާހުށީމެވެ.))
އެހެން ބަސްފުޅެއްގައި ވެއެވެ. ((حَتَّىٰ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ- يأجوج مأجوج ބާގައި މީހުން ވީއްލި، ހުރިހާ އުސް ތަންތަނުން ފައިބައިގެން އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ.))
އަލްބިދާޔަތު ވައްނިހާޔަތު ފޮތް ބުނާގޮތުގައި ޔައުޖޫޖުމައުޖޫޖު ބާގައިގެ މީހުން އެ ފާރު ކޮނެގެން ބޭރަށް ނުކުންނާނީ ދައްޖާލަށް ފަހުގައެވެ. މި ފޮތް ބުނާގޮތުގައި ޔައުޖޫޖުމައުޖޫޖު ބާގައިގެ މީހުންނަކީ ނޫޙުގެފާނުގެ ދަރިކަލުން ޔާފިޘުގެ ނަސްލުގެ ބައެކެވެ.
ޔައުޖޫޖުމައުޖޫޖު ވާހަކައަކީ އިސްލާމީ ވެރިކަމުގެ ތަފާތު ދައުރުތަކުގައި އެކަމާމެދު ބަހުސްކުރެވުނު މަސްއަލައެކެވެ. ޢުމަރުގެފާނު- رضي الله عنه- ގެ ޚިލާފަތުގައި މުސްލިމުން އަޒަރުބައިޖާން (ހިޖްރައިން 22ވަނަ އަހަރު) ފަތަޙަ ކުރުމުން އިސްލާމީ ލަޝްކަރުގެ ވެރިޔާ ޢަބްދުއްރަޙްމާނު ބިން ރަބީޢަތަށް އަޒަރުބައިޖާނުގެ ވެރިޔާ ޝަހްރުބިރާޒު ދެންނެވިއެވެ. ((ޢިއްޒަތްތެރި އަމީރޭވެ! މި މިހާ އައީ ކޮންތަނަކުން ކަން އެނގިވަޑައިގަންނަވާތޯއެވެ؟ އަޅުގަނޑު މި މީހާ ޑޭމުގެ ޚަބަރުތައް ހޯދަން މީގެ އެތައް އަހަރެއް ކުރިން ފޮނުވީމެވެ. އޭނާ ފޮނުވީ ވަރަށް ގިނަ މުދާތައް ދީފައެވެ. އޭނާ ދަތުރުކޮށްފައި ދިޔަ ކޮންމެ ރަށެއްގެ ރަސްގެފާނަށް ވެދުމެއް ވެސް ފޮނުވީމެވެ. އޭނާ ރަށްތައް ގިރާކުރަމުން ދަތުރުކޮށްފައި ގޮސް ދެ ފަރުބަދަ ދޭތެރޭގައި ހަދައިފައިވާ ޑޭމާ ހަމައަށް ދިޔައެވެ. މި ޑޭމުގެ ތިރީގައި ކަނު އަނދިރި ރޭގަނޑަކަށްވުރެ އަނދިރިކަން ބޮޑު ޚަންދަޤެއް އޮތެވެ. މި ޚަންދަޤުގެ އަނދިރިކަމަކީ އެ ތަނުގެ ފުންކަމާ ގުޅިފައިވާ ކަމެކެވެ.))
(ނުނިމޭ)




advertisment