Support Us

ހިކުމަތުގެ ބަހަކާއި އެއާ ގުޅޭ ވާހަކަކޮޅެއް

"ތުނބުޅީގައި ހިކުމަތްތެރިކަން އެކުލެވިގެންވީ ނަމަ، ހުރިހާ ގިތެލެއް (ބަކަރީގެ ފިރިހެން ވައްތަރު) ވެސް ވީހީ ބުއްދިވެރި، ހިކުމަތްތެރިންނަށެވެ."

ހިކުމަތުގެ މި ބަހަކީ، އަރުމީނިޔާގެ ހިކުމަތުގެ ބަސްތަކުގެ ތެރެއިން ބަހެކެވެ. އަސްލުގައި އޮތީ މުޅިއަކުން މިހެންނެއް ނޫނެވެ. ހިކުމަތްތެރިން މި ލަފްޒުގެ ބަދަލުގައި އޮތީ ނަބީބޭކަލުންނެވެ. ނަބީބޭކަލުންނަކީ ހިކުމަތްތެރި ބޭކަލުންނަށް ވާތީއެވެ. ނަމަވެސް، އިބާރާތުގެ މަގުސަދަކީ ހަމައެކަނި ތުނބުޅި ބެހެއްޓުމަކުން، މީހާ ހިކުމަތްތެރިއަކަށް ވެގެން ނުދާކަން ބުނެދިނުން ކަމަށް ވެފައި، ދިވެހިކޮށްލުމުގައި، މުނާސިބުވާނީ ހިކުމަތްތެރިންނޭ ބުނުން ކަމުގައި ބަލައި، މަތީގައިވާ ގޮތަށް އިބާރާތްކުރީއެވެ.

މި އިބާރާތުގެ މާނައަކީ ކޮބައިހެއްޔެވެ؟ އޭގައި އެކުލެވޭ ހިކުމަތަކީ ކޮބައި ހެއްޔެވެ؟ އަދި، މިއަދު، މި ހިކުމަތުން އަޅުގަނޑުމެންނަށް ވެސް ކުރާނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ މިސުއާލުތަކަށް ޖަވާބެއް ދެވޭތޯ މަސައްކަތްކޮށްލާނަމެވެ.

މި އިބާރާތުގެ މާނައަކީ ހެއްޔެވެ؟ ބޭރުފުށަށް ބަލައި، ހަގީގަތް ކަނޑައަޅާ ނުލެވޭނެކަން ބުނެދިނުމެވެ. ނަބީބޭކަލުންގެ ޒަމާނުގައި، އެބޭކަލުން ތިއްބަވަނީ ދިގުކޮށް، ބޯކޮށް، ތުނބުޅި ތުރުކުރައްވައިގެންނެވެ. ޝައްކެއް ނެތް ގޮތުގައި އެބޭކަލުންނަކީ ބުއްދިވެރި، ހިކުމަތް ތެރިންނެވެ. އެބޭކަލުންގެ ވާހަކަފުޅުތަކުންނާއި އުނގަންނައިދެއްވުން ތަކުން، އެބޭކަލުންގެ ދައުވަތުންނާއި ރިސާލާތުން މިކަން އެނގި ސާފުވެއެވެ. ހަމަ އެހެންމެ، އިހުގެ، ޚާއްސަކޮށް އެވޭލާ ޒަމާނުގެ، އިލްމުވެރިންނާއި، ފަލްސަފާވެރިންނާއި ހަކީމުން ވެސް ތުނބުޅި ބަހައްޓަވައި ދިގުކުރައްވައިގެން ތިއްބެވިކަން، އެބޭބޭކަލުން ރަމްޒުކޮށްދޭ ފޮޓޯތަކުން އެނގެއެވެ. މީގެ މާނައަކީ، މީހަކު ތުނބުޅި ބަހައްޓައި ތުނބުޅި ދިގުކުރުމުން، އެމީހާ ހަކީމަކަށް، ބުއްދިވެރި ފަލްސަފާވެރިއަކަށް ނޫނީ އިލްމުވެރިއަކަށް ވުމެއް ނޫނެވެ. މިކަން ސާފުކޮށް އެނގި ދިޔުމަށްޓަކައި، މަތީގައި ލިޔެވިފައި އޮތް ހިކުމަތުގައި، ތަޝްބީހެއްގެ، އެއްގޮތް ކުރުމުގެ، މިސާލެއް ގެނެސްފައި ވެއެވެ. ގިތެލުގެ ތުނބުޅީގެ ތަޝްބީހުގެ މިސާލެވެ. ގިތެލަކީ ތުނބުޅި ހުންނަ ޖަނަވާރަކަށް ވެފައި، ތުނބުޅި ބޭލުމުގެ ގާބިލުކަން އެއަށް ލިބިފައި ނެތުމުން، ގިތެލުގެ ތުނބުޅި ދިގުކޮށް ހުންނަތަން ފެނެއެވެ. މީގެ މާނައަކީ، އެންމެނަށް ވެސް އެނގޭނޭ ފަދައިން، ގިތެލަކީ ހިކުމަތުން ފުރިގެންވާ ފަލްސަފާވެރިއަކަށް ވުމެއް ނޫނެވެ.

މި އިބާރާތުގައި އެކުލެވޭ ހިކުމަތަކީ ކޮބައިހެއްޔެވެ؟ މީހާގެ ބޭރު ފުށުގެ މައްޗަށް ބިނާކޮށް މީހާގެ ހަގިގަތް ކަނޑައެޅުމަކީ ބޮޑު ގޯހެއް ކަމަށް ބުނުމެވެ. އިންސާނީ ނަފްސާ މެދު ނަޒަރު ހިންގާލުމުން އެނގެނީ، ބޭރު ފުށަށް ބަލައި އިންސާނާ އޭނާގެ ނިންމުންތައް ނިންމާކަމީ އިންސާނީ އާންމު ސިފައެއްކަމެވެ. މި މައްސަލައާ ގުޅޭ އިހުގެ ވާހަކައެއް އޮވެއެވެ. މި މި ވާހަކަ ނިސްބަތް ކުރެވެނީ އެވާލާ ޒަމާނުގެ ޔޫނާނީ ފަލްސަފާވެރިއެއް ކަމަށްވާ ސޮކްރަޓީސްއަށެވެ. މިވާހަކައިގެ ޚުލާސާއަކީ އެއް ދުވަހަކު، ސޮކްރީޓީސް ކައިރިން އުނގެނުމަށްޓަކައި، ކުއްޖަކު ފޮނުވުނެވެ. އޭނާއަކީ އިސްކޮޅުން ދިގު ކުއްޖެއް ކަމަށް ވެއެވެ. ކޮންމެ އަކަސް މިކުއްޖަކު އައިސް ސޮކްރަޓީސް ކުރިމަތީ ހުއްޓުމުން، އެކުއްޖާގެ ފައިގެ ބޮޑުވައި އިނިގިލި ކުރިން، އޭނާގެ ބޮލު ފުއްކިބައާ ހަމައަށް ދަންދެން ބަލާލުމަށް ފަހު، އޭނާއާ މުޚާތަބުކޮށް ސޮކްރަޓީސް ބުންޏެވެ. "ކޮއްކޯއެވެ! އަހަންނަށް، ކަލޭ ފެނި، އެނގި ދިޔުމަށްޓަކައި، ވާހަކަދައްކާލައި، ބަހެއް ބުނެބަލާށެވެ!"

ސޮކްރަޓީސް ބުނި ބުނުމުން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އިސްކޮޅުން ދިގު، ބޮޑު ބިޔަ މީހަކު ފެނުމުން، އޭނާއަކީ ވަރުގަދަ، މަތިވެރި، އަދި، ބައެއް ފަހަރު، މޮޅު މީހެއް ކަމުގައި ވެސް އިންސާނީ ނަފްސު އޭނާއަށް ބުނެދޭ ކަމެވެ. ނަމަވެސް، ސޮކްރަޓީސް ބުނީ، އޭނާ އެ ގޮތަށް، ހަމައެކަނި ބޭރު ފުށަށް ބަލާލައިފައި މީހާގެ ހަގީގަތް ކަނޑަނާޅާނޭ ކަމެވެ. އެކަން ކަނޑައަޅާނީ އޭނާގެ އެތެރެފުށަށް ބަލައިފައި ކަމެވެ. އޭނާގެ އެތެރެފުށުގައި އޮތީ ކޮން އެއްޗެއްކަން، އަންގައިދޭ އެންމެ ވަރުގަދަ އެއްޗަކީ އޭނާގެ ދުލެވެ. އެ ދުލުން ބުނާ އެއްޗެކެވެ. މީހާ ވާހަކަ ދައްކަން ފެށުމުން، އޭނާގެ ހުރި ހަރުދަނާ ކަމަކާއި މޮޅުކަމެއް ފެންނާނޭ ކަމެވެ.

ދެން، މަތީގައި ލިޔެވިފައި އޮތް ހިކުމަތުގެ ބަހުން، އާދެ، ބޭރުފުށަށް ބަލައި ކަންތައް ކުރަން އެއްގޮތަކަށް ވެސް ހެޔޮ ނުވާނޭކަމުގެ ހިކުމަތުގެ ބަހުން މިއަދު އަޅުގަނޑުމެންނަށް ލިބެން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ވަރަށް ގިނަ ފައިދާ ލިބެން އެބަ އޮތެވެ. ޝައްކެއް ނެތް ގޮތުގައި، ރަނގަޅު ނިންމުންތައް ނިންމުމަށް އެކަން އެހީވެދޭނެއެވެ. މިކަމުގެ ދެތިން މިސާލެއް ލިޔެލާނަމެވެ. އަޅުގަނޑުންގެ ފަރުދީ ހަޔާތާ ގުޅޭ މިސާލަކާއި އަޅުގަނޑުމެންގެ ޖަމާއީ ހަޔާތާއި ގުޅޭ މިސާލެކެވެ.

އަޅުގަނޑުމެންގެ ޝަޚްސީ އަމިއްލަ ހަޔާތަށް ބަލާލާއިރު، ހަޔާތުގެ ބައިވެރިޔަކު ޚިޔާރުކުރުމުގައި މި ހިކުމަތުން ލިބެން އޮތް ފައިދާ ވަރަށް ވެސް މުހިއްމު ކަމުގައި ދެކެމެވެ. މިކަމާ ބެހޭ ގޮތުން، މި ހިކުމަތުގެ އަލީގައި އެއްޗެއް ބުނާ ނަމަ، ހަޔާތުގެ ބައިވެރިޔާ އިޚްތިޔާރު ކުރަންވާނީ ބައިވެރިޔާގެ އެތެރެ ފުށަށް ބަލައި، އެކަން އިސްކުރެވިގެންނެވެ. ހަމައެކަނި، ބޭރު ފުށުން ފެންނަ ރީތިކަން ނޫނީ މުއްސަނދިކަމަށް ބަލައިގެންނެއް ނޫނެވެ. ބޭރު ފުށަށް އެކަނި ބެލުމުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ދާދި އަވަހަށް ކައިވެނިތައް ރޫޅިގެން ދިޔުމެވެ. މި މަގާމުގައި މިއަދު ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ، ހަޔާތުގެ ބައިވެރިޔަކު އިޚްތިޔާރު ކުރުމުގައި އޭނާގެ އެތެރެ ފުށަށް، އެބަހީ، އޭނާގެ އަޚުލާގީ ސިފަތަކަށް، ނުބެލުމުގެ ނަތީޖާއަކަށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން އިޚްތިޔާރު ކުރެވުމެވެ. ދެން، ކަންތައް ވެގެން ދަނީ ކިހިނެއް ހެއްޔެވެ؟ އަހިވަކާ ޖެހި އަހިވަކެއް ފާވާ ފަދައިން، ރަނގަޅަށް ހުންނަ މީހާ ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހުމެވެ. އަދި، އެކަމުގެ ސަބަބުން، ކުށްތައް އަރައިގަތުމުގެ ސަގާފަތުގެ ތެރެއަށް ވެއްޓި، ދެމަފިރިންގެ ހަޔާތް ވެސް ބަރުބާދުވުމެވެ. ނޫނީ، ދާދި އަވަހަށް ކައިވެނި ރޫޅި ދިޔުމެވެ. އެ ހިސާބަށް ދާއިރު، ވަރަށް ގިނަ ފަހަރު ކުއްޖަކު، ދެކުއްޖަކު ކައިވެންޏަށް ލިބިފައި އޮވެއެވެ. ދެން، ވަރަށް ގިނަ ފަހަރު، އެ ކުދިން ބަލައި ބޮޑުކުރުމުގެ ހުރިހާ މަސްއޫލިއްޔަތެއް، މާލީ، ނަފްސާނީ، އަދި ޖިސްމާނީ މަސްއޫލިއްޔަތެއް އުފުލަން ޖެހެނީ ކުދިންގެ މަންމައަށެވެ. މިނަންގަތް ދެބާވަތުގެ މައްސަލަތައް ވެސް – ދެމަފިރިން މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ވެއްޓުމާއި އެކަހެރި މައިންނަށް ވުމުގެ މައްސަލަތައް ވެސް– މުޖުތަމައިން ވަރަށް ގިނައިން އަދު ފެނެއެވެ. އަދި، އެކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

އެހެންވެ، ހަޔާތުގެ ބައިވެރިޔަކު އިޚްތިޔާރުކޮށް، ކައިވެންޏެއް ކުރުމުގެ ކުރިން، މަތީގައި ލިޔެވިފައި އޮތް ހިކުމަތުން ފައިދާ ލިބިގަނެ، ހަމައެކަނި، ހަޔާތުގެ ބައިވެރިޔާގެ ބޭރު ފުށުގައި އަޅައިނުގަނެ، އޭނާގެ އެތެރެ ފުށަށް، އޭނާގެ އަޚުލާގާއި ހަރުދަނާ ކަމަށް، ބަލައި، ހަޔާތުގެ ބައިވެރިޔާ އިޚްތިޔާރު ކުރުން މުހިއްމެވެ. މި ހިކުމަތް، އަޅުގަނޑުމެންގެ ދިވެހި ބަހުގައި ވެސް އެހެން އިބާރާތަކުން އިބާރާތް ކުރެވިފައި އޮވެއެވެ. އެފަދަ އެއް އިބާރާތަކީ ވިދާހާ އެއްޗަކީ ރަން ކަމުގައި ނުބެލުމަށް އޮންނަ އިބާރާތެވެ. އަނެއް އިބާރާތަކީ ސީދާ ކައިވެންޏާ ގުޅުން ހުރި މިފަދަ އިބާރާތެކެވެ. އާދެ، 'އަނބި ރީތީ ހެވިއްޔާއެވެ.' ހިކުމަތްތެރި މި ބަހެކެވެ. މީގެ ތެރެއަށް، "ފިރި ރީތީ ހަރުދަނާ ވިއްޔާއޭ" ބުނެ އިތުރުކޮށްލަން ޖެހެއެވެ. ހަމަ އެހެންމެ، އިސްލާމީ ދީނީ އިރުޝާދުގައި ވެސް، މި ވާހަކަ 'ދީނީ ހެދުމެއް އަޅުވައި' ބުނެފައި އޮވެއެވެ. ކައިވެނި ކުރުމަށްޓަކައި ބައިވެރިޔަކު އިޚްތިޔާރު ކުރާއިރު، 'ދީންވެރި' މީހަކު އިޚްތިޔާރު ކުރުމަށް އޮންނަ އޮތުމެވެ. 'ދީންވެރިޔެކޭ' މިތާ ބުނާ ބަހުގެ މާނައަކީ ފަހަރެއްގައި ވެސް، ހަމައެކަނި، ބޭރު ފުށުގެ ކަންކަމަށް ބަލައި، ދީންވެރިއެކޭ ބުނުމެއް ނޫނެވެ. އެހެން ކަމަށް ވަންޏާ، މަތީގައި ލިޔެފައިވާ ހިކުމަތުގެ ބަސް އިޝާރާތްކުރާ ފަދައިން، ގިތެލެއް ވެސް ވާނީ ދީންވެރި ތަގުވާވެރިންނަށް ނޫން ހެއްޔެވެ؟ ނަމަވެސް، ދީންވެރިޔޭ ބުނެފައި އޮތް ބަހުގެ މުރާދަކީ ރީތި އަޚުލާގެއްގެ ވެރި، މި މާނައެވެ. އާދެ، ކައިވެނި ކުރަންވާނި ރީތި އަޚުލާގެއްގެ ވެރި، އެކަކު އަނެކަކަށް ކަމޭ ހިތާ، އޯގާތެރި، ހަރުދަނާ މީހެކެވެ. އެއީ އަނތްބަކަށް ނޫނީ ފިރިޔަކަށް ވިޔަސް ވެހެވެ.

އަޅުގަނޑުމެންގެ ޝަޚްސީ އަމިއްލަ ހަޔާތެކޭ އެއްފަދައިން، އަޅުގަނޑުމެންގެ މުޖުތަމައީ ހަޔާތުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ވެސް، މަތީގައިވާ ހިކުމަތުގެ ބަހުން ފައިދާ ލިބިގަނެވޭނެއެވެ. މުޖުތަމައުގެ ކަންކަން ހިންގުމުގެ ބޮޑު މަސްއޫލިއްޔަތު ހަވާލުކުރުމަށް މީހުން ހޮވައި އިންތިޚާބުކުރަން ވާނީ އެމީހުންގެ ބޭރު ފުށަށް ބަލާފައެއް ނޫނެވެ. އެމީހުންގެ ހުރި ގާބިލުކަމާއި ހަރުދަނާ ކަމުގެ މައްޗަށް ބަލާފައެވެ. އެމީހުންގެ ކިބައިން ފެންނަ އިޚުލާސްތެރިކަމާއި އަމާނާތްތެރިކަމަށް ބަލާފައެވެ. ފަހަރެއްގައި ވެސް، މީހަކު ކޯޓު ފަޓުލޫނު ލައްވައި ޓައި އެޅުވުމަކުން އޭނާއަކަށް މި ނަންގަތް ސިފަތައް ލިބިގެން ނުވެއެވެ. އެހެން ނަމަ، މަތީގައި ލިޔެފައި އޮތް ހިކުމަތުގެ ބަހުން ދޭހަވާ ފަދައިން، ގިތެލެއް ކޯޓު ފަޓުލޫނު ލައްވައި ޓައި އެޅުވުމުން، ސިޔާސީ މައިދާނުގައި މަސައްކަތްކުރުމުގެ ގާބިލުކަން އެއަށް ލިބުނީސްތާއެވެ! އެފަދަ މަގާމުތަކާ ކުރިމަތިލާ މީހުންގެ ކިބައިގައި ދެންމެ މިނަންގަތް ސިފަތައް ހުރިކަން އެނގިގަނެވޭނީ، ކުރިން، މަތީގައި ނަކަލުކޮށް ލެވުނު ސޮކްރޭޓިސްގެ ބަހުގައި އޮތް ފަދައިން، މީހާގެ ވާހަކައިންނެވެ. އޭނާގެ ވާހަކަތަކުގެ އަލީގައި އޭނާގެ ސިޔާސަތަކަކީ ކޮބައިތޯ ބަލައި، އެ ސިޔާސަތުތަކަކީ އެކަމަށް އަމަލީ ސިފަ ގެނެވިދާނޭ ކަންކަންތޯ ހޯދައި ބަލައިގެންނެވެ. ހަމައެކަނި ބޭރުފުށަށް ބަލައި ބޮޑެތި މަސްއޫލުވެރި މަގާމުތަކަށް މީހުން ހޮވުމުން، ކަންކަން ކުރެވި، ކަންކަން އިސްލާހުވެ، ކުރިއެރުމެއް ނުލިބޭނެއެވެ.

ނިންމާލަމުން، ހަދާންކޮށްލަދޭން ބޭނުންވަނީ، ސުރުޚީގައި އަޅާލެވުނު، ހިކުމަތުގެ ބަސް، އާދެ، ހަމައެކަނި ބޭރު ފުށަށް ބަލައި ކަންކުރުމަކީ ރަނގަޅު ކަމެއް ނޫންކަން، ކީރިތި ގުރުއާނުގައި ވެސް ބަޔާންކޮށްދީފައި ވެއެވެ. ބަގަރާ ސޫރަތުގެ 177 ވަނަ އާޔަތުގައެވެ. ليس البر أن تولوا وجوهكم قبل المشرق والمغرب … މިއާޔަތުގައެވެ. މި އާޔަތުގެ ޖުމްލަ މާނައަކީ، ހެޔޮ ކަމަކީ ހަމައެކަނި މިވެނި އެވެނި ކޮޅަށް ކުރިމަތި ލައިގެން ހުރެ އަޅުކަން ކުރުމެއް ނޫނެވެ. ނަމަވެސް، މީގެ އިތުރުން، ހަގީގަތުގައި ވެސް، ތެދުވެރިކަމާއެކު، މާތްﷲއަށާއި އާޚިރަތް ދުވަހަށް އީމާންވެ، ނަމާދާއި ރޯދަ ހިފުން ފަދަ އަޅުކަމުގެ އަމަލުތައްކޮށް، ތެދުވެރި އަމާނާތްތެރި، ކެތްތެރި، ތިމާ ބުނާ ބަހުގައި އިތުބާރު ހުރި މީހަކަށްވެ، މީސްތަކުންނަށް އަޅާލައި އޯގާތެރިކަމާއެކު ކަންތައް ކުރުމެވެ. އާދެ، ހެޔޮލަފާ ކަމަކީ ހަމައެކަނި ބޭރު ފުށުގެ އަޅުކަމުގެ ރަސްމުތަކުގެ މައްޗަށް ބަލާފައި ކަނޑައަޅާލެވޭ ކަމެއް ނޫނެވެ. ނަމަވެސް، މީގެ އިތުރުން، އެ އަޅުކަން، އަޅުވެރިޔާގެ ސުލޫކަށް ގެންނަ ހެޔޮ ބަދަލުގެ މައްޗަށް ވެސް ބަލާފައި ކަނޑައަޅާލެވޭ ކަމެކެވެ. ކުރު ގޮތަކަށް މިވާހަކަ ނަބަވީ ހަދީސެއްގައި ޚުލާސާކޮށްލެވިފައި އޮވެއެވެ. "إن الله لا ينظر إلى صوركم ولا إلى أموالكم ولكن ينظر إلى قلوبكم وأعمالكم." "ހަމަކަށަވަރުން، ކަލޭމެންގެ ބޭރު ފުށުގެ ސިފައަށާއި ކަލޭމެންގެ މުދާވެރިކަމަކަށް މާތްﷲ ބައްލަވާ ވޮޑިގެން ނުވެއެވެ. ނަމަވެސް، އެކަލާނގެ ބައްލަވާ ވޮޑިގެންވަނީ ކަލޭމެންގެ ހިތްތަކަށާއި ކަލޭމެންގެ އަމަލުތަކަށެވެ."

އާދެ، ހަމައެކަނި ބޭރުފުށަށް ބަލައި އެކަމުގެ މައްޗަށް ކަންކަން ނިންމުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. ތުނބުޅީގައި ބުއްދިއާއި ހިކުމަތް އެކުލެވިގެންވާ ނަމަ، ހުރިހާ ގިތެލެއް ވެސް ވީހީ ބުއްދިވެރި ހިކުމަތްތެރިންނަށެވެ!