...

Support Us

ޕޯސްޓް ޓުރުޘް: ތެދު ހަގީގަތުގެ ފަހުގެ ޒަމާން

ޕޯސްޓު ޓުރުޘްއާއި (ހަގީގަތުގެ ފަހު[ގެ ޒަމާން]) ހަގީގަތުގެ ފަހުގެ ޖީލާއި (ޕޯސްޓް ޓުރުޘް ޖެނަރޭޝަނާ) ހަގީގަތުގެ ފަހުގެ ސިޔަސީން ވެރިންނަކީ ކޮބައިހެއްޔެވެ؟ މި އިބާރާތް ތަކުން ގަސްދުކުރެވޭ މާނަ ދެނެގަންނަން މަސައްކަތްކުރުމުގެ ގޮތުން އެންމެ ފުރަތަމަ 'ޕޯސްޓް ޓުރުޘް’، 'ހަގީގަތުގެ ފަހަތް’، ނުވަތަ ހަގީގަތުގެ ފަހަތުގެ ޒަމާން، މި އިބާރާތުގެ މާނައިގެ މައްޗަށް ވިސްނާލަން ޖެހެއެވެ. ދެން، އެއަށް ފަހު، ލިޔުމުގެ ތެރެއިން، މަތީގައި ނަންގަނެވުނު ދެ އިބާރާތުގެ މާނަ ސާފުވެގެންދާނެއެވެ. މިވާހަކަ ލިޔެލަން ޖެހުނީ، އަޅުގަނޑުމެންގެ ގިނަ ސިޔާސީ ވެރިންގެ ވާހަކަތައް، މި މަފްހޫމާ ގުޅިފައި އޮތުމާއި އަދި، އަދުގެ ޖީލު، ޚާއްސަ ގޮތެއްގައި ޒުވާން ޖީލު، އެ މީހުންގެ ވާހަކަތައް، އެއީ ހަގީގަތާ މުޅިން ޚިލާފު ވާހަކަތަކެއް ކަމަށް ވިޔަސް، އާންމު ގޮތެއްގައި، ބަލައިގަތުން ވެސް ގުޅެނީ މި މަފްހޫމަކަމަށް ވާތީއެވެ.

އިނގިރޭސި ބަހުގައި އެހެން އިބާރާތެއްގެ ކުރިއަށް 'ޕޯސްޓު' (ފަހަތް) އިތުރުކޮށްލުމުން ދޭހަވަނީ އެ ބަސް އިތުރުކޮށްލެވޭ އެއްޗަކުން ދޭހަވާ މާނައިގެ ފަހުން ކަން އޮންނަ ގޮތެވެ. އެ ގޮތަކީ އެއަށް އިތުރު ކޮށްލެވޭ އެއްޗެއްގެ ކުރީގައި ކަން އޮތް ގޮތާ ވަރަށް ބޮޑަށް ތަފާތު ގޮތެކެވެ. މިސާލެއްގެ ގޮތުން، 'ޕޯސްޓު' ދެ ލަފްޒަކާއި ގުޅުވާލައިގެން ބޭނުންކުރެވިފައި އޮތް ދެ އިބާރާތެއް ލިޔެލާނަމެވެ.

ފުރަތަމަ މިސާލަކަށް، 'ޕޯސްޓު-ވާލްޑް ވޯ ޓޫ' (ދެވަނަ ބޮޑުހަނގުރާމައިގެ ފަސް)، މި އިބާރާތަށް ބަލާލަމާ ހެއްޔެވެ؟ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔެ އޮތް ގޮތާއި އަދި އޭގެ ކުރީގައި ދުނިޔެއޮތް ގޮތާ އަޅާކިޔާއިރު، ވަރަށް ބޮޑު ތަފާތެއް ދުނިޔޭގެ މަސްރަހުން ފެނެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން، ދުނިޔެ އޮތީ ގިނަ ބޮޑެތި ބާރުތަކެއްގެ ދުނިޔެއެއްގެ ގޮތުގައެވެ. އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތެވެ. ޖަރުމަނު ވިލާތާއި އިޓަލީ ވިލާތެވެ. ރޫސީ ވިލާތާއި ޖަޕާނެވެ. އަދި، އެމެރިކާ ވެސް، އޭރު، ސަރަހައްދީ ބާރެއްގެ ގޮތުގައި އޮތެވެ. ނަމަވެސް، ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން، ދުނިޔެ ވެގެން ދިޔައީ ބޮޑެ ދެބާރެއްގެ ބާރާއި ނުފޫޒު އޮތް ތަނަކަށެވެ. އެމެރިކާއާއި ސޯވިއެޓް ޔުނިއަންގެ ބާރާއި ނުފޫޒެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން، ދުނިޔޭގައި ބާރާއި ނުފޫޒު ހިންގީ ޔޫރަޕުގެ ގައުމުތަކުންނެވެ. ޚާއްސަ ގޮތެއްގައި، ވިހި ވަނަ ގަރުނަށް އެޅުނު އިރު، އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތަކީ އިސްތިއުމާރީ ބޮޑު ދެ ދައުލަތައް ވެފައި އޮތުމުން، އޭޝިއާ އާއި އެފްރިކާ އަދި ދެކުނު އެމެރިކާގެ ބައެއް ގައުމުތައް ވެސް އޮތީ އެމީހުންގެ އަތްދަށުގައެވެ. އޭގެ ކުރިން، ޕޯޗުގީޒުންނާއި އިސްޕެއިނު މީހުންނާއި ހޮލަންޑުގެ މީހުން ވެސް އިސްތިއުމާރީ ދައުރެއް އަދާކޮށް އެތައް ގައުމުތަކެއް އެމީހުންގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންގޮސްފައި ވެއެވެ. ނަމަވެސް، ވިހި ވަނަ ގަރުނަށް އެޅުނު އިރު، މި ގައުމުތަކުގެ އިސްތިއުމާރީ ބާރު ކުޑަވެ، އެމީހުންގެ ކިބައިގައި، އިނގިރޭސިންނާއި ފަރަންސޭސިންނާ ވާދަކުރެވޭ ވަރުގެ އަސްކަރީ ފެންވަރެއް ނެތެވެ.

ކަން މިހެން އޮތް އިރު، ޖަރުމަނު ވިލާތް ހިމެނިގެން ދިޔައީ، އެމީހުންގެ އަތް ދަށުގައި މާ ގިނަ މުސްތައުމަރާތު ތަކެއް ނެތް ކަމުގައި ވިޔަސް، އިގުތިސާދީ ގޮތުންނާއި އިލްމީ ގޮތުން ޔޫރަޕުގެ އެންމެ ބޮޑު ބާރަށެވެ. އެހެންވެ، ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން، އިނގިރޭސިންނާއި ފަރަންސޭސީންގެ މަންޒޫރުން ބަލާ ނަމަ، އެމީހުންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކަށް ވެފައި އޮތީ ޖަރުމަނު ވިލާތެވެ. އެހެންވެ، އެ ދެގައުމު ވެސް، މި ނުރައްކާ ނެތިކޮށްލުމުގެ ގޮތުން، ފިޔަވަޅުތައް އަޅަމުން ގެންދިއައެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ހިތި ތަޖުރިބާއަށް ފަހު، ފަރަންސޭސީންގެ ބޭނުމަކަށް ވެފައި އޮތީ ވާސެއިގެ މުއާހަދާ، ހަރުފުން ހަރުފަށް ހިންގާލެވޭތޯ ބަލައި، ޖަރުމަނުވިލާތް އަލުން ބާރުވެރި ބަޔަކަށް ވިޔަނުދިނުމެވެ. މިއާ ޚިލާފަށް އިނގިރޭސިން ބެލީ، ޖަރުމަނު ރުއްސައިގެން، އަދި، އެމީހުން އެދޭ ކަންކަން ކުރެވޭ ގޮތް ހަދައި ދީގެން، އާދެ، އޭރުގެ އިނގިރޭސި ބޮޑުވަޒީރު ޗެމްބަރލެއިންގެ 'ރުއްސުމުގެ ސިޔާސަތުގެ' (އެޕީސްމެންޓް ޕޮލިސީގެ) ދަށުން، ޖަރުމަނު ކޮންޓުރޯލު ކުރެވޭތޯ ބެލުމެވެ.

ކޮންމެ އަކަސް، ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން، ހުޅަނުގެ ބާރުތަކުގެ ކަންބޮޑުވުމަކަށް އޮތީ ޖަރުމަނު ވިލާތެވެ. ނަމަވެސް، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނު ވިލާތް ބަލިވެ ފުނޑުފުނޑުވެ، އިއްތިހާދީންގެ ބާރުގެ ދަށަށް ޖަރުމަނު ވިލާތް ދިޔުމުން، އިއްތިހާދީންގެ މަންޒޫރުން ބަލާ ނަމަ، ޖަރުމަނު ވިލާތުގެ ބިރު ޔޫރަޕުން ފިލައި ދިޔައެވެ. ދެން، އޮތީ މި ބިރު ފިލައިދިޔުމުގެ ހަގީގަތާ ކުރިމަތި ލުމެވެ. އާދެ، ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުގެ ދުނިޔެ، (ޕޯސްޓް ވާލްޑް ވޯ ޓޫ،) އާ ކުރިމަތިލުމެވެ. އެއީ ބޮޑު ދެބާރެއްގެ ދަށުގައި ދުނިޔެ އޮތް، ފިނި ހަނގުރާމައިގެ ދުނިޔެއެވެ. މީގެ އިތުރުން، ދެވަނަ ބޮޑު ހަނގުރާމައިން ހަލާކުވެ ދިޔަ ގައުމުތައް އަލުން ބިނާކުރުމާއި، އިސްތިއުމާރުގެ ބާރުގެ ދަށުން މިނިވަންވި ގައުމުތައް ބިނާކުރުމާއި، އިސްތިއުމާރުގެ ބާރުގެ ދަށުގައި އޭރު އޮތް ގައުމުތައް މިނިވަންކަން ހޯދުމުގެ މަސައްކަތް ކުރުމުގެ ދުނިޔެއާއި ނިޔުކިލިޔަރ ހަތިޔާރުގެ ދުނިޔެވެ.

ދެވަނ ބޮޑު ހަނގުރާމައިގެ ފަހުގެ ދުނިޔެ، (ޕޯސްޓް ވާލްޑް ވޯ ޓޫ،) ގެ އިތުރުން ވެސް 'ޕޯސްޓު' (ފަހުގެ) ލައިގެން ލަފްޒުތައް ހެދިފައި ވެއެވެ. މިސާލަކަށް ޕޯސްޓު މޮޑާރނިޒިމް، (ޒަމާނީ ދުނިޔޭގެ ފަސް) އެވެ. މާނައަކީ، ހުޅަނގުގެ ސިނާއީ އިންގިލާބާއި ތަންވީރީ ފިކުރާއި، ދީނީ އިސްލާހާއި މިކަންކަމުގެ ސަބަބުން އިންސާނީ ދިރިއުޅުމަށް ގެނައި ބޮޑު ބަދަލުގެ ފަހުން، އިންސާނީ ހަޔާތް އޮތް ގޮތުގެ ދުނިޔެއެވެ. މީގެ އިތުރުން، ޕޯސްޓް ކޮމިޔުނިޒިމް (ސޮވިއެޓް ޔުނިއަންގައި އޮތް ކޮމިޔުނިޒަމްގެ ނިޒާމު ވެއްޓި، އެ ކަން ގެނުވި ބަދަލުގެ ދުނިޔެ،) ޕޯސްޓު ކޯލްޑް ވޯ (ފިނި ހަނގުރާމަ ނިމި، އެކަން ދުނިޔެއަށް ގެނުވި ބަދަލު،) ފަދަ ލަފްޒުތަކެވެ.

ދެން ޕޯސްޓު-ޓުރުޘް ނުވަތަ ހަގީގަތުގެ ފަސް، މި އިބާރާތުގެ މާނައަށް ބަލާލަމާ ހެއްޔެވެ؟ ޕޯސްޓު ޓުރުޘްގެ މަފްހޫމު މައިގަނޑު ތިން ކަމަކަށް އިޝާރަތްކުރެއެވެ. ފުރަތަމަ ކަމަކީ އެއީ ވަކި ޒަމާނަކާ ގުޅޭ ކަމެއް ކަމެވެ. އަސްރާނިއްޔަތުގެ ފަހުގެ (ޕޯސް މޮޑާނިޒަމްގެ) ޒަމާނެވެ. ޕޯސްޓު ޓުރުޘް ނުވަތަ އަސްރާނިއްޔަތުގެ ފެށުމަކީ މިވެނި ތާރީޚެކޭ ބުނެ ކަނޑައަޅާލުން ދައްޗެވެ. މިކަމުގެ އަސްލު، ތާރީޚީ ގޮތުން ނަވާރަ ވަނަ ގަރުނުގެ ޖަރުމަނުގެ ފަލްސަފާވެރިޔާ ފްރެޑަރިކް ނީޗާ އާ ގުޅާލެވެއެވެ. 1873 ގައި ލިޔެ، 1896ގައި ޝާއިއު ކުރެވުނު، އޭނާގެ އޮން ޓުރުޘް އެންޑް ލައިސް އިން އަ ނޮން މޯރަލް ސެންސް (ޣައުރު އަޚުލާގީ މާނައެއްގައި ތެދާއި ދޮގުގެ މައްޗަށް ބަލާލުން) މި ލިޔުމާއެވެ. މި ލިޔުމުގައި ތެދާއި ދޮގަކީ އެ އިޝާރަތް ކުރާ ހަގީގަތެއް ނެތް ކަންކަމާއި އެއީ އިންސާނުން އަމިއްލައަށް އުފައްދާކަންކަން ކަމަށް ދައުވާކޮށް، ވާހަކަދައްކާފައި ވެއެވެ. އާދެ، ނީޗާގެ ނަޒަރުގައި، ތެދާއި ދޮގަކީ ނެތް ހަގީގަތެއް ނެތް އެއްޗެކެވެ.

ތާރީޚީ ގޮތުން، ޕޯސްޓުރުޘްގެ މައްސަލައިގެ އަސްލު ނީޗާއާ ގުޅާލެވުނަސް، މި މައްސަލަ އާންމުވެ، އެކަން ބަލައިގަތުން، އަންދާޒީ ސިފައެއްގައި، ބުނާ ނަމަ، ވިހި ވަނަ ގަރުނުގެ މެދާ ހިސާބާ ގުޅުވާލެވިދާނެއެވެ. ސައިންސުގެ ޒަރިއްޔާއިން ހަގީގަތް ކަނޑަ އަޅާ ނުލެވޭ އެއްވެސް ކަމެއްގައި ތެދެއް، ހަގީގަތެއް، ނޯންނަކަމަށް، މީސްތަކުން ގަބޫލުކޮށް، މީސްތަކުންގެ ތެރޭގައި، އާންމު ސިފައެއްގައި، މި ގަބޫލުކުރުން ފެތުރެން ފެށުމާއެވެ. މީގެ މާނައަކީ ދީނީ އަދި އަޚުލާގީ ގޮތުން ބަލައި، ކަންކަމުގެ ރަނގަޅު ނުރަނގަޅު، ހެޔޮ ނުބައި، ކަނޑައަޅާ ނުލެވޭނޭ ކަމަށް ދުށުމެވެ. އާންމުންގެ ތެރޭގައި މިއީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ބަލައިގަނެވިއްޖެކަން، 2010ގެ އަހަރުތައް ގުނަން ފެށުމާއި ހަމައިން ފާހަގަކުރެވުނެވެ. އަދި، 2016 ވަނަ އަހަރުގެ ލަފްޒު ކަމުގައި ޕޯސްޓު ޓުރުޘް ކަނޑައަޅާލެވުން މިކަމަށް ހެކިދެއޭ ބުނެވިދާނެއެވެ.

ޕޯސްޓް ޓުރުޘްގެ މަފްހޫމު ގުޅޭ ދެވަނަ ކަމަކީ، ދާދި ދެންމެ، މިނަންގަތް ކަމެވެ. ތެދާއި ހަގީގަތް ކަނޑައަޅާލެވޭ ހަމައެކަނި ވަސީލަތަކީ ސައިންސެވެ. އިލްމީ ތަޖުރިބާތަކުގެ އަލީގައި އިންސާނާގެ ސިކުނޑިގެ ބޭނުންކޮށްގެން ދެނެގަނެވޭ، ނުވަތަ އިސްތިންބާތުކުރެވޭ (ނެރެވޭ، އިންފަރ ކުރެވޭ) ތެދާއި ހަގީގަތެވެ. ސައިންސުގެ ދާއިރާއިން ބޭރުވެ، އެކަންކަމާ މެދު ސައިންސުގެ އެހީގައި، ލެބޯޓަރީތަކުގައި، ގޮތެއް ކަނޑަނޭޅޭ ކަންކަމީ އޭގައި މައުޟޫއީ (އޮބްޖެކްޓިވެ) ހަގީގަތެއް އެކުލެވޭ ކަމެއް ނޫނެވެ. ހަގީގަތްތައް ކަނޑައަޅާލެވެން ޖެހޭނީ މިގޮތަކަށް ކަމަށް ބެލުމުން، ދީނީ ނުވަތަ އަޚުލާގީ ގޮތުން ބަލައި، ހަގީގަތް ކަނޑައަޅައެއް ނުލެވެއެވެ. އެހެންވެ، ކަލަކު ވޮޑިގެންވުމާއި އެ ގަބޫލުކުރުމާ ގުޅިފައި އޮންނަ ދީނީ ތައުލީމާތުތަކާއި އަޚުލާގީ މިންތަކަކީ، މައުޟޫއީ ހަގީގަތެއް ނޫން ކަމުގައި ކަނޑައަޅާލެވެއެވެ. އެފަދަ ކަންކަމީ ޒާތީ ކަންކަމެވެ. ނަމަވެސް، އާންމުންގެ ތެރެއަށް ނެރެ، އޭގެ މައްޗަށް އާންމު ގަވާއިދުތައް ކަނޑައެޅިގެންވާނޭ ކަންކަމެއް ނޫނެވެ!

ޕޯސްޓް ޓުރުޘްގެ ތިންވަނަ ކަންތައް ގުޅެނީ ދެންމެ މިނަންގަތް ކަމުގެ ނަތީޖާއާއެވެ. ދީނީ ގަބޫލުކުރުންތަކާއި ދީނީ ތައުލީމާތުތައް އަދި، ދީނާ ގުޅިފައި އޮންނަ އަޚުލާގީ ގަބޫލޫކުރުންތަކަކީ- މާނައަކީ އަޚުލާގީ ގޮތުން ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން، ހެވައި ނުބައި، މިކަންކަން، އެއަށް އެއްވެސް ބަދަލެއް ނާންނާނޭ ސިފައެއްގައި އޮންނަ އޮތުން، މިކަންކަމީ- އިލްމީ ތަޖުރީބީ އަލީގައި ގޮތެއް ކަނޑައަޅާ ނުލެވޭ ކަންކަމަށް ވުމުން، އެކަންކަމުގައި ހަގީގަތެއް އެކުލެވިގެންނުވާ ކަމަށް ބުނާ ބުނުމާއެވެ. މިހެން ވުމުން، ރަނގަޅު ނުރަނގަޅު، ހެޔޮ ނުބައި، މިއީ އޮންނަ ކަމަކަށް ނުވުމުން، އެމީހަކު ބޭނުންވާ ގޮތަކަށް ހަގީގަތް ކަނޑައަޅާލެވޭ ގޮތް ވެއެވެ. އަދި، އަޚުލާގީ އަސްލެއްގެ މައްޗަށް ބިނާކޮށް، ކަންކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމުގެ ދޮރު ބަންދުވެއެވެ.

ޕޯސްޓު ޓުރުޘްގެ މަފްހޫމުގެ މާނަ ސާފުކޮށް ދިނުމުގެ ގޮތުން، ދެންމެ މިނަންގަތް، އެ މަފްހޫމުގައި އެކުލެވޭ ތިންބައި ޚުލާސާ ކޮށްލާނަމެވެ. ޕޯސްޓު ޓުރުޘް ގުޅެނީ އަޅުގަނޑުމެން އުޅެމުންދާ އަސްރާނިއްޔަތުގެ މިޒަމާނާއެވެ. މި ޒަމާނުގައި ހަގީގަތަކީ ހަމައެކަނި ތަޖުރީބީ ސައިންސުގެ އަލީގައި 'ލެބޯޓަރީތަކުގައ' ކަނޑައަޅާލެވޭ އެއްޗަކަށް ހަދާލެވިފައި ވެއެވެ. މީގެ ނަތީޖާއަކީ ދީނީ އަދި އަޚުލާގީ އަގުތަކަކީ ހަގީގަތެއް ކަމަށް ކަނޑަ އެޅޭނޭ ގޮތެއް ނޯންނާނޭ ކަމަށް ބުނުމެވެ.

މިކަމުގެ ނަތީޖާއަކީ ކޮބާ ހެއްޔެވެ؟ ކަންކަމާ ބެހޭ ގޮތުން، އެކަމުގެ ހަގީގަތުގެ މައްޗަށް ބެލުމެއް ނެތި، ހިތުހުރި ގޮތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމެވެ. އެއްވެސް ކަމަކީ އަޚުލާގީ ގޮތުން ގޯސްކަމެކޭ، ނުބައި ކަމެކޭ، ނުބުނެވޭނޭ ގޮތް ވުމެވެ. މިކަމުގެ ފައިދާ، ނުވަތަ، ނާޖާއިޒު ފައިދާ ލިބިގަންނަނީ އަދުގެ ސިޔާސީ ވެރިންނެވެ. އަދި، ދީނީ އަޚުލާގީ މިންތަކަކަށް ބިނާވެފައި އޮންނަ ކަންކަމާ އިދިކޮޅަކަށް ކަންކަން ފަތުރަން އުޅޭ މީހުންނެވެ. މީގެ ބައެއް މިސާލުތައް ލިޔެލާނަމެވެ.

މިހާރު އަޅުގަނޑުމެންގެ ތެރޭގައި، އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ އިންޑިޔާގެ އަސްކަރީން ރާއްޖޭގައި ތިބުމާ ބެހޭ ގޮތުން، އެކަމާ އެއްކޮޅަށާއި އެކަމާ ދެކޮޅަށް ދެކެވޭ ވާހަކަތައް ކަމުގައި ބުނެވިދާނެއެވެ. މިވާހަކަތައް ފެށުނު ގޮތާއި އަދި، މިހާރު މިވާހަކަތައް ދެކެވޭ ގޮތުގެ މައްޗަށް ބަލާލުމުން، ޕޯސްޓު ޓުރުޘްގެ ވަރަށް ރަނގަޅު ދިރި ހުރި މިސާލެއް ފެންނާނެއެވެ.

ރާއްޖެއާއި އިންޑިޔާއާ ދެމެދު އަސްކަރީ އެއްބަސްވުމެއް އެއްބަސްވި ކަމުގެ ވާހަކަ، މީގެ ދޮޅު އަހަރެއް ނޫނީ ދެއަހަރެއްހާ ދުވަސް ކުރިން ފެންމަތި ވުމުން، ސަރުކާރުގެ އިސްވެރިންގެ ވާހަކަތައް އޭރު ހުރި ގޮތް ހަނދާނަށް ގެންނާށެވެ. މިވާހަކަތައް މިހާރު ވެސް ނޫސްތަކުގެ އެދުވަސްވަރާ ގުޅޭ ސަފުހާތައް ހޯދާލަނިކޮށް ފެންނާނެއެވެ. އޭރު ސަރުކާރުގެ އިސްވެރިން ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އެއީ ދޮގެއް ކަމެވެ. އިންޑިޔާގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ނުތިބޭނޭ ކަމެވެ. ފަހުން، ރާގު ބަދަލުވެ، އިންޑިޔާގެ އަސްކަރީން ތިއްބަސް ތިބޭނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫ ނާރާ ސިފައެއްގައި ކަމަށް ބުނެ ވާހަކަ ދެކެވޭން ފެށުނެވެ. މި ވާހަކަތަކުގައި ވެސް، އިންޑިޔާގެ ސިފައިން ތިބިތޯ ނުވަތަ ތިބޭނޭތޯ، ސާފުކޮށް ނުބުނެއެވެ. އަދި، ހަމަ އެހެންމެ، އެކަން ކަނޑައެޅިގެން އިންކާރެއް ވެސް ނުކުރެއެވެ. ދެން، މިހާރު، އެވާހަކަތައް އޮތީ ކިހިނެއް ކަމާމެދު ވިސްނާލާށެވެ! މިހާރު އެމީހުން މިހާރު އެބަ ތިބިކަމާއި އަދި ފަހުން ތިބޭނޭކަން ވެސް އެއޮތީ ބުނެ ކަނޑައެޅިފައެވެ. މީގެ އިތުރުން، މިއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑުގޮތްކަން ވެސް، ކަމާ ބެހޭ ސަރުކާރުގެ އިސްވެރިން، މިހާރު، ބުނަމުން ދެއެވެ. އާދެ، މިއީ މުޅިން ދޮގެއްކަން މީގެ ދެއަހަރުކުރިން ބުނި މައްސަލަ މިއޮތީ އެ ބުނި ގޮތާ މުޅިން ޚިލާފަށް ނިންމިފައެވެ.

އިންޑިޔާ ސިފައިން ތިބުމާއި ނުތިބުމުގެ މައްޗަށް ނަޒަރު ހިންގުން ދޫކޮށްލާފައި، މިތާގައި ބަލާލަން ބޭނުންވަނީ މިކަމުން 'ޕޯސްޓް ޓުރުޘް’ގެ މިސާލު ލިބެނީ ކިހިނެއްތޯއެވެ؟ އެންމެ ފުރަތަމަ، އިންޑިޔާ ސިފައިން ނުތިބޭނޭ ކިޔާ ވާހަކަ ދެއްކިއިރު، އެއީ ކަނޑައެޅިގެން ދޮގެއްކަން އެ ވާހަކަ ދެއްކި މީހުންނަށް އެނގޭނެއެވެ. ދެހާސް އަށާރައިގައި އާ ރިޔާސީ ދައުރެއް އިފްތިތާހު ކުރެވުނު ޖަލްސާއަށް އިންޑިޔާގެ ބޮޑުވަޒީރު ހާޒިރުވި ހަނދާން އެންމެންހެން ހުންނާނެހެން ހީވެއެވެ. އެ ޖަލްސާއަށް އޭނާ ހާޒިރުވީ ކީއްކުރަން ހެއްޔެވެ؟ އެއީ ރާއްޖޭގެ އާ ރައީސަށް މަރުހަބާކިޔުމުގެ ގޮތުން ކުރި ދަތުރެއް ހެއްޔެވެ؟ ވެދާނެއެވެ! ނަމަވެސް، އެނގޭ އަނެއް ހަގީގަތަކީ، މަދު ގަޑިއިރުކޮޅަކަށް އެކުރި ދަތުރުގައި، އާ ރިއާސީ ދައުރު އިފްތިތާހުކުރުމުގެ ޖަލްސާ ނިމިގެން، އިންޑިޔާ ބޮޑުވަޒީރު، ރާއްޖެއާއި އިންޑިޔާއާ ދެމެދު ކުރެވުނު އެއްބަސްވުމެއްގައި ސޮއިކުރި ކަމެވެ. މީގެ ތަފްސީލު ނޭގުނަސް، ލަފާކުރެވެނީ އެ އެއްބަސްވުން އެއީ ފަހުން ސޮއިކުރެވުނު އަސްކަރީ އެއްބަސްވުމުގެ ފެށުން ކަމުގައެވެ. ކޮންމެއަކަސް، މިކަމުންނާއި، އަދި ފަހުން ކުރެވުނު ސިއްރިއްޔާތުގެ އެ އެއްބަސްވުންތަކުން، ސަރުކާރުގެ އިސް ފަރާތްތަކަށް، އިންޑިޔާގެ އަސްކަރީން ރާއްޖޭގައި ތިބޭނެކަން އޮންނާނީ އެނގިފައެވެ. ނަމަވެސް، އެކަން ފެންމަތިވުމުން، ސަރުކާރު ދެކޭ ގޮތުގައި، 'ގުނބޯ ހެއްދޭނޭ' ދިވެހި ރައްޔިތަށް މިކަން އޮޅުވާލައި ދޮގު ހެދިދާނެއެވެ. ސަބަބަކީ އެ ރައްޔިތަކީ، ސަރުކާރުގެ އިސްވެރިންނާއި އެމީހުންނަށް ލަފާދޭ ބޭރުގެ މީހުންގެ ވެސް ނަޒަރުގައި 'ޕޯސްޓު ޓުރުޘް’ގެ ޖީލުގެ މީހުންނެވެ. ދީނީ އަގީދާ ބަލިކަށިވެ، އަޚުލާގީ ގައިދުތަކުން ވީއްލި، އަދި ވީއްލެމުންދާ، އަދި މިކަމުގެ ސަބަބުން، ފަސޭހައިން ކަންކަން އޮޅުވާލެވޭނޭ ރައްޔިތެކެވެ.

ދެން، މީގެ އިތުރުން ވެސް، ސިޔާސީ ވެރިންގެ މިފަދަ ބުނުންތައް އިވި، ފެންނަމުން ދެއެވެ. ހައްގާއި ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް، ހިތަށް އައި އެއްޗެއް ސިޔާސީވެރިން ބުނަލައެވެ. އެއްވެސް، ޖެހިލުމެއް ނެތިއެވެ. ތިމާގެ ޒަމީރުގެ ކޮށުމުގެ އަޑު އަހާލުމެއް ނެތިއެވެ. އާޚިރަތް ދުވަހާ މެދު ވެސް، ކުޑަކޮށް ވެސް ވިސްނާލުމެއް ނެތިއެވެ. އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުން ތަބްރީރުކުރުމުގެ ގޮތުންނާއި އަދި އެނޫން ވެސް އެހެން މައްސަލަތަކުގެ މައްޗަށް ވާހަކަދައްކަމުންނެވެ. މިސާލަކަށް އެކަކު، ކުޑަކޮށް ވެސް ލަދުވެތި ކަމެއް ނެތި، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުން ރަނގަޅު ކަމަކަށް ހެދީ އެކަން އެއީ ނިއުމަތްތައް ރާއްޖެއަށް ލިބުން މެދުވެރިކުރާނޭ ކަމެކޭ ދޭހަވާ ގޮތަށް ވާހަކަ ދައްކަމުންނެވެ. އަނެކަކު އެކަން ގުޅުވާލީ އިންޑިޔާގެ އަސްކަރީން ތިބުން ރާއްޖޭ ވުޖޫދުގައި އޮތުމާ ގުޅޭ ގޮތަށް ވާހަކަދައްކަމުންނެވެ. އާދެ، ރާއްޖޭގެއަށް ސަލާމަތްކަން ލިބުން އޮތީ އިންޑިޔާގެ އަސްކަރީންނާ ގުޅިފައޭ ބުނަމުންނެވެ. މިއިން އެއްވެސް ކަމަކީ ހަގީގަތެއްތޯ ބެލުމުގެ ބޭނުމެއް އޮތްކަމަކަށް ނުދެކެއެވެ. އާދެ، ޕޯސްޓް ޓުރުޘްގެ މިސާލީ ވާހަކަތަކެވެ. ތެދު ހަގީގަތް އެއްކިބާ ކޮށްފައި، އެ ވަގުތު ތިމާގެ އަމިއްލަ މަސްލަހަތު ނިޔާކުރާ ގޮތަކަށް ވާހަކަދައްކަންވީއެވެ!

މިނޫނަސް އެހެން މިސާލުތައް ވެސް ސިޔާސީވެރިންގެ ވާހަކަތަކުން ފެންނާނެއެވެ. އިތުރު ދެތިން އެހެން މިސާލު ލިޔެލާނަމެވެ. ރާއްޖޭގެ ދަރަނީގެ މައްސަލައެވެ. ޗައިނާއިން ނަގާ ދަރަންޏަކީ ރާއްޖެއަށް ގެއްލުން ހުރި ދަރަންޏެއް ކަމަށާއި އިންޑިޔާއިން ނަގާ ދަރަންޏަކީ ރާއްޖެއަށް ގެއްލުން ހުރި އެއްޗަކަށް ނުވާކަމުގެ ވާހަކައެވެ. ހަމަ ބުއްދި ހުރި ކޮންމެ މީހަކަށް ވެސް މިކަން ތަހުގީގު ކޮށްލެވިދާނެއެވެ. ދަރަނި މައްސަލައަކަށް ވާނީ ދަރަނި ނަގާ ތަނެއްގެ މައްޗަށް ބިނާކޮށް ނޫންކަން، އެކަމުގެ މައްޗަށް، އަމިއްލަ ވިސްނުން ހިންގާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އެކަން ބިނާވެފައި އޮންނާނީ، ދަރަނި ނަގާ މީހެއްގެ ނުވަތަ ފަރާތެއްގެ މާލީ ގާބިލުކަމުގެ މައްޗަށް ކަމާއި ދަރަނީގެ އަގާއި އަދި ދަރަނި ދައްކަން ޖެހޭ މުއްދަތެއްގެ މައްޗަށްކަން އެނގޭނެއެވެ.

ނަމަވެސް، ޕޯސްޓް ޓުރުޘްގެ އަސާސުގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކާއިރު މިކަންކަމަށް ބަލާކަށް ނުޖެހެއެވެ. ތިމާގެ ތާއީދުކުރާ، ތިމާގެ އަމިއްލަ މަސްލަހަތު އެގައުމަކާ ގުޅިފައިވާ ގައުމަކުން ދަރަނި ނެގުމުން، އެކަން ރަނގަޅުވެ، ތިމާ ތާއީދު ނުކުރާ ބައެއްގެ އަތުން ދަރަނި ނެގުމުން އެކަން ގޯސްވެއެވެ. ދެން، ތިމާމެންނާގެ ލީޑަރު އެ ވާހަކަ ބުނުމުން، އެލީޑަރަށް ތަބާވާ މީހުންނަށް އެއީ ހަގީގަތަކަށް ވަނީއެވެ. ދުރުން ފެންނަ، ހިޔަންޏަކީ ދޫންޏެއްތޯ ނުވަތަ ބަކައްޓޭތޯއާ މެދު ދެމީހަކު ދެބަސްވެ، އޭގެ ކައިރިއަށް އާދެވި، އެތާ އޮތް އެއްޗެއް އުދުއްސައިގެން ދިޔުމުން، އެއީ ބަކައްޓެއްކަމަށް ބުނި މީހާ، 'އުދުހިފައި ދިޔަޔަސް ތިމަންނާ ބުނާނީ އެއީ ބަކައްޓެކޭ' ބުނާ ފަދައިންނެވެ. އާދެ، ތިމަންނާ ހުންނާނީ ތިމަންނާ ތާއީދުކުރާ ލީޑަރު ބުނާ ވާހަކަ ގަބޫލުކުރުން މަތީގައެވެ. އެއީ ތެދަކަށް ވިޔަސް ދޮގަކަށް ވިޔަސް ވެހެވެ. މީގެ އިތުރުން، އެއް މަސްއޫލު ވެރިޔަކު ދަރިނި އިތުރަށް ނަގަން ޖެހުމުގެ ސަބަބު ކުރީ ސަރުކާރާ ވެސް ގުޅުވާލިއެވެ. އަދުގެ ސަރުކާރުގެ އުނިކަންކަން ފޫބެއްދުމުގެ ގޮތުން، ހުރިހާ ނުބައި ކަމެއް ވެސް، ކުރީ ސަރުކާރާ ގުޅުވާލާ ގޮތަށެވެ. އާދެ، އަޅުގަނޑުމެންގެ ޕޯސްޓު ޓުރުޘްގެ ޒަމާނަކީ ހަގީގަތަކީ އޭގެ މައްޗަށް ކުޑަކޮށް ވެސް ރިއާޔަތްކުރަން ޖެހޭ ކަމެއް ނޫނެވެ.

ޕޯސްޓް ޓުރުޘްގެ މަފްހޫމު ގަބޫލުކޮށް ބަލައިގަނެވުމުން، އޭގެ ފައިދާ ނަގާ އަނެއް ބަޔަކީ އާންމު އަޚުލާގާ އިދިކޮޅު ކަންކަމަށް ދައުވަތުދީ އެކަންކަން މުޖުތަމައު ބަލައިގަނެ ގަބޫލުކުރާ ކަމަށް ހަދަން ގަދައަޅައި މަސައްކަތް ކުރާ މީހުންނެވެ. މީގެ ތެރޭގައި އެންމެ ކުރީގައި އުޅޭ ބަޔަކީ އެއްޖިންސުގެ ގުޅުމަކީ ހަމަ އެންމެ ރަނގަޅު، އަދި، އިންސާނީ ހައްގުތަކާ ގުޅޭ ކަމެއް ކަމަށް ދައުވާ އުފުލާ މީހުންނެވެ. ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި، ދީނީ ގަބޫލުކުރުންތައް، މިކަންކަމީ ސައިންސުގެ ތަޖުރީބީ މަންހަޖުގެ ދަށުން ކަނޑައަޅާލެވޭ ކަމަކަށް ނުވާތި، އެއީ ހަގީގަތެއް ނެތް ކަމެއް ކަމަށް މިކަން ކުރިއަރުވަން އުޅޭ މީސްމީހުން ބުނެއެވެ. އެހެންވެ، ދީނީ ނުވަތަ އަޚުލާގީ ހަމައެއްގެ މައްޗަށް ބިނާކޮށް އެއް ޖިންސުގެ ގުޅުން ހިންގުމަކީ ނުބައި ކަމެކޭ ނުބުނެވޭނޭކަން މި ބައި މީހުން ކަނޑައަޅާލައެވެ.

މިފަދަ މީސްމީހުން، އެމީހުންގެ ގޮތްތައް ރާއްޖޭގައި ވެސް ފެތެރުމުގެ މަސައްކަތް ފަށައިފިއެވެ. ނަމަވެސް، މުސްލިމުންނަކީ، އެމީހުންގެ އަމިއްލަ ފިކުރާއި ވިސްނުން، ތައުލީމީ ހުރިހާ މައިދާންތަކެއްގައި މިއަދު ބޭނުން ނުކުރާ ބަޔަކަށް ވެފައި އޮތަސް، އެމީހުންގެ ގިނަ ބައެއްގެ ކިބައިގައި، ޖަޒުބާތީ ސިފައެއްގައި ނަމަވެސް ދީނީ ހޭލުންތެރިކަމަކާއި ދީނީ ޣީރަތްތެރިކަމެއް– ދީނާ އިދިކޮޅު ކަންކަން ފެނުމުން އެކަމާ ރުޅިއައިސް އެކަމާ ދެކޮޅު ހަދާ ހެދުމެއް- އޮތުމުން އެކަން ކުރަން އެހާ ފަސޭހައެއް ނޫނެވެ. މިމަގާމުގައި ދެ ފޮތެއްގެ ވާހަކަ ލިޔެލާ ހިތްވެއެވެ. މި މައުޟޫއާ ގުޅުން ހުރީމައެވެ.

އެއް ފޮތަކީ، އިންޑިޔާގެ މުސްލިމު އިލްމުވެރިޔަކު ފަންސާހުގެ އަހަރުތަކުގައި ލިޔުއްވި 'މާޛާ ޚަސިރަލް ޢާލަމް ބި އިންޙިޠާޠި އަލްމުސްލިމީން، [(ދުނިޔޭގެ ގިޔާދަތުގެ މަގާމުން) މުސްލިމުން ވެއްޓި ދުރުވުމުން، ދުނިޔެއިން ގެއްލިގެން ދިޔައީ ކޮން ކަމެއް ހެއްޔެވެ) މިފޮތެވެ. މި ފޮތުގައި އޭނާ ކުރައްވާފައި އޮތް ސުއާލުގެ ޖަވާބަކަށް އޭނަ ދެއްވާފައި އޮތީ އަޚުލާގެވެ. އާދެ، ދުނިޔެއިން ގެއްލިގެން ދިޔައީ ކަންކަމުގެ މައްޗަށް މައުޟޫއީ ސިފައެއްގައި އަޚުލާގީ ހަމައަކުން ބަލައި ކަންކަން ނިނުމުމެވެ. މިއީ ތެދެއްކަމަށް، ޕޯސްޓްޓުރުޘްގެ މައްސަލައާއި އެކަމާ ވިދިގެން، ހުރިހާ ކަމެއް ހުއްދަވެ، އަޚުލާގީ ގޮތުން ގޯސް ކަމެއް ނެތްކަން ބުނާބުނުން ހެކިދެއެވެ. އާދެ، ޒިނޭކުރުމާއި އެއްޖިއްސުން ގުޅުން ހިންގުމަކީ، ޕޯސްޓު ޓުރުޘްގެ ޒަމާނުގައި ހަމަ އެންމެ ރަނގަޅު ކަންކަމެވެ. ދާދިފަހުން، އެއިޑްސްގެ ދުވަހު، ރާއްޖޭގައި އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހަކު، ރާއްޖޭގައި އެއިޑްސް ފެތުރުމުގެ ބިރު ވަރަށް ބޮޑަށް އޮތްކަން ފާހަގަކޮށް، އެއިޑްސް ފެތުރެން ދިމާވާ ސަބަބުތަކަށް އަލިއަޅުވާލައި ވާހަކަ ދެއްކިއިރު، 'ޒިނޭ' ނޫނީ ލިވާތުކުރުން ނޫނީ އެއްޖިންސުގެ ގުޅުން ހިންގުން، މި ފަދަ އެއްވެސް ލަފްޒެއް ބޭނުން ނުކުރާކަން ފާހަގަ ކުރެވުނެވެ. ކީއްވެ ހެއްޔެވެ؟ އެހެން ބުނުމުން، ކައިވެނީގެ ބޭރުން ހިންގާ ޖިންސީ ގުޅުންތަކާއި ލިވާތާއި އެއް ޖިންސުންގެ ގުޅުމަކީ 'ނުރަނގަޅު' ކަމެކޭ ބުނެ ކަނޑައަޅާލެވޭތީއެވެ. މިތާނގައި ހަނދާނުގައި ބަހައްޓާލުން މުހިއްމު ކަމެއް އެބަ އޮތެވެ. އަންޑިހައިގެ އަހަރުތަކުގެ ކުރީ ކޮޅު، އެންމެ ފުރަތަމަ އެއިޑްސްގެ ބަލި ފެތުރި، އެބަލީގެ ވާހަކަ ދެކެވެން ފެށިއިރު، އެ ބަލި ސިފަކުރެވުނީ 'ލިވާތު ކުރާ ނުވަތަ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ބައްޔެއްގެ ގޮތުގައެވެ. އާދެ 'ގޭ' ފިރިހެންކުޅީގެ މީހުންގެ ބައްޔެއްގެ ގޮތުގައެވެ.

އަނެއް ފޮތަކީ ނުވަދިހައިގެ އަހަރުތަކުގެ ކުރީ ކޮޅުގައި އެމެރިކާގެ ސިޔާސީ އިލްމުވެރިއެއް ކަމުގައިވާ ސެމުއަލް ހަންޓިންގޓަން ލިޔުއްވި 'ދަ ކްލޭޝް އޮފް ސިވިލިޒޭޝަން' (ހަޟާރަތްތަކުގެ ލެޑުން) މިފޮތެވެ. މި ފޮތުގައި އޭނާގެ ވާހަކައަކީ މުސްތަގުބަލުގައި ދެ ބަސްވުންތަކާއި ހަނގުރާމަތައް އޮންނާނީ 'ހަޟާރަތްތަކުގެ' ދެމެދުގައެވެ. އެގޮތުން އިސްލާމީ ހަޟާރަތާއި ހުޅަނގުގެ ޙަޟާރަތުގެ' ލެޑުމެއް ކުރިމަތިވެދާނޭކަން އޭނާ ފާހަގަކުރައްވާފައިވެއެވެ. މި ލެޑުމަކީ ކޮންމެހެން ކަނޑާއި ބަޑީގެ ލެޑުމަކަށް ވާކަށް ނުޖެހެއެވެ. އެ ލެޑުން ގާތީ ގަބޫލުކުރުންތަކުގެ ލެޑުމަކަށް ވުމެވެ.

އަދުގެ ދުނިޔެ ގަބޫލުކުރަނީ، ކުރިންވެސް ބުނި ފަދައިން، އާންމު ސިފައެއްގައި، ސައިންސުގެ މަންހަޖު މެދުވެރިކޮށް ކަމެއްގެ ހަގީގަތް ކަނޑައަޅާ ނުލެވޭ ކަމަށް ވަންޏާ، އެކަމެއްގައި ހަގީގަތެއް އެކުލެވިގެން ނުވާކަމެވެ. އެއްޖިންސުގެ ގުޅުމަކީ ސައިންސުގެ އަލީގައި އެކަމުގެ ރަނގަޅު ނުރަނގަޅު ކަނޑައަޅާ ލެވިދާނޭ ކަމެއް ނޫނެވެ. އެހެންވެ، އާންމު ގޮތެއްގައި ހުޅަނގު ދުނިޔެ އޮތީ އެއްޖިންސުންގެ ގުޅުން ހިންގުމާ އަޚުލާގީ ގޮތުން މައްސަލައެއް އޮތް ކަމެއް ނޫންކަން ނިންމާފައެވެ. އަދި، އެ ނިންމުން ނިޔާކުރީ ފިރިހެނުން ފިރިހެނުންނާއި އަދި އަންހެނުން އަންހެނުންނާ ވެސް ކައިވެނި ކުރެވޭ ގޮތް ފަހިކޮށް، ގާނޫނީ ގޮތުން އެކަން ހުއްދަކުރުމެވެ. އަދި، މި ނިންމުމަކީ އިންސީނީ ކުރިއެރުން ދައްކުވައިދޭ ކަމެއްކަމާއި އަދި އެހެންވެ، މިކަން މުޅި ދުނިޔޭގައި ފަތުރަން ވެސް މަސައްކަތްކުރަމުން ދެއެވެ. އެކަން ރަނގަޅުކޮށްފައި ފޮތްތައް ލިޔެ، އަދި، ފިލްމުތަކާއި ޓީ.ވީ. ސިލްސިލާތައް ހަދައި ދައްކަމުންނެވެ.

ނަމަވެސް، މިކަމަށް ބޮޑު ހުރަހެއް ކުރިމަތިވަނީ، ކުރިން ވެސް އިޝާރަތްކުރި ފަދައިން، އިސްލާމީ ދުނިޔެއިންނެވެ. އެންމެ ފަހުގެ މިފަދަ ކުރިމަތި ލުމެއް، އާދެ، ހަންޓިންޓަންގެ 'ކޮލޭޝް، ލެޑުން’، މިފޮތުގައި އިޝާރަތްކުރާ ލެޑުމެއް ފެނިގެން ދިޔައީ އަންނަ އަހަރު، ގަތަރުގައި ބާއްވަން ނިންމާފައިވާ ދުނިޔޭގެ ފުޓުބޯޅަ މުބާރާތުގެ އިންތިޒާމުތަކުގެ ތެރެއިންނެވެ. އެ މުބާރާތްތަކުގެ ތެރެއިން، ޚާއްސަ ސިފައެއްގައި އިސްލާމީ ދުނިޔެއަށް އަމާޒުކުރެވިގެން، އެއްޖިންސުގެ ގުޅުން ހިންގުން ކުރިއަރުވަން މަސައްކަތްކުރުމާ، އެ މުބާރާތް އިންތިޒާމުކުރުމުގައި ބައިވެރިވާ، މިސުރުގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަބޫ ތުރީކާ ފާޑުކިޔައި އެއްޗެއް ބުނުމުންނެވެ.

މީގެ އިތުރުން، ރާއްޖޭގައި ވެސް މިފަދަ ކަންކަން ކުރަމުން އެބަ ގެންދެެއެވެ. ވަރަށް ކެރިގެން ވަރަށް ވެސް ފާޅު ހާމަ ސިފައެއްގައެވެ. މިސާލަކަށް، ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއްގެ ދީން ކަމުގައިވާ އިސްލާމް ދީނުގެ ޖައުހަރީ ގަބޫލުކުރުންތަކާ ދިމާ އިދިކޮޅު ވާހަކަތައް އާންމުންގެ ކުރިމައްޗަށް ހުށަހަޅަމުން ދެއެވެ. އެއްވެސް އޮޅުމެއް ނެތް ސިފައެއްގައި، ހާމަ ފާޅު ތަންތަނުގައެވެ. ކޮންމެވެސް، ކުޅިވަރުގެ ހަރަކާތެއް ހިންގާލުމުގެ ނަމުގައި، މާތްﷲގެ ރަސްކަންފުޅު ބިނާވެފައި އޮންނަނީ ތިން ބައެއްގެ މައްޗަށްކަން ބުނެދޭ ލަވައެއް ޖަހައި، އެ ކުޅިވަރު ޕުރޮގުރާމުގައި ބައިވެރިވި އެންމެން އެލަވައިގެ އަޑު ދަށުން އެ ލަވަ ކިޔައިހަދައިގެންނެވެ. މިކަން ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޕޯސްޓް ޓުރުޘުގެ މުޖުތަމައުގެ ޖީލުގެ މީހުން ތިބީ ކިހިނެއްތޯ ޓެސްޓުކޮށް، ބަލައިލުމެވެ. ދީނީ އަގީދާ ބިންވަޅު ނެގިފައި ހުރީ ކިހާވަރަކަށްތޯ، އެ ބިންގާ ގުޑުވާލައި، ޕޯސްޓް ޓުރުޘް – ދީނާއި އަޚުލާގީ މައްސަލަތަކަކީ ހަގީގަތެއްކަން ސާބިތު ނުކުރެވޭކަމެއް ކަން، މީހުންގެ ހިތުގައި އަށަގަނެފައި ހުރީ ކިހާވަރަކަށްތޯ ބަލައިލިުމެވެ.

މިއީ ފަހަރެއްގައި ވެސް، އޮޅުމަކުން، އަލަށް ކުރެވޭ ކަންކަމެއް ނޫންވެ. ރާވައިގެން، ކުރެވޭ އެތައް ކަންކަމެއްގެ ތެރެއިން އެއް ކަމެވެ. މި އިވުނު ލަވައިގެ ޕުރޮގްރާމަކީ މިފަދަ އަމަލުތައް ހިންގުމުގެ ސިލްސިލާގެ އިތުރު ބޮޅެކެވެ. މީގެ ކުރިން، މިސްކިއްތަކަށް ފާޚާނާކޮށް، ގަސްދުގައި ޚަތިމަށް ކުޅުޖެހުމުގެ ހާދިސާތަކާއި، ދީނީ މުގައްދަސު ކަންކަމަށް ފާޑުކިޔައި، ހަޖޫކިޔުމަށް ހިއްވަރުދޭ ދިނުންތައް ވެސް ހިތަށް ގެންނާށެވެ. އާދެ، މިހުރިހާ ކަމެއް ވެސް ގުޅެނީ، އަޅުގަޑު ދެކޭ ގޮތުގައި، ޕޯސްޓު ޓުރުޘްގެ މައްސަލައާއެވެ. ދީނަކީ އަދި އަޚުލާގީ ސިފަތަކަކީ އެކަމުގައި ހަގީގަތެއް ނެތްކަން މީސްތަކުންގެ ހިތަށް ވެއްދުމުގެ މައްސަލައާއެވެ. އެކަން އެ ގޮތަށް ކުރަން ބޭނުންވަނީ، އެކަމުގެ ނާޖާއިޒު ފައިދާ ނަގަން ބޭނުން ބަޔަކަށް އެ ނާޖާއިޒު ފައިދާ ނެގޭނޭ ގޮތް ހެދުމެވެ. އެއި ސިޔާސީ ވެރިން ކަމުގައި ވިޔަސް، ނޫނީ ޒިނޭކުރުމާއި އެއްޖިންސުގެ ގުޅުން ފަދަ ހަޔާތުގެ ވަކި ކަހަލަ ގޮތްތަކެއް ފަތުރަން މަސައްކަތްކުރާ ބައެއް ކަމުގައި ވިޔަސް ވެހެވެ.

މަތީގައި ބަޔާން ކުރެވި ދިޔަ ވާހަކަތަކުން ލިބޭ ފިލާވަޅަކީ ކޮބާ ހެއްޔެވެ؟ އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ވެރިން، ނުނީ ހަށިވިއްކުމުގެ ވިޔަފާރިއާ ޒިނޭކުރުމާއި އެއްޖިންސުގެ ގުޅުން ހިންގުން ފަދަ، ދީނީ އުނގަންނައި ދިނުންތަކާ މުޅިން ޚިލާފު ކަންކަން، މުޅި މުޖުތަމައުގެ އަފުރާދުންގެ މެދުގައި ކުރިއަރުވަން މަސައްކަތްކުރާ މީހުން، ޕޯސްޓް ޓުރުޘްގެ އަސާސުގެ މައްޗަށް ވާހަކަ ދައްކަމުންދާއިރު، އެކަމާ ހޭލުންތެރިވެ ތިބުމެވެ. އެފަދަ ސިޔާސީ ވެރިން، ދޮގު ހަދައި ވާހަކަދައްކަނީ، ކޮންމެހެން، ޕޯސްޓް ޓުރުޘް އަކީ ކޮބައިކަން އެނގިގެން ނޫންކަމަށް ވެސް ވެދާނެވެ. އެމީހުންނަށް ލަފާދީ، ކަންތައް ކުރާނޭ ގޮތް ބުނެދޭ ބޭރު މީހުންނަށް ތަބާވެ، ނޫނީ ތިމާގެ ލީޑަރު އެފަދައިން ދޮގު ހަދައި ވާހަކަ ދެއްކުމުން އޭނާއަށް ތަބާވުމުގެ ގޮތުންނެވެ. މިކަންކަމާ މެދު ހޭލުންތެރިވުމަކީ ތިމާގެ ސިކުނޑި ހުޅުވާލައިގެން އެއްޗެހި ކިޔައި ތިމާގެ އިލްމާއި މައުލޫމާތު ކުރިއެރުވުމެވެ. އަދި، ކަންކަމާ ބެހޭ ގޮތުން، އަގުލާނީ ސިފައެއްގައި ވާހަކަދައްކަން ދަސްކުރުމެވެ. ދީނީ އަޚުލާގީ އަގުތަކާއި އުސޫލުތަކަކީ ތެދު ހަގީގަތެއް ކަމަށް ހިތުގެ އަޑިން ގަބޫލުކޮށް އަމަލީ ގޮތުން އެކަން ދައްކާލުމެވެ. އަޅުގަނޑުމެންނަކީ ވެސް، އަމިއްލަ ގަބޫލުކުރުންތަކަކާއި އަދި އަމިއްލަ އަޚުލާގީ އުސޫލުތަކެއް އޮތް ބައެއްކަމާއި، އެކަންކަން އެހެން މީހުންގެ މައްޗަށް ފާނުކުރާނޭ ފަދައިން، އެހެން މީހުން ވެސް، އެމީހުންގެ ގަބޫލުކުރުންތަކާއި އެމީހުންގެ އަޚުލާގީ ހަމަތައް އަޅުގަނޑުމެންގެ މައްޗަށް ފާނުކުރުމަށް ބުނަމުންނެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.