Support Us

ކުރު ވާހަކަ: މަސްވެރިޔަކާއި ހިޔަޅަކާއި ވިޔަޅެއް

އެއް ދުވަހަކު، މަސްވެރިޔަކު، މަހުން ލަފައިގެން އައިސް، އޭނާ އެ ދުވަހު ހިފި މަސްތައް އޭނާގެ މަސްގާޑިޔަލަށް އަރުވައިގެން، ގާޑިޔާ ދަމާފައި، ގެއަށްދާން ހިނގައިގަތެވެ.

މަގުމަތިން ދިޔަ ހިޔަޅަކަށް، މަސްގާޑިޔާ ފެނުމުން، މަސްވެރިޔާއަށް ދޯކާއެއް ދޭން ހިތަށް އެރިއެވެ. ދެން، މަގުގެ މެދުގައި މަރުވިކަމަށް ހެދިގެން އޮތެވެ.

މަރުވެފައި އޮތް ހިޔަޅު ފެނުމުން މަސްވެރިޔާ ވަރަށް އުފާކުރިއެވެ. ހިޔަޅުގެ ކެހެރިގަނޑު ނަގައި، ވިއްކާލައިގެން އިތުރު ލާރި ފޮއްޗެއް ހޯދިދާނެތީއެވެ. ކޮންމެ އަކަސް، ހިޔަޅު ނަގައި ގާޑިޔަލަށް ލައިގެން، މަސްވެރިޔާ ގެއާ ދިމާއަށް ދިޔައެވެ.

ހިޔަޅު ހިތް ފުރެންދެން މަސްކެއެވެ. އޭތީގެ ބަނޑު ފުރުމުން، ވަރަށް ވެސް ހިތްހަމަޖެހި، ގާޑިޔަލުން ފުންމާލައިގެން ދުއްވައިގަތެވެ.

ވަކި ހިސާބަކަށް ހިޔަޅަށް ދެވުނުތަނާ، ވިޔަޅަކާ (ވުލްފް) ދިމާވިއެވެ. ދެން ހިޔަޅު ކުރެން ވިޔަޅު އެއްސެވެ. މިއަދު ތިޔައީ ކާކަށް ދޯކާއެއް، ލަނޑެއް ދީފައި ހެއްޔެވެ؟ ދެން، މަސްވެރިޔާގެ މަސްގާޑިޔާގެ ވާހަކައާއި ގާޑިޔާއިން މަސްކޭ ގޮތުގެ ވާހަކަ ވެސް ކިޔައިދިނެވެ.

ވިޔަޅު ހިތަށް އެރިއެވެ. މަވެސް، ހިޔަޅު ކަންތައް ކުރި ގޮތަށް ކަންތައް ކޮށް، މަސްކޮޅެއް ކާން އުޅެންވީތާއެވެ. ދެން، މަސްގާޑިޔާ އަންނަ ދިމާއަށް ބަލައި، މަގު މެދުގައި މަރުވި ކަމަށް ހެދިގެން އޮތެވެ.

ވިޔަޅާ އަރާ ހަމަވުމުން، މަސްވެރިޔާ އުފާކުރިއެވެ. އިތުރު ޖަނަވާރެއްގެ ކެހެރިގަނޑު ލިބި، އެއިން ފައިސާ ފޮއްޗެއް ހޯދޭނޭ ގޮތްވާނެތީއެވެ. ދެން، ވިޔަޅު ނަގަން މަސައްކުރިއެވެ. ނަމަވެސް، ވިޔަޅު ބަރުކަމުން ގާޑިޔަލަށް ލެވޭ ގޮތެއް ނުވިއެވެ. އެހެންވެ، ގޯންޏެއް ނަގައި، ގޯނިތެރެއަށް ވިޔަޅުލައި، ގާޑިޔަލުގައި އައްސާލައިގެން ދަމަމުން ދަމަމުން މަސްވެރިޔާ ގެއަށް ދިޔައެވެ.

ވާހަކައިގެ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ އެކަކު ވަކި ގޮތަކަށް ކަމެއް ކުރުމުން، ހަމަ އޭނާ ކުރި ގޮތަށް އެހެން މީހަކު އަކަން ކުރުމުން ފައިދާ ނުކޮށްފާނެއެވެ.