...

Support Us

ބޮޑުދައިތަ ވާހަކައިގެ ނުދައްކާ ހުރި ވާހަކަތައް… 20 އަހަރަށްފަހު

ނޫސްވެރިކަމުގައި ހޭދަކުރެވުނު 30 އަހަރުގައި އަޅުގަނޑު އަދިވެސް އެންމެ ފަޚުރުވެރިވާ ލިއުމަކީ އެއީއެވެ. އުމުރުން 67 އަހަރުގެ މުނިމާމައަކާއި 37 އަހަރުގެ ޒުވާން ފިރިހެނަކު ކައިވެނިކޮށްގެން، ހދ. އަތޮޅުގެ ފަޅުރަށެއްގައި އެ ދެމަފިރިން އެކަނިމާއެކަނި އުޅެމުންދާ އާދަޔާޚިލާފު ދިރިއުޅުން ތަޖުރިބާކޮށްލުމަށްޓަކައި، އެ ރަށަށް ގޮސް، ބިރުވެރިކަމާއި ހިތް ނުތަނަވަސްކަމުގެ ތެރޭގައި އެ މީހުންނާއެކު އެ ރަށުގައި ރޭކުރުމަށްފަހު ތައްޔާރުކޮށްފައިވާ ޚާއްސަ ރިޕޯޓެވެ. ގިނަ މީހުންނަށް ފަސޭހަ ގޮތަށް ނަމަ "ބޮޑުދައިތަ ވާހަކަ" އެވެ. އަޅުގަނޑުގެ އެޑިޓަރުކަމުގެ ދަށުން ނެރެމުން އައި "ހުވާސް" މަޖައްލާގައި މި ރިޕޯޓު ޝާއިއުކުރީ 27 ޖުލައި 2001 ގައެވެ. އެ ބަވާތުގެ ދެވަނަ ރިޕޯޓެއް، ދެވަނަ ތަޖުރިބާއެއް ދިވެހި ނޫސް މަޖައްލާއަކުން، އޭގެ ކުރިން ވެސް އަދި ފަހުން ވެސް ނުފެނެއެވެ.

"ބޮޑުދައިތަ ވާހަކަ" އަށް މިހާރު 20 އަހަރު ފާއިތުވެއްޖެއެވެ. ބޮޑުދައިތަ ވެސް ނިޔާވެއްޖެއެވެ. އެ ރަށް ވެސް ރިސޯޓަކަށް ހަދައިފިއެވެ. އިއްސޭ ވެސް ދިރިއުޅެނީ މާލޭގައެވެ.

"ބޮޑުދައިތަ ވާހަކަ" އަށް ދެ ދަހަރު (ޑިކޭޑް) ވީއިރުވެސް، މިހާތަނަށް އަޅުގަނޑު އާންމުނުކުރާ ވަރަށް ގިނަ ވާހަކަތައް އެބަހުއްޓެވެ. އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ "ބޮޑުދައިތަ ވާހަކަ"އިގެ ފެށުމެވެ. ބޮޑުދައިތަމެން ދިރިއުޅެމުންދިޔައީ ހޮނޑާފުށީގައިކަން އަޅުގަނޑަށް އެނގުނު ގޮތާއި އެ ރަށަށް ދާން އަޅުގަނޑަށް އެނގުނު ގޮތެވެ. އަދިވެސް، އެ ދަތުރުގައި ކުރިމަތިވި ބިރުވެރިކަމާއި ހިތްދަތިކަމުގެ އިތުރުން ވެސް ތަފާތު އެތައް ތަޖުރިބާއެކެވެ. އެހެންވެ "ބޮޑުދައިތަ ވާހަކައިގެ ނުދައްކާ ހުރި ވާހަކަތައް" 20 އަހަރު ފަހުން ވެސް ލިޔެލުން އެއީ މުހިންމު ކަމެއް ކަމަށް ފެނުނީއެވެ.

މާލެ، 9 ޖުލައި 2001 (ހޯމަ)

އެ ދެމަފިރިންގެ ދިރިއުޅުމުގެ މައުލޫމާތު އެނގުނީ ކިހިނެއް؟

ހެނދުނުގެ ވަގުތެވެ. ތަނަކީ އޭރުގެ ހާބަރު ކަޑައެކެވެ. ޒަމާންވީ ރަހުމަތްތެރިއެއް ކަމަށްވާ ހޯރަފުށީ މުހައްމަދު ސަލީމާއެކު އަޅުގަނޑު އިނީ ކޮފީއެއް ބޯށެވެ. ސަލީމަކީ ހަވީރު ނޫހުގައި އަޅުގަނޑާއެކު އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްފައިވާ، ވަރަށް ގާތް ރަހުމަތްތެރިއެކެވެ. އޭރުވެސް އަޅުގަނޑު މަސައްކަތް ކުރަމުން އައީ ހަވީރުގައެވެ. ސަލީމު ހަވީރުން ވަކިވެގެން، އެހެން ދިމާލެއްގައެވެ. ހަވީރުން ވަކިވުމަކުން، އަޅުގަނޑުމެންގެ ރަހުމަތްތެރި ކަމަކަށް، ގާތް ކަމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އޮފީހުން އަބަދު ނުފެނުން ފިޔަވައެވެ. ފެންނަން ބޭނުންވެއްޖެ ނަމަ ކޮފީއަކީ އަބަދުވެސް އެންމެ އަވަސް، އެންމެ ފަސޭހަ ގޮތެވެ.

އެ ދުވަސްވަރަކީ ރާއްޖޭގައި ހަފުތާ މަޖައްލާތައް ނެރުމުގެ ފޯވަހި އައިސްގެން، އެންމެން ވެސް މަޖައްލާތައް ނެރެމުންދިޔަ ދުވަސްވަރެވެ. ހަވީރުގެ މޭންޖްމަންޓުގެ ފަރާތުން ނެރެނީ، މަހަކު ދެ ފަހަރު ނެރޭ "ހުވާސް" މަޖައްލާއެވެ. ހަވީރުގެ ތަޖުރިބާކާރު ސީނިއަރ ލިއުންތެރިންގެ، މުޅިން ތަފާތު ރަހަތަކަކާއެކު ނެރޭ، ހުވާސް މަޖައްލާގެ އެޑިޓަރަކީ އަޅުގަނޑެވެ.

"ރަނގަޅު ސްޓޯރީއެއް އެބައޮތް ޗީފް ހަދައިލަން،" ކޮފީ ބޯން އިނދެފައި ސަލީމު ބުނެލިއެވެ. (ހަވީރު އާއިލާގެ ގިނަ އެކުވެރިން އޭރުވެސް އަދި މިހާރުވެސް ސަލީމަށާއި އަޅުގަނޑަށް ވެސް ކިޔާނީ ޗީފެވެ. އެހެންވެ ސަލީމަށް އަޅުގަނޑުވެސް މިހާރު ވެސް ކިޔަނީ ޗީފެވެ.)

ސަލީމު ސުރުޚީ އަޅައިލިއެވެ. ވަރަށް ޝައުގުވެރި ވާހަކައެކެވެ؛ ހދ. ހަނިމާދޫ ކައިރީގައި އޮންނަ ފަޅުރަށެއްގައި އެކަނިމާއެކަނި ދިރިއުޅޭ ދެމަފިރިއެއްގެ ވާހަކައެވެ. ސެހެރީ އަޑުއިވިފައި އަޅުގަނޑުގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. ހިތަށްއެރިއެވެ. މޮޅަށް ލިޔެލެވިއްޖެ ނަމަ، އިރާދަކުރެއްވިއްޔާ މޮޅު ލިއުމަކަށް ވާނެކަން ޔަގީނެވެ. މިކަން ވާނީ ކޮންމެހެންވެސް ކުރާށެވެ. މަސައްކަތް ކޮށްފިއްޔާ ކުރެވޭނެއެވެ. ވަރަށް މޮޅަށްވެސް ކުރެވޭނެއެވެ.

ސަލީމް( ކ) އާއި ޝަހީބު ސެލްފީ ނަގަނީ

"މި ސްޓޯރީ އެންމެ ސަޅިކޮށް ހަދައިލެވޭނީ ޗީފަށް. އެހެންވެ ޗީފަށް މި ދިނީވެސް،" ވަރަށް އިތުބާރާއެކު ސަލީމު ބުންޏެވެ. އެހާ ބޮޑު އިތުބާރެއް ސަލީމު ކުރީތީ އެ ވަގުތުވެސް ވަރަށް އުފާވިއެވެ.

އެ ސްޓޯރީ ހަދާނެ ގޮތަކާމެދު އަޅުގަނޑުމެން ކުޑަކޮށް މަޝްވަރާކޮށްލީމެވެ. ސަލީމަށް ވެސް މާ ގިނަ މައުލޫމާތެއް ލިބިފައެއް ނެތެވެ. އާދަޔާޚިލާފު މޮޅެތި ސްޓޯރީ ހޯދަން މަޖައްލާތަކުގެ މެދުގައި އޮންނަ ވާދަވެރިކަމާއި މި ފަހަރު ލިޔަން އުޅޭ ސްޓޯރީގެ ބާވަތުން، މި ވާހަކައާ ބެހޭ ހުރިހައި ކަމެއް ވެސް ކުރަންޖެހޭނީ ގިނަ ބަޔަކަށް ނޭނގި ކަމަށް އަޅުގަނޑުމެންނަށް އެއްބަސްވެވުނެވެ.

ހަނިމާދޫގައި އަޅުގަނޑުގެ ރައްޓެއްސެއް ނުހުރެއެވެ. އެތެރޭގެ ދަތުރުފަތުރު ކުރިއާލައި ރާވައިލުމަށް ހަނިމާދޫން ކޮންމެވެސް މީހެއްގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ބުނުމުން ސަލީމުގެ ވަރަށް ގާތް ރައްޓެއްސެއް ހަނިމާދޫ އިންޖީނުގޭގައި ހުންނާނެ ކަމަށް ބުނެ، ވަގުތުން ހަނިމާދޫ އިންޖީނުގެއަށް ގުޅައިލިއެވެ. އިންޖީނުގޭ މެނޭޖަރު އަބްދުﷲ މައުރޫފު (މާއްޓޭ) އަށެވެ. (އެ ދުވަސްވަރަކީ މޯބައިލް ފޯނުގެ ރޭންޖު އަތޮޅުތަކަށް ފޯރާ ޒަމާނެއް ނޫނެވެ.) މާއްޓޭ ގާތުގައިވެސް ސަލީމު ބުނީ ވަރަށް ކުރުކޮށެވެ. ބުރާސްފަތި ދުވަހުގެ ހެނދުނުގެ ފްލައިޓުން ޝަހީބު ހަނިމާދުއަށް ދާންވާއިރަށް، ކައިރި ރަށަކަށް ދާން ދޯންޏެއް ހަމަޖައްސައިދިނުމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.

ހަނިމާދޫ އިންޖީނުގޭގެ ކުރީގެ މެނޭޖަރު އަބްދުﷲ މައުރޫފު (މާއްޓޭ)

ހަނިމާދޫ އަށް ބޯޓު ޖެއްސިއިރު މާއްޓޭ ހުރީ އަޅުގަނޑު ބަލައި އެއާޕޯޓަށް އައިހެވެ. ފުރަން ދޯނި އޮތީ ތައްޔާރުކޮށްފައެވެ. ދޯންޏަކީ ހަނިމާދޫ ނަސީރު އަލީ (ނަސީރުބެ)ގެ ދޯންޏެވެ. ކައްޕިއަކީ ވެސް ނަސީރުބެއެވެ. ހޮނޑާފުއްޓަށް ދިޔައީ ނަސީރުބެއާއި ނަސީރުބެގެ ދަރިފުޅަކާއި އަޅުގަނޑުމެން ތިން މީހުންނެވެ. އަޅުގަނޑު ހޮނޑާފުއްޓަށް ވައްޓައިލައިފައި ނަސީރުބެމެން ވަގުތުން ހަނިމާދުއަށް ދިޔައީއެވެ.

ހުރިހައި ކަމެއް ވެސް ސިއްރުން، ވަރަށް ސިއްރުން

މި ދަތުރާ ގުޅޭ ހުރިހައި ކަމެއް ވެސް ކުރިއަށް ގެންދިޔައީ ގިނަ ބަޔަކަށް ނޭނގި ވަރަށް ސިއްރުންނެވެ. އެންމެ ކުޑަމިނުން އަންހެނުން ގާތުގައި ވެސް ނުބުނަމެވެ. ބުނީ ވަރަށް ކުރުކޮށެވެ.

"ކުރިއަށް އޮތް ދެ ދުވަހު އަހަންނަކާ ނުގުޅޭނެ އެވެ. މިއީ ވަރަށް ބޮޑު މިޝަންއެކެވެ. ނޫސްވެރިކަމުގައި އަހަރެން ކުރާ ވަރަށް ތަފާތު ތަޖުރިބާއެކެވެ. އަހަރެން މިދަނީ ހަނިމާދޫ ކައިރީގައި އޮންނަ ފަޅުރަށަކަށެވެ. އެ ރަށުގައި ދިރިއުޅޭ އާދަޔާޚިލާފު ދެމަފިރިއަކާ ބައްދަލުކޮށްލައި އެ ރަށުގައި ރޭކުރާށެވެ. އެ ރަށުގައި ކަރަންޓެއް، ފޯނެއް ނުހުންނާނެއެވެ. ނަމަވެސް ހޮނިހިރުގެ ނިޔަލަށް ޚަބަރެއް ނުވެއްޖެނަމަ ވީކީއްތޯ ބަލާށެވެ."

ދެން ކުޑަކުޑަ ސުރުޚީއެއް އަޅައިލީ ހަވީރުގެ މެނޭޖަރު އަބްދުއްރަޝީދު (އަބުސީ) ކައިރީގައެވެ. އެއީ ދަތުރަށް ޓިކެޓާއި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ފައިސާ ބޭނުންވާތީއެވެ. (އަބުސީއަކީ ހަވީރު އަދި ހުވާސްގެ ހުރިހައި ލިއުންތެރީންނާއި މުވައްޒަފުންނާވެސް އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ، މި ބާވަތުގެ ކޮންމެ ކަމެއްގައި ފުރިހަމައަށް އެހީތެރިވާ، ދެގޮތެއްނުވާ، ރަހުމަތްތެރިއެކެވެ.)

އަބުސީ (ވ) އާއި ސުޒެއިން އަދި ޝަހީބު (ކ) 26 ޑިސެމްބަރު 2015 ގައި ހއ. ދިއްދޫގައި ފުޓުބޯޅަ މެޗެއް ބަލަނީ

"ކީއްވެ ޗީފު އެކަނި ދަނީ؟ މަވެސް ހިނގައިދާނަން ޗީފަށް އެހީތެރިވާން،" އަބުސީ ބުނެލިއެވެ. ނަމަވެސް އަޅުގަނޑު ބުނީ އަބުސީ ދާނީ އެހެން ފަހަރަކުން ކަމަށާއި މިފަހަރުގެ މިޝަންގެ ބާވަތުން، ދާން ބޭނުންވަނީ އަޅުގަނޑު އެކަނި ކަމަށެވެ.

"ކޮންމެވެސް ނުބަޔެއް އުޅެނީކަން ޔަގީން. ޗީފުމެން ނުވާނެ ރަނގަޅެއް ދުވަހަކުވެސް،" އަބުސީ އޭނާގެ ރަސްމީ ހިނިގަނޑު ޖަހައިލައި މަޖާކޮށްލިއެވެ.

ދަތުރު ހަރަދަށް އަޅުގަނޑު އެދުނު ހުރިހައި ކަމެއްވެސް އަބުސީ ވަރަށް ފުރިހަމައަށް ހަމަޖައްސައިދިނެވެ. އެކަމަކު ސިއްރުންނެވެ.

ހޮނޑާފުށި، 12 ޖުލައި 2001 (ބުރާސްފަތި)

ބިރުވެރިކަން އުފެދެން ފެށުން

އަޅުގަނޑު ބޭނުންވީ އިއްސޭ އާއި ބޮޑުދައިތަމެން ދެމަފިރިންނާ އިންޓަވިއުކޮށް، ފޮޓޯ ނަގައި، އަދި ބުރާސްފަތި ދުވަހުގެ ރޭ މި ރަށުގައި ރޭކުރުމަށްފަހު، ހުކުރަށް ދާންވާއިރަށް އެނބުރި ހަނިމާދުއަށް ދާށެވެ. އެހެންވެ ހުކުރު ދުވަހު ހެނދުނު 10 ޖަހާއިރަށް ބަލާ އަންނަން ނަސީރުބޭ ގާތުގައި ބުނެފީމެވެ. އެކަމަކު އަނެއްކާ ދަތުރެއް ނަގައިގެން މި ރަށަށް ނަސީރުބެ އަންނާކަށް އިއްސޭ ބޭނުމެއްނުވިއެވެ. އިއްސޭ ބުނީ ނަސީރުބޭ ނަޔަސް، އެތަނުން ހުއިފިލަނޑާ ނަގާ ދޯންޏެއްގައި އަޅުގަނޑު ހަނިމާދުއަށް ވައްޓާލަފާނެ ކަމަށެވެ. އެކަމަކު އަޅުގަނޑު ނުވެސް ދަންނައިރު އިއްސޭއަށް އިތުބާރު ކުރެވޭނީ ކިހިނަކުންހެއްޔެވެ؟ ފޮޓޯތައް ނަގައި، އިންޓަވިއުތައް ކުރުމުން އިއްސޭ ހިތްހަމަނުޖެހިއްޖެ ނަމަ، ކޮންމެ ފަދަ ގޮތެއްވެސް އަޅުގަނޑަށް ހަދައިފާނެ ނޫންހެއްޔެވެ؟ އިއްސޭއަކީ ތަފާތު ވިސްނުމެއްގެ މީހެއްހެން ހީވެއެވެ. އެހެން ނޫން ނަމަ، މާސިންގާ ބޮޑު ފަޅުރަށެއްގައި، އޭނާގެ މާމަ އުމުރުގެ މީހަކާ އިނދެގެން، އެކަނިމާއެކަނި މިރަށުގައި ދިރިއެއް ނޫޅޭނެކަން ޔަގީނެވެ. އެހެންވެ، އިއްސޭއަށް އިތުބާރުކުރާކަށް ނުކެރުނެވެ. އެކަމަކު އިއްސޭ ކުރިމަތީގައި، އެކަން ދައްކާކަށްވެސް ނުކެރުނެވެ. ނަސީރުބެ ފުރައިގެން ހިނގައްޖެ ނަމަ، އެ ހިސާބުން މުޅިން ގުޅުން ކެނޑުނީއެވެ. (އޭރު ރަށްރަށަކަށް މޯބައިލް ފޯނުގެ ހިދުމަތެއް ނުދެއެވެ.)

އިއްސޭއަށް އިތުބާރު ނުކުރެވޭ ވާހަކަ ބުނެވޭކަށް ވެސް ނެތެވެ. މިރޭ މި ފަޅުރަށުގައި އަޅުގަނޑު ހުންނަން ޖެހިފައި މި ވަނީ އިއްސޭމެންގެ މެހެމާންދާރީގައެވެ. އަޅުގަނޑުގެ ހިތުގައި ވަސްވާހެއް އުޅުނަސް، ހަގީގަތުގައި އިއްސޭގެ ވާހަކަދެއްކުންތަކުގައި ހުރީ ވަރަށް އެހީތެރި، އޯގާތެރި ގޮތެކެވެ.

އެންމެ ފަހުން ނިމުނީ ނަސީރުބެ ބަލައި ނަޔަސް، އިއްސޭއާއެކު ހުކުރު ދުވަހު ހެނދުނު ހަނިމާދުއަށް ދާގޮތަށެވެ. އެގޮތަށް ނިންމައިފައި ނަސީރުބެ ފުރަން ދާން ހިނގައިގަތް ވަގުތު އަޅުގަނޑު ދުވެފައި ގޮސް ނަސީރުބެ ކައިރީގައި ސިއްރު ސިއްރުން ވާހަކައެއް ބުނީމެވެ.

"ހަނިމާދުއަށް ދެވުނުހާ އަވަހަކަށް އަހަރެން ނަސީރުބެއާ ބައްދަލުކުރާނަން. މާދަމާ ލަސްވެގެން 11 ޖަހާއިރު އަހަރެންގެ ޚަބަރެއް ނުވިއްޔާ މިކޮޅަށް އަންނާތި! މި ރަށުން އަހަރެން ނުފެނުނިއްޔާ ފުލުހުންނަށާއި އެހެން ފަރާތްތަކަށް އެކަން އަންގާތި!" ނަސީރުބެ ލައްބަލައްބައޭ ކިޔައި ހެމުންހެމުން ފުރަން ދިޔައެވެ.

"މިރޭ އަހަރެން މަރާލާނެ. އަހަރެންގެ ދުވަސް ދުއްވާލާނެ"

ހޮނޑާފުއްޓަށް އައިއްސުރެ އަޅުގަނޑު ދިޔައީ ބޮޑުދައިތަގެ އިންޓަވިއުތަކާއި ފޮޓޯތައް ނަގަމުންނެވެ. އާދަޔާޚިލާފު މި ދިރިއުޅުމުގެ ހުރިހައި ވާހަކައެއް އެންމެ ފުރަތަމަ ސާފުކުރީ ބޮޑުދައިތަގެ ކިބައިންނެވެ. އިއްސޭގެ އިންޓަވިއު ނަގަން ނިންމީ ހުކުރު ދުވަހު ހެނދުނު، ފުރުމުގެ ކުރިންނެވެ. ބޮޑިދައިތައާ ގުޅާލައިގެން އަޅުގަނޑު އުޅޭތަން އިއްސޭއަށް ފެންނާނެއެވެ. ރަށުގެ އަނެއް ފަރާތު އަތިރިމަތީގައި ހުފިލަނޑާ މަސްވެރިން ކައިރީގައި އިއްސޭ މަސައްކަތް ކުރަން އުޅުނަސް، ދޭތެރެ ދޭތެރެއިން އޭނާ ބޮޑުދައިތަ ދެކެލަން އާދެއެވެ.

"އިއްސޭ މިރޭ އަހަންނަށް ހަމަލާދޭނެ. އިންޓަވިއުތަކާއި ފޮޓޯތައް ނެގީމާ އޭނާ ރުޅިއަންނާނެ،" ހުއިފިލަނޑާ ބަނޑަހައަކުން ނޫސްޑްލްސް ބަތް ކައިގެން، އިއްސޭ އާއި ބޮޑުދައިތައާއެކު އެނބުރި ޖިފުޓިއަށް އައި އިރު ހިތަށް އަރަނީ އެހެންނެވެ.

ފަޅުރަށްރަށަކީ ނާމާން ތަނެކޭ ބުނާ އަޑު އަހަމެވެ. އަދި ފަޅުރަށްރަށުގައި އުޅޭ މީހުން ވެސް ތިބޭނީ ޖިންނި އަވަލާފައޭ ބުނާ އަޑު ވެސް އަހަމެވެ. އަނެއްކާ މިއަދު ހަތަރުދަމު މި ކުރެވުނީ، އިއްސޭމެން ހިތްހަމަނުޖެހިދާނެ ކަންތައްތަކެކެވެ؛ އިއްސޭގެ ރަނިކަމަނާގެ ފޮޓޯތައް ނަގައި އިއްސޭމެންގެ ވަރަށް ލޯބި، އެހެނަސް ވަރަށް ޒާތީ ދިރިއުޅުމާ ބެހޭ ވާހަކަތައް ނޫހެއްގައި ޖަހަން ހޯދުމެވެ. އެހެންވެ އިރުއަރަންވާއިރަށް ވެސް ދުނިޔެއަކު ނުހުންނާނެއޭ އަބަދު ހިތަށްއަރައެވެ.

ހަދާނެ ގޮތަކާ މެދު ވިސްނަނިކޮށް މޮޅު ފިކުރެއް އަތުވެއްޖެއެވެ. އެއީ ޑިޖިޓަލް ޒަމާނެއް ނޫނެވެ. އެ ދުވަސްވަރު ފޮޓޯ ނަގަނީ ފިލްމު ރޯލް ލައްވާ ކެމެރާއިންނެވެ. އަޅުގަނޑު ގެންގުޅުނީ ޔަޝީކާ އޮޓޯ ކެމެރާއެކެވެ. އިންޓަވިއު ރެކޯޑް ކުރަނީ ކުދިކުދި ޓޭޕް ލައްވާ ސޮނީ މިނީ ރެކޯޑަރަކުންނެވެ. އެހެންވެ، ފޮށި ބަހައްޓައިފައި ހުރި އިއްސޭމެންގެ ޖިފުޓިއަށް ވަދެ، ކެމެރާ ހުޅުވައިފައި، ފިލްމު ރޯލް އޮޅާލައިފައި، އާ ފިލްމެއް ކެމެރާއަށް ލައްވައިފީމެވެ. އަދި ރެކޯޑަރުގައި އޮތް ޓޭޕުވެސް ނަގައިފައި، އާ ޓޭޕެއް ލައްވައިފީމެވެ. ފިލްމު ރޯލް ލީ އަޅުގަނޑުގެ ފަޓުލޫނުގެ ކަނާތު ޖީބަށެވެ. ޓޭޕު، އަނެއް ޖީބަށެވެ. (އަދުގެ ޒުވާން ކުދިން ބަލައިލަން އޭރުގެ ކެމެރާއަކާއި ރެކޯޑަރެއްގެ ފޮޓޯ ތިރީގައި ހިމަނައިލާނަމެވެ.)

ދެން އަވަސް އަވަހަށް ގޮސް އިއްސޭގެ ބޮލަށް ޗިޕެއް ޖަހައިފީމެވެ.

"އިއްސޭ. ވަރަށް ބޮޑު ކަމެއް ކޮށްދޭންވެއްޖެ. އަހަރެން މި ރަށަށް އައިއްސުރެން ނެގި ހުރިހާ ފޮޓޯއަކާއި އިންޓަވިއުތައް ހުންނާނީ ދަބަހުގައި އޮތް ކެމެރާ އާއި ރެކޯޑަރުގައި. އެއިން އެއްޗެއް ގެއްލިއްޖެއްޔާ މުޅި ދަތުރު ފަނިވީ. ކުރި ހުރިހައި ކަމެއް ބޭކާރުވީ. އެހެންވެ ވަރަށް ރަނގަޅަށް އަހަރެންގެ ފޮށި ބަލަހައްޓައިދޭންވާނެ އިއްސޭ. ފޮށީގައި ތަޅެއްވެސް ނުހުންނާނެ. ވަރަށް ފަސޭހައިން ހުޅުވާލެވޭނެ. ނަމަނަމަ އެއިން އެއްޗެއް ގެއްލުނަދީގެން ނުވާނެ. ހުއިފިލަނޑާ ނަގާ މަސްވެރިން ވެސް މި ހިސާބަށް އައިސް މިތަނަށް ވަދެދާނެތީ މިހެން މި ބުނީ."

ނޫން ގޮތަކަށް އިއްސޭއަށް ވިސްނައިދޭން މި އުޅުނީ ހަމަ އެންމެ ކަމެކެވެ؛ އަޅުގަނޑު ނެގި ފޮޓޯތަކާއި އިންޓަވިއުތަކުގެ ސަބަބުން އިއްސޭމެންގެ ޒާތީ ދިރިއުޅުމަށް އަރައިގަނެވޭ ފަދަ އެއްޗެއް ނޫހުގައި ޖަހައިފާނެތީ، އެކަމާ އިއްސޭމެން ހިތްހަމަނުޖެހުނަސް، މިރޭ އަޅުގަނޑަށް ހަމަލާއެއް ދިނުމަކީ ބޭކާރު ކަމެއް ކަމަށާއި ކެމެރާ އާއި ރެކޯޑަރު ނެގުމުން ހުރިހައި ކަމެއް ނިމުނީ ކަމެވެ. އެ ބާރު އޮތީ އިއްސޭގެ އަތުގައި ކަމެވެ.

"ނޫން ނޫން. ތިކަމާ ހާސްނުވޭ. މި ހިސާބަކަށް ނާންނާނެ އެ މީހުންގެ އަކަކު ވެސް. ތިއިން އެއްޗެއް ނުގެއްލޭނެ. އެކަމާ ހާސްވާނެ ކަމެއް ނެތް،" އިއްސޭ ގެރެންޓީ ދިނެވެ.

މި ދަތުރުގައި އަޅުގަނޑުވެސް ނިދަން ބޭނުންވީ އިއްސޭމެން ދެމަފިރިން ނިދާ ޖިފުޓީގައި އެ މީހުންނާ އެކުގައެވެ. އެކަމަކު ޖިފުޓިގަނޑުގައި އެންމެނަށް ނިދަން އުނދަގޫ ވާނެތީ އާއި އަޅުގަނޑު އެކަނިވާނެތީ، އަތިރި ކައިރީގައި ހުންނަ އުނދޯލިގޭގައި ތިން މީހުން ނިދާން އިއްސޭމެން އޮތީ ރާވައިފައެވެ. އިރުކޮޅަކުން އިއްސޭ ގޮސް ފަތްޖެހި އެނދެއް ގެނެސް އުނދޯލި ކައިރީގައި ބެހެއްޓިއެވެ. އަދި ބޮޑުދައިތަ އައިސް ކުނަލެއް އަޅައިދީފައި ބާލީހެއް ދިނެވެ. އަޅުގަނޑު އޮތީ ފަތްޖެހި އެނދުގައެވެ. އިއްސޭމެން ދެމަފިރިން އުނދޯލީގައެވެ. ފަތްޖެހި އެނދު ބެހެއްޓީމާ އުނދޯލި ހެއްލައިލާނެހާ ވެސް ޖާގައެއް މިތާކު ނޯވެއެވެ. އެހާ ވެސް ކުޑަ ތަނެކެވެ.

ބޮޑުދައިތަ އުނދޯލީގައި ޖައްސާލައިގެން

"މިރޭ އަހަރެން މަރާލާނެ. އަހަރެންގެ ދުވަސް ދުއްވާލާނެ،" ތަނެއް ދޮރެއް ވަކިނުވާ ޖަންގައްޔެއް ކަހަލަ ތަނެއްގައި، އެންމެ ފުޅިބައްތިއެއްގެ އަލީގައި ނިދަން އޮށޯވެފައި ހިތަށްއެރިއެވެ.

އިއްސޭމެން ގެންގުޅޭ ފުޅިބައްތި މިހާރު އެހުރީ އުނދޯލިގޭގައެވެ. ފަނޑުފަނޑު އައްޔެކެވެ. ތަނެއްދޮރެއް ނޭނގެއެވެ. އަޅުގަނޑުގެ އައިނު ނެގީމާ ފެންނަނީ ފުޅިބައްތީގެ ފުސްވެފައިވާ ހުޅުކޮޅެވެ. އެންމެން ތިބީ ނިދާށެވެ. އެކަމަކު އިއްސޭމެން ނިދާން އުޅޭހެނެއް ހިޔެއްނުވެއެވެ. އަޅުގަނޑަކަށް ނިދޭ ގޮތެއް ނުވެއެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަމަކުންނާވެސް އެކުގައެވެ.

ހިތަށް އެރިއެވެ. "އަބުސީ އެވަރަށް ބުނީމާވެސް އަބުސީވެސް ނުގެނައީއެވެ. އަބުސީ ގެނެވުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ މި ބިރުވެރިކަމުގައި އުޅޭކަށް ނުޖެހެނޭއެވެ. މިރޭ އަހަރެން މާރާލާނެއެވެ. މީހާ ކުދިކޮށް ކޮށައިފައި ވަލުތެރޭގައި ވަޅުލާނެއެވެ. ހަށިގަނޑުވެސް މީހަކަށް ނުފެންނާނެއެވެ. މަންމަ އާއި ބައްޕަ ވެސް ހާދަ ދެރަވާނެއެވެ. އަންހެނުންނާއި ކުދިން ވެސް ރޯނެއެވެ. ބައްޕަ ނެތުމުން ލޯބިވާ ޖުމެއިލާއި ލޯބިވާ އިޖޫ ހާދަ އެކަނިވެރިވާނެއެވެ. މަންމާއެވެ، ބައްޕާއެވެ. އަހަރެންގެ އަޖަލު ހަމަވަނީއެވެ. ދަރިފުޅުމެންނޭއެވެ. ބައްޕަ ވަކިވަނީއެވެ."

އަޅުގަނޑަށް ހަމަ ރޮވެނީއެވެ. އޮށޯވެގެން އޮތްއިރު ފޭބި ކަރުނަތައް ދެ ކަންފަތްތެރެއަށް އެޅެމުންދިޔައެވެ. ކަރުހިއްކަންވެސް ފަށައިފިއެވެ. އެކަމަކު އެންމެ ފަހު ފަހަރަށް ބޯލާނެ ފެން ފޮދެއްވެސް ލިބޭނެ ގޮތެއް ނެތެވެ. މި ރަށަށް އައި ފަހުން ފެންބޮއި ހެދީ މުޅީން ވެސް ހުއިފިލަނޑާ ކޭމްޕުތަކުންނެވެ. އެތާވެސް ހުންނަނީ ވަޅުފެނެވެ.

"ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ރައްކާތެރިކަން ދެއްވާނދޭވެ! މިއަޅާއަށް ސަލާމަތްތެރިކަން ދެއްވާނދޭވެ! އަނިޔާވެރިންގެ އަނިޔާވެރިކަމުން މި އަޅާ ސަލާމަތް ކުރައްވާނދޭވެ! މި އަޅާ ސަލާމަތުން، މައިންބަފައިންނާއި އަނބިދަރީން ކައިރިއަށް މާލެ ގެންގޮސްދެއްވާނދޭވެ! މިރެއަކީ މިއަޅާއަށް އަމާންކަން ލިބިގެންވާ ރެއެއް ކަމުގައި ލައްވާނދޭވެ! މި އަޅާގެ މައިންބަފައިންނާއި އަނބިދަރީންނަށް ހެޔޮ ރަހުމަތް ލައްވާނދޭވެ! މިއަޅާ އަށް ދެރަގޮތެއް ހެދުމުގެ ވިސްނުން އިއްސޭގެ ސިކުނޑިއަށް އަޔަނުދެއްވާނދޭވެ! މި އަޅާއަށް ހިތްހަމަޖެހުން ދެއްވާނދޭވެ! އާމީން!" މިކަހަލަ އެތައް ދުޢާއެކެވެ.

ހިތަށް އެރިއެވެ. ނޫސްވެރިކަމުގެ މުޅީން ތަފާތު ތަޖުރިބާގެ ވާހަކަ ހުވާސްގައި އަޅުގަނޑު ޖެހުމުގެ ކުރިން ނޫސްތަކުގައި ޖަހާނީ ތަފާތު ތަޖުރިބާއެއް ކުރަން ފަޅުރަށަކަށްދިޔަ ނޫސްވެރިއަކު މަރައިލައިފައި އޮއްވާ ފެނުނު ވާހަކަތާއެވެ. އެކަމަކު އެގޮތްވެސް މައްސަލައެއް ނެެތެވެ. މަރާލީވެސް ނޫސްވެރިކަމުގެ މަސައްކަތެއްގައި އުޅެނިކޮށްތާއެވެ. ދުނިޔޭގެ އެތަންމިތަނުގައި އެގޮތަށް ކިތަންމެ ނޫސްވެރިންނެއް މަރާލައިފައިވެސް އެބަހުރިވިއްޔާއެވެ.

ލޮލަށް ނިދި ނައިސްގެން އުޅެނީ މި ހުރިހާ އެއްޗެއް ސިކުނޑީގައި އެނބުރުމާއި ބިރުގެންފައި އޮތް ވަރުން އެކަންޏެއް ނޫނެވެ. ގޮނޑުދޮށަށް ބީއްސަމުންދާ ރާޅާއެކު ޖެހޭ ރޯޅިވެސް އެއްވެސް ހުރަހެއް ނެތި ވަންނަނީ އުނދޯލިގޭތެރެއަށެވެ. ގައިމަތީ އަޅާލާނެ ފޮތިގަނޑެއް ވެސް ނެތެވެ. އެވަރަށް ހީވެސް ކަރުވައެވެ. އަދި އަމުދުން، ނިދަން މިއޮތީ ފަޓުލޫނާއި ޓީޝާޓެއް ލައިގެންނެވެ. ހުރިހާ "ރަނެއް" މި ހުރީ ފަޓުލޫނުގެ ދެ ޖީބުގައެވެ.

އައިނު ނެގުމުން ތަނެއް ދޮރެއް ނުފެނުނަސް، ކުޑަ ތަންކޮޅެއް ދުރުން، ވިއްސަކަށް ފޫޓު ދުރުން، ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުގެ އަޑު ވަރަށް ސާފުކޮށް އަޅުގަނޑަށް އިވެމުންދިޔައެވެ. އިއްސޭމެން އުނދޯލި ނުހެއްލިއެއް ކަމަކު، ބާވެފައި ހުރި އުނދޯލީގެ ވާތަކުންނާއި މަޅުތަކުން، ކިޔާ އަޑުފަށްގަނޑު ވެސް ދޭތެރެދޭތެރެއިން އިވެއެވެ. އިވޭ ކުދި އަޑުތަކަށް ބަލާއިރު އިއްސޭމެން އަދި ނުނިދާކަން ހަމަ ޔަގީނެވެ.

ދެލޯ ހުޅުވުމާއެކު ފުންމައިގެން ތެދުވެއްޖައީމެވެ. މިހާރު އިރު އަރައިފިއެވެ. ގަޑި ބަލައިލިއިރު ހަތެއް ޖަހައިފިއެވެ. އުނދޯލީގައި އެކަކުވެސް ނެތެވެ. ބޭރު ބަލައިލިއިރު ފިހިގަނޑެއް ހިފައިގެން ބޮޑުދައިތަ ހުރީ ކުނި ކަހާށެވެ. އެވަގުތު އުފާވިލެއް ބޮޑުކަމުން އަލްހަމަދުލިއްލާހިއޭ ބުނެވުނެވެ. އަހަރެން މޫނު ދޮވެލަން ގޮސް ވަޅުދޮށުގައި ހުއްޓާ ބޮޑުދައިތަ އައެވެ. އަދި ބުންޏެވެ.

"ކަލޯ! ހިނގާ ކޮފީ ބޯން ކޭމްޕަށް ދަމާ!" ބޮޑު ދައިތަ ހިނިތުންވެފައި ދައުވަތު ދިނެވެ. އިއްސޭ ވެސް ވީ ބަނޑަހަތައް ކައިރިއަށް ކޮފީ ބޯން ގޮސް ކަމުގައި ބޮޑުދައިތަ ބުންޏެވެ. ދެން އަވަހަށް ގޮސް ޖިފުޓިއަށް ވަދެ، ކެމެރާ އާއި ރެކޯޑަރު ކޮބައިތޯ ބަލައިލީމެވެ. ބެހެއްޓި ގޮތަށް އެ ސާމާނު ހުއްޓެވެ.

ހޮނޑާފުށީގައި ބޮޑުދައިތަމެން އުޅެނީ ރަށުގެ ހުޅަނގު ފަރާތުގައެވެ. ހުއިފިލަނޑާ މަސްވެރިން ބަނޑަހަ ޖަހައިގެން ތިބެނީ އިރުމަތީ ފަރާތު އަތިރިމަތީގައެވެ. ރަށަށް އަރައި ފައިބާކަށް ފާލަމެއް ނުހުރެއެވެ.

ބޮޑުދައިތަމެން އުޅޭ ސަރަހައްދުން ބަނޑަހަތައް ހުންނަ ސަރަހައްދަށް ދަނީ ގަސްތަކުގެ ތެރޭގައި ހެދިފައި އޮންނަ ހަނި މަގަކުންނެވެ. އެ މަގުން ދެވޭނީ މީހަކަށް ކިރިޔާއެވެ. އެހާވެސް ހަންޏެވެ. އެކަމަކު ބޮޑުދައިތަގެ ކުރީގައި ހުރެގެން ދާންވެސް އަޅުގަނޑު ބިރުގަނެއެވެ. ފަހަތުން ދާންވެސް ބިރުގަނެއެވެ. ހަންޑި އުޅޭނެތީއެވެ. އެހެންވެ ބޮޑުދައިތަ ދާނީ އަޅުގަނޑުގެ އަތުގައި ހިފައިގެންނެވެ. ބޮޑުދައިތަގެ އަތުން އަޅުގަނޑުގެ ވާތުގައި ހިފަހައްޓާލައިފައި ހުންނަ ގޮތުން ޔަގީނުންވެސް ހަންޑިއަކަށް ވަދެވޭނެ ޖާގައެއް ވެސް އެތާކު ނުހުންނާނެއެވެ.

ހޮނޑާފުށި، 13 ޖުލައި 2001 (ހުކުރު)

އިއްސޭއާ މެދު ކުރެވުނީ ކުށް ހީއެއް

ހެނދުނުގެ ސަޔަށްފަހު ދެން އޮތީ އެންމެފަހު އިންޓަވިއުއާއި ފޮޓޯ ސެޝަނެވެ. އިއްސޭގެ ބައެވެ. ކުޑަކޮށް ވާހަކަ ދައްކައިލުމުން އިއްސޭވެސް އާނބަސް ބުނެފިއެވެ. އެއާއެކު އިއްސޭގެ ހުރިހައި ވާހަކައެއް އޭނާ ކިޔައިދިނެވެ. ދޮންކަމަނަ އާއި އިއްސޭ ބައްދަލުވީ ގޮތާއި، ފުރަތަމަ އުފެދުނު ރަހުމަތްތެރިކަން ލޯތްބަށް ބަދަލުވި ގޮތާއި އެ ލޯބި ކައިވެންޏަށް ބަދަލުވީ ގޮތެވެ. ދެމަފިރިން އެކުގައި އެކި ކަހަލަ ފޮޓޯތައް ވެސް ނެގިއެވެ.

(ކައިވެނިކުރުމުގެ ކުރިން އިއްސޭވެސް ކީ ބޮޑުދައިތައެވެ. ނަމަވެސް ކައިވެންޏަށްފަހު އިއްސޭ ކިއީ ދޮންކަމަނައެވެ.)

ހޮނޑާފުށި، 13 ޖުލައި 2001 (ހުކުރު)

ހެނދުނު 10 ޖަހަންވާއިރަށް މިޝަންގެ ހުރިހާ ކަމެއް ނިމިއްޖެއެވެ. އިއްސޭ ބޭނުންވި ގޮތަށް، ހުއިފިލަނޑާ ނަގާ ދޯންޏެއްގައި އަޅުގަނޑު ހަނިމާދުއަށް ގެނެސްދިނެވެ. ހަނިމާދޫ ފާލަމުގައި ފައި ޖެހުމާއެކު މާނޭވާއެއް ލެވުނެވެ. އަދި ﷲ އަށް ހަމްދުކުރީމެވެ. އިއްސޭގެ ދެމަފިރިންގެ ފުރިހަމަ މެހެމާންދާރީއަށް ހާސް ފަށުން ޝުކުރު ތަކުރާރުކުރީމެވެ. އަވަހަށް މާއްޓޭ ހޯދައިގެން، ގަޑިން 11 ޖެހުމުގެ ކުރިން އަވަހަށް ގޮސް، ނަސީރުބެއާ ވެސް ބައްދަލުކޮށްފީއެވެ.

ހަގީގަތުގައި ރޭ ހަތަރުދަމު އިއްސޭއާ މެދު ކުރެވުނީ ކުށް ހީއެކެވެ. އިއްސޭއަކީ އަޚުލާގު މާ ރަނގަޅު، މާ ހިތްހެޔޮ މީހެކެވެ. އަޅުގަނޑު މިރަށަށް އައިއްސުރެން ފުރަންދެންވެސް ހުރިހައި އެހީތެރިކަމެއް، އޭގެ އެންމެ ފުރިހަމަ ގޮތުގައި އިއްސޭ ދިނެވެ. ހަގީގަތުގައި އަޅުގަނޑަށް ބޭނުންވި ހުރިހައި ރައްކާތެރިކަމެއް ވެސް އިއްސޭ ދިނެވެ. ހުރިހައި ވެސް މައްސަލައަކީ ފަޅުރަށްރަށާއި ބެހޭ ގޮތުންނާއި ފަޅުރަށްރަށުގައި އުޅޭ މީހުންނާ ބެހޭ ގޮތުން އިވިފައި ހުރި އަޑުތަކުގެ ސަބަބުން އަޅުގަނޑުގެ ހިތުގައި ވަސްވާސް އުފެދުމެވެ.

ބޮޑުދައިތައާ ވަކިވެގެން އިއްސޭ މާލެ އައި ފަހުން ވެސް ދޭތެރެދޭތެރެއިން އިއްސޭއާ ބައްދަލުވެއެވެ. އެންމެ ފަހުން މިދިޔަ އާދިއްތަ ދުވަހު (5 ޑިސެމްބަރު 2021) ގައި ވެސް އިއްސޭއާއެކު އަޅުގަނޑު ކޮފީ ބޮއެ، ސެލްފީ ނެގީމެވެ.

މާނު (ކ) އާއެކު ހަނިމާދޫގައި 31 އޮކްޓޫބަރު 2015

ހަނިމާދޫ އެއާޕޯޓު: 14 ޖުލައި 2001 (ހޮނިހިރު)

"އެ މީހުންގެ ވާހަކަ ނޫހުގައި ޖަހަން ހެޔޮނުވާނެ"

"އޭ ޝަހީބުތަ މިއީ. މިތާ އިށީނދެބަލަ. ދިމާނުވާތާ ކިހާ ދުވަހެއް މިހާރު!" މާލެ އަންނަން ފުރަންވެގެން ހަނިމާދޫ އެއާޕޯޓަށް އައިސް، ޗެކިން ނިންމައިފައި ނުކުތް ވަގުތު، އެތާ ކުޑައެއް ދަށުގައި ސިނގިރޭޓެއް ބޯން އިން މީހަކު ގޮވައިލިއެވެ. އަޅުގަނޑު ރަނގަޅަށް ބަލައިލިއިރު މިއީ އީ.ޕީ،އެސް.އެސްގައި އެއް ކިލާހުގައި ކިޔަވަން އުޅުނު މައުމޫން ރަޝީދު (މާނު) އެވެ. އައްޑު އަތޮޅު ހިތަދޫ މީހެކެވެ. (މާލޭގައި ކިޔަވަން ހުރީ އަޅުގަނޑުގެ އެންމެ ގާތް ރަހުމަތްތެރިޔާ އަބްދުﷲ ސުޖާއުގެ ގެ މ. ނޫވިލުގައެވެ. މަޝްހޫރު ސަރުދާރު ދޮންބެގެ ގޭގައެވެ. އެހެންވެ ސުޖާއާއެކު އުޅޭއިރުވެސް މާނާ ވަރަށް ގިނައިން ދިމާވެއެވެ.) ކިޔަވައިގެން އައިލެންޑް އޭވިއޭޝަނަށް ވަދެ، އެތަނުގައި އުޅެމުން، ހަނިމާދޫ ކުއްޖަކާ އިނދެ، އެންމެ ފަހުން އައިލެންޑް އޭވިއޭޝަން ހަނިމާދޫ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަނީއެވެ. (ވިހި އަހަރު ވީއިރުވެސް މާނު ދެގޮތެއްނުވެ އަދިވެސް ހުރީ އެ ވަޒީފާގައެވެ.)

މިއީ ކޮން ދަތުރެއްތޯ މާނު އަހައިލިއެވެ. ޖަވާބުގައި އަޅުގަނޑު ބުނީ މިއީ "ހުވާސް" އަށް ބޭނުންވާ ފޮޓޯކޮޅެއް ނަގައިލާށާއި އިންޓައިއުތަކެއް ހަދައިލަން ޖައްސައިލީ ކަމަށެވެ. ވަގުތު ކުރުކޮށްލަން މި ގޮތަށް މާނު ކައިރީގައި އަނގަތަޅަން އިންދާ އޭނާ ބުނި އެއްޗަކުން ކުއްލިއަކަށް ސިހިގެން ގޮސް، ފައިދޮށުން ބިންގަނޑު ދެމިގެންދިޔަ ކަހަލައެވެ.

"ހުވާސްގައި ޖަހާލަން ވަރަށް ސަޅި އެއްޗެއް ބުނެފާނަން. މިތާ ކައިރީގައި މިއޮތް ފަޅުރަށުގައި އެބައުޅޭ ވަރަށް ފައްކާ ދެމަފިރިން. މުސްކުޅި މުސްކުޅި އަންހެނަކާ އިނދެގެން އުޅެނީ ވަރަށް ޒުވާން ފިރިހެނެއް. އެ މީހުންގެ ދިރިއުޅުމުގެ ވާހަކަ ހުވާސްގައި ލިޔެލަން ވަރަށް ސަޅިވާނުން!" މާނު ބުނެލިއެވެ.

މާނު މި ވާހަކަ ފެށުމުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ މާލެ މި ދަނީ އެހާ ބިރުވެރިކަމުގައި، އެ ފަޅުރަށުގައި، އެ ދެމަފިރިންނާއެކު އެއްރޭ ހޭދަކޮށް، އެ ސްޓޯރީ ނަގައިގެންނެވެ. އެއްވެސް ބަޔަކަށް ނޭނގިއެވެ. އެހެންވެ އިތުރު މީހަކަށް ބޮޑުދައިތަމެންގެ ވާހަކަ އެނގުމަކީ ވަރަށް ބޮޑު މައްސަލައަކަށް ވެދާނެ ކަމެކެވެ. އަމުދުން، މާލޭގައި އުޅެ ބޮޑުވެ، ކިޔަވައިހަދައިފައި ވުމުން ނޫސްވެރިންނާއި އެހެނިހެން މީހުން ވެސް މާނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ހަނިމާދޫ އެއާޕޯޓުތެރޭގައި މާނު އަބަދު އުޅޭއިރު އެތަނުން ކިތަންމެ ނޫސްވެރިންނަކާ ވެސް މާނާ ދިމާވާނެކަން ޔަގީނެވެ. މާނު އެ ވާހަކަ ދައްކައިފައި އޮންނާނީ ވެސް މިހާރު ކިތައް ނޫސްވެރިން ކައިރީގައި ކަމެއް ނޭނގެއެވެ.

މި ކުރިމަތިވީ ވަރަށް ބޮޑު މައްސަލައަކާއެވެ. މާނުއަށް މި ސްޓޯރީ އެނގި، އެހެން ނޫސްވެރިއެއް ގާތުގައި މިވާހަކަ ދައްކައިފިއްޔާ، ކުރުކުރު ހަބަރެއްގެ ގޮތުގައި ނޫހެއްގައި ޖަހައިލިޔަސް، އެއް މިލިއަން ޑޮލަރުގެ މި ސްޓޯރީގެ މުއާލާތް ކެނޑި، މުޅީން ފްލޮޕްވީއެވެ.

ބުރާސްފަތި ދުވަހުގެ ފްލައިޓުން ހަނިމާދުއަށް އަޅުގަނޑު އައީ އެ ހަފުތާގެ ހުވާސް ތައްޔާރުކޮށްފައެވެ. އެ ބުރާސްފަތީގެ މެންދުރުފަހު ހުވާސް ނެރުނެވެ. ދެން ހުވާސް ނެރޭނީ އެއް ބުރާސްފަތި މެދަށް ދޫކޮށްފައި ދެން އަންނަ ބުރާސްފައްޗެއްގައެވެ. އެހެންވެ، ދެ ހަފުތާ ތެރޭގައި މި ވާހަކަ ކުރުކުރު ހަބަރެއްގެ ގޮތުގައި ނޫހެއްގައި ޖަހައިލިޔަސް، މި ރިޕޯޓް މުޅީން ފެނަށްދިޔައީއެވެ. އޭރު ވެސް، ހަވީރާއެކު ތިން ދުވަހު ނޫސް ނުކުންނާނެއެވެ. އަދި އެތައް ހަފުތާ މަޖައްލާއެއް ނެރެއެވެ.

މާނު މި ބުނި އެއްޗަކުން އަޅުގަނޑު ދާހިތްލާން ފަށައިފިއެވެ. ކިތަންމެ ފޮރުވައިގެން އުޅުނަސް، ނިތްކުރިން ފައިބާ ދާތައް މާނަށް ފެންނާނެއެވެ.

"ކީއްވެ އެއްޗެއް ނުބުނީ؟ ކަޑަ ސްޓޯރީއަކީތަ؟" މާނު އަހައިލިއެވެ.

ބުނާނީ ކީކޭ ކަމެއް ވެސް ނޭނގެއެވެ. އެކަމަކު އެ ސްޓޯރީ ނަގައިގެން ދާ ވާހަކަ މާނު ކައިރީގައި ބުނާކަށް ބޭނުމެއް ނޫނެވެ. ސަބަބަކީ ތިން ވަނަ މީހަކަށް އެކަން އެނގެން ބޭނުންނުވާތީއެވެ. އެހެންވެ އެއް މިލިއަން ޑޮލަރުގެ ސްޓޯރީގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި، އެ ނޫން އެހެން އެއްވެސް ގޮތެއް ނެތިގެން، މާނު ކައިރީގައި "ސްޓޯރީއެއް ޖައްސަން" މަޖުބޫރުވީއެވެ. (އިންވެސްޓިގޭޓިވް ޖާނަލިޒަމްގައި އެގޮތަށް ހަދަން މަޖުބޫރުވާ ކިތަންމެ ހާލަތެއްވެސް މެދުވެރިވެއެވެ.)

އެހެން އެއްވެސް މީހެއް ކައިރީގައި ވެސް މާނު އެ ވާހަކަ ދައްކަފާނެތީ، އަޅުގަނޑު ބޭނުންވީ މާނުގެ އަނގަ ރަނގަޅަށް ބަންދުކޮށްލާށެވެ. ހަނިމާދޫ އެއާޕޯޓަށް ދާ ނޫސްވެރިންނާ ވެސް މާނާ އަބަދު ދިމާވާނެތީއެވެ. އެހެންވެ މާނަށް އަޅުގަނޑު ވިސްނައިދިނީ މިގޮތަށެވެ؛ ތިއީ ނޫހެއްގައި ޖަހަން އެހާ ޝައުގުވެރި ވާހަކައެއް ނޫނެވެ. ސަބަބަކީ އޭރުން އެ މީހުންގެ ޕްރައިވެސީއަށް އަރައިގަނެވޭތީއެވެ. އެ މީހުން އުޅެނީ މީހުން އުޅޭ ރަށަކުވެސް ނޫނެވެ. އެ މީހުން ފަޅުރަށެއްގައި އުޅޭއިރު، އެ މީހުންގެ ވާހަކަ ޖަހައިގެން، އެ މީހުން ބޭޒާރުކުރުމުގެ ބޭނުމެއްނެތެވެ. އެ މީހުންގެ ވާހަކަ ނޫހުގައި ޖަހަން ހެޔޮނުވާނެއެވެ. އެއީ ނޫސްވެރިން ލިޔާ ކަހަލަ ވާހަކައެއް ނޫނެވެ. ލިޔަން ރަނގަޅު ވާހަކައެއް ނަމަ، މާލެ ނުގޮސް އަޅުގަނޑު ދާނީ އެ ރަށަށެވެ. އެހެންވެ ރަނގަޅުވާނީ ތި ވާހަކަ އެހެން މީހެއް ކައިރީގައިވެސް މާނު ދެން ނުދެއްކިއްޔާއެވެ. މީސްމީހުންގެ ޒާތީ ދިރިއުޅުމަށް އަރައިގަންނަން މާނު ހިތްވަރުދީގެން ވެސް ނުވާނެ ނޫންހެއްޔެވެ؟

އަޅުގަނޑު "އެހާ ރަނގަޅަށް" މާނަށް ވިސްނައިދިނުމުން މާނު އިނދެފައި ބުންޏެވެ. "ޝަހީބަށް ކަމުނުދަންޏާ ދެން ތި ވާހަކަ ކަމުދާނެ އެހެން ނޫސްވެރިއެއް ނޫޅޭނެކަން ޔަގީން. އެހެންވެ ދެން އެ ވާހަކަ ބާއްވާ. އެއީ ނުދައްކާ ވާހަކައެއް."

އަޅުގަނޑު މާލެ ގޮސްފައި އެކަމާ ދޭތެރޭ އިތުރަށް މަޝްވަރާކޮށްލައިފައި، އެ ސްޓޯރީ ހަދަން ބޭނުންވެއްޖެ ނަމަ، އެނބުރި އަންނާނެ ކަމަށްވެސް މާނު ގާތުގައި ބުނީމެވެ. އަދި އަޅުގަނޑު އަންނަންދެން އެ ވާހަކަ އެހެން މީހެއް ގާތުގައި ނުދައްކައި، ސިއްރުކޮށްފައި ބޭއްވުމަށްވެސް އެދުނީމެވެ. މާނު "އޯކޭ" ދިނެވެ.

(އެއީ ސްމާޓް ފޯނުގެ ޒަމާން ނޫންކަން ނަސީބެކެވެ. އެހެން ނޫން ނަމަ ފޭސްބުކްގައި ވެސް އޭރު އެ ވާހަކަ އާއި ފޮޓޯތައް ޖަހާނެތާ ކިތަންމެ ދުވަހެކެވެ.)

އެކަމަކުވެސް އަޅުގަނޑަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ބޮޑުދައިތަގެ ދިރިއުޅުމުގެ ވާހަކައާއެކު ހުވާސް ނުކުންނަން އަދި ސާފު ދެ ހަފުތާ އެބައޮތެވެ. އެއީ ހާދަ ދުވަހެކެވެ. އެހެންވެ، ޖެހިގެން އައި ދޮޅަހަކަށް ދުވަހު، ކޮންމެ ދުވަހަކު ވެސް އެންމެ ފުރަތަމަ އަޅުގަނޑު ކުރާ ކަމަކީ އެއްވެސް ނޫހެއްގައި ނޫނީ މަޖައްލާއެއްގައި އެ ވާހަކަ އޮތްތޯ ބެލުމެވެ. ހުވާސް އަށް ވުރެ ކުރިން އެކަން އެއްވެސް ނޫސް މަޖައްލާއަކުން ފެންނަން ބޭނުންނުވާތީއެވެ. އަޅުގަނޑު އަބަދު ހުންނަނީ ދުޢާ ކޮށްލަކޮށްލައެވެ. މާތް ﷲ އަށް ހަމްދުހުއްޓެވެ. އަޅުގަނޑުގެ ދުޢާ ކިތަންމެހާ ވެސް ރަނގަޅަކަށް އެ ކަލާނގެ އިޖާބަކޮށްދެއްވައިފިއެވެ.

ފަހުން މާނުއާ ދިމާވުން

އެ ދަތުރުގައި މާނާ ބައްދަލުވިތާ ދެ ހަފުތާ ފަހުން ހުވާސް ނުކުމެ، ފަތުއަޑު ކިޔައިފައި ވިިކި ހުސްވެއްޖެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ވަނީ އެ ވާހަކަ ކިޔައިފައެވެ. އޭގެ ތެރޭގައި މާނު ވެސް ހިމެނެއެވެ.

"ތިއީ ކޮން ކަހަލަ މީހެއް؟ އެ ދުވަހު ދެއްކި ވާހަކަ ހަނދާން އެބަހުރިތަ؟" އޭގެ ފަހުން އެތައް ދުވަހެއް ފަހުން ހަނިމާދޫއަށް ދިޔަ ދަތުރެއްގައި މާނާ ދިމާވުމުން ފުރަތަމައިނުން ވެސް މާނު ބުންޏެވެ.

"އަހަރެން ގަބޫލްކުރަން އެ ދުވަހު ވާނީ އެހެންކަން. އެއްވެސް މީހެއް ގާތުގައި ބުނެގެން ނުވާނެ އެވާހަކައެއް. އެ ރިޕޯޓް ވަރަށް ފުރިހަމަ. ވަރަށް ސަޅި،" މާނު ބުނެލިއެވެ.

މާނު ކައިރީގައި އަޅުގަނޑު އެ ދުވަހު "ސްޓޯރީއެއް ޖައްސަން" ޖެހުނު ސަބަބު މާނަށް ގަބޫލްކުރެވުނީތީ ވަރަށް އުފާވިއެވެ.

ހުވާސްގެ އެޑިޓޯރިއަލް، 27 ޖުލައި 2001

ބޮޑުދައިތަގެ ވާހަކަ އޮތް ހުވާސްގެ މި އަދަދުގެ އެޑިޓޯރިއަލް ލިއުނީ ހުވާސްގެ ޑެޕިއުޓީ އެޑިޓަރު މޫސާ ލަތީފެވެ. އެ ދަތުރުގެ ކުރު ހުލާސާއެއް މޫސަ ލިޔެދީފައިވެއެވެ.

ބޮޑުދައިތަގެ ވަކިވުން

ބޮޑުދައިތަ އާއި އިއްސޭގެ ކައިވެނި ދެމިއޮތީ ގާތްގަނޑަކަށް ދެތިން ހަތަރު އަހަރުއެވެ. އޭގެ ފަހުން ބޮޑު ދައިތަ ދޫކޮށްލުމަށްފަހު އިއްސޭވެސް މާލެ ބަދަލުވިއެވެ. އަދި ބޮޑުދައިތަ ވެސް، އާއިލާގެ މެމްބަރުން ކައިރިއަށް ހަނިމާދުއަށް ބަދަލުވިއެވެ. ނަމަވެސް ވަރިކުރުމުގެ ކުރިން އިއްސޭ ވަނީ ބޮޑު ދައިތަ ހައްޖަށް ފޮނުވައިދީ، އަދި ދަތްތައް ޖަހައިދީ މުޅީން ޒުވާންކޮށްލައިފައެވެ. ބޮޑު ދައިތަ ދަތްޖަހައިގެން އުޅެނިކޮށްވެސް ހަނިމާދޫން އަޅުގަނޑާ ބައްދަލުވިއެވެ.

ބޮޑުދައިތަ ނިޔާވީ މީގެ ނުވަ އަހަރު ކުރިން، 24 މާރިޗް 2012 ގައެވެ. މާތް ﷲ، ބޮޑުދައިތައަށް ޖަންނަތުލް ފިރްދައުސް މިންވަރުކުރައްވާށިއެވެ! އާމީން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
43111
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ޝުކުރިއްޔާ، ޝަހީބު! ކަން ހިނގި ގޮތް ވެސް ތިޔަވީ ހަމަ ޝައުގުވެރި ވާހަކައަކަށް، އެ ޒަމާނާ އެ ހާލަތު ގެނެސްދެއްވި ގޮތް ހަމަ ވަރަށް ފައްކާ، މިހާރު ވެސް ޒަމާނީ ބަދަލުތަކާއެކު ނޫސްވެރިކަމުގެ މިކަހަލަ އުފެއްދުންތައް އުފަން ކުރެވެން ވާނެ ނޫންތޯ؟ ދަރުމަހުރި

  2. އިތުރަށް އިގެން ބޭނުންވާ ވަރަށް ބައިވަރު މައުލޯމާތު އެބަހުރި.
    ބޮޑު ދައިތަ ނިޔާވީ ކިހިނެއް ވެފަ؟
    ބޮޑުދައިތަ މަރުދުވަހަށް އިއްސޭ ބޮޑުދައިތަ ބެލިތަ؟
    އިއްސެ އާއި ބޮޑު ދައިތަ ފަހުން އެރަށުން އެހެން ރަށަކަށް ބަދަލުވިތަ؟
    އިއްސޭ މިހާރު އުޅެނީ މީހަކާ އިދެގެންތަ؟
    ބޮޑުދައިތަ ދަރިންނާއި އިއްސޭ މިހާރު ގުޅުން އޮވޭތަ؟
    އިއްސޭގެ މިހާރު ފޮޓޯ އެއް ނެތްތަ؟
    އިއްސޭގެ ދަރިން ތިބޭތަ؟
    އިއްސޭ އެރަށުން ބަދަލުވީ ކީއްވެ؟
    އިއްސޭ މިހާރު ކުރަނީ ކޮން މަސައްކަތެއް؟

    މީ ވަރަށް އިގެން ބޭނުން ކަންތައް….
    މާތް ﷲ ބޮޑުދައިތަގެ ފުރާނަޔަށް ހެޔޮރަހުމަތް ލައްވާ ކައްވަޅޫ އަޒާބުން ދިންނަވާންދޭވެ. އަދި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި……..އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.