Support Us

އިޒްރޭލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓާއި އަނބިކަނބަލުންނާއި ހަތަރު ބޭފުޅުން

އިޒްރޭލްގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނާއި ބޭފުޅުން ރާއްޖެ ވަޑައިގެންފި

13:29

އިޒްރޭލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓުގެ އަނބިކަނބަލުންނާއި ބޭފުޅުން މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

ގިލަޓް ބެނެޓާއި ހަތަރު ބޭފުޅުންނާއި ސެކިއުރިޓީންގެ ޕްރައިވެޓް ޖެޓެއްގައި ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީވީއައިޕީ ލައުންޖުގައި މަޑުކޮށްލެއްވުމަށްފަހު ވަނީ ރިސޯޓަކަށް ވަޑައިގެންފައެވެ. އެ ވަގުތު އެއާޕޯޓުގެ ސެކިއުރިޓީ އޮތީ ވަރަށް ވަރުގަދަކޮށްފައެވެ.

ސެންޓާރާ ގްރޭންޑް ރިސޯޓް އެންޑް ސްޕާ

ޔަހޫދީ ބޮޑުވަޒީރުގެ އަނބިކަނބަލުންނާއި ބޭފުޅުން ޗުއްޓީ ހޭދަކުރައްވަނީ އދ. ދަނގެތީ ކައިރީގައި އޮންނަ ފަސް ތަރީގެ ސެންޓާރާ ގްރޭންޑްގައިކަން "އަދިވެސް" އަށް ވަނީ ކަށަވަރުވެފައެވެ.

މި ކަމާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

"ޓައިމްސް އޮފް އިޒްރޭލް" ނޫސް ބުނާ ގޮތުގައި ގިލަޓް ބެނެޓާއި ހަތަރު ބޭފުޅުން ޗުއްޓީއަށް ވަޑައިގަންނަވާކަން ބޮޑުވަޒީރުގެ އޮފީހުން އިއްޔެ ވަނީ އިއުލާންކޮށްފައެވެ. އަދި އެ ބޭފުޅުން ކުރިން ރާވައިފައި އޮތީ އެހެން ގައުމެއްގައި ޗުއްޓީ ހޭދަކުރައްވާން ކަމަށާއި ނަމަވެސް އެ ގައުމަށް އިޒްރޭލް މީހުން ދިއުން މަނާކޮށްފައިވާތީ، މަންޒިލް ބަދަލުކުރެއްވީ ކަމަށް ވެސް އެ ނޫސް ބުނެއެވެ. ނަމަވެސް އެ ބޭފުޅުން ވަޑައިގަންނަވާ ވަކި ގައުމެއް ނޫހުގައި ބުނެފައެއް ނުވެއެވެ.

ކޮވިޑް19ގެ ނުރައްކާތެރި އޮމްރިކޯން ވޭރިއަންޓު ފެތުރެމުންދާތީ އިޒްރޭލް މީހުން އެހެން ގައުމުތަކަށް ނުދާން ޔަހޫދީ ބޮޑުވަޒީރު ވަނީ ކުރިން އިލްތިމާސް ކުރައްވައިފައެވެ. ނަމަވެސް ބެނެޓް ފަހުން ވިދާޅުވީ އޮމްރިކޯން ވޭރިއަންޓުގެ ސަބަބުން ދަތުރުފަތުރުކުރުން ހުއްޓައިލުން ކޮންމެހެން ބޭނުން ނޫންކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ގިލަޓް ޗުއްޓީއަށް ވަޑައިގަތުން ފަސްކުރެވޭތޯ އަރިސް ބޭފުޅުން ވަރަށް މަސައްކަތް ކުރެއްވި ނަމަވެސް، ދަތުރުފުޅު ފަސްކުރައްވަން އެކަމަނާ ބޭނުންފުޅުނުވީ ކަމަށް ވެސް އެ ނޫސް ބުނެއެެވެ.

ފަލަސްތީނަށް އަރައިގަނެ، މުސްލިމުންނާ ދެކޮޅަށް ގަތުލްއާންމުތައް ހިންގަމުންދާ އިޒްރޭލާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ކަނޑައިލީ 1974ގައެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިޒްރޭލާއެކު ވަނީ "ރަހުމަތްތެރިކަމުގެ" ގުޅުން ބަދަހިކޮށްފައެވެ. މިގޮތުން ސިއްހަތާއި ތައުލީމާއި ޓޫރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކޮށް އެއްބަސްވުންތަކުގައި ސޮއިކުރިއެވެ. އެއާއެކު އިޒްރޭލްގެ ލޮލުގެ ޑޮކްޓަރުންގެ ޓީމުތައް ވެސް އައިސް ރާއްޖޭގެ ދެ ސަރަހައްދެއްގައި ލޮލުގެ ފަރުވާގެ ކޭމްޕު ބާއްވައިފައިވެއެވެ. އަދި އޭރުގެ ފޮރިން މިނިސްޓަރު (މިހާރުގެ ހެލްތު މިނިސްޓަރު) މަސްއޮޑި އަހުމަދު ނަސީމު ވެސް ވަނީ 2011 މޭ 16-20 އަށް އިޒްރޭލަށް ޒިޔާރަތް ކުރައްވައި، ރައީސް ޝިމޯން ޕެރޭޒާ ބައްދަލުކުރައްވައިފައެވެ.

ޒައިނިސްޓް އިޒްރޭލާއެކު ސިޔާސީ ގުޅުން ނެތެއް ކަމަކު އިޒްރޭލް މީހުން ރާއްޖެ އައިސްގޮސް ވުމަކަށް ހުރަހެއް ނެތެވެ. އެހެންވެ އިޒްރޭލްގެ ޓޫރިސްޓުން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އާދެއެވެ.

އަޕްޑޭޓްސް:

14:45

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ ވީ.ވީ.އައި.ޕީ މޫވްމަންޓުތަކުގެ މައުލޫމާތު އެ ކުންފުންޏަށް ނޭނގޭނެ ކަމަށާއި އެކަން އެނގޭނީ ފޮރިން މިނިސްޓްރީއަށް އެކަނި ކަމަށެވެ.

17:50

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު "އަދިވެސް"އަށް ވިދާޅުވީ އިޒްރޭލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓުގެ އަނބިކަނބަލުންނާއި ބޭފުޅުން ރާއްޖެ ވަޑައިގެން އުޅުއްވާ ކަމުގެ އެއްވެސް މައުލޫމާތެއް ފޮރިން މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށެވެ. އަދި އެ ބޭފުޅުން ވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ ޕްރޮޓޮކޯލްގެ ތެރެއިން ނޫން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ؟ޢިޒުރޭލާއި ރާއްޖެ ހާދަ ގުޅުން ބަދަހިޔޭދޯ؟ މިސަރުކާރު ހާދަ މުސްލިމުންނާ ދުރުހެލިވެފާ ޔަހޫދީންނާ ހާދަ ފުރެންޑޭދޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *