Support Us

އިންސާނާގެ އަޖައިބުކުރުވަނިވި ދަތުރު: ކޮންމެ މީހަކުވެސް އެއްފަހަރު ކިޔައިލަން މުހިންމު!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ﷲ سُبْحَانَهُ وَتَعَالَى‎ގެ ކުޅަދުންވަންތަކަމުގެ ތެރެއިން އެކަލާނގެ ޚަލްޤު ކުރެއްވި އިންސާނާއާ މެދު ނިކަން ވިސްނާލަބަލާށެވެ. އެކަލާނގެ ފުރަތަމަ އިންސާނާ آدم علیہ السلام ޚަލްޤު ކުރެއްވީ މަށިންނެވެ. އެއަށްފަހު އެކަލާނގެ ރޫހުފުޅުން ފުމެލައްވާ آدم علیہ السلام އަށް ފުރާނައެޅުއްވިއެވެ. އަދި އެކަލޭގެފާނުންގެ އަރިކަށިފުޅުން حَوَّاء ގެފާނު އުފެއްދެވިއެވެ. އިންސާނާ ވަނީ އެކަލާނގެ އެންމެ މާތް ކުރެއްވި مخلوقންގެ ތެރެއިންނެވެ. އަދި އިންސާނާއަށް ވިސްނައި ފިކުރު ކުރުމުގެ ޤާބިލިއްޔަތުކަމާއި، އިޚްތިޔާރުކުރުމުގެ ބާރު އެކަލާނގެ ދެއްވެވިއެވެ. آدم علیہ السلام އާއި حَوَّاء ގެފާނު އުފެއްދެވުމަށް ފަހު އިންސާނީ ނަސްލު ވުޖޫދަށް އައުމުގައިވެސް ވަނީ ވިސްނާ ބަޔަކަށް އެތައް އިބްރަތް ތަކެއް ހާސިލް ވާނޭ ކަންތައްތަކެއް ލައްވވަައިފައެވެ.

އިންސާނީ ނަސްލު ފެށުމުގައިވެސް ވަނީ ދަތުރެކެވެ. ބުރަ އަދި ގޮންޖެހުންތަކުން ފުރިފައިވާ ވާދަވެރި ދަތުރެކެވެ. އެއީ ތިބާ ވުޖޫދުވުމަށް ތިބާކުރާ ދަތުރެވެ. ކާމިޔާބުވަނީ ތިބާކުރާ ހިތްވަރާ ގުޅިފައެވެ. މި ދަތުރުގައި ތިބާ ވާދަކޮށް ކުރި ހޯދަންޖެހިފައިވަނީ ހަމަ ތިބާ ކަހަލަ އެތައް މިލިއަން ބަޔަކާއެވެ.

އޭ އަޚުންނާއި އުޚުތުންނޭވެ. ބައިލޮޖީން ބުނެދޭ ގޮތުގައި އިންސާނާ ޖިމާއުވުމުން ގާތްގަނޑަކަށް 200 އާއި 300 މިލިއަން ދަރިފަނި އުފެދެއެވެ. އަދި މި ދަރިފަނިތައް އަންހެނާގެ ބިހާ ދިމާލަށް ދަތުރު ފަށައެވެ. މި 200 އާއި 300 މިލިއަނާ ދެމެދުގެ ދަރިފަނިތަކުން މަންޒިލަށް ވާސިލުވެވެނީ ހަމައެކަނި 300 އާއި 500 އާ ދެމެދުގެ ދަރި ފަންޏަށެވެ. މި ދަތުރަކީ އުނދަގޫ، ވާދަވެރި، ގޮންޖެހުންތައް ގިނަ ދަތުރެއްކަމުން ގޮންޖެހުންތައް ގިނަވެ، ވަރުބަލިވެ، މާޔޫސްކަންމަތީ އެތައް ފަންޏެއް އުއްމީދުކަނޑާލަނީއެވެ. އަދި މަންޒިލާ ހަމައަށް ވާސިލުވި 300 އާއި 500 އާ ދެމެދު ދަރިފަނިތަކުގެ ތެރެއިން ބިހުގެ ތެރެއަށް ވަދެ ދަރިމައިވެވެނީ، އާންމުގޮތެއްގައި، ހަމަ އެންމެ ފަންޏަކަށެވެ. މި ފުރުސަތު ކާމިޔާބުކުރި ފަނިތަކުގެ ތެރެއިން ތިބާ ތިއީ އެއް ފަންޏެވެ.

އޭ އަޚުންނާއި އުޚުތުންނޭވެ. ތިބާ ކުޑަކޮށްވެސް މިކަމާ ދޭތެރޭ ވިސްނައި ފިކުރުކޮށްލިން ހެއްޔެވެ؟ މިދަތުރާ މެދު ތިބާ ފަހެ ހައިރާނެއް ނުވޭހެއްޔެވެ؟ ﷲގެ ކުޅަދުންވަންތަކަމާއި ތިބާގެ ހިތްވަރާއި އަޒުމާ މެދު އަޖާއިބު ނުވޭހެއްޔެވެ؟ ތިބާ އެދަތުރު ތިޔަ ކާމިޔާބުކުރީއެވެ. ތިބާ ކަހަލަ އެތައް މިލިއަން ބަޔަކާ ރޭސްޖަހައި ވާދަކޮށް ފަޚުރުވެރި އެއްވަނަ ޖާގަ ހޯދީއެވެ. ތިބާގެ ލޮލެއް، އަތެއް، ފަޔެއް ނެތި ރޭސް ކާމިޔާބުކޮށްފީމުއެވެ. އުނގެނުމަކާ ނުލައި ތިބާގެ ވާދަވެރި ދަތުރު ކާމިޔާބުކޮށް މަންޒިލަށް ވާސިލު ވެއްޖައީމުއެވެ. އިތުރު މީހެއްގެ އެހީތެރިކަމެއް ނުވަތަ ސެޓްފިކެޓެއްވެސް ނެތި ތިބާ ފުރިހަމަ ކާމިޔާބީއެއް ހޯދައިފީމުއެވެ.

އޭ އަޚުންނާއި އުޚުތުންނޭވެ. ތިބާގެ ހަޔާތުގެ ފުރަތަމަ ދަތުރު ކާމިޔާބުކޮށް ތިބާ ތިހުރީ ތިބާގެ ދެވަނަ މަންޒިލަށް އާދެވިފައެވެ. ކުރިއަށް އަދި ދަތުރު އޮތީއެވެ. ވާދަވެރިކަމުން ފުރިފައިވާ ދަތުރެކެވެ. ގޮންޖެހުންތައް ގިނަ ދަތުރެކެވެ. ކާމިޔާބާއި ނާކާމިޔާބުވުން އޮތީ ތިބާގެ އަތްމަތީގެއެވެ. މިދަތުރުގައި ތިބާއަށްވާ އެންމެ ބޮޑު ގޮންޖެހުމަކީ ހަވާ ނަފުސު ތިބާއަށް ދައްކާ ދަޅަތަކާއި މާއްދިއްޔަތުގެ ދަހިވެތިކަމެވެ. އަދި ފުރަތަމަ ދަތުރުގައި ތިބާ ފަދަ އަޚުންތަކަކާ ވާދަކުރި ކަމުގައި ވީނަމަވެސް މި ދަތުރުގައި ތިބާ ވާދަކުރަންޖެހެނީ ތިބާގެ އަދުއްވަކާއެވެ. އެއީ لعنة ލެއްވިގެންވާ شَيْطٰانއާއެވެ. ކުޅަދާނަ އަދާވާތްތެރިއެކެވެ. ހީލަތްތެރި ރޭވުން ރޭވުމުގެ މާހިރެކެވެ. މަގު އޮޅުވާލުމުގެ އުސްތާޒެކެވެ. ރަހުމަތްތެރި އަދާވާތްތެރިއެކެވެ. ނަމަވެސް އެ ނުލަފާ شَيْطٰانއާ ކުރިމަތިލުމަށް ﷲ ތަޢާލާ ވަނީ ކުރީގެ ދަތުރާ ޚިލާފަށް އެތައްއެތައް ނިއުމަތްތަކެއް ތިބާއަށް ދެއްވައިފައެވެ. ކުރީގެ ދަތުރުގެ ހުރިހާ ގޮންޖެހުންތަކެއް ހުރަސްކޮށް ތިބާ ކާމިޔާބުކުރީ ލޮލެއް، އަތެއް، ފަޔެއް ނެތި، އުނގެނުމަކާ ނުލައި، އިތުރު މީހެއްގެ އެހީތެރިކަމެއް ނުވަތަ މަގުޗާޓެއްވެސް ނެތިއެވެ. ނަމަވެސް މި ދަތުރުގައި ތިބާއަށް ވަނީ ސިކުނޑިއާއި އަތާއި ފަޔާއި ލޮލާއި މަންޒިލަށް ވާސިލުވާނޭ މަގުޗާޓް ކަމުގައިވާ ﷲގެ ކަލާމްފުޅު ކީރިތި قرآن‎ އާއި رَسُولُ الله‎ ﷺ ގެ ސުންނަތާއި އުއްމީދުތަކާއި ރޭވުންތެރިކަމާއި އަދި މަގު އޮޅޭ ހާލު މަގު ދައްކައިދޭނޭ ހެޔޮލަފާ ދީނީ އިލްމުވެރިން ދެއްވައިފައެވެ. މި ހުރިހައި ނިއުމަތްތައް ދެއްވައިފައި ވަނިކޮށް ތިބާގެ މި ދަތުރުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކުން ތިބާ މާޔޫސްވެ، ގޮތްހުސްވެ، އުއްމީދު ކަނޑާލަނީ ކޮން ގޮތަކަށް ވިސްނައިފައިހެއްޔެވެ؟

އޭ އަޚުންނާއި އުޚުތުންނޭވެ. ތިބާގެ ކުރިމަތީ އުޑާއި ބިމާ ދޭތެރެއަށް ނުފެތޭ ވަރަށް ގޮންޖެހުންތައް ހުރި ކަމުގައި ވީނަމަވެސް ތިބާ ގޮތް ހުސްނުވާށެވެ. ތިބާ ފެއިލްވާން އަދި ކައިރިވެސްނުވެއެވެ. ހިތްވަރު ކުރާށެވެ. ﷲ سُبْحَانَهُ وَتَعَالَى‎ އަށް ހަމްދުކޮށް ވަކީލް ކުރާށެވެ. ފަސް އެނބުރި ނުބަލާށެވެ. ކުރިއަށް ދާށެވެ. އިންޝާ ﷲ ތިބާގެ ފުރަތަމަ ދަތުރު ކާމިޔާބުކުރި ފަދައިން މި ދަތުރުވެސް ތިބާއަށް ކާމިޔާބުވާނެއެވެ.

އަހަރެންގެ دعاء އަކީ ﷲ ތިބާއަށް ތިބާގެ ދާއިމީ މަންޒިލަށް ވާސިލުވުމަށް ތިބާ އަށް މަގުދައްކަވައި ކާމިޔާބުކަމާ އެކު ތިބާގެ މަންޒިލަށް ތިބާ ވާސިލުކޮށްދެއްވުމެވެ. آمين

(ތަރުޖަމާއެއް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *