Support Us

ޖީބު ކަނޑާ ދެމަފަރިއަކަށް ލިބުނު ކުއްޖެއްގެ ވާހަކަ

ރަށުތެރޭގައި ވައްކަމާ މަގުފޭރުން އާންމުވެފައި އޮތުމުން، އެކަމާ ގުޅޭ އެހެން މަސައްކަތްތައް ވެސް ކުރުމަށް ރަށުގެ މީހުން ކުރިމަތިލިއެވެ. އެއްބަޔަކު، މުވާސަލީ ވަސީލަތްތައް ބޭނުން ކޮށްގެން، ނުހައްގު ގޮތުގައި، މީސްތަކުން އަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރެއެވެ. މިސާލަކަށް ފޯނުން ގުޅުމަށް ފަހު، ކަނޑައަޅާ އަގަކަށް ތިމާގެ އަމިއްލަ ބަރަހަނާ ފޮޓޯ ފޮނުވުމުގެ މަސައްކަތެވެ. މި ކަމުގައި ގިނައިން އުޅެނީ ޒުވާން އަންހެން ކުދިންނެވެ. އެމީހުންގެ ޝިކާރައަކަށް ވެދާނެހެން ހީވާ ކަހަލަ މެދު އުމުރުގެ މީހުންނާ ނުވަތަ ދުވަސްވީ ފިރިހެނުންނާ ފޭސްބުކުން ރަހުމަތްތެރިވެ، މިފަދަ 'ޚިދުމަތްތައް' ހުށަހަޅާލައިގެންނެވެ.

އަނެއް ބަޔަކު، މުވާސަލީ ވަސީލަތްތައް ބޭނުންކޮށް، ދޮގު އިޝްތިހާރުކޮށްގެން ފައިސާ ހޯދައެވެ. ތިމާގެ މިވެނި މީހަކު ބޮޑު ބައްޔެއްގެ ވޭން އުފުލަމުންދާ ކަމާއި އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމާއި އަދި އެހެންވެ، އެންމެންގެ ދީލަތި އެހީއަށް ބޭނުންވާ ވާހަކަ ބުނެއެވެ. މީގެ އިތުރުން ވެސް މާލީ މުއައްސަސާތަކުގެ ނަމުގައި ފޯނުކޮށް އޮޅުވާލައިގެން އެކައުންޓު ތަކުގެ މައުލޫމާތު ހޯދައި ފައިސާ ހޯދަން މަސައްކަތްކުރެއެވެ.

ރަށުގެ އުޅުނު އަންހެނަކާއި ފިރިހެނަކު ވެސް، ވައްކަމާއި މަކަރު ހެދުމުގެ ވިޔަފާރީގެ މަސައްކަތުގެ ތެރެއަށް ވަންނަން ގަސްދުކުރިއެވެ. އެ ދެމީހުން ޚިޔާރުކުރީ ޖީބު ކެނޑުމުގެ މައިދާނަށް ނިކުތުމަށެވެ. ދެން، މީސްތަކުން ބައިބޯހެން ހީވާ ތަންތަނަށް ގޮސް، މީސްތަކުންގެ ޖީބު ކަނޑައި ފައިސާ ހޯދަމުން މި ދެމީހުންގެ ރޮނގުގައި ކުރިއަށް ދިޔައެވެ. އަދި، ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަގުންގެ ތެރޭގައި މި ދެމީހުންނަކީ ޖީބު ކެނޑުމުގައި ވަރަށް ވެސް ހުނަރުވެރި، އެފަދަ ދެވަނައެއް ނުވާ ދެމީހުންނަށްވެ، އެ ގޮތުން މަޝްހޫރުކަން ހޯދައެވެ. އަދި، މީހުންގެ ގަދަރާއި އިހުތިރާމު ހޯދައި އިއްޒަތްތެރިވެސް ވިއެވެ.

ކޮންމެއަކަސް ދެމީހުންނަކީ އެއް މައިދާނެއްގައި މަސައްކަތްކުރާ ދެމީހުންނަށް ވުމުން، ވަރަށް ގިނައިން އެކަކު އަނެކަކާ ދިމާވާ ގޮތް ވެއެވެ. އެ ގޮތުން ދެމީހުން ދެކެފަރިތަވެ، ރައްޓެހިވެ، ރައްޓެހިކަން ބަދަހިވެ، އެންމެ ފަހު ރައްޓެހިކަން ލޯތްބަށް ވެސް ބަދަލުވިއެވެ. ދެން، އެ ދެމީހުން، އާދެ، ރަށުގައި ޖީބުކަނޑަން އެންމެ ކުޅަދާނަ ދެމީހުން ކައިވެނިކުރަން ނިންމިއެވެ.

ކައިވެނިކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އަންހެން ޖީބުކަނޑާ ބަލިވެ އިނެވެ. އަދި، ދުވަސްފުރައި، ރަނގަޅު ސިއްހަތެއްގެ ކުއްޖެއް ވިހެއެވެ. ނަމަވެސް، ތުއްތު ކުއްޖާ ވިހޭ އިރު، އޭނާގެ އަތް އޮތީ މުށްކެވިފައެވެ. ޑަކުޓަރުންނާއި ނަރުހުން ކުޑަ ބާރެއް ލައިގެން ވެސް، ތުއްތު ބޭބީގެ އަތް ހުޅުވޭ ގޮތެއް ނުވިއެވެ. ބޭބީގެ އަތަށް ގެއްލުމެއް ލިބިދާނެތީ، މާ ބޮޑަށް ބާރު ނުލުމަށް ޑަކުޓަރު ބުންޏެވެ. އަދި، ދަރިފުޅު ގޮވައިގެން ނަފްސާނީ އިލްމުވެރިއަކަށް ދެއްކުމަށް ދާން ވެސް ޑަކުޓަރު އިރުޝާދު ދިނެވެ.

ދެން، އަޅުގަނޑުމެންގެ ދެ ޖީބުކަނޑާއިން، އެ މީހުންގެ ދަރިފުޅު ގޮވައިގެން ރަށުގެ އެންމެ މޮޅު ނަފްސާނީ އިލްމުވެރިޔާ ކައިރިއަށް ދިޔައެވެ. އަދި، އޭނާ ގާތު، އެމީހުންގެ ދަރިފުޅުގެ މައްސަލައިގެ ވާހަކަ ކިޔައިދިނެވެ. ނަފްސާނީ އިލްމުވެރިޔާ އެންމެންގެ މޫނަށް ބަލާލާފައި އެކި އެކި ސުއާލުކުރަން ފެށިއެވެ. އަދި، ދެމަފިރިންގެ މަސައްކަތަކީ ކޮބައިތޯ ވެސް އެއްސެވެ. ޖަވާބުގައި ދެމަފިރިން ބުންޏެވެ. ތިމަންމެންނަކީ ޖީބުކަނޑާ ބަޔަކީމުއެވެ. އަދި، ވަރަށް ފަޚުރުވެރިކަމާއެކު، ޖީބުކެނޑުމުގެ މަސައްކަތުގެ އެންމެ ހުނަރުވެރިންނަކީ އެމީހުން ކަމުގައި ވެސް ބުންޏެވެ.

މި ހިސާބުން، ސަލާމަތް ފިތުރަތުގެ މީހުންގެ ހިތުގައި އުފެދިދާނޭ ސުއާލަކާއި އޭގެ ޖަވާބު ލިޔެލަން ޖެހެއެވެ. ހަމަ އެހާ ފާޅުގައި، އެހާ ކެރިގެން، ޖީބުކަނޑާ ދެމަފިރިން އެމީހުންގެ މަސައްކަތާއި އެކަމުގެ ހުނަރުގެ ވާހަކަ ދައްކަފާނެ ހެއްޔެވެ؟ އެއީ ގާނޫނީ ގޮތުންނާއި އަޚުލާގީ ގޮތުން ވެސް ނުރަނގަޅު ކަމަކަށްވާތީއެވެ. އެ ސުއާލުގެ ޖަވާބުގައި ބުނަން ޖެހެނީ، ވައްކަމާއި ފަސާދަ އާންމުވެ، އެންމެންހެން- އެންމެ މަތީ މީހާއިން ފެށިގެން އެންމެ ތިރީ މީހާއާ ހަމައަށް- އެކަމުގައި ޝާމިލުވެ، އެކަމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކުމުން، އެފަދަ ވާހަކަތައް ދައްކައި އެކަމާ ފަޚުރުވެރިވުން އެއީ ގޯސް ކަމަކަށް ނުވެއެވެ. އެފަދަ ހާލަތަކަށް ތަނުގެ ހާލަތު ދިޔުމުން، މީހުންގެ ލަދު ހަޔާތް ނެތި، އެމީހުންގެ ޟަމީރުވެސް މަރުވެދެއެވެ. އަދި، ވައްކަމާއި ފަސާދަ ހިންގާ މީހުންނަކީ ބަތަލުންނަށް ވެދެއެވެ. ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރުމާއި އާޚިރަތަކީ ނެތް ދުވަހެއް ކަމަށް ދެކެފި ނަމަ، މަނާވާނޭ އެއްވެސް ކަމެއް ނޯންނާނެތާއެވެ. ރޫސީ އަދީބު ޑޮސްޓޯއެވްސްކީ ބުނެފައި އޮންނަ ފަދައިން، އިލާހަކު ވޮޑިގެން ނުވާ ނަމަ، ހުރިހާ ކަމެއް ހުއްދަވެދެއެވެ. ވައްކަމާއި ފަސާދައާއި އަޚުލާގީ ގޮތުން މަނާ ހުރިހާ ކަމެކެވެ. މުޖުތަމައުގެ ގަވާއިދުތަކާއި ގާނޫނުތައް ވެސް ހިތަށް އެރި ގޮތަކަށް، ހިތަށް އެރި ވަގުތަކު، ހަވާ ނަފްސު އެދޭ ގޮތަކަށް ބަދަލުކޮށްލެވެއެވެ. މުޖުތަމައީ ދުސްތޫރު ކަމުގައިވާ ގާނޫނު އަސާސީއަކީ މޮޑޭ ފުށްގަނޑަކަށް ވެއެވެ. އެ ވަގުތު އެ މީހެއްގެ، ނުވަތަ އެބައެއްގެ، އަތުގައި ބާރު އޮތް މީހަކު ނުވަތަ ބަޔަކު އެ މީހުން ބޭނުން ގޮތަކަށް އެ ފުށްގަނޑު މޮޑެއެވެ. އެމީހުން ބޭނުން ނަމަ، ގާނޫނީ ފުށްގަނޑުން، ގުޅަ ނޫނީ ބަޖިޔާ ނޫނީ ރޮށި ފިހެއެވެ. މުޖުތަމައުގެ މުޖުތަމައީ ހާލަތު އެ ހިސާބަށް ގެންދަން ބޭނުންވާ މީހުންގެ އަތްމައްޗަށް މުޖުތަމައުގެ ލަގަން ލިބުމުން، ރަނގަޅާއި ނުބައި އެއީ އޮތް ކަމަކަށް ނުވެ، ކޮންމެ ކަމެއް ކުރުން ވެސް ހުއްދަވަނީއެވެ. މިސްކިތްތަކާއި ފާޚާނާތައް ވަކި ނުކުރެވެނީއެވެ. އަދި، ކުޅުޖަހަން ބަހައްޓާފައި ހުންނަ ބާލިދީއަކާއި މުގައްދަސު މާތް އިލާހީ ކަލާންފުޅަކީ ވެސް، މުޖުތަމައުގެ ހާލަތު މި ނަންގަތް ހިސާބަށް ދިޔުމުން، ތަފާތެއް ނުކުރެވި، އެ ދޭއްޗާ މެދުވެސް އެއް ސިފައެއްގައި މުއާމަލާތުކުރެވެނީއެވެ. މިހެން ކަންތައްތައް ވުމުން، ވައްކަމާއި ފަސާދަ، މަކަރާއި އޮޅުވާލުން، ފޭރުމާއި ޖީބު ކެނޑުން މޮޅު ކަންކަމަށްވެ، އެކަންކަން ކުރުމާ މެދު ފަޚުރުވެރިވެ، އެ ފަދަ ވާހަކަތައް ވެސް ދެއްކޭ ގޮތް ވެފައި އޮންނަނީއެވެ. އެހެންވެ، އަޅުގަނޑުމެންގެ ޖީބުކެނޑުމުގެ ބަތަލުންނަށް އެމީހުންގެ މޮޅުކަމުގެ ވާހަކަ ދައްކަން ވެސް އެއްވެސް ޖެހުލުމެއް ނުވާނެ ނޫން ހެއްޔެވެ؟

ކޮންމެއަކަސް ޖީބުކަނޑާ މީހުންގެ ވާހަކަ ނަފްސާނީ އިލްމުވެރިޔާ އަހާފައި ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރަން ނަފްސާނީ ހަކީމު ކުރިމަތިލިއެވެ. ނަފްސާނީ އިލްމުވެރިޔާ އޭނާގެ ޖީބުން ސަތޭކަ ރުފިޔާގެ ނޫޓެއް ނަގައި ކުޑަ ދަރިފުޅުގެ މުށްކަވާފައި އޮތް އަތް މަތިން ކުޑަކޮށް ވިހުރުވާލަމުން، މަޑުމަޑުން، ހުރަސްކޮށްލައި ގެންދިޔައެވެ. އެވަގުތު އެއްކަލަ ތުއްތު ތުއްތު މުށްކަވައިފައި އޮތް އަތް މަޑުމަޑުން ހުޅުވާލި ތަން ފެނުނެވެ. އަދި، އަތު ތެރެއިން، މަންމަ ވިއްސަން އުޅުނު ނަރުހުގެ ރަން އަނގޮޓި ފެންނަން އޮތެވެ!

ދަރިފުޅުގެ އަތް ހުޅުވި، ރަނގަޅުވުމުން ޖީބުކަނޑާ ދެމަފިރިން ވަރަށް ވެސް އުފާކުރިއެވެ. އަދި އެއަށް ވުރެވެސް ބޮޑަށް އުފާވީ އެ ދެމަފރިންގެ ހުނަރު، ދަރިފުޅަށް ލިބިފައިވާކަން އެނގުނީތީއެވެ! އަދި، ވައްކަމާއި ފަސާދައިގެ މައިދާނުގައި ދަރިފުޅު ކުރިއަރައިދާނެ ކަމުގެ ހެޔޮ ފާލަކަށް އެކަން ވާނެކަމަށް ގަބޫލުކުރެވޭތީ ވެސް މެއެވެ. އާދެ، ކުޑަ ދަރިފުޅުގެ މުސްތަގުބަލު ވަރަށް ވެސް އަލިވާނެކަން ޔަގީންވީތީއެވެ! އަދި، ގައުމުގެ މުސްތަގުބަލު ވެސް ރޯޝަނީވެ، އުޖާލާވާނެކަން ހީކުރެވޭތީ ވެސް މެއެވެ.