ތިރީގައި އެވަނީ ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ ބައެއް ހަދީސްތަކުން ނެގިފައިވާ ހިކުމަތުގެ ބަސްކޮޅެއްގެ މާނަކޮށްލުމެކެވެ.
- "އަމަލުތަކުގެ ހެޔޮ ނުބައި ކަނޑައަޅާލެވެނީ ނިޔަތުގެ މައްޗަށް ބަލާފައެވެ." މީގެ މާނައަކީ ހެޔޮ ކަމެއް ހެޔޮކަމެއްގެ ގޮތުގައި ބެލެވި، އެކަން ކުރާ މީހާއަށް ދަރުމަ ލިބެނީ އޭނާ އެކަން ކުރި ނިޔަތެއްގެ މައްޗަށް ބަލާފައެވެ. މިސާލަކަށް ސަދަގާތެއް ކުރީ އެހީ ވުމުގެ ނިޔަތުގައި ކަމަށްވާ ނަމަ އެއީ ދަރުމަ ލިބުން ހައްގު ހެޔޮ އަމަލެކެވެ. ނަމަވެސް، އެކަން ކުރީ ތިމާއީ ދީލަތި މީހެއްކަން ދެއްކުންތެރި ކަމުގެ ގޮތުން ކަމަށްވާ ނަމަ، އެކަމަކީ ދީނީ ނަޒަރަކުން ހެޔޮ ކަމަކަށް ނުވެއެވެ. މި ހަދީސްގައި ބާރުއަޅައިފައިވަނީ ކަންކަން ކުރުމުގައި އިޚުލާސްތެރިވުމަށެވެ. ދެއްކުންތެރިކަން ދޫކޮށްލައި ތެދު ނިޔަތުގައި ކަންކަން ކުރުމަށެވެ.
- "ތިމާއާ ނުބެހޭ ކަންކަމާ ނުބެހި ދޫކޮށްލުމީ، މާތްﷲއަށް، މުއުމިނާ، އޭނާގެ ނަފްސު، ދީލާލައިފިކަމުގެ އިޚުލާސް ތެރިކަން އަންގައިދޭ ކަމެކެވެ." މީގެ މާނައަކީ މިފަދައިން ކަންތައް ކުރާ މުއުމިނަކީ މާތްﷲ އެންގެވި މަގުގައި ހިނގުމަށްޓަކައި ނިޔަތް ގަނެ، އެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރި މީހެކެވެ.
- "އެކަންކަމަށް ތިމާ ލޯބިކޮށް، އެކަންކަން ތިމާގެ އަމިއްލަ ނަފްސަށް ލިބުން އެދޭކަންކަން، ތިމާގެ އަޚާއަށް ނޭދޭ ހިނދަކު މުއުމިނާގެ އީމާންކަން ފުރިހަމަ ވެގެން ނުވެއެވެ." މި ހަދީސް އުނގަންނައިދެނީ ހަސަދަލުމުން ދުރުހެލިވުމަށެވެ. އަދި، އެންމެންގެ ތެރޭގައި އަޚުވަންތަކަމާއި އެކުވެރިކަން އުފައްދައި އެކަން ދަމަހައްޓަން މަސައްކަތްކުރުމަށެވެ.
- "ހުއްދަ ކަންކަމާއި ހުއްދަ ނޫން ކަންކަން އޮތީ (ކީރިތި ގުރުއާނުގައްޔާއި ނަބަވީ ސުންނަތުަގައި) ވަރަށް ސާފުކޮށް އެނގޭ ގޮތަށް ބަޔާންކޮށްދެވިފައއެވެ. މިދެކަމުގެ މެދުގައި ހިމެނޭ ބައެއްކަންކަން ވެއެވެ. އެފަދަ ކަންކަމާ ދުރުވުން ބުއްދިވެރިއެވެ. މީގެ މުރާދަކީ ކަމެއް ހުއްދަތޯ ނޫންތޯއާ މެދު ޝައްކު އުފެދިއްޖެ ނަމަ، އެކަމާ ދުރުހެލިވުން ބުއްދިވެރިއެވެ.
މި ހަތަރު ހަދީސްއާ ބެހޭ ގޮތުން ހަދީސް އިލްމުވެރިއެއް ކަމަށްވާ، އަދި، ސުނަނު އަބީ ދާވޫދުގެ މުސައްނިފުކަމަށްވާ، އަބޫ ދާވޫދު ވިދާޅުވެފައި އޮވެއެވެ. ތެދު މަގުގައި ފައިތިލަ ސާބިތުކޮށް އެ މަގުގައި ހިނގަން އެދޭ މީހާއަށް މި ހަތުަރު ހަދީސްއަކީ ދޫކޮށް ނުލެވޭނޭ ވަރަށް ވެސް ހަތަރު ހަދީސެވެ. އެހެނީ މި ހަތަރު ހަދީސްގައި އިސްލާމީ ޝަރިއަތުގެ ތައުލީމުތައް ޚުލާސާކޮށްލެވިފައިވެއެވެ.
- މީސްތަކުންނާ ދުރުވެ، އެކަހެރި ހާލުގައި ހުރެ، ސާހިބުވަންތަ ރަސްކަލާނގެ މަތިން ހަނދާންކުރުން ކަލޭ މަތީ ދެމިހުންނާށެވެ. އަދި ކަލޭގެ ނިންޖަކީ ދުއާ ކަމުގައްޔާއި ބަނޑުހައި ހޫނުކަމަކީ ކަލޭގެ ކާނާ ކަމުގައި ހަދާށެވެ! އާދެ، ވަރުބަލިކަން ފިލުވައި ތިމާއަށް ހިމޭންކަން ގެނެސް، ތިމާ ހަމަޖައްސުވައިދޭ ކަމަކީ ދުއާ ކަމުގައި ހަދާށެވެ. އަދި، (ދެން އޮތް ހަދީސްއިން ދޭހަވާ ފަދައިން) ކެއުން ބުއިމުގައި މެދުމިނުގައި ހިފެހެއްޓޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ.
- ކެއުން ބުއިމުގައި ހައްދު ފަހަނައަޅައި ގޮސް، ކަލޭމެންގެ ހިތްތަކުގެ ދިރުން ގެއްލުވާލައި، ހިތްތައް މަރާނުލާށެވެ.
- ބަނޑުހައި ހޫނުކަންމަތީ ތިބެ، ކަލޭމެންގެ ނަފްސު ފަތަހަކަޮށް، ކޮންޓުރޯލުކުރަން ގަދައަޅައި މަސައްކަތްކޮށް، ކަލޭމެންގެ ހިތްތައް އަލިކުރާށެވެ! އަދި، އެ ގޮތުގައި ތިބެ، ސުވަރުގޭގެ ދޮރުކޮޅާއި ހަމައަށް ދެވޭތޯ ދަތުރުކުރަމުންދާށެވެ!
- "ނުބައި ބަސް ބުނުމާއި ނުބައި އަމަލުކުރުމުން ދުރުހެލި ނުވާ ރޯދަވެރިޔާގެ ކަރުހިއްކުމާއި ބަނޑުހައިހޫނުކަމަކަށް މާތްﷲ ބައްލަވާވޮޑިގެން ނުވެއެވެ." މިހަދީސްގައި ބާރު އެޅިފައިވަނީ އަޅުކަމުގެ މަގުސަދުކަމަށްވާ މާތް މަތިވެރި އަޚުލާގީ ސިފަތައް ލިބިގަތުމަށް އަބަދުވެސް މަސައްކަތްކުރުމެވެ.
- އެންމެ މޮޅު އިތުރުވެގެންވާ ސަދަގާތަކީ ވާތަށްވެސް ނޭނގޭ ގޮތަށް ކަނާއަތުން ދޭ ސަދަގާތެވެ.
- މުއުމިނާ އެންމެ ފުރަތަމަ ސަދަގާތްކުރަންވާނީ އޭނާގެ ގާތް ތިމާގެ މުހުތާދު މީހުންނަށެވެ.