Support Us

ބުއްދިވެރި ބަސްކޮޅެއް

  1. ބުއްދިވެރިވާންވީ ހަމައެކަނި ހެޔޮ ވާހަކަތަކެއް ބުނެއެއް ނޫނެވެ. ހެޔޮ އަމަލުތައް ކޮށް ވެސް މެއެވެ. އަނގައިން ބަހެއް ބުނުމަކީ ދާދި ފަސޭހަ ކަމެކެވެ. ނަމަވެސް، އެއާ އެއްގޮތަށް އަމަލު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެންމެނާ މެދު ވެސް އޯގާތެރިކަމާ އެކު މުއާމަލާތުކުރާށޭ ބުނަން އުނދަގުލެއް ނުވާނެއެވެ. ނަމަވެސް، ތިމާ ރުހޭ މީހުންނާ އެއް ފަދައިން ތިމާ ނުރުހޭ މީހުންނާ މެދު އޯގާތެރިކޮށް ހިތުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ.
  2. އުނގެނުން ހުއްޓާލައިފި ކޮންމެ މީހަކީ ވެސް މުސްކުޅިއެކެވެ. އޭނާގެ އުމުރުންވީ ވިހި އަހަރު ކަމުގައި ވިޔަސް ނޫނީ އަށްޑިހަ އަހަރު ކަމުގައި ވިޔަސް ވެހެވެ. އުނގެނެމުންދާ ކޮންމެ މީހަކީ ވެސް ޒުވާނެކެވެ. ކިޔަވާ ކުދިންނޭ ކިޔައި ކިޔަވާ މީހުންނޭ އަހަރުމެން ނުކިޔަނީ އެހެންވެއެވެ. ކަލޭގެ ނަފްސަށް ކޮށްދެވޭނޭ އެންމެ ބޮޑު އެއް ޚިދުމަތަކީ އުނގެނުން މަތީ ދެމިހުރެ ކަލޭގެ ސިކުނޑި ޅަކޮށް ބެހެއްޓުމެވެ.
  3. ތިމާގެ އަތުން ދޫވާ ދޫންޏެއް އަލުން ހިފިދާނެއެވެ. ނަމަވެސް، ތިމާގެ އަނގައިން ދޫކޮށްލެވޭ ބަހެއް އަލުން އަތެއް ނުލެވޭނެއެވެ. އެހެންވެ، ތިމާގެ ދުލުން ނިކުންނަ އެއްޗަކާ މެދު އަބަދުވެސް ސަމާލުވެ ހުންނަންޖެހެއެވެ.
  4. އެއްވެސް ވޭނެއް އިހުސާސުކުރަން ނުޖެހުމަކީ އިންސާނަކަށް ނުވުމެވެ. ކޮންމެ މީހަކަށް ވެސް އެކިއެކި ވޭންތައް ތަހައްމުލު ކުރަން ޖެހެއެވެ. އެއީ އިންސާނީ ކަމެކެވެ.
  5. މާތްﷲ އިންސާނާއަށް ދެ ކަންފަތާއި އެއް އަނގަ ދެއްވާފައި ވެއެވެ. އެކަމުގެ ހިކުމަތް ދެނެގަންނާށެވެ. އަޑު އެހުން ގިނަކޮށް ބަސް ބުނުން މަދުކުރާށެވެ.
  6. ލޮލަށް ނުފެންނަ ކަންކަން، ދުލުން އީޖާދު ކުރަން ނުހަދާށެވެ! ބުނާ އެއްޗެއް ބުނަންވާނީ ހެއްކާއި ގަރީނާ ހުރެގެންނެވެ. ހަމަ ހިތަށް ފެންނަ ގޮތަކަށް ނޫނެވެ.
  7. ތިމާއަށް ދިމާވާ ނުރަނގަޅު ކަންކަން ބަރުދާސްތުކުރަން ނޭނގޭ މީހާ، ރަނގަޅު ކަންކަން ދެކޭކަށް ދިރިއެއް ނުހުންނާނެއެވެ. ދެރަ ކަންކަމާއި ހިތާމަތައް ކުރިމަތިވުމުން، ޝަކުވާ ނުކޮށް ކެތްކުރަން ދަސްކުރާށެވެ. ދާދި އަވަހަށް އެކަންކަމަށް ނިމުން އައިސް، ހިތްހަމަޖެހުމާއި އުފާވެރިކަން ކުރިމަތިވާނެއެވެ.
  8. ދޮގުހަދައި ނުރަނގަޅު ގޮތެއްގައި ކަންތައްކޮށް ފައިދާ ހޯދުމަށް ވުރެ، ތެދު ބުނެ، ރަނގަޅަށް ކަންތައްކޮށް ގެއްލުމާ ކުރިމަތިލުން މޮޅު އިތުރުވެގެން ވެއެވެ. ދޮގު ހަދައި ނުރަނގަޅު ގޮތުގައި ކަންތައްކޮށްގެން ލިބޭ ފައިދާ ދެމިއެއް ނޯންނާނެއެވެ. ހަމަ އެހެންމެ، ތެދު ބުނެ، ރަނގަޅަށް ކަންތައް ކޮށްގެން ދާއިމީ ގެއްލުމެއް ވެސް ނުލިބޭނެއެވެ.
  9. ކަލޭގެ ދުޝްމަނާ ވެއްޓުމުން، އެކަމާ މެދު އުފާފާޅުކުރަން ނުހަދާށެވެ. ހަމަ އެހެންމެ، އޭނާ ނަގަން ދުވަން އަވަސް ވެސްވެ ނުގަންނާށެވެ. އޭނާގެ ކިބައިން ލިބިދާނެ ގެއްލުމަކަށްޓަކައެވެ. ވަގު ކަލޭގެ ގަޔަށް ބަޑިޖެހުމުން، ވެއްޓިގަނެ މަރުވީ ކަމަށް ހެދިގެން އޭނާ އޮވެއެވެ. ދެން، ސިފައިންގެ މީހާ އޭނާ ކައިރިއަށް ދިޔުމުން، ވަގުކަލޭގެ ސިފައިންގެ މީހާއާ ހަމަލަދީފާނެއެވެ.
  10. ފޮނި ރަހަލާ މީރު އެއްޗެއްގެ ގޮތުގައި އަބަދު ނުހުންނާށެވެ. އެހެން ހުރެއްޖެ ނަމަ، މީސްތަކުން ކަލޭ ކާލަފާނެއެވެ. ހަމަ އެހެންމެ، ހިތި ހަބަރެއް ފަދަ އެއްޗެއް ގޮތުގައި ވެސް ނުހުންނާށެވެ. އެހެން ހުރެއްޖެ ނަމަ، މީސްތަކުން ޖަހާ ކުޅުގަނޑެއް ފަދައިން، އެމީހުންގެ އަނގައިން ކަލޭ ނެރެ ބޭރުކޮށްލާނެއެވެ.
  11. މީހެއްގެ ކައިރީގައި މެހެމާނެއްގެ ގޮތުގައި މާ ގިނަ ދުވަހު ހުރުން ބުއްދިވެރިއެއް ނޫނެވެ. އެހެނީ ދެތިން ދުވަހަށް ފަހު، ރޯ މަސް ވެސް ކުނިވެ އެއިން ނުބައި ވަސް ދުވާފަދައިން، މެހެމާނާ ދެކެ، ފޫހިވެ، މެހެމާނުދާރީ އަދާ ކުރާ މީހާއަށް، 'މެހެމާނާގެ ގައިން، ނުބައި ވަސް' ދުވަން ފަށާނެއެވެ.
  12. ހެވެއް ލިބުން ހައްގުވާ ފަރާތަށް، އެކަން ފޯރުކޮށް ދިނުމުގެ ބާރެއް ކަލެއަށް ލިބިގެންވީ ނަމަ، އެކަން އެމީހަކަށް ލިބުނަ ނުދީ ނުހިފަހައްޓައްޗެވެ.
  13. އެންމެ ފުރަތަމަ އަމިއްލަ ނަފްސު އިސްލާހު ކުރާށެވެ. ދެން، އެއަށްފަހު، އެހެން މީހުން އިސްލާހު ކުރަން އުޅޭށެވެ.
  14. އުނގަންނައިދެމުން ދިޔަހެން ކަލެއަށް އުނގެނެވޭނޭ ވެސް މެއެވެ.
  15. މައިންބަފައިން އެމީހުންގެ ދަރިންނަށް ވާހަކަ ދައްކަން ދަސްކޮށްދެއެވެ. އެމީހުންގެ ދަރިން، މައިންބަފައިންނަށް ހަނުތިބެން ދަސްކޮށްދެއެވެ.
  16. ކަލެއަށް އިތުބާރުކޮށްގެން ކަލެއާ ކައިރީގައި އުޅޭ ކަލޭގެ އަވައްޓެރިޔާއަށް ގެއްލުން ދޭން ނޫޅޭށެވެ. ކަލޭމެން ދެމީހުން ވެސް ވަނީ އެކަކު އަނެކަކާ އެކުގައި އުޅެން ޖެހިފައެވެ. އެހެންވީމާ، ސުލްހަވެރިކަމާއި މަސަލަސްކަން މަތީ އަބަދުމެ އުޅެވޭތޯ ގަދައަޅާ މަސައްކަތްކުރުން ވަރަށް ވެސް މުހިއްމެވެ.
  17. ދުރުން ފެންނައިރު އެންމެ ވެސް ފެންނާނީ ރަނގަޅު މީހުންގެ ގޮތުގައެވެ. ނަމަވެސް ކައިރިވުމުން އެމީހުންގެ ހަގީގަތް އެނގި، އެމީހުން ގޯސްވާތަން ދިމާވެއެވެ.
  18. ހަމްދަރުދީ ވުމަކުން ބަނޑުހައިހޫނުކަން ފިލައެއް ނުދެއެވެ. ނަމަވެސް، ހަމްދަރުދީވުމުން، ބަނޑުހައިހޫނުކަން ތަހައްމުލުކުރަން ފަސޭހަވެއެވެ.
  19. ހެޔޮ ވާހަކަ ދައްކަމުން ދިޔުމަށް ވުރެ، ހެޔޮ ގޮތުގައި ހިމޭނުން ހުރުން އުނދަގުލެވެ.
  20. ވަފާތެރި ހެޔޮ ރަހުމަތްތެރިއެއް ލިބެއްޖެ މީހަކަށް އެ ލިބުނީ މާވަހަރެކެވެ.
  21. އޭނާއަށް ކުރިމަތިވާ ހުރިހާ ނުބައި ކަމެއްގެ ވާހަކަތައް ކަލެއަށް ކިޔައިދީ، އޭނައަށް ލިބޭ އުފާތަކުގެ ވާހަކަތައް ކަލެއަށް ސިއްރުކުރާ މީހާއަށް އެއްގޮތަކަށް ވެސް އިތުބާރު ނުކުރާށެވެ.
  22. ތަނެއްގައި މީހުން ގިނަވެގެން، އެތަން ހަލާކުވެ ނެތިގެން ނުދެއެވެ. ނަމަވެސް، އެ ތަނުގައި ނުމީހުން މީހުންނަށް ވުމުން، އެތަން ހަލާކުވެ ނެތިދާން މާ ގިނަދުވަހެއް ނުނަގާނެއެވެ.
  23. ފާފަވެރި އަމަލުތަކަށް އަރައިގަތުމަށް ބިރުވެތިވެ، އަދި، ލަދު ނުގަންނަ ނަމަ، އެފަދަ އަމަލުތަކަށް އަރައިގަތުން ދާދި ފަސޭހަވެދެއެވެ.
  24. އުމުރުން ދުވަސް ވަމުން ދިޔަވަރަކަށް އިންސާނާގެ ލޮލުގެ ފެނުން ކޮށިވަމުން ދެއެވެ. ނަމަވެސް، ގިނަ ކަންކަން އޭނާއަށް ފެންނަ ގޮތް ވެސް މެދުވެރި ވެއެވެ.
  25. ބޭނުން ކަމެއް ކުރަން ދޫކޮށްލެވިފައި އޮންނަ ނުލަފާ އަތަކަށް ވުރެ، މިނިވަންކޮށް، ދޫކޮށްލެވިފައިވާ ޒިންމާދާރު ކުޑަ ދުލުގެ ނުބައިކަން ވަކިން ކުޑައެއް ނޫނެވެ.
  26. ފައިސާ ނެތިގެން އެންމެން ވެސް ޝަކުވާ ކުރެއެވެ. ނަމަވެސް، ފައިސާ ހޭދަ ކުރާނޭ ރަނގަޅު ގޮތް ކަނޑައަޅާނޭ ސިކުނޑިއެއް ނެތިގެން އެކަކުވެސް ޝަކުވާއެއް ނުކުރެއެވެ.
  27. ހީ އުފާ ފާޅުކުރަމުންދާ ބައެއްގެ ތެރޭގައި ރޯން ނުއިންނާށެވެ! ހަމަ އެހެންމެ، ރޮއި ހިތާމަކުރާ ބައެއްގެ ތެރޭގައި ހީ އުފާކޮށް ނުހަދާށެވެ.
  28. އޯގާތެރި މީހަކީ ދުރު ހިލޭ މީހުންގެ ކުރިމަތީ އަބަދު ހިނިތުންވާ މީހާއެއް ނޫނެވެ. އެއީ ދާދި ފަސޭހަ ކަމެކެވެ. ނަމަވެސް، އޯގާތެރި މީހަކީ ގާތް ތިމާގެ މީހުންގެ ކުރިމަތީ އަބަދު ހިނިތުންވެ ހުންނަ މީހާއެވެ. އެއީ ވަރަށް ވެސް އުނދަގޫ ކަމެކެވެ.
  29. ހަޔާތުގެ އަސާސީ މަގުސަދަކީ އެހެން މީހުންނަށް އެހީވުމެވެ. އެކަން ނުކުރެވޭ ކަމަށް ވަންޏާ މީސްތަކުންގެ ހިތްތަކަށް ތަދުވާ ކަންކަން ކުރުމުން ދުރުހެލިވާށެވެ.
  30. ނާކާމިޔާބު ވެދާނެތީ ބިރުނުގަނެ، އަދި ކަލޭގެ ހުވަފެންތައް މަތިން ހަނދާން ނައްތާ ނުލައި، އެ ހުވަފެންތައް ހަގީގަތަކަށް ހަދާލުމަށްޓަކައި ގަދައަޅާ މަސައްކަތްކުރަމުން ގެންދާށެވެ! ބައެއް ފަހަރު ނާކާމިޔާބުވާތަން ވެސް އަންނާށެވެ. އެއީ ކާމިޔާބުވުމުގެ ކޮޅުމައްޗެވެ.