Support Us

ކޮލަމް: އަލި

ހެޔޮ ކަން މިނަންވާނީ ހެޔޮ ކަމުންނެވެ.

އާދަޔާ ޚިލާފު އާލާސްކަންފުޅެއް ރަސްގެފާނަށް ޖެހުނެވެ. ދެއްވާނޭ ފަރުވާއެއް އެނގިލެއްވި އެއްވެސް ހަކީމަކު މުޅި ބަޣުދާދުންނާއި ދުނިޔޭގެ އެއްވެސް ތާކުން ލިބިވަޑައިނުގަތެވެ. ރަމަލު ޖަހާ މީހަކު ޖެހި ރަމަލަކުން ދުނިޔޭގެ އެކަހެރި ހިސާބެއްގައި ހުންނެވި ހަކީމަކަށް ރަސްގެފާނުގެ އާލާސްކަންފުޅަށް ފަރުވާކުރެއްވި ދާނެ ކަމަށް ދެންނެވިއެވެ. އެ ބޭކަލަކު ގެންނެވުމުން އެކަން މައްޗަށް ރުހި ފަރުވާގެ އިޖުރާއަތުތައް ކަނޑައަޅުއްވައި މަސައްކަތްކުރިޔަށް ގެންދެވިއެވެ. ހަކީމުގެ ލައްކަ މަސައްކަތާއި ހިތްވަރުން ރަސްގެފާނުގެ އާލާސްކަންފުޅު މުޅީން ފިލާއްޖެއެވެ.

އައު ދުވަހެއްގެ އުފާވެރި ހެނދުނެކެވެ. ހަކީމު އޭނާގެ ރަށަށް ދުރުވާ ވަގުތު ވެސް ޖެހިއްޖެއެވެ. ރަސްގެފާނު ވިދާޅުވިއެވެ. އަހުރެންނަށް ޖެހުނު ބޮޑު މުސީބާތުން އަހުރެން ސަލާމަތްކޮށްދެއްވި ކަމަށް ޓަކައި ޝުކުރު ދަންނަވާން ވީ ގޮތެއް ވެސް ނޭނގެއެވެ. ހަކީމު ބޭނުންވެލައްވާ ކަމެއް ބުނުއްވާށެވެ. ރަސްގެފާނު މިހެން ވިދާޅުވުމުން ހަކީމު ދެންނެވިއެވެ. ރަަސްގެފާނުގެ އަރިހުން އެންމެ ކަމެއް މެނުވީ ބޭނުމެއް ނޫނެވެ. ރަސްގެފާނު ވިދާޅުވިއެވެ. ބުނުއްވާށެވެ. އަހުރެންގެ ހެޔޮކަމާއި އިހުސާންތެރިކަން ހަކީމަށް ޓަކައި ފިދާއެވެ. ހަކީމު ދެންނެވިއެވެ. ރަސްގެފާނަށް ޖެހުނު މުސީބާތުން ފިއްލެވީ ހުސްޠާހިރުވަންތަ މާތްރަސްކަލާނގެއެވެ. އެކަލާނގެއަށް ޝުކުރުކުރެއްވުމުން އަހުރެންގެ އަގު އަދާކުރެއްވުނީއެވެ.

ރަސްގެފާނުގެ ހިތްޕުޅަށް އެރިއެވެ. މިއީ އަނެއްކާ ކޮންކަހަކަ އިންސާނެއްބާވައެވެ! މީނާ ދުނިޔޭގައި ހުރެއްޖެ ނަމަ މީނާގެ އިލްމާއި ހިކުމަތުގެ ސަބަބުން އަހުރެންގެ ވެރިކަމާއި އަހުރެންންގެ ޖާހުގެ މައްޗަށް ވެސް އިސްވެދާނެއެވެ. މީނާ ވާނީ ގަތުލުކުރާށެވެ. މިހެން ހިތްޕުޅަށް އެރުމާއެކު ކަނޑިކޮޅު އުރައިން ނަންގަވައި ހަކީމުގެ ކަނދުރާމައްޗަށް ދަންމަވައިލެއްވިއެވެ. އެ ވަގުތު ހަކީމު ދެންނެވިއެވެ. ރަސްގެފާނުގެ ނިޔަތްޕުޅު އަޅުގަނޑަށް މާކުރިން ވެސް އެނގެވެ. ތިޔަ މަގުން ކަން ކުރައްވާށެވެ. ހެޔޮކަމުގެ ބަދަލަކީ ހެޔޮކަން ކަމުގައި ނުދަންނަ ވެރީންގެ ކިބަޔަކުން މުސީބާތެއް ދުވަހަކުމެ ފިލައި ނުމެދާހުއްޓެވެ. ހަކީމު މިހެން ބުނުއްވިތާ ހިނދުކޮޅެއް ނުވެއެވެ. އިހު ޖެހުނު އާލާސްކަންފުޅުގެ ވޭންވަރުގައި ރަސްގެފާނަށް ކެތްކުރައްވަން ދަތިފުޅުވެގެން ހަކީމުގެ ދެފައިތިލަ މައްޗަށް ތިރިވެވަޑައިގެން ވެއްޓިވަޑައިގަތެވެ.

ތެދެކެވެ. ހެޔޮކަމުގެ ބަދަލަކީ ހެޔޮކަމެވެ. އެ ކަން ނުދަންނަ ކޮންމެ އިންސާނަކުމެ އޭނާގެ އަޖަލަށް ދާންދެން ހިތްދަތިކަމާ އެކު ކެކުޅެއެވެ. އާދެހެވެ. ހެޔޮ ކަން މިނަންވާނީ ހެޔޮ ކަމުންނެވެ.