Support Us

އާދަމްގެފާނާއި އިބުލީސްގެ ވާހަކައިން ވެއްޓުން- 3

ކިބުރުވެރިކަމާއި ބޮޑާކަން އިސްކޮށްގެން އިބުލީސް ވެއްޓުނީ ވަރަށްގިނަ ކަންކަން ކޮށްގެންނެވެ. އިބިލީހަށް ވިސްނު ނުގޮތުގައި ފަހަކީ ނުވަތަ މަށްޓަކީ ވަރަށް ދެރަ އެއްޗެކެވެ. އެހެންވެ ފަހުން އުފައްދަވާފައިވާ މަޚުލޫގަކަށް ސަޖިދަކުރަން އޭނާ ދެކޮޅު ހެދިއެވެ. އެކަމަކު އޮތީ އެހެން ނޫންކަން ވިސްނާލި ކޮންމެ މީހަކަށް އެނގޭނެއެވެ.

ބިމުގައިވާ ފަހުގެ މޮޅުކަމާމެދު ވިސްނާލަމާ ހިނގާށެވެ. މިބިމުގައި ﷲ އަޖާއިބުން ފުރިފައިވާ ރީތިކަން ލެއްވިއެވެ. އެހުރިހާ ރީތިކަމެއް ކަހަލަ ގޮތަކަށް މިއަންނަނީ ގަސްގަހާ ގެއްސާއި މާމެލާމެއްޔާއި ޖަނަވާރު ސޫފާސޫފިންނެވެ. ގަސްގަހާގެހި ފަޅަނީ ފަހުންނެވެ. އެތަކެއްޗަށް ފަސްގަނޑުގައި ދިރުންދެނީ ފެނެވެ. ޖަނަވާރު ސޫފާސޫފީގެ އެތައް ބާވަތެއް ހެއްދެވީ ފަހުންނެވެ. އެސޮރުމެންގެ ކާނާ އަންނަނީ ފަސްގަނޑުގައި އުފެދޭ ބާވަތްތަކުންނެވެ. އެހެންވެ ދުނިޔެއަށް ލިބިފައިވާ ރީތިކަމުގެ އެންމެބޮޑު ހިއްސާއެއް ކުރަނީ ފަސްގަނޑެވެ. ފަސްގަނޑަށް ފެން ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއެވެ. ކަންމިހެން ހުރިއިރު ފަހަކީ ދެރަ އެއްޗެއް ކަމަށް ބަލާނެ ބުއްދީގެ ހަމައެއްނުވެއެވެ. އެކަމަކު އިބިލީހަށް ފެނުނީ ފަސް ދެރަ އެއްޗަކަށެވެ.

އިންސާނުންގެ ކިބައިގައިވާ ގިނަގުނަ ތަފާތުތަކާއި މިބިމުގައިވާ ފަސްގަނޑާ ގުޅިލާމެހިފައިވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވި ކަމަށް އަބޫ މޫސާ އަލްޝަރާއި ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. ﷲ އިންސާނާ އުފެއްދެވީ މިދުނިޔޭގެ ތަފާތު ބިންތަކުގައިލެއްވި ފަހުންނެވެ. އެހެންވެ އާދަމްގެ ދަރިންގެ ތެރޭގައި ދޮން މީހުންނާއި ރަތް ދޮން މީހުންނާއި ކަޅު މީހުންނާއި ރީނދޫ މީހުންވެއެވެ. އެމީހުންގެ މެދުގައި ރަނގަޅާއި ނުބައި ފަސޭހައާއި ހިތާމަ އެފަދަ ހުރިހާ ކަމެއްވެއެވެ. އެހެންކަމުން އިންސާނުންގެ މެދުގައި ހުރިހާ ވައްތަރެއްގެ މީހުން އުޅުމަކީ ފިޠުރަތުގެ އުސޫލުކަމުގައި ބަލަންޖެހެއެވެ. ޖިސްމާނީ ތަފާތުތަކުގެ އިތުރަށް ޠަބީޢަތުގައިވެސް ހުރިހާ ވައްތަރެއްގެ ތަފާތު އެމީހުންގެ ކިބައިން ފެނެއެވެ. އެގޮތުން މަޖަލުގައި އުޅޭ މީހުންނާއި އުފަލުގައި އުޅޭ މީހުންނާއި ހިތާމައިގަ އުޅޭ މީހުންނާއި ރުޅިވެރިކަމުގައި އުޅޭ މީހުންވެސްމެއެވެ.

ދުނިޔެ ފަސާދަކުރުމާއި ލޭއޮހޮރުމާ ގުޅޭގޮތުން މަލާއިކަތުން ދެންނެވި ވާހަކަފުޅަށް ﷲ ދެއްވި ޖަވާބުން މުހިންމު މެސެޖެއް ލިބެއެވެ. އެއީ މާޒީގައި ހިނގި ނުބައިކަން މުސަތްގުބަލުގައި ހިނގާނެ ކަމަށް ކޮންމެހެން ބަލަންނުޖެހޭކަމެވެ. އަދި ގަބޫލުކުރަންޖެހޭ ހަގީގަތަކީ މާޒީގެ ނުބަޔަށް ރިއާޔަތްކޮށް މުސްތަގުބަލުގައިވެސް ނުބައިވާނެ ކަމަށް ހުކުމްކުރަން ނުޖެހޭކަމެވެ. މިކަމުން ލިބޭ އަނެއް މެސެޖަކީ އާދަމްގެދަރިން ރަނގަޅުކަންތައް ކުރާނެކަމެވެ. މަލާއިކަތުން ހީކުރެއްވީ ޖިންނީން ފަސާދަކުރިފަދައިން އިންސީންވެސްކުރާނެ ހަމައެކަނި ކަމަކީ ފަސާދަކޮށް ލޭއޮހޮރުވުމެވެ. މިހާރުވެސް އަހަރެމެންގެ ތެރެއިން އެތައް ބަޔަކު ވިސްނުން ގެންގުޅެނީ މިގޮތަށެވެ. ކުރީގައި އޮތީ ނުބައިކޮށް ކަމަށްވާނަމަ ދެންވެސް އޮންނާނީ ނުބައިކޮށް ކަމަށް ހީކުރުމެވެ. އެގޮތުން މީހުން ކާފަރުކޮށް މީހުން ރަނގަޅުނުވާނެ ކަމަށް ނިންމުމަކީ އިންސާނުންގެ ކިބައިގައި ހުރި އާދައެކެވެ.

ލޭއޮހޮރުވަފާނެ ކަމަށް މަލާއިކަތުން ހީކުރެއްވި އިންސާނާއަށް ބަލާލަން ހިނގާށެވެ. ޤިޔާމަތް ދުވަހު ﷲ، ރަސޫލުﷲ ގެފާނަށް މަޤާމުލް މަހުމޫދުގެ ދަރަޖަ ދެއްވައެވެ. މި މަޤާމުގައި ﷲ ގެ އިޒުނަފުޅާއެކު އެއްވެސް މަޚުލޫޤަކު ﷲ އަށް ޙަމްދުކުރައްވައި ތަސްބީހަ ދަންނަވައި ތަޤުދީސްނުކުރައްވާ ވަރަށް އެކަލޭގެފާނު ﷲ އަށް ތަޢުރީފްކުރައްވާނެއެވެ. ޚުދް މަލާއިކަތުންނަށްވުރެވެސް މާ ފުރިހަމައަށް އެކަލޭގެފާނު ﷲ އަށް ޙަމްދުކުރައްވާނެއެވެ. މިއީ މަލާއިކަތުންނަށް އޭރު އެނގިވަޑައިނުގަންނަވާ ކަންކަމެވެ. މި ބިމުގައި ރެޔާއި ދުވާލު އިންސާނުން ﷲ އަށް ޙަމްދުކުރެއެވެ. އެމީހުން ﷲ އަށް ތަސްބީޙަ ދަންނަވައި ޒިކުރުކުރެއެވެ.

ﷲ ގެ އަމުރުފުޅަށް އާދަމްގެފާނު މަލާއިކަތުންނަށް ނަންތައް ދަސްކޮށްދެއްވިއެވެ. މިއީވެސް މުހިންމު މެސެޖުތަކެއް ލިބިދޭ ޢިބުރަތްތެރި ވާހަކައެކެވެ. މިކަމުން ލިބޭ އެއް މެސެޖަކީ އިންސާނުންގެ މާތްކަމާއި މަތިވެރިކަމެވެ. އޭނާ ކޮންމެ ގަބީލާއަކަށް ކޮންމެ ނަސްލަކަށް އަދި ކޮންމެ ދީނަކަށް ނިސްބަތްވިއަސް ﷲގެ ޙަޟުރަތުގައި އިންސާނާގެ މާތްކަން ނުކެނޑޭނެކަމެވެ. އެހެންކަމުން އަހަރެމެން ކުރާ މުއާމަލާތްތަކުގައި މިކަމަށް ސަމާލުވާންޖެހެއެވެ. އެކެއް އަނެކާއަށް އިޙުތިރާމްކޮށް ކަމޭހިތަންޖެހެއެވެ. އިންސާނީ ކަރާމަތް ހިފަހައްޓަންޖެހެއެވެ. މީހުންނަށް ފުރައްސާރަކޮށް މީހުން ފަޟިހަތްކުރުމަކީ އިންސާނުން ކުރަންޖެހޭ ކަންކަމެއްނޫނެވެ. އިންސާނާގެ އަގާއި މާތްކަން ގެއްލިދާގޮތަކީ އޭނާ އިބިލީހަށް ހެއްލުމެވެ. އަދި އިބިލީހުގެ މަޅީގައި ހުރެ މިދުނިޔެއިން ވަކިވުމެވެ.

ﷲ އަށް އެއްވެސް ކަމެއް ސިއްރުކުރައްވައި ފޮރުއްވުމަކީ މަލާއިކަތުންގެ ސިފަފުޅެއްނޫނެވެ. އެކަމަކު އެބެއިކަލުންނާ މުޚާޠަބުކުރައްވައި ﷲ ވަޙީކުރެއްވީ އެބެއިކަލުން ސިއްރުކުރާ ކަންތައްވެސް ﷲ ދެނެވޮޑިގެންވާ ވާހަކައެވެ. މިކަމުން މަލާއިކަތުންނަށް ސިހުން ލިބިވަޑައިގަންނާނެ ކަމެކެވެ. އެއީ އެބެއިކަލުން އެއްވެސް ކަމެއް ސިއްރުނުކުރައްވާތީއެވެ. ޙަޤީޤަތުގައި ﷲ ގެ ބަސްފުޅު އަމާޒަކީ އިބުލީސްއެވެ. އެބެއިކަލުންގެ ތެރޭގައި އޭނާ އިންއިރު އޭނާ ހިތުގައި ފޮރުވި ބޮޑާކަމާއި ކިބުރުވެރިކަމުގެ ޝުޢޫރުތައް ﷲ ފާޅުކޮށްދެއްވީއެވެ. އާދަމްގެފާނު އުފައްދަވާކަން އިޢުލާންކުރެއްވުމުން ހުރިހާކަމެއް ފޮރުވައިގެން އިބުލީސް ހުރީ ހަނުއެވެ. އަދި އެކަލޭގެފާނު އުފެއްދެވުމުގެ މާކުރިން އެކަމުގެ އިއުލާނާއެކު އެކަލޭގެފާނުގެ މައްޗަށް އޭނާ އަދާވާތްތެރިވިއެވެ. މިއީ އަހަރެމެން މުސްލިމުންގެ ހަނދާނުގައި އަބަދު ބަހައްޓަންޖެހޭ ކަމެކެވެ.

ދެން އައީ އާދަމްގެފާނަށް ސަޖިދަކުރުމުގެ އަމުރުފުޅެވެ. ސަޖިދަކުރެވެނީ ﷲ ގެ ޙަޟުރަތުން އަންނަ ކޮންމެ އާދަޔާޚިލާފް މޮޅަކަށެވެ. ﷲ ޚަލްޤުކުރެއްވި މަޚުލޫޤުންގެ ތެރޭގައި އެންމެ ފުރިހަމަ މަޚުލޫޤަކީ އިންސާނާއެވެ. ﷲ ގެ ރޫޙުފުޅުން އޭނާއަށް ފުރާނަ އެޅުއްވުނު ހިނދު އެންމެ މާތް މަޚުލޫޤަކަށްވެސް އޭނާވިއެވެ. އެހިނދު ދެންތިބި ހުރިހާ މަޚުލޫޤުންނަށް އޮތީ އާދަމްގެފާނަށް ސިޖިދަކުރުމެވެ. އެހެންވެ އެކަން އެގޮތަށް ކުރެއްވުމަށް އަމުރުކުރެއްވުމުން އިބުލީސް އެކަމަށް އިންކާރުކުރިއެވެ. އޭނާގެ ރައްބުއަށް އޭނާ އުރެދުނީ ކިބުރުވެރިކަމާއި ގޮތްދޫނުކުރުން އިޚުތިޔާރުކޮށްގެންނެވެ. އޭނާގެ ވެއްޓުން އައީ އޭނާގެ އަމިއްލަ އިޚުތިޔާރުންނެވެ. އާދަމްގެފާނުގެ ސަބަބުން ނުވަތަ އެކަލޭގެފާނު ކުރެއްވި ކަމަކުންނޫނެވެ.

މައުލޫމާތުގެ މަސްދަރު: ނުޢުމާން ޢަލީ ޚާން، ބައްޔިނާ ޓީވީ