Support Us

އާދަމްގެފާނާއި އިބުލީސްގެ ވާހަކައިން ވެއްޓުން- 2  

އިބުލީހުގެ ވެއްޓުން އިބުލީސް ހޯދި ގޮތާމެދު ފިކުރުކުރަމާ ހިނގާށެވެ. އާދަމްގެފާނު އުފައްދަވަން ﷲ އިޢުލާންކުރެއްވުމުން މަލާއިކަތުން އެކަމާ ކަންބޮޑުވެވަޑައިގެން ﷲ އަށް ޝަކުވާދެންނެވިއެވެ. އެއީ ފުރަތަމައަށް ދުނިޔެ ފަސާދަވިފަދައިން ދެވަނަ ފަހަރަށް ދުނިޔެ ފަސާދަވެދާނެތީއެވެ. ފުރަތަމަ ﷲ ބިމުގައި ލެއްވީ ޖިންނިއެވެ. ޖިންނީން ތަޅާފޮޅާ ހަނގުރާމަކޮށް ލޭއޮހޮރުވައި ބިމުގައި ފަސާދަކުރިއެވެ. ނަތީޖާއަކަށްވީ ﷲ މަލާއިކަތުން ފޮނުއްވައި ދުނިޔޭގައި ސުލްހައާއި އަމާންކަން ގާއިމުކުރެއްވުމެވެ. މަލާއިކަތުން ތާއަބަދު ﷲ އަށް ޙަމްދުކުރައްވައި ތަސްބީހަ ދަންނަވައި ތަޤުދީސްކުރައްވަނިކޮށް ދުނިޔެ ފަސާދަވުމަކީ އެބެއިކަލުން އެދިވަޑައިގަންނަވާ ގޮތެއްނޫނެވެ. އެބެއިކަލުން ދެކެވަޑައިގަތީ ﷲ އިޚުތިޔާރު ދެއްވާފައި މަޚުލޫގުންތަކެއް ބިމުގައި ލައްވައިފިނަމަ އެބަޔަކު ފަސާދަކުރާނެކަމަށެވެ. އެއީ ޖިންނީންވެސް ލޭއޮހޮރުވައި ދުނިޔެ ފަސާދަކޮށްފައިވާތީއެވެ.

ކީރިތި ޤުރްއާނުގެ ނަޒަރުން މަލާއިކަތުންނަށް ބަލާއިރު އެބެއިކަލުންނަކީ ﷲ އާ އެއްވެސް ސިފައެއްގައި ޖަދަލުކުރާ ބެއިކަލުންނެއްނޫނެވެ. އޭގެ ބަދަލުގައި އެބެއިކަލުންގެ ދައުރަކީ ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިވުމެވެ. ﷲ އަމުރުކުރެއްވި ކޮންމެ ކަމެއް ވަގުތުންކުރެއްވުމެވެ. ﷲ ނާންގަވާ އެއްވެސް ކަމެއް އެބެއިކަލުން ނުކުރައްވައެވެ. އެކަމަކު މަލާއިކަތް ބޭކަލުން ﷲ އަށް ސުވާލު ދަންނަވައެވެ. ސުވާލުކުރެއްވުމަކީ އެއްވެސް ހާލެއްގައި ނުކިޔަމަންތެރިކަމެއްނޫންކަން ބަޤަރާ ސޫރަތުން އަހަރެމެންނަށް ކަށަވަރުވެއެވެ. ނުކިޔަމަންތެރިކަމަކަށްވަނީ ސުވާލުކުރާ ގޮތާއި ވައްޓާފަޅިއެވެ. އަދި ކުރާ ސުވާލުގެ ބާވަތެވެ. އިބިލީހުގެ އަމަލުގައި ހުރީ ނުކިޔަމަންތެރިކަމާއި ކިބުރުވެރިކަމެވެ.

މަލާއިކަތުންނާއި އިބުލީސް ﷲ އަށް ސުވާލުދެންނެވިއެވެ. އެކަމަކު މިދެފަރާތުގެ ސުވާލުކުރުމުގައި ހުރި ތަފާތު ވަރަށްބޮޑެވެ. މަލާއިކަތުން ސުވާލުކުރެއްވީ ﷲ ގެ މާތްކަމާއި މަތިވެރިކަން ދަމަހައްޓަމުންނެވެ. އެކަމަކު އިބުލީސް ސުވާލުކުރީ ﷲ ކުށްވެރިކުރަމުންނެވެ. އެހެންކަމުން މިދެފަރާތުގެ ތަފާތަކީ ކަންކުރިގޮތް ނުވަތަ އެޓިޓިއުޑްއެވެ. އިބުލީސް ޝައިޠާނަކަށްވީ ކޮންމެހެން އޭނާ އަލިފާނުން ހައްދަވާފައިވާތީއެއް ނޫނެވެ. އެކަމަކު އޭނާ ކުށްވެރިއަކަށްވީ އޭނާ ކަންކުރިގޮތް ނުވަތަ އެޓިޓިއުޑްހުރި ގޮތުންނެވެ. އެހެންވެ ސުވާލުކުރާ މީހާ ކަށަވަރުކުރަންޖެހޭ ކަމަކީ ﷲ އަށް ހުރި ޙަމްދާއި ތަސްބީޙްއާއި ތަޤްދީސްއަށް އުނިކަމެއް ނާންނަގޮތަށް ސުވާލުކުރުމެވެ. މިކަމުން ދޭހަވާ އެއްކަމަކީ މިދުނިޔޭގައި ކޮންމެ މީހަކަށްވެސް ކޮންމެ މީހަކާ ސުވާލެއް ކުރެވިދާނެކަމެވެ. އެކަމަކު އެކަންކުރަންވާނީ އިހުތިރާމާއެކު ރީތިކޮށްކަމެވެ.

މިހާހިސާބުން ތަސްބީހަޔަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. އަހަރެމެންނަށް ތަސްބީހައަކީ ސުބުޙާނަﷲ، އަލްޙަމްދުލިﷲ، ނުވަތަ ﷲ އަކުބަރު މިއިން ކަލިމައެކެވެ. ޢަރަބި ބަހުގައި ތަސްބީހަ މިބަހުގެ މާނަޔަކީ ކުފުރުގެ ބަހެއް ބޭނުންކުރެވިދާނެ ކަމުގެ ބިރަށްޓަކައި ނުވަތަ އެފަދަ ބަހެއް އިވިދާނެކަމުގެ ބިރަށްޓަކައި ބޭނުންކުރާ ބަހެވެ. މިސާލަކަށް މީހަކު ބުނަނީ ﷲ އަށް ދަރިކަލަކު ލިބިވޮޑިގެންވެއެވެ. މިއީ ކުފުރުގެ ބަޔާނެކެވެ. އެހިނދު އެކަމުން ﷲ ޠޯހިރުވެވޮޑިގަންނަވާކަން އެންގުމަށްޓަކައި ބުނާނީ ސުބުޙާނަﷲ އެވެ. މާނަޔަކީ ﷲ ގެ މަތިވެރިކަމާއި ފުރިހަމަކަން މާބޮޑެވެ. ﷲ ގެ ޒާތުފުޅާ އެކަށީގެންނުވާފަދަ ކޮންމެ ބަހަކަށް އޮންނަ ރައްދަކީ ތަސްބީހައެވެ. މަލާއިކަތުން ﷲ އަށް ސުވާލުދެންނެވީ ޙަމްދުކުރައްވައި ތަސްބީޙަ ދަންނަވައި ތަޤުދީސްކުރައްވަމުންނެވެ.

ކޮންމެއަކަސް މަލާއިކަތުންގެ ސުވާލާއި ކަންބޮޑުވުމަށް ﷲ ޖަވާބުދެއްވީ ސާފުކޮށް ސާދާކޮށެވެ. މަލާއިކަތުންނަށް އެނގިވަޑައިނުގަންނަވާ ކަންކަން އެކަލާނގެ ދެނެވޮޑިގެންވާކަމަށް އެންގެވިއެވެ. ﷲ އެބެއިކަލުންނަށް ދެއްވި ޖަވާބުން ދޭހަވާ އެއް މެސެޖަކީ އިންސާނާ އަދި ނުވެސް ހައްދަވަނީސް އިންސާނާ ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން ﷲ ފިޔަވައި އެހެން ފަރާތަކަށް ނޭނގޭނެކަމެވެ. އަދި އިންސާނާ ޚަލްޤުކުރައްވަން ނިންމެވި ނިންމެވުމާމެދު، އިންސާނާ ޚަލްޤުނުކުރައްވަނީސް މާއަވަހަށް ހުކުމްކުރަންނުވާނެކަމެވެ. އެހިނދު މަލާއިކަތުން އެއްވެސް ސުވާލުކުރުމަކާނުލާ ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިވެވަޑައިގެން ތަސްބީޙައިގަ ތިއްބެވިއެވެ.

ދެން ﷲ އަންގަވަނީ އެކަލާނގެ ޚަލީފާއެއްކަމުގައި ލެއްވި އާދަމްގެފާނަށް ހުރިހާ ނަމެއް އުނގަންނައިދެއްވި ވާހަކައެވެ. ޢަރަބި ބަހުގައި އަސްމާ މިބަހުގެ މާނަޔަކީ ހަމައެކަނި ނަމެއްނޫނެވެ. އެކަމަކުވެސް ސިފަވެސް މެއެވެ. މިސާލަކަށް ﷲ ގެ ނުވަދިހަނުވަ ނަންފުޅަކީ އެއިލާހުގެ ސިފަފުޅުތައްވެސްމެއެވެ. އާދަމްގެފާނަށް ހުރިހާ ނަމެއް އުނގަންނައިދެއްވުމުން ކުރެވޭ އެއް މާނަޔަކީ އެކަލޭގެފާނަށް ހުރިހާ ބަހަކާއި ހުރިހާ ސިފަތަކެއް އުނގަންނައިދެއްވިކަމެވެ. އަދި އިންސާނުން ވާހަކަދައްކާ ހުރިހާ ބަހެއް އައިސްފައިވަނީ ﷲ ގެ ޙަޟުރަތުންކަމެވެ. އެހެންވެ ކޮންމެ ބަހަކީ އަހަރެމެން އިހުތިރާމްކުރަންޖެހޭ ބަހަކަށް ބަލަންޖެހެއެވެ. އެއީ މަލާމާތާއި ފުރައްސާރަ ރައްދުކުރަންޖެހޭ އެއްޗެއްނޫންކަންވެސް ދަންނަންޖެހެއެވެ.

އާދަމްގެފާނަށް ﷲ ހުރިހާ އެއްޗެއް އުނގަންނައިދެއްވިއެވެ. މިއަދު އިންސާނުން މިދެކޭ ކުރިއެރުމާއި ތަރައްގީގެ ފެށުމަކީ އާދަމްގެފާނުގެ ފުށުން އަހަރެމެންނަށް ނަގުލުވި އުނގެނުމެވެ. އަހަރެމެން ތަފާތު ޢިލްމުތައް ނުވަތަ ސައެންސްތަކުން ތަޢުލީމް ހާސިލުކުރަމުންދަނީ އާދަމްގެފާނު އެޅުއްވި ބިންގަލުގެ މަތީގައެވެ. އިންސާނުންގެ ކޮންމެ ޖީލަކުން އައީ ތަޢުލީމަށް ޚިދުމަތްކޮށް ތަޢުލީމު ކުރިއަރުވަމުންނެވެ. އެކަލޭގެފަނު ފެއްޓެވި ތަޢުލީމުކުރިއަރަމުން އައިސް މިހާރު މިއޮތީ އޭގެ އެންމެ މަތީ މަރުހަލާގައެވެ. އާދަމްގެފާނަށް ﷲ ދެއްވި ޢިލްމުން އެނގޭ އެއްކަމަކީ އެކަލޭގެފާނަށް ފުރަތަމަ ލިބިވަޑައިގަތީ ދުނިޔަވީ ނުވަތަ ސެކިއުލަރ ޢިލްމުކަމެވެ. އެހެންކަމުން ދުނިޔެ އާރާސްތުކުރަން ބޭނުންވާ ސައެންސާ ނުވަތަ ޢިލްމާ ދެކޮޅަށް ވާހަކަދެއްކުމަކީ މުސްލިމުން ކޮށްގެންވާނެކަމެއްނޫނެވެ.

ﷲ ގެ ވަޙީ ބަސްފުޅާމެދު ތަދައްބުރުކުރުމުން ލިބޭ މުހިންމު މެސެޖެއްވެއެވެ. އެއީ ﷲ ޚަލްޤުކުރައްވާ އެންމެހައި އިންސާނުންގެ ނަން އާދަމްގެފާނަށް ﷲ އުނގަންނައިދެއްވިކަމެވެ. އަދި އެމީހުންގެ ސިފަތަކާއި މިޒާޖަށް ދާދެން ﷲ އެކަލޭގެފަނަށް އުނގަންނައިދެއްވިކަމެވެ. އެހެންވެ އެކަލޭގެފާނު ވަނީ ކުޅަދާނަ މޮޅު ޚަލީފާއަކަށެވެ. މިޒަމާނުގެ ބަހުންނަމަ އެކަލޭގެފާނަކީ ޖީނިއަސްއެކެވެ. އެކަލޭގެފާނު މިދުނިޔެ ދޫކުރައްވަމުން ޚަލީފާކަން އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ދޫކުރެއްވިއެވެ. ނަތީޖާއަކަށްވީ ހުރިހާ މާނައެއްގައިވެސް އިންސާނާ މޮޅު މީހަކަށްވުމެވެ. އަދުގެ އިންސާނާއަށް ލިބިފައިވާ މޮޅުގެ އަސްލަކީ އަހަރެމެންގެ ބަފައިކަލުން އާދަމްގެފާނަށް ﷲ ދެއްވި ޢިލްމެވެ. މިއީ ހަނދާނުގައި ބެހެއްޓުން މުހިންމު ނުކުތާއެކެވެ.

މައުލޫމާތުގެ މަސްދަރު: ނުޢުމާން ޢަލީ ޚާން، ބައްޔިނާ ޓީވީ