Support Us

ފޮޓޯއަކާއި އެއާ ބެހޭ ވާހަކައެއް

ފޮޓޯއިން ފެންނަން އެއިނީ އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރެއް ކަމުގައިވާ އިންދިރާ ގާނދީއެވެ. އޭނާގެ ހަށިފާރަވެރިއެއް ކަމުގައިވި ސިކުންގެ މީހަކު އޭނާގެ ގަޔަށް 1984ގައި ބަޑިޖަހާ އަނިޔާވެރި ގޮތުގައި އޭނާ އަވަހާރަކޮށްލިއެވެ.

ފޮޓޯއިން ފެންނަނީ އިންދިރާ ގާނދީ ކޮންމެވެސް އެއްޗެއް ފަރިއްކުޅުއްވަން އިންނަވަނިކޮށެވެ. ޚަބަރު ފަތުރާ އިޖުތިމާއީ ބައެއް ވަސީލަތްތަކުގެ މަންސަތަކުގައި އެނބުރެމުންދާ މި ފޮޓޯގައި ބުނަނީ އިންދިރާ ގާނދީ ފަރިއްކުޅުވަނީ މޫދުގައި ދިރިއުޅޭ ބާވަތެއްގެ ކޮންމެވެސް އެއްޗެއްކަމެވެ. އަދި، އެކަމުން އަންގައިދެނީ އިންދިރާ ގާނދީއަކީ ވެޖިޓޭރިއަންއެއް ނޫން ކަމެވެ. އަދި، ކިއެއް ހެއްޔެވެ؟ އޭނައަަކީ މުސްލިމެއް ކަމެވެ!!!

އެއްވެސް ޝައްކެއްނެތް ގޮތުގައި އިންދިރާ ގާނދީއަކީ މުސްލިމެއް ނޫނެވެ! ނަމަވެސް، މިފަދަ ތުހުމަތެއް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެފަދަ ވާހަކަތަކުގެ ބޭނުމަކީ އިންޑިޔާގައި މިވަގުތު ވެރިކަން ކުރާ ހައްދުފަހަނައަޅައިފައިވާ ހިންދީ ނަސްލީ ތައައްސުބުގެ ޖަމާއަތުގެ ސިޔާސީ ޕާޓީ ކަމުގައިވާ ބީ.ޖޭ.ޕީ.ގެ ވާދަވެރިން، އާދެ، ކޮންގްރެސް ޕާޓީ- އިންދިރާ ގާނދީގެ ވެސް ޕާޓީ- ބަދުނާމު ކުރުމެވެ. އިންޑިޔާގައި ސިޔާސީ ވެރިންނާއި އިދިކޮޅު ޕާޓީތައް ބަދުނާމުކުރުމަށްޓަކައި މިހާރު ގެންގުޅޭ އެއް އުކުޅަކީ މީސްތަކުންނާއި ޕާޓީތައް މުސްލިމުންނާ ގުޅުވާލުމެވެ! އާދެ، ހިންދީ ހައްދުފަހަނަ އަޅައިފައިވާ ނަސްލީ ބީ.ޖޭ.ޕީ.ގެ އެންމެ ނަފުރަތު ކުރާ އެއް ބަޔަކީ މުސްލިމުންނެވެ. (ދާދި ފަހުން ރާއްޖޭގައި އުޅޭ ބައެއް އިންޑިޔާގެ ބައެއް މީހުންގެ ފަރާތުން ވެސް މިކަމުގެ ހެކިތައް ފެނުނެވެ. މީގެ އެންމެ ފަހުގެ ހާދިސާއަކީ އިސްކޫލެއްގައި ކީރިތި ގުރުއާނާ ބެހޭ ގޮތުން އިންޑިޔާގެ ޓީޗަރަކު ދެއްކި ވާހަކައެވެ!)

ކޮންމެއަކަސް، ހައްގަށް ލޯބިކުރާ އިންޑިޔާގެ ބަޔަކު މި މައްސަލަ ތަހުގީގުކޮށް ފޮޓޯގެ ހަގީގަތް ބަޔާން ކޮށްދިނެވެ. ފޮޓޯގެ އަސްލު ގުޅެނީ ފިހެފައިވާ ޒުވާރި ކުރައެއް އިންދިރާ ގާނދީ ފަރިއްކުޅުވަން އިންނެވިތަނާއެވެ. ނަމަވެސް، ފަހުން، ކޮންގުރެސް ޕާޓީއަކީ މުސްލިމުންނާ ގުޅުން ބޮޑު ޕާޓީއެއްކަން ދެއްކުމުގެ ގޮތުން، ފޮޓޯގެ ހަގީގަތް ބަދަލުކޮށް، ހަގީގަތާ ޚިލާފު ވާހަކައެއް ދައްކަން ފެށީއެވެ. ތަންކޮޅެއް ކުރިން، އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާއަކީ ވެސް މުސްލިމެކޭ ކީ ގޮތަށެވެ! އަދި، ރާއްޖޭގައި ވެސް، މިއަދުގެ ސަރުކާރުގެ ނުކުޅެދުންތެރިކަން ފޮރުވައި ފޫބެއްދުމުގެ ގޮތުން، ކަންކަން އެހެން މީހުންގެ ބޮލަށް ފާކުރާ ފަދައިންނެވެ.

މިފަދަ އެހެން ކަމެއް ވެސް މިދޭތެރެއިން އިންޑިޔާގައި ހިނގިއެވެ. ދާދި ފަހުން އޮތް 20 އޯވަރުގެ ދުނިޔޭގެ ކުރިކެޓު މުބާރާތުގައި ޕާކިސްތާނު އަތުން އިންޑިޔާ ބަލިވުމުން، އެ ބަލިވުމުގެ އަސްލަކަށް، އިންޑިޔާގެ ޓިީމުގައި ހިމެނުނު މުސްލިމު ކުޅުންތެރިޔަކު ބަދުނާމުކުރުމުން، އޭނާ ދިފާއުކޮށް ވާހަކަ ދެއްކި މީހަކަށް ބިރު ދައްކައި އިންޑިޔާގެ ހައްދުފަހަނަ އަޅައިފައި ތިބި ބައެއް ހިންދީން ޓުވީޓެއް ކުރިއެވެ. އެ ޓުވީޓުގައި މި ބުނި މީހާގެ ނުވަ މަހުގެ އަންހެން ދަރިފުޅުގެ އިއްފަތް ފޭރިގަންނާނެ ވާހަކަ އޮތެވެ. (މި ވާހަކައާ ބެހޭ ލިންކް) ދެން، އެންމެ ފުރަތަމަ މި ޓުވީޓުގެ އަސްލު ޕާކިިސްތާނާ ގުޅުވާލިއެވެ. ނަމަވެސް، ފަހުން، އެނގުނީ މިކަމަކީ ޕާކިސްތާނާ ބެހޭ ކަމެއް ނޫންކަމާއި އިންޑިޔާގެ ހިންދީން ކުރި ކަމެއް ކަމުގައެވެ. މިތާނގައި ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބައޮތެވެ. ކުޅިވަރުގައި އެކި ފަހަރު މޮޅުވަނީ އެކި މީހުންނެވެ. އަދި މި ނަންގަތް މުބާރާތުގައި ޕާކިސްތާނު މޮޅުވިޔަސް، މި ދުވަސްވަރު، ޕާކިސްތާނުގެ ކުރިކެޓު ޓީމަށް ވުރެ، އިންޑިޔާގެ ޓީމު މޮޅުކަމުގައި ބެލެވެއެވެ. ނަމަވެސް، މިނަންގަތް މުބާރާތުގެ ސޫރަ ހަމަޖެހިފައި އޮތް ގޮތުން- 20 އޯވަރުގެ މައްޗަށް ބިނާވެފައި އޮތުމުން- ޕާކިިިސްތާނަށް މޮޅުވުމުގެ ފުރުސަތު ލިބުނީއެވެ!

މިނަންގަތް ދެ ހާދިސާއިން، މިވަގަތު އިންޑިޔާގެ ވެރިކަންކުރާ ޕާޓީގެ މީހުންގެ ހިތްތަކުގައި އިސްލާމް ދީނާއި އަދި މުސްލިމުންނާ މެދު އޮތް ނަފުރަތު ފެނެއެވެ. ފަހަރެއްގައި ވެސް، މިއީ އިންޑިޔާގެ އެންމެންގެ ގޮތެއް ނޫނެވެ. މިއީ މިވަގުތު ސިޔާސީ ބާރު އެބައެއްގެ އަތްމަތީ އޮތް މީހުންގެ ގޮތެވެ. މިކަން ފާހަގަކުރަނީ މުސްލިމުން އެކަންޏެއް ނޫނެވެ. ޚުދް އިންޑިޔާގެ ކަމުވޮށިގެންވާ މީހުން ވެސް މިކަން ފާހަގަކޮށް މިއީ ހިންދީ ދީނުގެ އަސްލު ސޫރައާ ގުޅޭ ކަމެއް ނޫންކަން ބަޔާންކޮށްދެއެވެ. މި ހަގީގަތް ބަޔާން ކޮށްދިނުމުގެ ގޮތުން އެންމެ ވަރުގަދައަށް ވާހަކަ ދައްކައި ލިޔެ އުޅޭ އެއް ބޭފުޅަކީ ޔޫ.އެން.ގެ ކުރީގެ އަމީން އާންމުގެ ނައިބުކަން ކުރެއްވި ޝަޝީ ތަހރޫރު އެވެ. އޭނާގެ 'ވައި އައި އޭމް އަ ހިންދޫ' މި ފޮތާއި އަދި ބައެއް މުހާޟަރާތައް ބަލާލުމުން (ޔޫޓިިއުބްއިން ފެންނަނާނެ) މިކަން އެނގޭނެއެވެ!

ކަން މިހެން އޮތް އިރު، އިންޑިޔާގެ އަދުގެ ސަރުކާރުގެ އިސްވެރިންނަކީ ރާއްޖޭގެ މުސްލިމުންނަށް ހެޔޮ އެދިގެން އުޅޭނޭ ބައެއް ކަމަށް ރާއްޖޭގެ ކަސްބީ ސިޔާސީ ވެރިން ދެކެއެވެ. އަދި، މަތީގައިވާ އިންދިރާ ގާނދީގެ ފޮޓޯ އާއި އެއާ ބެހޭ ދޮގު ވާހަކަތައް ހަދައި ފަތުރާހެން މި ކަސްބީން ވެސް ވާހަކަތައް އޮޅުވާލައި، އަދި ހަދަހަދައިގެން ވެސް ވާހަކަތައް ދައްކައެވެ. ޗައިނާއިން ރާއްޖެ ހިފަން އުޅޭ ވާހަކައާއި ރާއްޖޭގެ ސިފައިންގެ ބޮޑު ބައެއް އޮތީ އައިސިސްގެ އަނދިރި ފިކުރުގައި ޖެހިފައި ކަމަށް ދޭހަވާ ފަދަ ބުހުތާނު ދޮގު ވާހަކައެވެ. މިފަދަ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ރާއްޖޭގައި އިންޑިޔާގެ ސިފައިން ތިބުމާއި އެމީހުންގެ ނުހައްގު ބާރު ރާއްޖޭގައި ފެތުރުމަށް އާންމު މީސްތަކުންގެ ސިކުނޑިތައް ތައްޔާރުކުރުމެވެ. ދެން، އިންޑިޔާގެ ނަސްލީ ދީނީ ހައްދު ފަހަނައަޅައިފައިވާ ގައުމިއްޔުގައި ޖެހިފައިވާ އާންމުންގެ މޮޔައިން ފަދައިން، ޕާޓީތަކުގެ ޖާހިލީ ތައައްސުބުގައި ޖެހިފައި ތިބި ބައެއް ދިވެހިންވެސް، ދިވެހި ކަސްބީ ސިޔާސީންގެ ވާހަކަތައް، އޭގެ ހަގީގަތުގެ މައްޗަށް ކުޑަކޮށް ވެސް ބަލާލައި އަމިއްލައަށް ފިކުރުކޮށްލައި ވިސްނާލުމެއް ނެތި، ކަނު ބަނދެވިގެން ތިބެ މި ކަސްބީންގެ ވާހަކަތަކަށް އަތްޖަހަމުން ގެންދެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *