Support Us

ކުރު ވާހަކަ: ހިމާރުގެ ނަން ބަދަލުކުރުން

ޖަންގަލީގެ ބައެއް ޖަނަވާރުންގެ މެދުގައި އަރާރުންވުމެއް ހިނގިއެވެ. ހިމާރާއި ރާމާމަކުނާ ދެމެދުއެވެ. ހިމާރު ފެންނަ ކޮންމެ ތަނަކުން، "ކަލެއަކީ ފައްކާ ހިމާރެކޭ" ކިޔައި ރާމާމަކުނު ގޮވާތީއެވެ.

ހިމާރާ ދިމާއަށް، މިފަދައިން ހިމާރެކޭ ކިޔައި، އެއްފަހަރު ދެ ފަހަރު ގޮވާލުމަކީ މައްސަލައަކަށް ނުވެދާނެއެވެ. ނަމަވެސް، ފެންނަ ކޮންމެތާކުން، އަދި، ބައެއް ފަހަރު، އެހެން ޖަނަވާރުންގެ ތެރޭގައި އެފަދައިން ގޮވުމުން، ހިމާރަށް އުނދަގޫވާ ގޮތް ވިއެވެ. އަދި ނުރުހި، ރުޅިވެސް އައެވެ. ލަދުގަނެ، ދެރަވެސް ވިއެވެ.

މި މައްސަލައާ ބެހޭ ގޮތުން ވިސްނުމަށް ފަހު، ޖަންގަލީގެ އެންމެ ބުއްދިވެރި ޖަނަވާރުކަމުގައި ހިމާރު ދުށް، ހިޔަޅު ގާތަށް ދާން ނިންމިއެވެ. މައްސަލައާ ބެހޭ ގޮތުން މަޝްވަރާކޮށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

ހިޔަޅާ ބައްދަލުކޮށް ހިޔަޅު ގާތު، ހިމާރާއި ރާމާމަކުނާ ދެމެދު ޖެހުނު މައްސަލައިގެ ވާހަކަ ބުންޏެވެ. އަދި، ހިމާރާ ދިމާއަށް ހިމާރެކޭ ގޮވާވަރުން ޖަންގަލީގައި އުޅެން އުނދަގޫވެއްޖެ ވާހަކަ ވެސް ބުންޏެވެ. އަދި، މިކަން ހައްލުކުރަން ހަދާނެ ގޮތެއް ބުނެދިނުމަށް އެދުނެވެ.

ހިޔަޅު ކުޑަކޮށް ވިސްނާލާފައި ބުންޏެވެ. ތިޔައީ އެއްވެސް މައްސަލައެއް ނޫނެވެ. ތިކަހަލަ ކަންތައްތަކުގެ ހައްލު އިންސާނީ ދުނިޔެއިން އަހަރުމެންނަށް ފެނެއެވެ. އިންސާނުން ދެކޭ ގޮތުގައި، ނަން ބަދަލުކޮށްލުމުން ހަގީގަތް ބަދަލުވެއެވެ. އިމާރާތެއް އަޅާފައި މަދަރުސާ ނޫނީ ޔުނިވަރސިޓީ ލިޔެ ބޭރުގައި ނަން ބޯޑެއް ހަރުކުރީމާ އެ އޮތީ ދުނިޔޭގެ އެއްވަނައިގެ މަދަރުސާއަކާއި ޔުނިވަރސިޓީއެއް އުފެއްދިފައެވެ. އެތަންތަނުގައި އަހުލުވެރި ކިޔަވައިދޭނޭ މީހުން ނެތްކަމަށް ވިޔަސް ވެހެވެ. ވަޒީރެކޭ ކިޔައި އެއްވެސް ތަނެއް ދޮރެއް ނުދަންނަ މީހަކާ ވަޒީރުކަން ހަވާލުކުރުމުން، އޭނާ ދުނިޔޭގައި ނެތް ވަރުގެ އިދާރީ އަދި އިލްމީ މީހަކަށް ވެސް ވެއެވެ. ޚާއްސަ ހުނަރާއި އެތައް ތަޖުރިބާއެއް ބޭނުން ޖެހޭ އިސްތިޝާރީ ވަޒީފާތަކަށް ވެސް، އެއްވެސް އިލްމީ އަހުލުވެރިކަމެއް، ތަޖުރިބާއެއް ނެތް މީހަކުވެސް އެފަދަ ވަޒީފާއަކަށް އައްޔަނު ކުރެވުމުން އެ އޮތި ދުނިޔޭގައި ނެތްވަރުގެ އިސްތިޝާރީއަކަށް ވެފައެވެ. އަހަރުމެންގެ ޖަންގަލީގެ ތެރޭގައި ޖަންގަލީގެ ރަސްކަލަކަށް ހޮވީ ސިންގާ ނޫން ހެއްޔެވެ؟ އެއީ ކޮންމެހެން ޖަންގަލީގެ އެންމެ ބޮޑު ޖަނަވާރަށް ނޫނީ ޖަންގަލީގެ އެންމެ ބާރަށް ދުވާ ޖަނަވާރަކަށް ވެގެން ނޫނެއް ނޫން ހެއްޔެވެ؟ އޭގެ ކިބައިގައި ވެރިކަމަށް އައުމުގެ ގިނަގުނަ ސިފަތަކެއް ހުރީމަ ނޫން ހެއްޔެވެ؟ ކެރުމާއި ޝިކާރަކުރަން އެނގުން ފަދައެވެ. ނަމަވެސް، އިންސާނުންގެ ތެރޭގައި މިކަން ވެސް އޮންނަނީ އެ ސިފައަކަށް ނޫނެވެ. ކޮންމެ މީހެއް ވިޔަސް، ރަސްގެފާނޭ އޭނާއަށް ކިޔައި ރަސްގެފާނުގެ ހެދުމެއް އެޅުވީމާ އޭނާ ރަސްކަލަކަށް ވެއެވެ.

ދެން، ހައިރާންވެ، ހިޔަޅު ގާތު ހިމާރު ބުންޏެވެ. ތިކަމުން އަހަންނަށް ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަހަންނަކީ އިންސާނެއް ނޫނެއް ނޫން ހެއްޔެވެ؟

ޖަވާބުގައި ހިޔަޅު ބުންޏެވެ. މައްސަލައަކީ ތިޔެވެ. ހިމާރުގެ ވިސްނުން ދޫކޮށްލަން ކަލެއަށް ނޭނގޭތީއެވެ. އަދި، އެހެން މީހުންގެ ތަޖުރިބާއިން ފައިދާ ލިބިގަންނަން ނޭނގޭތީއެވެ. މިބުނި ވާހަކައިން ލިބޭ ފިލާވަޅަކީ، ނަން ބަދަލުކޮށްލުމުން ހަގީގަތް ބަދަލުވާ ވާހަކައެވެ. އެއީ ތެދެއްތޯ، ދޮގެއްތޯ ބަލާކަށް ނުޖެހެއެވެ. ހަމަ ގައިމުވެސް، އިންސާނުން ނަން ބަދަލުކޮށްލައި ހަގީގަތް ބަދަލުކޮށްލައެވެ. ނުމީހުން މީހުންނަށް ބަދަލުކޮށްލައެވެ. ކޯޓު ފަޓުލޫނުންނާއި ޓައީއާއި އަތުކުރީ ގަޑިން މީހާއަށް ޝަރަފުވެރިކަމާއި އިއްޒަތްދީ، މަކުނުތަކެއް ފަދަ މީސްމީހުން ބޮޑެތި މަޖުލީހުގައި ގާނޫނީ ބަހުސްކުރެވިދާނެ ކަމަށް އެމީހުން ދެކެއެވެ. އެހެންވެ، ކަލޭވެސް، ކަލޭގެ ނަން ބަދަލުކޮށްލާށެވެ! އޭރުން ކަލޭގެ މައްސަލަ ހައްލުވީއެވެ. ހިޔަޅުގެ ވާހަކައިގެ މަތުލަބު ހިމާރަށް ހިޔަޅު ބުނެދިނެވެ.

އެހެން ވެއްޖިއްޔާ އަހަންނަށް ކިޔާނެ ނަމެއް ބުނެލަދީބަލާށެވެ. ހިޔަޅުގެ ހުށަހެޅުމަކަށް ހިމާރު އެދުނެވެ.

މީގެ ފަހުން ކަލެއަކީ ހިމާރެއް ނޫނެވެ. ކަލެއަކީ މަހެކެވެ. ހިޔަޅު ބުންޏެވެ.

ދެން، ހިމާރު މަހަކަށް ވެގެން ޖަންގަލީގެ ތެރޭގައި އުޅެން ފަށައިފިއެވެ. ޖަންގަލީގެ ގިނަ ޖަނަވާރުން، ކުރިއެކޭ ވެސް އެއްފަދައިން އެ އެއްޗެއްގެ މަސައްކަތައިގެން އުޅެމުން ގެންދެއެވެ. ނަމަވެސް، ހިމާރާ ފޮށި ނުލާ މަކުނަކަށް ނުހުރެވުނެވެ. އަދި، ހިމާރު ފެނުމުން، ހިމާރޭ ހިމާރޭ ކިޔައި މަކުނު ގޮވައިގަތެވެ.

މިފަހަރު، ދެނެހުރި ކަމަށް ވެސް ނުހަދާ ހިމާރު ދިޔައެވެ. ދެންވެސް، މަކުނަށް މަޑަކުން ނުހުރެވުނެވެ. އަދި ގޮވާލިއެވެ. ހިމާރު މިހާރު ބީރުވެސް ވެއްޖެއެވެ.

މިފަހަރު، ހިމާރު މަކުނަށް ޖަވާބު ދިނެވެ. އަހަންނަކީ މިހާރު ހިމާރެއް ނޫނެވެ. އަހަރެންގެ ނަން ބަދަލުކޮށްފީމެވެ. މިހާރު އަހަންނަކީ މަހެކެވެ.

ދެން، މަލާމާލުތުގެ ރާގަކަށް ހިމާރު ގާތު މަކުނު ބުންޏެވެ. އެހެންވެއްޖިއްޔާ އަޅެ ފަތައިގަންބަލާށެވެ! މަހަކީ ފަތަން ވަރަށް ކުޅަދާނަ އެއްޗެކެވެ.

މަކުނުގެ ބަހަށް އެއްޗެއް ނުބުނެ، ތިމަންނައަކީ މަހެކޭ މަހެކޭ ކިޔަމުން ހިމާރު ދިޔައެވެ.

"ހިމާރުގެ އޮތީ ހަމަ ހިމާރުގެ ސިކުނޑިއެކެވެ. ނަން ބަދަލުކޮށް އެހެން ނަމެއް ކިޔާލުމުން ހަގީގަތް ބަދަލު ނުވާނެކަން ވެސް ހިމާރުގެ ސިކުނޑިއަކަށް ނުވިސްނެއެވެ! ހިމާރަށް މަހެކޭ ކީމާ މަހަކަށްވޭ ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ، ހިމާރުގެ ނަން ސިންގާއަށް ބަދަލުކޮށްލުމުން، ހިމާރު ރަސްކަލަކަށް ބަދަލުވެ، ޖަންގަލީގެ ރަސްގެފާނަކީ ހިމާރުކަމުގައި ވެސް ވާނެތާއެވެ! މިއީ އިންސާނުންގެ ތެރޭގައިކަން ހިނގާ ގޮތް ކަމުގައި ވިޔަސް، އަހަރުމެން ޖަނަވާރުންގެ ތެރޭގައި މިފަދައިން ކަންކަން ނުހިނގާކަން ހިމާރުގެ ސިކުނޑިއަކަށް ނުވިސްނެއެވެ!" މަކުނު ހިތާހިތާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ހައްހައްހާ!!!!!!!!
    ހިމާރަށް ކިޔާނީ ހިމާރެވެ.
    އިމާމުންނަށް ކިޔާނީ އިމާމެވެ.
    ދީނީ ޢިލްމު ވެރިންނަށް ކިޔާނީ ދީނީ ޢިލްމުވެރިންނެވެ.
    ޣައްދާރުންނަށް ކިޔާނީ ޣައްދާރެވެ.
    ލާދީނީ މީހުންނަށް ކިޔާނީ ލާދީނީ މީހުންނެވެ.
    މީކީ ބަހުސް ކުރަންޖެހޭ ކަމެއްނޫނެވެ.
    ވަރަށް ސަލާން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *