...

Support Us

މިއަދުގެ ޚުތުބާ އިވި، ފެނުނު ކަންތައްތައް- ޤައުމެއްވާނެތެވެ.

ހުކުރު ނަމާދުން ފައިބައިގެން އައިސް އާއިލާގެ މެންބަރުންނާއެކު މެންދުރުގެ ނާސްތާކޮށް އަވަދިވެގެން ސިޓިންގް ރޫމްގައި އަރާމްކޮށްލުމަށް މަޑުކޮށްލީމެވެ. އޭރުވެސް މިއަދުގެ ހުކުރު ޚުތުބާގެ ފުރިހަމަކަން ހިތުތެރޭ އެނބުރިއެނބުރި ހުއްޓެވެ. ގެވެށި އަނިޔާއިން ފެށިގެންގޮސް، މީހުންގެ އަބުރަށް އަރައިގަތުމާއި ނެތިމޮށުމާއި އެންމެ ނުރައްކާތެރި ރިބާގެ މައްޗަށް ވަރަށް ފުރިހަމަ އަށް އަލިއަޅުވާލަ ދީފައިވެއެވެ. އޭގެ ނުރައްކާތެރިކަން ވަރަށް ފުރިހަމައަށް ބަޔާންކޮށްދިނުމުގެ އިތުރަށް މާތްވެގެންވާ އިސްލާމްދީނުގައި އެކަންކަމަށް އޮތްގޮތް ވަރަށް ތަފްސީލްކޮށް އޮޅުންފިލުވައިދިނެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގައި މިވަބާތައް ފެތުރިފައިވާކަމުގެ އިންޒާރު ދެމުންނެވެ.

އިރުކޮޅަކު ވިސްނާލަން އިނދެފައި ބޯހަމަޖައްސާލަން ޓީވީ ހުޅުވައިލީމެވެ. ވަރަށް ރީތި އިސްތިހާރެއް ދައްކަމުންދެއެވެ. އިސްތިހާރު ނިމުމާއެކު ދައްކާލީ ރާއްޖޭގެ ރައްޔިތުންގެ މެމްބަރުން ޖަލްސާކުރާ މާލަމެވެ. އެމާލަމުގައި އަތުރާލާފައިވާ ގޮނޑި ބަރިތައް ފުރާލައިފައިވަނީ ރާއްޖޭގެ އެކި ދިމަދިމާލުގައި ދިރިއުޅޭ ރައްޔިތުން އެ މަޖުލީހުގައި އެރައްޔިތުން ތަމްސީލް ކުރުމުގެ ބުރަ މަސްއޫލިއްޔަތު ހަވާލުކޮށް ރައްޔިތުން ހޮވާފައިވާ "އިއްޒަތްތެެރި" މެންބަރުންނެވެ. އޭރު ވޯޓަކަށް އެހުމުން މަޖްލިސް ކުރާ މާލަމް އޮތީ ވަރަށް ހަމަހިމޭންކޮށެވެ. ވޯޓަށް އަހާނިމުމުން ރިޔާސަތުން އެމަޖިލީހުގައި އިންނެވި މެންބަރަކަށް ވާހަކަ ދެއްކެވުމަށް ފުރުސަތުދެއްވެވިއެވެ. އެ މެންބަރު ތެދުވެވަޑައިގެން ބިސްމި އަދި ސޮލަވާތް ކިޔަވާ ވިދާޅުވުމަށްފަހު ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. ހުށައެޅިފައި އޮތް ބިލަކާ ގުޅިގެންނެވެ. ވަރަށް ޖޯޝާ އެކުގައެވެ. ބަހުގެ ވަރުގަދަ ހަމަލާތައް އެ މެންބަރު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީއާ އިދިކޮޅު ޕާޓީގެ މެންބަރުންނަށް ދެއްވަމުންނެވެ. އިސާހިތަކު އެމާލަމުގެ ހަމަހިމޭންކަން ގެއްލިއްޖެއެވެ. ރިޔާސަތުން އެކިއެކި މެންބަރުންގެ ނަން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ. ނިޒާމީ ނުކުތާތައް ނެގެމުން ދެއެވެ. އެއް މެންބަރު އަނެއް މެންބަރުގެ ބޮލުގައި ވައްކަމުގެ ޓެގް އަޅުވަމުން، އަނެއްބައި މެންބަރުން ބާޢީންގެ ޓެގާއި ލާދީނީ ޓެގް އެޅުވުމުގެ އަޑުން މުޅި މާލަން އޮތީ ގުގުމާލާފައެވެ. އެއްބަޔަކު އަނެއް ބަޔަކު ކަލަ ގޮވުމާއި، ބޮޑެތި ތުހުމަތުތައް އެޅުވުމުގައި ދުލުކުރިއަށް އައިހައި އެއްޗެއް ގޮވަމުންދެއެވެ. އަޅުގަނޑު މިއަޑު އަހަން އިނދެފައި މިއަދުގެ ހުކުރު ޚުތުބާ މަތިން ހިތަށް އަރާފަ އަވަހަށް ޗެނަލް ބަދަލުކޮށްލައިފީމެވެ.

އަސްތާ ޗެނަލް ބަދަލު ކޮށްލުމަކުން އަދި ސަލާމަތެއް ނެތެވެ. މިޗެނަލުން މިދައްކަނީ ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމެއްގައި ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަން ހުންނެވި އެޕާޓީގެ އިސްބޭފުޅެކެވެ. އެބޭފުޅާގެ ވާހަކަފުޅު އަޑުއިވި ގަބުވެފައި އިނދެވުނެވެ. ތިމާގެ މުސްލިމް އަހާގެ މަސްކެވޭއިރު އެނގިވަޑައިނުގަންނަވައެވެ. ބަހުރުވައިގެ "ފުރިހަމަކަމުން" އާއިލާއާއެކު އަޑު އަހަންނުކެރި އަވަހަށް އަނެއްކާވެސް އެހެން ޗެނެލަކަށް ބަދަލު ކޮށްލައިފީމެވެ. މިފަހަރު ޗެނަލް ބަދަލުކޮށްލުމާ އެކު ސަހަރޯހީވެ ގޮތް ހުސްވިއެވެ. ދައްކަމުން ދަނީ ރާއްޖޭގެ މިވަގުތުގެ މުހިންމު ޚަބަރު ތަކާ ބެހޭގޮތުން ސިޔާސީ ޕާޓީއެއްގެ އިސް ދެފަރާތަކާ ޕްރޮގްރާމް ހުށައަޅައިދޭ ފަރާތުން ބައިވެރިވެ ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެބޭފުޅުންގެ ދޫފަރިތަކަމާއި މައުލޫމާތުގެ މުއްސަނދިކަމާއި ހާޒިރު ޖަވާބު ދެއްވުމުގެ ކުޅަދާނަކަމާ ދޭތެރޭ ހަމަ ދަންނަވާނޭ އިތުރު އެއްވެސް އެއްޗެއް ނެތެވެ. ނުގޮވާކަށް ހުތުރު އެއްޗެއްނެތެވެ.

މިހިސާބުން ޓީވީ ނިއްވާލާފައި ސޯޝަލް މީޑިއާ އަށް ޖެހިލީމެވެ. ޓުވިޓަރ، ފޭސްބުކް، ކުލަބްހައުސް ޗެކުކޮށްލީމެވެ. ވަދެވުނު މޮޔަ ހިތަށްއެރިއެވެ. އެކިއެކި ނަންނަމުގައި ވަގު އެކައުންޓުތައް ހަދާ އެކަކު އަނެކަކު ފަލީހަތްކުރުމާއި، ދީނީ އިލްމުވެރިންނަށް ކާފަރަށް ގޮވުމާއި، މުސްލިމް އަޚާއާ ދިމާލަށް ލާދީނީ ގޮވުމާއި، އެކަކު އަނެކަކަށް ވަގަށް ގޮވުމާއި، މުންކަރާތްތަކަށް އަރައިގަތުމާއި، ދީނަށް ފުރައްސާރަކުރުމާއި މިހެންގޮސް ދަންނަވާކަށް އެއްޗެއްނެތެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގައި އޮތް އިޖުތިމާއީ ރީތި ފޭރާން ވީދި ކުދިކުދިވަމުންދާ މަންޒަރު ސާފުކޮށް ފެނުނެވެ.

މިތިން ޗެނަލާއި ސޯޝަލް މީޑިއާ ބަލާލީމައި މިއަދުގެ ހުކުރު ޚުތުބާގައި އެކަމެއްގައި ހުރި ނުރައްކާތެރި ކަމުން ރައްޔިތުންނަށް އިންޒާރުދީ އެ ކަންތައްތަކުން ދުރުހެލިވެ ތިބުމަށް ނަސޭހަތްދިން ހުރިހާ ކަމެއް ގޮވާން ދަނޑެއްގައި ކުރާގަނޑު ނިކުމެ ދޮންވެ ފައްކާވެލާފައި ހުންނަ ފަދައިން މި މުޖުތަމައުގައި ދޮންވެ ފައްކާވެލާފައި ހުރި ތަންފެނުނެވެ. މި ހިސާބުން އަޅުގަނޑު ހިތަށްއެރިއެވެ. سبحان اللهއެވެ. ޤައުމެއްވާނެތެވެ. މިއަދުގެ ޚުތުބާގައި މިވާހަކަ މި ގެނެސްދިނީ ޤައުމު މިހާލަތަށް ދިއުމުންތާއެވެ. އަދި ޤައުމުގެ މުސްތަޤްބަލާ ދޭތެރޭ ވިސްނާލާ ލޮލުން ކަރުނައައެވެ.

ޔާﷲ އަޅަމެންނަކީ އެއްބަނޑު އެއްބަފާ ބައެއް ކަމުގައި ލައްވާ، އެކަކު އަނެކަކަށް އިހުތިރާމްކުރާ ބަޔަކު ކަމުގައި ލައްވާ، އަޅަމެންގެ ތެރޭގައިވާ ދެކޮޅުވެރިކަމާއި ފިތުނަފަސާދަ އާއި ހަސަދަވެރިކަން ނެތިކުރައްވާ، އިސްލާމީ ރިވެތި އުސޫލާއި އާދަކާދައިގެ މަތީ ދެމިތިބޭ ބަޔަކު ކަމުގައި ލައްވާދޭނވެ. أمين

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.