Support Us

ފޭސްބުކް އެކައުންޓު ހެކް ކުރުން އާންމު ވަނީ- ދެން ހަދާނީ ކިހިނެއް؟

މިހާރަކަށް އައިސް ވަރަށް ގިނައިން، އެތައް ބައެއްގެ ފޭސްބުކް އެކައުންޓު ހެކްކޮށްގެން އެކި މީހުންނަށް މެސެޖުކޮށް، ފައިސާ ހޯދުމުގެ ވާހަކަ އަޑު އިވޭތީ، މި ޕޯސްޓު މި ޚާއްޞަކޮށްލަނީ އެކަމަށެވެ.

މައްސަލަ ވަރަށް ސާފެވެ. ގިނަ ފަހަރު ކޮންމެވެސް ލިންކަކަށް ފިތާލެވުމުން އަންނަ ޕޭޖުގައި ޔޫސަރނޭމާއި ޕާސްވޯޑު ޖަހާލެވެނީއެވެ. އެއީ ފޭސްބުކްގެ ޕޭޖަކާ ވައްތަރު ވުމުން، ލިންކުގެ އެޑްރެސްވެސް ބަލާނުލައި މި ކުރެވޭ ކަމަކުން އެކައުންޓުގެ ތަޅުދަނޑި މި ދެވެނީ ވަގުންނަށެވެ. އެކަން ރޭކާ މި ލަނީ ވާނެ ހައެއްޗެއް ވުމަށްފަހުއެވެ. މިކަން މި ނޫން ގޮތްގޮތަށްވެސް ކުރެއެވެ.

ޙައްލުވެސް ވަރަށް ފަސޭހައެވެ. ކުޑަކުޑަ ކަމެއް ކޮށްލައިގެން، މަކަރުވެރިއެއްގެ އަތްމައްޗަށް ޕާސްވޯޑު އެރިޔަސް ތިބާގެ ހުއްދަ ނެތި އެކައުންޓަށް ނުވަދެވޭ ގޮތް ހެދިދާނެއެވެ. މިކަން ކުރާ ގޮތަކީ، ރަނގަޅު ޕާސްވޯޑު ޖަހައިގެން ތިބާގެ އެކައުންޓަށް ވަންނަން މަސައްކަތްކުރާ ބްރައުޒަރ ނުވަތަ ވަސީލަތަކީ ތިބާ ނުދަންނަ، ނުވަތަ ކުރިން ހުއްދަ ދީފައި ނުވާ ވަސީލަތެއްނަމަ، ލޮގިން ކުރެވުމުގެ ކުރިން ތިބާ ގާތުން އިތުރު ހުއްދައެއް ހޯދަންޖެހޭގޮތް ހެދުމެވެ. އާދެ، މަލްޓި ފެކްޓަރ އޯތެންޓިކޭޝަން، ނުވަތަ ޓޫ ފެކްޓަރ އޯތެންޓިކޭޝަން ސެޓްކޮށްލުމެވެ.

މިކަމަށް ނަގާނީ ހިނދުކޮޅެކެވެ. ގިނަވެގެން ހައެއްކަ މިނިޓެވެ.

އެސްއެމްއެސް އަންނަ ގޮތަށް ޓޫ ފެކްޓަރ އޯތެންޓިކޭޝަން ސެޓްކޮށްލުމުން، ނުދަންނަ މީހަކު ތިބާގެ އެކައުންޓުގެ އަސްލު ޕާސްވޯޑު ހޯދައިގެން ވަންނަން އުޅުނަސް، އެސްއެމްއެސްގެ ޒަރީއާއިން ތިޔަ ފޯނަށް އަންނަ ކޯޑު ޖަހައިގެން ނޫނީ ތިޔަ އެކައުންޓަކަށް إن شاء الله ނުވަދެވޭނެއެވެ.

އެއްހާސް ބަހުން ނުބުނެވޭ ވާހަކަ އެންމެ ތަސްވީރަކުން ބުނެދޭތީ، ތިބާއާއި އަޅުގަނޑަށް ފަސޭހައަކަށްޓަކައި މި ހިމަނާލަނީ މިކަން ކުރާނެ ގޮތުގެ ސްކްރީންޝޮޓްތަކެވެ.

 

ނޯޓު: އެންމެ ފަހު ސްކްރީންޝޮޓުން ފާހަގަކުރެވޭހެން، އަޅުގަނޑުގެ ފޭސްބުކް އެކައުންޓުގައި ފޯނު ނަންބަރަށް އެސްއެމްއެސް އައުމުގެ އިތުރުން، އޯތެންޓިކޭޝަން އެޕްލިކޭޝަން ވެސް ބޭނުންކުރަމެވެ. އަޅުގަނޑު ބޭނުން ކުރަނީ މައިކްރޯސޮފްޓް އޯތެންޓިކޭޓަރ ކިޔާ އެޕްލިކޭޝަނެވެ. ހަމަ މި ބޭނުން ގޫގުލް އޯތެންޓިކޭޓަރ އިންވެސް ހިފޭނެއެވެ. އީމެއިލްތަކާއި، އެޕްލިކޭޝަންތަކާއި، ޕާސްވޯޑުތަކުގެ ރައްކާތެރިކަންވެސް إن شاء الله ފަސޭހައިން ކަށަވަރު ކޮށްލެއްވޭނެއެވެ.

* މުހައްމަދު މުޒައްފަރުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *