Support Us

ކުރު ވާހަކަ: އަވަސް ޚިދުމަތް

ދިރާގުގެ ހެދުން އަޅައިގެން ހުރި ޓެކްނީޝަން ވަރަށް ހަލުވިކަމާއެކު ހިނގައިފައި ގޮސް، ގެއެއްގެ ދޮރުގައި ޓަކި ޖެހިއެވެ. ގެއިން މެދު އުމުރުގެ ބޭކަލަކު ނިކުތުމުން، ޓެކްނީޝަން އޭނައާ ސުއާލުކުރިއެވެ.

"މިގޭގައި އުޅުއްވާ މަނިކު ކޮބައިތޯއެވެ؟"

ގެއިން ނިކުންނެވި ބޭފުޅާ: "މި ގޭގައި މި ވަގުތު އުޅެނީ އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ މެމްބަރުންނެވެ. އަޅުގަނޑުގެ ނަމަކީ ޖުހާއެވެ. އަޅުގަނޑުގެ އާއިލާގެ އެއްވެސް މެމްބަރަކަށް މަނިކެކޭ ނުކިޔައެވެ."

ޓެކްނީޝަން، އޭނާގެ ނޯޓު ފޮތް ޗެކުކޮށްލުމަށް ފަހު ބުންޏެވެ. "އަޅުގަނޑުމެންގެ މައި އޮފީހާ ގުޅާފައި އޮތީ މިގެއިން މަނިކު ކިޔާ ބޭކަލެކެވެ. އޭނާ އެދިލައްވާފައި އޮތީ ފޯނާއި ނެޓުގެ ޚިދުމަތް ބޭނުންވެގެން، އެކަމުގެ އަވަސް ޚިދުމަތަށް އެދިއެވެ. މަނިކު ކިޔާ ބޭކަލަކު މިގޭގައި ހަމަ ނޫޅުއްވާތޯއެވެ؟"

ދެން ޖުހާ ބުނުއްވިއެވެ. "ހަނދާން ވެއްޖެއެވެ. މީގެ ދެއަހަރު ކުރިން މަނިކު ކިޔާ ބޭކަލަކު މިގޭގައި އުޅުއްވިއެވެ. މިހާރު އޭނައާއި އޭނާގެ އާއިލާ އުޅެނީ އެހެން ގެއެއްގައެވެ."

ޓެކްނީޝަން: "ހާދަހާވާ ދެރަކަމެވެ. އަވަސް ޚިދުމަތަށް އެދިފައި، އުޅޭ ތަން ދޫކޮށްލާފައި ދަނީ ކީއްވޭ ބާވައޭ އަޅުގަނޑު ހިތަށް އަރައެވެ!"

އެހެން ބުނެފައި ޓެކްނީޝަން އެނބުރި ދިޔައެވެ. އެހިނދު، ޖުހާ އޭނާގެ ޔުނިފޯމުގައި ލިޔެފައި އޮތް ލިޔުން ކިޔާލިއެވެ. "ދިރާގުގެ އަވަސް ޚިދުމަތުގެ ޑިޕާޓުމެންޓު'!