ދޫލަތްޕޭ ދޫލަތްޕޭ
ބުޅާ މިބިމު ދޫލަތްޕޭ
ހައިވެ ކެވެން ނެތިގެންނޭ
ކާނެ ގޮތެއް ނުފެނިގެނޭ
ކާނާގިނަ ހަދާނެޔޭ
ބާކީކޮށް އުކާނެޔޭ
ކަޅުކޮތަޅަށް އަޅާނެޔޭ
ތިލަފުއްޓަށް އުކާނެޔޭ
މީހުން ހިތު ރަހުމު ނެތޭ
ކުލުނެއް ހުރި އެކަކު ނެތޭ
ޚުލުޤު އުޑަށް އުފުލިއްޖޭ
ބިމުގެ ނިމުން އަތުވެއްޖޭ
ހުސްބިންތައް ހުސްވެއްޖޭ
ހޭޅިފަށަށް ވެރިވެއެްޖޭ
ހޮޓާހަދަން ދީގެންނޭ
ކުލި ހޯދަން ދަހިވެއްޖޭ
ހައިވާނުން ލެއްވެވިޔޭ
އަހުރެމެނާ އެކުގައްޔޭ
ލެއްވި ރިޒުޤު ކާ ގޮތަށޭ
ދިރިހުރުމަށް ކާންޖެހެޔޭ
ދީން އެކަމަށް ގޮވާލަޔޭ
ރަޙުމުކުރަން އޮވޭމެޔޭ
ދަރުމަ އެއަށް ލިބޭނެޔޭ
ރަޙުމު ނަބީން ކުރެއްވިޔޭ
ތެތްކަން ވާނަމައީ "މޭ"
ރަޙުމު ކުރަން ބަސްފުޅުވޭ
ޞުޙުބުން ކަން ކުރެއްވިޔޭ
އަދަކު ބަޔަކު އެނގޭ ނެތޭ
ބަކަރިޔަކާ މެދަށް ތެދޭ
ބަސްފުޅު މާތް ޢުމަރުގެވޭ
ޙައިވާނުން ނަށްވެސްމޭ
ޢަދުލުގެބަސް އިއްވެވިޔޭ
ޒަމާން މުޅިން ފަސްވީޔޭ
އަމާންކަމެއް ނެތުނީޔޭ
ހައިހޫނުން ވޭން ލިބެޔޭ
ނުކައި ނުބޮއި ނިމެނީޔޭ
ޅަދަރިންނަށް ބުއްނުދެވޭ
ގަޔަކު ހަމެއް މަހެއް ނެތޭ
މަގުމައްޗަށް ގިނަވެއްޖޭ
ޙައްލުކޮށެއް ވެރިން ނުދޭ