...

Support Us

ސިލޯނުގެ އާމީގައި މަސައްކަތް ކުރައްވާފައިވާ ލެފްޓިނަންޓް (ރިޓަޔަރޑް) އޭ. އޭ ސެމިޑޯން އާއި ސިފައިންގެ ބޭންޑް ޕާޓީ

ސިފައިންގެ ބޭންޑް ތަރައްޤީ ކުރުމުގައި ސެމިޑޯންގެ ޚިދުމަތް

ދިވެހި ސިފައިންގެ ބޭންޑް އުފެދުނީ 12 މެއި 1948 ގައެވެ. ސިފައިންނަށް ބޭންޑް ދަސްކޮށްދެއްވުމުގެ މަސައްކަތް ފުރަތަމަ ކުރެއްވީ ދެ ނަންބަރު ސަރުދާރު (ސާޖަންޓް) ހުޅަނގުގޭ އައްނަބީލް އިބްރާހީމް ޙަބީބެވެ. އޭގެ ފަހުން އެ މަސައްކަތް ކުރެއްވީ އައްސައްޔިދު ޢަލީ މޫސާ (މޫނިމާގޭ ސީދީ) އެވެ. ސިފައިންނަށް ބޭންޑް ދަސްކޮށްދެއްވުމުގެ މަސައްކަތް ފުރަތަމަ ގެންނެވި ބޭރުގެ ބޭފުޅަކީ 1965 ގައި މަޖީދިއްޔާ ސްކޫލަށް ސަރުކާރުން ގެންނެވި ބޭންޑް މާސްޓަރެވެ. އެއީ ސިލޯނުގެ އާމީގައި ކުރިން މަސައްކަތް ކުރައްވާފައިވާ ލެފްޓިނަންޓް (ރިޓަޔަރޑް) އޭ. އޭ ސެމިޑޯން އެވެ.

ސެމިޑޯން ކުރެއްވި މަސައްކަތަކީ މިލިޓަރީ ބޭންޑެއްގެ ގޮތުގައި ސިފައިންގެ "ބޭންޕާޓީ" ބައްޓަންކޮށް، ރާގުތައް ދަސްކޮށްދެއްވައި މީހުން ތަމްރީނު ކުރެއްވުމެވެ. ކުރިން ބޭންޑް ދަސްކުރަމުން އައި ގޮތް ބަދަލުކުރައްވައި ތިޔަރީ ދަސްކޮށްދީގެން ބޭންޑު ކުރިއަށް ގެންދަވަން ފެށްޓެވުމެވެ. ސެމިޑޯންއަކީ މި ޒަމާނުގެ ގޮތަށް ސިފައިންގެ ބޭންޑް ޕާޓީ ބައްޓަން ކޮށްދެއްވި ޚިދުމަތްތެރިޔާއެވެ.

ސެމިޑޯން، ބޭންޑް ދަސްކޮށްދެއްވި ދުވަސްވަރު ބޭންޕާޓީގެ ކަންތައްތަކާ ހަވާލުވެ ހުންނަވާ އިސްބޭފުޅަކީ ސަރުދާރު އައިނެއްލާ އަޙްމަދު ނަސީމެވެ. ބޭންޑުގެ ކަންތައްތައް ހިގަމުންދިޔަގޮތް ވަރަށް ކައިރިން ސަރުދާރު ރަންވިއްކާ ޢަލީ މަނިކު ވެސް ބައްލަވަމުން ގެންދެވިއެވެ. މިގޮތުން 1972 ވަނަ އަހަރާ ހަމައަށް އައިއިރު ބޭންޑުގައި ވިއްސަކަށް ބޭކަލުން ސެމިޑޯން އަރިހުން ބޭންޑް ދަސްކުރަމުން ގެންދެވިއެވެ. އޭގެތެރޭގައި ބެއްޔަ ތުއްތު، ހުޅުލޭ މޫސަ، މޮޅަދޫ ތުއްތު، އ. ޚާލިދު އާދަމް، އާދަމް އިސްމާޢީލް މަނިކު، ސ. ކުޑަ ތުއްތު، ޝައުކަތު އިބްރާހީމް، ޙަސަން ޙަލީލު، ޢައްބާސް މުޙައްމަދު، ކަނަކުރި އިސްމާޢީލް ފުޅު، ކެހެރި މޫސާފުޅު، ދ. އިސްމާޢީލް ފުޅު، ކުންނާރު މޫސަ، ދ. އިސްމާޢީލް، ބަނޑިދޫ ޢަބްދުއްރަޙީމް، ބެރު އިސްޙާޤް، ޢަބްދުއްރައްޒާޤް މުޙައްމަދު، ޙަސަން މުޙައްމަދު ފުޅު، ޢަބްދުއްސައްތާރު މޫސާމަނިކު، ކުދިލިނބޯ އިބްރާހީމް މަނިކު، ވީރު އަޙްމަދު ދީދީ، ފ. ޅަތުއްތު އަދި ޙަސަން ޔޫސުފް ހިމެނެއެވެ. މީގެ ތެރެއިން ޝައުކަތު އިބްރާހީމާއި ޙަސަން ޔޫސުފަށް ބޭންޑް ޕާޓީގެ ވަޒީފާ ދެއްވީ 1972 އޭޕްރީލް 01 ވަނަ ދުވަހުއެވެ. އޭރު ބޭންޑް ޕާޓީގެ ވަޒީފާއަކީ ސިފައިންގެ ވަޒީފާގެ އިތުރުން އޮންނަ ވަޒީފާއެކެވެ.

ސިލޯނުގެ އާމީގައި މަސައްކަތް ކުރައްވާފައިވާ ލެފްޓިނަންޓް (ރިޓަޔަރޑް) އޭ. އޭ ސެމިޑޯން

ސެމިޑޯން ބޭންޑް ދަސްކޮށްދެއްވި ދުވަސްވަރު ބޭންޑް ކޮންޑަކްޓް ކުރައްވަމުން ގެންދެވީ ބެއްޔަ ތުއްތުއެވެ. އެކިއެކި ރަސްމިއްޔާތު ތަކުގައި ޓައިމް މާކަރެއްގެ ގޮތުން މަސައްކަތް ކުރެއްވީ ރަންވިއްކާ ޢަލީ މަނިކެވެ. ޕްރެކްޓިސް ކުރަމުން ދިޔައީ ރަންޖެހިކޮށީގައެވެ. ސިފައިންގޭގައި ބޭންޑް ހައުސްއެއް ހަދައި، 20 ސެޕްޓެމްބަރު 1972ގައި ރަންޖެހިކޮށިން ސިފައިންގެ ބޭންޑް ހައުސްއަށް ހުރިހާ ސާމާނެއް ބަދަލު ކުރެއްވިއެވެ.

ސިފައިންގެ ބޭންޕާޓީ މަގުމަތީގައި ބޭން ޖަހަނީ

ސިފައިންގެ ބޭންޑް ހައުސްގައި ފުރަތަމަ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ 1972 ސެޕްޓެމްބަރު 24 ވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ސެމިޑޯންގެ ބަދަލުގައި ބޭންޑް ދަސްކޮށްދިނުމުގެ ކަންތައްތައް ބެލެހެއްޓެވުން ބެއްޔަ ތުއްތުއާ ހަވާލު ކުރެއްވިއެވެ.

މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.