Support Us

ކޮލަމް: ދިނަށަ

އާދަޔާ ޚިލާފު ދިގު ހަނދުކޭތައެއް، އަދި ސީދާ މާރަހަވުމެއް

ކޭތައިގެ ދިގުމިނަކީ، 6 ގަޑިއިރާއި 2 މިނެޓެވެ.

މާދަމާއަކީ، ދުނިޔޭގެ ބައްރުގެ ބޮޑު ބަޔަކަށް ދިގު ހަނދުކޭތައެއް ފެންނަ ދުވަހެކެވެ. މި ކޭތައަކީ، އާދަޔާ ޚިލާފު ދިގު ކޭތައެކެވެ. މިބާވަތުގެ ކޭތައަކީ މަދުން ނޫނީ ނުފެންނަ ކޭތައެކެވެ. އެހެންކަމުން މިފަހަރުގެ މި ހަނދުކޭތަ ހިމެނޭނީ މީލާދީ ސަނަތުން 15 ވަނަ ޤަރުނުގެ ފަހުން ފެންނަ މިބާވަތުގެ ފުރަތަމަ ހަނދުކޭތަ ކަމުގައެވެ. އެންމެފަހުން މި ބާވަތުގެ ކޭތައެއް ފެނިފައިވަނީ 18 ފެބްރުއަރީ 1440 ގައެވެ. ދެން މިބާވަތުގެ ކޭތައެއް މި ފަހަރު ފިޔަވައި ފެންނާނީ 08 ފެބްރުއަރީ 2669 ގައެވެ.

މިފަހަރުގެ މި ކޭތައިގެ ދިގުމިން 21,693 ސިކުންތަށް ނުވަތަ 6 ގަޑިއިރާއި 2 މިނެޓަށް ދެމިގެން ދާނެއެވެ. މިފަހަރުގެ ކޭތައިގައި ލޮލަށް ފެންނަ ""ކަޅުހިޔަނިކޭތަ" ފެންނަ ވަގުތުގެ މިންވަރަކީ 3 ގަޑިއިރާއި 18 މިނެޓާއި 22 ސިކުންތެވެ.

މި ކޭތަ ހިފާން ފަށާގަޑިން ފެށިގެން ފުރަތަމަ ހިފަމުންދާ "ފަނޑުހިޔަނިކޭތަ" އާއި ކޭތަ ވީއްލަމުން ދާއިރު "ކަޅުހިޔަނިކޭތަ" ވީއްލުމުގެ ފަހުން، ކޭތަ ވީއްލުމާ ދެމެދު ހިފާފައި ހުންނަ "ފަނޑުހިޔަނިކޭތަ" އިގެ ދިގުމުނުގެ މިންވަރު ކަމަށްވާ 2 ގަޑިއިރާއި 33 މިނެޓާއި 9 ސިކުންތުގެ ވަގުތުކޮޅަކީ، ލޮލަށް ނުފެންނަ ހަމައެކަނި ޢިލްމަށް ފެންނަ ކޭތައިގެ (ފަނޑުހިޔަނިކޭތަ) އިގެ ވަގުތުކޮޅެއް ކަމަށްވިޔަސް، ފަލަކީ ޢިލްމުވެރީން މި ކޭތައިގެ ދިގުމިން ކަމުގައި ބަލާނީ 6 ގަޑިއިރާއި 2 މިނެޓް ކަމުގައެވެ. ނުވަދިހަ އިންސައްތަ އަށްވުރެން ބޮޑުބައިގައި ހަނދުގައި މިފަހަރުގެ ކަޅުހިޔަނިކޭތަ ހިފާނެއެވެ.

ހަނދު ކޭތަ ހިފާ، ދެ ބާވަތް ކަމުގައިވާ "ފަނޑުހިޔަނިކޭތަ" އާއި "ކަޅުހިޔަނިކޭތަ"އާ މި ދެބާވަތުން ކޭތަ ނަމާދު ކުރުން އޮންނަންވާނީ "ކަޅުހިޔަނިކޭތަ" އިގެ މައްޗަށެވެ. އެހެނީ، "ފަނޑުހިޔަނިކޭތަ" އަކީ ލޮލަށް ފެންނަ ބާވަތުގެ ކޭތައެއް ކަމަށް ނުވާތީ، ކީރިތި ރަސޫލާ ﷺ ގެ ޒަމާނުގައި ހަމަލޮލަށް ނުފެންނަ ކޭތައާ ގުޅިގެން ކޭތަ ނަމާދު ނުކުރައްވާނެ ކަމާމެދު ޝައްކެއް ނެތަތީއެވެ.

މިފަހަރުގެ ހަނދުކޭތަ ހިފާ ވަގުތަކީ ދިވެހިރާއްޖެއަށް ދުވާލުގެ ވަގުތެއް ކަމުގައިވާތީ، މި ހަނދުކޭތަ ރާއްޖެއަށް ނުފެނުނުކަމުގައި ވިޔަސް އޭޝިޔާއާއި ޔޫރަޕުގެ ގިނަ ގައުމުތަކަށް މިކޭތަ ފެންނާނެއެވެ. އިނގިރޭސިވިލާތާއެކު ޔޫރަޕުގެ ހުޅަނގު އުތުރު ގައުމުތަކަށާއި އެޓްލާންޓިކަށް ނިސްބަތްވާ ގައުމުތަކަށާއި އެމެރިކާއާއި ކެނެޑާގެ އިތުރުން ޕެސިފިކު އޯޝަންގެ އިރުމަތީ ބޮޑުބަޔަކަށާއި ރަޝިޔާގެ އިރުއުތުރު ސަރަޙައްދަށް މި ކޭތައިގެ "ކަޅުހިޔަނިކޭތަ" ފެންނާނެއެވެ.

ސަޢޫދީ ޢަރަބިއްޔާއާއި އީރާނާއި އިރާގާއި އަދި މެެދުއިރުމަތީގެ އެހެން ގައުމުތަކަށާއި އެފްރިކާ ބައްރުގެ އިރުމަތީ ގައުމުތަކަށް މި ކޭތައިގެ "ކަޅުހިޔަނިކޭތަ" ނުފެންނާނެއެވެ.

ކޭތަ ފެންނާނެ ގޮތުގެ ޗާޓެއް: (ރަތްކުލައިގައި އެވަނީ ކަޅުހިޔަނިކޭތަ ފެންނަ ސަރަޙައްދެވެ.)

މި ކޭތަ ހިފާން ފަށާނީ މާދަމާ ހެނދުނު މާލޭ ގަޑިން 11:02:09 ގައެވެ. އެއީ، "ފަނޑުހިޔަނިކޭތަ" އެވެ. މެންދުރުފަހު 12:18:42 ގައި "ކަޅުހިޔަނިކޭތަ" ހިފާން ފަށާނެއެވެ. އެއަށްފަހި 14:02:55 ގައި ކޭތަ ފުރިހަމަވާނެއެވެ. އަދި 15:47:04 ގައި "ކަޅުހިޔަނިކޭތަ" ވީއްލާނެއެވެ. ފަނޑުހިޔަނިކޭތަ ވީއްލާނީ 17:03:40 ގައެވެ.

ފަލަކީ ޢިލްމުގެ އުޞޫލުން ހަނދާއި އިރު ފަލަކުގައި ހުރި ތަނާއި ގޮތަށް ބަލާއިރު އެވަގުތަކީ "އިރު" ޢަޤްރަބު ބުރުޖުގެ "ވިރުސިކަ" ރާހީގެ 27 ދަރަޖަ 14 ދަގީގުގައި ހަނދު ސައުރު ބުރުޖުގެ "އިސަބަ" ރާހީގެ 27 ދަރަޖަ 14 ދަގީގުގައި ހުރެގެން ދުނިޔެއާއި އިރާއި ހަނދާއި "އެއްއުއި" ވުމަކާއެކު ސީދާ މާރަހައެއްވާ ވަގުތެކެވެ. މާރަހަ އާއި އެއް އުއިވުމަކީ ތަފާތު ދެކަމެކެވެ. މާރަހަ ވާއިރު އިރާއި ހަނދާއި ދުނިޔެ ކައުނުން ފެންނާނީ އެއް ލޮންސިއަކަށް އަމުނާލާފައި ހުންނަ އިރު ހުންނަ ގޮތަށް ހުރިހައި ގޮތަކުން ހަމަހަމަ ވެފައި ހުންނަ ގޮތަށެވެ. އެކަމަކު އެއްއުއިވުމަކީ އެއްލޮންސިއަކަށް އަމުނާލުމުން ހުންނަގޮތް ފިޔަވައި ހަމައެކަނި އެއްމިޞްރާބު ވުމެކެވެ.