Support Us

ސަރުކާރާއި އާންމު ރައްޔިތުން

ތިރީގައިވާ ލިޔުމަކީ މަރްހޫމު މުސްތަފާ އައްސިބާގެ 'ހަޔާތުގެ ފިލާވަޅުތަކުން' މި ފޮތުގައި އޮތް ލިޔުމެއް އަސްލެއް ކަމަށް ބަލައިގެން، އުނި އިތުރުކޮށް، ދިވެހި މާހައުލަށް ފައްތައި، ލިޔެވިފައިވާ ލިޔުމެކެވެ.

ސަރުކާރުގެ ވެރިންނާ މެދު ޝަކުވާކުރުމަކީ ހުރިހާ އުއްމަތެއްގެ މީހުންގެ ވެސް އާދައެކެވެ. ތާރީޚުގައި ހުރިހާ ރައްޔިތުންގެ ހިތް ހަމަޖައްސައިދެވުނު ވެރިޔަކު ފެނުމަކީ ވަރަށް ވެސް ނާދިރު ކަމެކެވެ. ސަބަބަކީ މީހުންގެ އެދުންތައް ގިނަވެފައި ތަފާތުވުމެވެ. މީހުންނަށް ރަނގަޅުވެ ފައިދާ ކުރާކަންތައް ފުށުއަރައި އިދިކީލަވުމެވެ. އެކަކަށް ރަނގަޅުވެ ފައިދާކުރާނެ ކަމެއް ކަމުގައި ދެކޭކަންކަން، އަނެކުންނަށް ގޯސްވެ ގެއްލުން ހުރި ކަންކަމަށް ވުމެވެ. އަދި ކޮންމެ މީހަކުވެސް، ގިނަ ފަހަރު، ބޭނުންވަނީ އެމީހެއްގެ އަމިއްލަ މަސްލަހަތު ހާސިލުކޮށް ލިބިގަތުމެވެ. އެހެންވެ، ހުރިހާ އެންމެންގެ ހިތް ރުހޭގޮތަށް ކަންތައް ކުރެވޭކަށެއް ވެރިޔަކަށް ނޯވެއެވެ. ތަބާވާން ޖެހޭ ޝަރީއަތަކާއި ގާނޫނެއް އޮތުމުންނެވެ. އެހެންވެ، ޅެންވެރިޔަކު ވިދާޅުވެފައި އޮވެއެވެ.

إن نصف الناس أعداء لمن *** ولي الأحكام ، هذا إن عدل

(ގައުމުގެ ދެބައިކުޅަ އެއްބައި މީހުންނަކީ ވެރިކަމަށް އަންނަ މީހެއްގެ ދުޝްމިނުންނެވެ. މިއީ އަދި އޭނާ އަދުލުވެރިވީ ނަމައެވެ!)

ދެން އަދުލުވެރި ނުވެއްޖެ ނަމަ ހާލަކީ ކޮބައިތޯއެވެ؟ ހައްގުގެ މަގުން އެެއްކިބާވެއްޖެ ނަމަ ހާލަކީ ކޮބައިތޯއެވެ؟ އޭނާގެ ހަވާ ނަފްސަށް ތަބާވެ، ވެރިކަމުގެ މަގާމު ނުހައްގު ގޮތުގައި ބޭނުންކޮށް، އެމީހުންގެ ކުފޫ ހަމަނުވިޔަސް، އެމީހުންނަށް ތަނެއް ދޮރެއް ނޭނގުނަސް، އޭނާގެ ގާތް ތިމާގެ މީހުންނާއި ރައްޓެހިންނަށް ބޮޑެތި ވަޒީފާތައް ދީ ގާތްކޮށްފި ނަމަ ހާލަކީ ކޮބައިތޯއެވެ؟ އެމީހުންގެ ކުފޫ ހަމަވިޔަސް، އެމީހުންނަށް ތަންދޮރު އެނގި، ކަންކަމުގެ ތަޖުރިބާއާ ހުނަރު ލިބިފައި ވިޔަސް، އެމީހުންނަކީ އިދިކޮޅު މީހުންނޭ ކިޔައި އެފަދަ މީހުން ވަޒީފާތަކުން ބޭރުކޮށް ދުރުކޮށްފި ނަމަ ހާލަކީ ކޮބައިތޯއެވެ؟ އޭރުން ގައުމުގެ ދެބައިކުޅަ އެއްބައި ކީއްކުރަން ހެއްޔެވެ؟ މުޅި ގައުމުގެ އެންމެވެސް ވާނީ އެފަދައިން ކަންތައް ކުރާ ވެރިޔެއްގެ އަދުއްވުންނަށެވެ. އެފަދަ ވެރިޔެއްގެ އެންމެ ފުރަތަމަ އަދުއްވުންނަށް ވާނީ ކޮން ބައެއް ހެއްޔެވެ؟ ގާނޫނުތަކާއި ގަވާއިދުތައް މުގުރާފައި އެމީހުންގެ އަމިއްލަ ޒާތީ މަސްލަހަތުތައް ހާސިލު ކުރުމަށްޓަކައި އެމީހުންނަށް އޭނާ ވަޒީފާތައްދީ ގާތްކުރި 'ގާތް' މީހުންނެވެ.

މިސަބަބަށްޓަކައި، ގާއިމުވެދާ ސަރުކާރުތަކާ، ކުޑަ ދުވަސްކޮޅެއް ފަހުން ނަމަވެސް، އާންމު ރައްޔިތުން، އާންމު ގޮތެއްގައި، ނަފުރަތުކޮށް ދުރަށް ދެއެވެ. އަދި، ސަރުކާރުތަކުން ހަދާ ގާނޫނުތަކަކީ އާންމު މަސްލަހަތަށްޓަކައި ހެދޭ ގާނޫނުތަކެއް ކަމުގައި ނުދެކެއެވެ. އެ ގާނޫނުތަކަކީ ރައްޔިތުންގެ އަތާއި ފައިގައި އެޅުވޭ އިތުރު ކަސްތަޅެއް ކަމުގައި ނޫނީ އާންމު ރައްޔިތުން ނުދެކެއެވެ. އެހެން ހަދާލެވޭ ގާނޫނުތަކަކީ ދައުލަތުގެ މުދަލާއި ފައިސާ ހިތުހުރި ގޮތަކަށް ބޭނުންކޮށް، އާންމު ރައްޔިތުން އިތުރަށް ފަގީރުކޮށް އެމީހުންގެ މިނިވަންކަމާއި ކަރާމަތް ނިގުޅާލާ އެއްޗެއް ކަމުގައި ނޫނީ އެމީހުން ނުދެކެއެވެ. މިސާލަކަށް ޓެކްސް ނެގުމުގެ ގާނޫނެއް ހަދާނަމަ އެކަން ކުރަނީ ގައުމަށް ލިބޭ ފައިސާ، ޚިދުމަތްތަކާއި އެކިއެކި އެހީތަކުގެ ޒަރިއްޔާއިން، ހަމަހަމަ ގޮތެއްގައި އެންމެންގެ މައްޗަށް ބަހާލުމުގެ މަގުސަދުގައެއް ނޫނެވެ. ވެރިކަމުގެ މަތީ ފަންތީގެ މީހުންގެ ދަތުރުތަކާއި ޕާޓީތަކަށް ޚަރަދުކޮށް އެމީހުންގެ ބޮޑުކަން ދެއްކުމާއި ސަކަމަޖާގެ އައްޔާޝީ ދިރިއުޅުން ދަމަހައްޓައި އަދި އެމީހުންގެ ގާތް މީހުންނަށް އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާ ބަހާލުމަށްޓަކައި ފައިސާ ހޯދުމުގެ ބޭނުމުގައެވެ.

ކޮންމެއަކަސް ވެރިކަމަށް އައުމުގެ މަގުސަދަކަށް ވަނީ ގައުމު ބިނާކުރުމެއް ނޫނެވެ. ނެގެން އޮތް އެންމެ މަތީ ދަރަޖައަކަށް، ވެރިކަމަށް އަންނަ ބަޔަކު، އެމީހުންގެ އަމިއްލަ މާއްދީ ފައިދާތަކެއް ނެގުމެވެ. މީގެ އެންމެ ބޮޑު ހެއްކަކީ ކޮންމެ ސަރުކާރެއް ނިމޭއިރު، އެންމެ އަޑު ހަރުކޮށް އިވެނީ ފަސާދައިގެ ވާހަކައެވެ. ބޮޑެތިބޮޑެތި އަދަދުތަކުން ދައުލަތުގެ ފައިސާއަށް ކުރީގެ ވެރިން ޚިޔާނަތްތެރިވެފައި އޮތް ވާހަކައެވެ. އަދި މިކަމުގެ ސަބަބުން ދައުލަތް ދަރަނިވެރިވެ، ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ވާހަކައެވެ.

ކަންތައްތައް މިހެން އޮންނައިރު- ސަރުކާރަކީ ގައުމު ބިނާކުރުމަށްޓަކައި އެކިއެކި ދާއިރާތަކުގެ ސިޔާސަތުތައް ކަނޑައަޅައި އާންމު ރައްޔިތުންގެ މާއްދީ ކުރިއެރުމުގެ މަގުފަހިކޮށް، މުޖުތަމައުގެ ފަގީރުކަމާއި މިނޫންވެސް ޖަރީމާތަކަށް އަރައިގަތުން ފަދަ އިޖުތިމާއީ ބަލިތައް ނެތިކުރުމުގެ މަސައްކަތް ކުރުމަށް ގާއިމުވެފައި އޮންނަ މުއައްސަސާއެއްގެ ބަދަލުގައި، ސަރުކާރަކީ އެ ސަރުކާރެއް ހިންގަން ތިބޭ އިސްވެރިން މުއްސަނދިވާން ބޭނުންކުރާ ވަސީލަތަކަށް ވެފައި އޮންނައިރު- ސަރުކާރުތަކާ މެދު އާންމު ރައްޔިތުންގެ ޝަކުވާތަކުގެ ނަޣުމާ އަބަދުއަބަދު ނުއިވިދާނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ ސުއާލަކީ މިހެން ކަންތައްވުމުގެ ސަބަބަކީ ކޮބާ ހެއްޔެވެ؟ މިހެން ކަންތައްވުމުން މަސްއޫލުވާން ޖެހެނީ ކާކު ހެއްޔެވެ؟ ކޮން ފަރާތެއް ހެއްޔެވެ؟ މިކަމުގެ މައްޗަށް ފުންކޮށް ވިސްނުމުގެ ބަދަލުގައި އަލަށް އަންނަ ކޮންމެ ސަރުކާރެއްހެން ވެސް ބަދުނާމު ކުރަނީ ކުރިން އޮތް ސަރުކާރެކެވެ. ވެރިކަމަށް އައުމުގެ ކުރިން، އެއިރު ގާއިމުވެފައި އޮތް ސަރުކާރުގެ ނުރަނގަޅު ކަންތައްތައް އިސްލާހުކުރާނެ ކަމަށް ބުނި ވާހަކަ، ވެރިކަމަށް އާދެވުމުން، އާސަރުކާރުގެ ވެރިން ވެސް ވަރަށް އަވަހަށް ހަނދާންނެތެއެވެ. ހަނދާން ނުނެތެންވީ ކީއްވެހެއްޔެވެ؟ އާ ސަރުކާރުވެސް ކަންތައް ކުރަނީ ހަމަ ކުރިން އޮތް ސަރުކާރުވެސް ކަންތައް ކުރި ގޮތަށެވެ. ހަރުފުން ހަރުފަށެވެ. އެހެންވެ، ހުރިހާ ބަދުނާމެއް ވެސް އަބަދުވެސް އޮންނަނީ ކުރީ ސަރުކާރުގެ ބޮލުގައި އެޅިފައެވެ. އެއްވެސް ކަމެއް ރަނގަޅުވާ ގޮތެއް ނުވެއެވެ. ކާޅު ކޮންފަރެންސުގެ ނަތީޖާއާ އެއްގޮތަށެވެ! އަނެއްކާވެސް ހަމަ އެއް ސުއާލެއް ތަކުރާރުކުރަން ޖެހެއެވެ. މިހެންވާން ޖެހެނީ ކީއްވެ ހެއްޔެވެ؟ މިހެން ކަންތައްވުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހެނީ ކާކު ހެއްޔެވެ؟

މިކަމުގައި އެންމެ ފުރަތަމަ މަސްއޫލުވާން ޖެހޭ ފަރާތަކީ ސަރުކާރެވެ. ސަރުކާރަކީ ދައުލަތް ހިންގުމަށް ރައްޔިތުން ހޮވާފައިވާ ފަރާތެވެ. އެކަން ކުރުމަށްޓަކައި ހިންގުމުގެ ހުރިހާ ބާރުތަކެއް އޮންނަނީ ސަރުކާރުގެ އަތްމައްޗަށް ދޫކޮށްލެވިފައެވެ. ސިޔާސަތުތައް ކަނޑައަޅާލުމެވެ. ތައުލީމީ ސިޔާސަތާއި އާންމު ސިއްހަތާ ބެހޭ ސިޔާސަތެވެ. އިގުތިސާދީ ސިޔާސަތާއި އަމަން އަމާންކަން ބެލެހެއްޓުމުގެ ސިޔާސަތެވެ. ދާޚިލީ ސިޔާސަތާއި ޚާރިޖީ ސިޔާސަތެވެ. މި ސިޔާސަތުތައް ކަނޑައަޅާލުމަށްޓަކައި، ކަމާ ބެހޭ ދާއިރާތަކަށް، ކުފޫ ހަމަވާ ގާބިލު މީހުން ބޭނުންވެއެވެ. ގައުމުގެ މީހުންނެވެ. ބޭރު މީހުންނެއް ނޫނެވެ. މިފަދަ މީހުން އުފެއްދުމާއި، އެކިއެކި ދާއިރާތަކަށް އެފަދަ މީހުން ލައި މަސްއޫލުވެރިކުރުމުގެ ބާރާއި އިޚުތިޔާރު އޮތީ ސަރުކާރުގެ އަތްމަތީގައެވެ. ސުއާލަކީ މިކަން ސަރުކާރަށް އެންމެ ރަނގަޅަށް ކުރެވޭ ބާވައެވެ؟ މި ސުއާލުގެ ޖަވާބު ލިބިގަތުމަށްޓަކައި ދެ މިސާލެއް ލިޔެލާނަމެވެ. ޚާރިޖީ ދާއިރާއަށް ބަލާލަމާ ހެއްޔެވެ؟ ޚާރިޖީ ދާއިރާގައި ދުވަހަކުވެސް އުޅެފައި ނެތް މީހުން، އެ ދާއިރާން ތައުލީމު ހޯދައި، ކަމަށް ގާބިލުވެފައި ނެތް މީހުން ގައުމު ތަމްސީލުކުރާ ސަފީރުންގެ ގޮތުގައި އައްޔަނުކުރެވިފައި އެބަތިއްބެވެ. އަދި، އެމީހުންގެ ވަލާއު، އެމީހުން އެފަރާތަކަށް ތެދުވެރިވެ، އިޚުލާސްތެރިކަން މަތީ މަސައްކަތްކުރަން ޖެހޭ ފަރާތަކީ، ގައުމު ނޫންކަމުގައި ދެކޭ މީހުން ވެސް މިފަދަ މަގާމުތަކުގައި އެބަތިއްބެވެ. މިކަމާ ބެހޭ ގާނޫނުތަކާ ގަވާއިދުތައް މިކަން މަނާކުރާ ކަމުގައި ވިޔަސް، ތިމާގެ ކަމާ ރަށްޓެހިކަމުގެ މިންގަނޑުތަކަށް ބަލައި ވަޒީފާ ދެވޭތީއެވެ. ދެން ތައުލީމީ ދާއިރާއަށް ބަލާލަމާ ހެއްޔެވެ؟ ރަސްމީ ސިފައެއްގައި މަދުރަސީ ތައުލީމު ދެވެމުން އަންނަތާ ފަސްދޮޅަހަކަށް އަހަރު ވަނީ އެވެ. މިހާ ދުވަސްވީއިރު ވެސް ގައުމީ މުގައްރެއް ކަނޑައަޅާލެވިފައެއް ނެތެވެ. އަމިއްލަ ގައުމީ ސާނަވީ އިމްތިހާނެއް ހިންގައެއް ނުލެވެއެވެ. ކިޔަވައިދޭނޭ އަމިއްލަ އެދުރުންނެއް ނެތެވެ. މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ 'ވިޒަން’އެއް، ކުރިމަގަށް ބަލައި ހެދިފައިވާ، ޕުލޭނެއް، ރޭވުމެއް، ނެތްކަމެވެ. އިގުތިސާދީ ދާއިރާއަށް ބަލާލާއިރު ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ ތަނުގައި އޮތްނަމަ އޮތް ހަރުމުދަލެއްގެ ބޮޑުބައެއް މަދު ބައެއްގެ މުށުތެރެއަށް ލެވި ބަންދުވެފައިވާ ތަނެވެ. ދެން އޮތް ބައި ގެންދެވެނީ ބޭރުގެ ކުންފުނިތަކަށް ވިއްކާލެވެމުންނެވެ. ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ގެދޮރު ލިބިގަނެވެން އޮންނަނީ ހަމައެކަނި ތަކާސުރުގެ، އެހެން އެއްވެސް މީހެއްގެ މުހުތާދަކަށް ބެލުމެއް ނެތި، މުދާ ގިނަކޮށް ބައްކުރުމުގެ، ދަހިވެތިކަމުގެ އަގީދާގެ މުއްސަނދިންނަށެވެ. މިސާލަކަށް މާލޭގައި ދިހަ ބާރަ ބުރީގެ އިމާރަތްތައް ހުންނަ މީހާ، އަދި އިތުރު އިމާރާތްތައް ދެން ހިއްކާ ރަށަކުން ވެސް ބޭނުންވެ، އެކަމަށް ދަހިވެތިވެއެވެ. އަދި އެތަނުން އިމާރަތްތައް އެޅުމުގެ ފުރުސަތު ލިބުނަސް ހިތެއް ނުފުރެއެވެ. ދެވަނަ ފޭހާއި ތިންވަނަ ފޭހުގެ ބިމުންވެސް އިތުރަށް ބިން ބޭނުން ވެއެވެ. އަދި ނުވިތާކަށް ،އެހެން އަތޮޅުތަކުގެ ރަށްރަށުން ވެސް ބިންތައް ނަގައި، އެއްވެސް ކަމެއް ނުކޮށް ބޭއްވުމުގެ ފުރުސަތުވެސް އެފަދަ މީހުންނަށް ލިބެއެވެ. ދަރިފަސްކޮޅަށް ވާރުތަކުރުމަށްޓަކައެވެ. މިކަމުގެ ހެކި، ލ. އަތޮޅުގެ ބައެއް ރަށްރަށުން ފެންނާނެއެވެ. އަނެއްކޮޅުން ކައިވަތެއްގެ ބިންކޮޅެއް ވެސް ނެތް މީހާ އުޅޭނެ ގޮތަކަށް އުޅެންވީ އެވެ. އެފަދަ މީހުންނަށް ގެދޮރު ލިބުމުގެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަކަށް ނުވެއެވެ. އެކަމުގެ މަގުފަހިވާ ގޮތަށް ސިޔާސަތުތައް ކަނޑައެޅިގެންދާ ތަނެއް ނުފެނެއެވެ.

މިތަނުގައި ބާރުއަޅައި ފާހަގަކޮށްލަން ޖެހޭ ކަމަކީ މުދާ އިތުރުކޮށް ގިނަކުރުމަކީ މައްސަލައެއް ނޫންކަމެވެ. ނަމަވެސް، މިކަން އޮންނަން ޖެހޭނީ ހަމަހަމަ ގޮތެއްގައި އެންމެނަށް ވެސް އެކަން ކުރެވޭނެ ގޮތަކަށެވެ. ނަމަވެސް، މިހާރުގެ އިގުތިސާދީ ނިޒާމު އޮތް ގޮތުން، މިކަން ކުރެވެން އޮންނަނީ ހަމަ އެކަނި މުއްސަނދިންނަށެވެ. އެހެންވެ، މައްސަލައަކީ ނިޒާމުގެ މައްސަލައެވެ. ސަރުކާރުގެ ސިޔާސަތުގެ މައްސަލައެކެވެ. ސިޔާސަތުތައް ކަނޑައަޅާލަން ގާބިލު، އެކަށޭނަ މީހުން ނެތުމުގެ ނަތީޖާއެވެ. ބިމާއި އުޅޭނޭ ތަނެއްގެ މައްސަލައަކީ ބޮޑު މައްސަލައަކަށްވާއިރު، މިކަމުގެ ސިޔާސަތު އިތުރަށް ހަރުދަނާވާން ޖެހެއެވެ. ބޮޑެތިބޮޑެތި އިމާރާތްތަކުގެ މިލްކުވެރިންނަށް އިތުރު ބިންތަކާ އިމާރާތްތައް ދެވެންވާނީ ދިރިއުޅޭނޭ ގެދޮރެއް ނެތް މީހުންނަށް އެ ފުރުސަތު ހޯދައިދިނުމަށްފަހުގައެވެ. ކުއްޔަކީ އިމާރާތުގެ ވެރިފަރާތުގެ ހަވާ ނަފްސު އެދޭ ގޮތަށް ކަނޑައަޅާލެވިދާ ކަމަކަށް ވެގެންނުވާނެއެވެ. މިކަމާ ބެހޭ ހަރުދަނާ ގަވާއިދުތަކެއް ކަނޑައެޅިފައި އޮންނަން ޖެހެއެވެ. ސަރުކާރެއްގެ ފަރާތުން މިކަންކަން ނުކުރެވޭ ނަމަ،އެ ސަރުކާރެއްގެ ޒިންމާ އަދާކުރެވުނީ ކަމުގައި ބެލެވޭނެ ހެއްޔެވެ؟ ޖަވާބުގައި ބުނަން މަޖުބޫރުވަނީ ނޫނެކެވެ. އެހެންކަމަށްވާ އިރު، ސަރުކާރުތަކަށް އޭގެ ޒިންމާ އަދާ ނުކުރެވޭ ނަމަ، އާންމު ރައްޔިތުންގެ ޝަކުވާގެ ވާހަކަތަކަށް ހުއްޓުމެއް އަންނާނެ ހެއްޔެވެ؟

މަސްއޫލުވެރި ގޮތެއްގައި ސަރުކާރުތަކުގެ ޒިންމާ އަދާކުރުމުގައި ފަސްޖެހިފައިވާ ކަމުގެ އެއް މިސާލު، ދައުލަތުގެ ޚަޒާނާ ބޭނުންކުރާ ގޮތުގެ މައްޗަށް ބަލައިލައި، ލިޔެލާނަމެވެ. ސަރުކާރެއްގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ ދައުލަތުގެ ޚަޒާނާ އަމާނަތްތެރިކަމާ އެކު ބެލެހެއްޓުމެވެ. ވޭތުވެދިޔަ ހަތްދިހަ އަަށްޑިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި، ގާއިމުވެ ދިޔަ ސަރުކާރުތަކަށް ބަލާލާއިރު، ބުނަންޖެހެނީ ސަރުކާރުތަކުން ދައުލަތުގެ ޚަޒާނާ އަމާނަތްތެރިކަމާ އެކު ބެލެހެއްޓިފައި ނުވާކަމެވެ. މިކަމުގެ ހެކީގެ ގޮތުގައި ބައެއް ވާހަކަތައް ލިޔެލާނަމެވެ. މާޒީވެ ދިޔަ، މިބުނި ހަތްދިހަ އަށްޑިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ގާއިމުވި ބައެއް ސަރުކާރުތައް ނިމި، އެ ސަރުކާރުތަކުގެ އިސްވެރިންގެ މަސީރުގެ މަތިން ހަނދާންކޮށްލާށެވެ. އެކެއްގެ ވެރިކަން ނިމިގެން ދިޔައީ އިންގިލާބަކުންނެވެ. އަދި އެސަރުކާރުގެ ވެރިޔާގެ ނިމުން އައީ ވަރަށްވެސް ހިތާމަވެރި ގޮތަކަށެވެ. ރައްޔިތުންގެ ފަރާތުން ލިބުނު ޖިސްމާނީ އަނިޔާތަކެއްގެ ސަބަބުންނެވެ. މިހެން ކަންތައް ވާން ދިމާވީ ކީއްވެތޯއެވެ؟ އެކަމަށް އިޝާރަތްކޮށް ބުނެ އުޅޭ އިބާރާތެއް އޮވެއެވެ. 'އާންމު ރައްޔިތުން ބަނޑަށްޖެހި، ކާނޭ އެއްޗެއް ނުލިބި، ބައެއް ރަށްރަށުގެ އާބާދީގެ ތިންބައި ކުޅަ ދެބައި މަރުވެ ދިޔައިރު، ވެރިން އުޅުއްވީ އުދުހިފައެވެ. ވެރިން އެދިލައްވާ ގޭގެއަށް ކާޑު ލިބެއެވެ.' މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ ދައުލަތުގެ މުދަލާއި ފައިސާއަކީ ވެރިކަމުގައި ހުންނަ މީހާގެ އަމިއްލަ އެއްޗެއް ކަމަށް ގަބޫލުކުރެވިފައި އޮތުމެވެ. އެދުވަސްވަރު، ދައުލަތުގެ ޚަޒާނާ، ނުވަތަ އެއިން ބައެއް ބެހެއްޓިފައި ހުންނަނީ ވެރިޔާގެ ގޭގައި ކަމަށްވެސް ބުނެވެއެވެ. އަދި އޭނާގެ ވެރިކަން ވެއްޓުމާ ގުޅިގެން 'ގޯނި ގޯނީގައި' ދައުލަތުގެ ފައިސާ ބައެއް މީހުން ގެންދިޔަ ވާހަކަވެސް ދެކެވެއެވެ!

މިއާ ވިދިގެން އައި ވެރިކަން ކުރު މުއްދަތެއްގެ ތެރޭގައި ނިމިދިޔައެވެ. އެއަށް ފަހު، ދިގު ދެމިގެން ދިޔަ ވެރިކަމެއް އައެވެ. އެ ވެރިކަން ނިމިގެން ދިޔުމުން، ކުރެވުނު ތަހުގީގުތަކުގައި، މަތީ ދަރަޖައަކަށް ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވެފައިވާކަން ސާބިތުވިއެވެ. (މިކަމާ ބެހޭ ހިސާބުތައް އެ ދުވަސްވަރުގެ ދުވަހު ނޫސް ހަވީރުން ލިބޭނެއެވެ.) ކޮންމެ އަކަސް މިހެން ކަންތައް ވެދާނެ ކަމަށް ފެނި، އޭނާގެ ވެރިކަން ނިމުމުގެ މާކުރިން، އޭނާ ރާއްޖޭ ދޫކޮށްލަން ނިންމައި އެކަމަށް މަގުފަހިކޮށް، ވެރިކަން ނިމުމުން އޭނާ ރާއްޖެ ދޫކޮށްލާފައި ދިޔައީއެވެ. ދެން އައި ސަރުކާރުތަކުގައި ވެސް ފެންނަމުން ދިޔައީ އެއްކަމެކެވެ. ދައުލަތުގެ ޚަޒާނާއަކީ ވެރިޔަކަށް ހުންނަ މީހަކު އޭނާގެ ހަވާ ނަފްސު އެދޭ ގޮތަކަށް ކުޅެލަން އޮންނަ އެއްޗެއްގެ ގޮތުގައެވެ. މިކަމަށް މަގުފަހިވާ ގޮތަށް ނިޒާމު ހަމަޖެހި ސިޔާސަތުތައް ކަނޑައެޅެއެވެ. ބައެއް ފަހަރު ރިޔާސީ ގަނޑުވަރުގެ ޚަރަދުގެ ނަމުގައެވެ. އެކި ނަންނަމުގައި ފޯރުކޮށްދެވޭ އެހީއާއި ލޯނުގެ ނަމުގައެވެ. މީގެ މިސާލެއްގެ ގޮތުން ސަރުކާރުގެ ރަނގަޅު ފޮތުގައި އެމީހުންގެ ނަންލިޔެވުނު މީހުން ގެދޮރާއި އިމާރާތްތައް އާރާސްތުކުރިއެވެ. އާދެ، ވެރިޔާގެ ދީލަތިފުޅުކަމުގެ ނަތީޖާއެވެ! ދައުލަތުގެ ޚަޒާނާއަކީ ވެރިޔާގެ އެއްޗަކަށް ވެފައި އޮތުމުގެ ލާމަސީލު މިސާލެކެވެ! އަދި މިހާރު މިކަމުގައި އާ މަންޒަރުތަކެއް ފެންނަމުން އެބަ ދެއެވެ. 'ރަސްމީ' ދަރުތުތައް ކުރުމުގައެވެ. މިފަދަ ދަތުރުތަކުގެ ޚަބަރުތައް އިވޭ އިރު، ހިތަށް ފެންނަނީ ތެލުގެ މުއްސަނދިކަން ލިބިފައިވާ އަރަބި ގައުމުތަކުގެ ރަސްރަސްކަލުންގެ ދަތުރުތައް މަތިންނެވެ! މީގެ އިތުރުން، ބަދަލު ދިނުމުގެ ވާހަކަތަކަކީ ވެސް ދައުލަތުގެ ޚަޒާނާއަށް އެއްވެސް ޖެހިލުމެއް، ޒަމީރުގެ ކޮށާލުމެއްގެ އިހުސާސުވުމެއް ނެތި، ވެރިންނަށް އަތް ބާނަން ލިބޭ ވަރަށް ވެސް މޮޅު ފުރުސަތެކެވެ. އަދި، މީގެ އިތުރުން، ކުރިން ޚިޔާލަށް ވެސް ނުގެނެވޭ، ދައުލަތުގެ ޚަޒާނާއަށް އަތް ބޭނުމުގެ ފުރުސަތުތައް ސަރުކާރުގެ ފަރާތުން ހޯދަމުން ދާތަން ފެންނަމުން ދެއެވެ. އެންމެ ފަހުން ފެނުނު މަންޒަރަކީ ބޭރުގެ ގާނޫނީ ވަކީލަކަށް، ރާއްޖޭގެ އާންމު މަސްލަހަތާ އެއްވެސް ގުޅުމެއް ނެތް ކަމެއްގައި ވަކާލާތުކުރުމަށް، ފައިސާދިނުމަށް ދައުލަތުގެ ޚަޒާނާއަށް އަތް ބޭނި ބޭނުމެވެ. އާދެ، މިފަދައިން- ދައުލަތުގެ ޚަޒާނާއަކީ ވެރިއަކަށް ހުންނަ މީހެއްގެ ހަވާނަފްސު އެދޭ ގޮތަކަށް ކުޅެން އޮންނަ އެއްޗަކަށް ވެއްޖެނަމަ، އަމާނާތްތެރިކަމާއެކު ދައުލަތުގެ ޚަޒާނާ ބެލެހެއްޓުމުގެ ވާޖިބު އަދާ ކުރެވޭނެ ހެއްޔެވެ؟ ޖަވާބުގައި އަނެއްކާ ވެސް ބުނަން ޖެހޭނީ ނޫނެކެވެ! އެހެންކަމަށްވާ އިރު، ސަރުކާރުތަކަށް ދައުލަތުގެ ޚަޒާނާ އަމާނާތްތެރިކަމާ އެކު ނުބެލެހެއްޓޭ ނަމަ، އާންމު ރައްޔިތުންގެ ޝަކުވާގެ ވާހަކަތަކަށް ހުއްޓުމެއް އަންނާނެ ހެއްޔެވެ؟

ހުރިހާ ކަމެއް ސަރުކާރުގެ ބޮލުގައި އަޅުވާފައި ނިންމާލެވޭކަށް ނެތެވެ. ކަންތައްތައް ގޯހުން ގޯހަށް ދިޔުމުގައި އާންމު ރައްޔިތުންގެ ދައުރެއްވެސް އޮވެއެވެ. އެއީ ކީއްވެގެންތޯ ބަލާލަމާ ހެއްޔެވެ؟

ދެންމެ ބުނި ފަދައިން، ސަރުކާރެއް ގާއިމުވުމުގައި، އާންމު ރައްޔިުތުން ހިއްސާއެއް އޮވެއެވެ. ވެރިކަންކުރާނޭ ބަޔަކު ހޮވެނީ ވޯޓުގެ ޒަރިއްޔާއިންނެވެ. އާންމުންގެ ވޯޓަކުންނެވެ. ރައްޔިތުން ތަމްސީލުކުރާ ރައްޔިތުންގެ މަޖުލިސް ހޮވެނީ ވެސް ހަމަ އާންމުންގެ ވޯޓަކުންނެވެ. ރަށްތަކާ އަތޮޅުތަށް ސީދާ ހިންގާ ކައުންސިލްތައް ވެސް ހޮވެނީ ހަމަ އާންމުންގެ ވޯޓަކުންނެވެ.

އާންމުންގެ ކޮންމެ ފަރުދަކަށް ވެސް، ގާނޫނު ކަނޑައަޅާ ގޮތެއްގެ މަތިން ވޯޓުދިނުމުގެ ހައްގު އޮވެއެވެ. ފުރަތަމަ ސުއާލަކީ އާންމު ރައްޔިތާ ވޯޓުލުމުގެ ވާޖިބު އަދާކުރަނީ މަސްއޫލުވެރި ގޮތައްގައިތޯއެވެ؟ މިކަން އެންމެ އެކަށީގެންވާ ގޮތުގައި ކުރަން ގަސްދުކޮށްފި ނަމަ އެންމެ ފުރަތަމަ ކެންޑިޑޭޓުންގެ ލިސްޓަށް ވަރަށް ރަނގަޅަށް ބަލައި އެމީހުންނާ ބެހޭ މައުލޫމާތު ހޯދަންޖެހެއެވެ. އަދި އެމީހުންގެ ތެރެއިން މަގާމަށް އެންމެ އެކަށީގެންވާ މީހާ ދެނެގަނެ، އެމީހަކު ހޮވަން މަސައްކަތްކުރަން ޖެހެއެވެ. އާންމު ރައްޔިތާ މިގޮތުގެ މަތިން ވޯޓުލުމުގެ މަސައްކަތް ކުރޭބާވައެވެ؟ އާންމު އިންތިޚާބެއްގެ ދުވަސްވަރު އެންމެ ގަދަވާ އެއް އަޑަކީ ވޯޓު ގަނެ ވިއްކާ ވާހަކައެވެ. ވޯޓަކީ ގަނެ ވިއްކާ އެއްޗަކަށް ވެއްޖެ ނަމަ، އަދި އާންމު ފަރުދަކީ އޭނާގެ ވޯޓު އެންމެ ގިނަ އަދަދަކަށް ފައިސާ ދިން މީހަކަށް ވިއްކާލާ މީހަކަށް ވެއްޖެ ނަމަ، ވޯޓު ދިނުމުގެ ވާޖިބު މަސްއޫލުވެރި ގޮތެއްގައި އަދާކުރެވުނީ ކަމަކަށް ނުވާނެއެވެ. އަދި ވޯޓަކީ ގަނެ ވިއްކޭ އެއްޗަކަށް ވެއްޖެ ނަމަ ޑިމޮކުރަސީ ނިޒާމުގެ އަގު ގެއްލި، ޑިމޮކުރަސީގެ ވަސީލަތް ބޭނުންކޮށްގެން ގާއިމުކުރަން އުޅޭ ވެރިކަމުގެ ހެޔޮ ނިޒާމެއް ގާއިމެއް ނުކުރެވޭނެއެވެ. އަދި އޭރުން ރައްޔިތުން ތަމްސީލުކުރަން އެކި އެކި މަޖުލިސްތަކުގައްޔާ ތަންތަނުގައި ތިބޭނީ އެކަމަށް އެންމެ އެކަށީގެންވާ މީހުންނެއް ނޫނެވެ. މިކަން މިހާރު ވެސް ރައްޔިތުންގެ މަޖުލީހުން ފެނިގެން ދެއެވެ. ބައެއް މެމްބަރުން ވާހަކަދައްކާއިރު، އެ މެންބަރުން ތިބީ ހަމަ ހޭގައި ކަމާ މެދު ސުއާލުކުރެވެއެވެ. އަދި ބައެއް މެންބަރުންގެ ވާހަކަދެއްކުމުގެ ބަހުރުވަ ހުންނަނީ މިފަދަ މަޖުލިހެއްގައި ވާހަކަދެއްކުމުގެ ބަހުރުވައަށް ވުރެ ދަށު ދަރަޖައިގައެވެ. މިފަދަ މެންބަރުންނަށް ގައުމީ މައްސަލަތަކާ މެދު ބަހުސްކޮށް އެކަންކަން ހައްލުކުރުމަށް ކަމެއް ކުރެވިދާނޭތޯ ސުއާލު އުފެދެއެވެ. މިފަދަ މެންބަރު މަޖުލީހަށް ވެއްދުމުގެ ޒިންމާ ނަގަންޖެހޭނީ އާންމު ރައްޔިތު މީހާއެވެ. އެފަަދަ މީހުން ހޮވީ އާންމު ރައްޔިތު މީހާ ކަމަށްވާތީ އެވެ. ސަރުކާރުގެ ފަސާދައިވެ ވާހަކަދައްކާއިރު، ވޯޓު ވިއްކައި ވޯޓުލުމުގެ ވާޖިބު މަސްއޫލުވެރި ގޮތެއްގައި އަދާނުކުރުން ފަސާދައިގެ އަމަލުގެ ތެރޭގައި ނުހިމެނި ހިނގައިދާނެތޯއެވެ.

ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއް ހިނގަމުންދަނީ -ފޮޓޯ: މަޖިލިސްގެ އިދާރާ

މީގެ އިތުރުން އަދި އެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ރައްޔިތުންގެ މަޖުލީހުގެ މެންބަރުކަމަށް މީހުން ހޮވާއިރު ހޮވާ މީހުންނަކީ ހަގީގަތުގައި ވެސް ގައުމާއި އާންމު ރައްޔިތުންގެ މަސްލަހަތު ރައްކާ ކުރުމަށްޓަކައި މަސައްކަތް ކުރާ ބަޔަކުތޯ ބަލަން ޖެހެއެވެ. ހަގީގަތުގައި ވެސް، އެމީހުންގެ ތާއީދު ބިންގަލަކީ ރައްުޔިތުންތޯ ދެނެގަތުމެވެ. އަދި އެމީހުންގެ ވަލާއު (އެލީޖެންސް) އޮތީ ގައުމަށްތޯ ބަލަން ޖެހެއެވެ. އަދި އެމީހުންނަކީ ގައުމުގެ އާދަކާދަތަކަށާއި ގައުމީ އަގުތަކަށް އިހުތިރާމު ކުރާ ބައެއްތޯ ބަލަން ޖެހެއެވެ. މިހާރު މަޖުލިހުންނާ އަދި ވެސް ރައްޔިތުން ތަމްސީލުކުރާ އެކިއެކި ސަރުކާރު އިދާރާތަކުން ފެންނަ މީހުންނަކީ މިފަދަ ބައެއް ކަމާމެދު ސުއާލު އުފެދެއެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ރާއްޖޭގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަދެ، ރާއްޖެއަށް އަރައިގަތުމަށް ދައުވަތު ދިން މީސްމީހުންނެވެ. މިފަދަ ބައެއްގެ ވަލާއު އޮތީ ގައުމަށާއި ރައްޔިތުންނަށް ކަމުގައި ބެލެވޭނެ ހެއްޔެވެ؟ ސިޔާސީ ގޮތުން ތަސައްރުފު ފުދި، ގައުމީ ހޭލުންތެރިކަމެއް ހުރި އެއްވެސް ބަޔަކު ގައުމީ ޚިޔާނަތުގެ އަމަލެއް ކަމުގައި (ޓްރީސަން ކަމުގައި) ބެލެވޭ ކަމެއް ކޮށްފައި ހުރި އެކަކުވެސް އާންމު ރައްޔިތުން ތަމްސީލުކުރަން ހޮވާފާނެ ބާވައެވެ. މިފަދަ އަމަލެއް، އެހެން ރާއްޖެއެއްގައި ކޮށްފި މީހަކީ ޚާއިނުންގެ ގޮތުގައި ބެލެވި، އެމީހުންނާ މެދު ޝަރީއަތް ހިންގެއެވެ. އަދި، އެފަދަ މީހުން، ސިޔާސީ މައިދާނުން މުޅިން ބޭރުކުރެވެއެވެ. އާންމު ރައްޔިތުން އެމީހުން ތަމްސީލުކުރަން އެފަދަ ޚާއިނުން ހޮވާ ނަމަ، އެމީހުންގެ ވޯޓު ދިނުމުގެ ވާޖިބާއި މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރެވުނީ ކަމަށް ބެލެވިދާނެ ހެއްޔެވެ. ޖަވާބުގައި ބުނަން ޖެހޭނީ ނޫނެކެވެ.

އެހެންވެ، ސަރުކާރުތައް ގޯސްވެއްޖެ ކަމުގައި ބަލައި، އާންމު ރައްޔިތުން ޝަކުވާކުރާ ނަމަ، އެކަމުގެ ޒިންމާ ނަގަން ޖެހެނީ ހަމަ އެކަނި ސަރުކާރަކުން ނޫނެވެ. އާންމު ރައްޔިތުން ވެސް އެކަމުގެ ޒިންމާ ނަގަންޖެހެއެވެ. އެފަދަ ބަޔަކު ވެރިކަމަށް ގެނައުމުގައި އާންމު ރައްޔިތުން މުހިއްމެ ދައުރެއް އަދާކޮށްފައިވާތީ އެވެ. ވޯޓު ދިނުމުގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިފައި ނެތީމައެވެ.