Support Us

ވާހަކައަކާއި އެއާ ގުޅޭ ވާހަކައެއް

ތިރީގައި އެވަނީ އަފްޣާނިސްތާނުން ލިބެން އޮތް ފިލާވަޅު ކަމަށް މީހަކު ބުނެފައި އޮތް ވާހަކައެއްގެ ޖުމްލަ މާނައާއި އަދި އެއާ ގުޅުވާލައިގެން ލިޔެފައި އޮތް ދެތިން ޖުމްލައެކެވެ.

  1. ކަލޭ ބޭނުންވާ ފުލެޓު، ކަލޭ ބޭނުންވާ ސައިކަލު، ކާރު، މަސްދޯނި، ބޭންކުގައި ކަލޭ ރައްކާކުރާ ފައިސާ، ކަލޭ އުޅެން ބޭނުންވާ ދިރިއުޅުން، ކަލޭގެ ވިޔަފާރި، ކަލޭ އުޅެން ބޭނުންވާ ދިިރިއުޅުން، މި ހުރިހާ އެއްޗިއްސާއި ކަންކަން ހިރަފުހަށް ވެގެން ދެއެވެ. ކަލޭގެ ގައުމު މިނިވަންކަންމަތީ ކޮޅަށް ނުހުރެވޭ ނަމައެވެ.
  2. ކަލޭގެ އަމިއްލަ މިލްކިއްޔާތުގައިވާ އެއްޗެއްގައި އެއްވެސް އަގެއް ނުހުންނާނެއެވެ. ކަލޭގެ ގައުމުގެ އެއްވެސް އަގެއް ނެތް ނަމައެވެ. ކަލޭގެ ގައުމުގެ އެއްވެސް ރައުސްމާލެއް، ހަރު މުދަލެއް ނެތް ނަމަ، ކަލޭގެ ގައުމުގެ އެއްވެސް އަގެއް ނޯންނާނެއެވެ. [މި މަގާމުގައި އިރާގު މަތިން ވެސް ހަނދާންކޮށްލުން އެންމެ ރަނގަޅެވެ. ހަތްދިހައިގެ އަހަރުތަކުގެ ފަހާ ޖެހެން ދެންވެސް އިރާގުގެ ދީނާރަކަށް ޔޫ.އެސް. ތިން ޑޮލަރު ލިބެއެވެ! ނުވަ ދިހައިގެ އަހަރުތައް ނިމުނު އިރު ކަން އޮތީ ކިހިނެއް ހެއްޔެވެ؟ ފަނަރަސަތޭކަ ދީނާރުގަށް އެންމެ ޑޮަލަރެއް ވެސް އޮތީ ނުގަނެވޭހާ ދަށަށް އިރާގުގެ ދީނާރުގެ އަގު ވެއްޓިފައެވެ.]
  3. ހަމަ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ކަލޭގެ އަމިއްލަ ރަށުގައި ކަލޭ ރެފިޔުޖީއަކަށް ވެދާނެއެވެ. ކަލޭގެ ލީޑަރުން ކަމުގައި ތިބި މީހުން ކަލޭގެ މިނިވަންކަން ވިއްކާލާފައި ދުވެފިލުމުންނެވެ. [މި މަގާމުގައި ފަލަސްތީނުގެ މީހުން މަތިން ހަނދާންކޮށްލުން އެންމެ ރަނގަޅެވެ. އެމީހުންގެ ލީޑަރުން ކަމުގައި ބެލި، އަރަބީންގެ ވެރިން، އެމީހުން ވިއްކާލުމުން، އެމީހުން އަމިއްލަ ރަށުގައި އެމީހުން ރެފިޔުގީންނަށް ވިއެވެ!]

މިއިން ލިބޭ އިބުރަތަކީ ކޮބައި ހެއްޔެވެ؟

ކަލޭމެންގެ ގައުމު ބިނާކުރަން ކަލޭމެން އުޅޭށެވެ! އެއީ ކަލޭމެންގެ އަމިއްލައަށް އިސްނަގައިގެން ކަލޭމެންގެ އަމިއްލަ މަސައްކަތުން ކުރެވޭނޭ ކަމެކެވެ. އެއީ ބޭރު ބަޔަކަށް ކޮށްދެވޭނޭ ކަމެއް ނޫނެވެ! ކަލޭމެންނަށް އެކަން ކުރެވި ދިޔުމަށްޓަކައި ވަރުގަދަ ލީޑަރުންގެ ބަޔަކު ކަލޭމެން ހޮވަން ޖެހެއެވެ. [މިތަނުގައި ހަދާންކޮށްލުން އެންމެ ރަނގަޅު ވާހަކައެއް އެބަ އޮތެވެ. މިހާރު ކަލޭމެން އިންތިޚާބުކޮށްފައި ތިބި ރަނޑުންތައް ފަދަ މީހުން މަތިން ހަނދާންކުރާށެވެ! އެމީހުންގެ ބަހާއި އަމަލުތަކާ މެދު ވިސްނާށެވެ! އެފަދަ ސޭވާލި، ގައުމާ މެދު އެއްވެސް ޣީރަތްތެރިކަމެއް ނެތް ބަޔަކު ދެވަނަ ފަހަރަށް އިންތިޚާބު ނުކުރާށެވެ! އެއް ހޮރުން ކަލޭމެން އަތަށް ދެ ފަހަރު ކަށި ޖެހިޔަނުދޭށެވެ!] ކަލޭމެންގެ ފައިސާއިން ފައިސާ ހަދައިގެން ކަލޭމެންނަށް ބަހާލާ ކޮޅުދާލި ފައިސާ ފޮއްޗަކަށް ކަލޭމެންގެ ވޯޓު ވިއްކާ ނުލާށެވެ! އެފަދަ ކޮޅުދާލި ބަހާ މީހުންގެ ބަހަށް ނުހެއްލޭށެވެ! އެމީހުން އެ ކޮޅުދާލިކޮޅު ބަހާލަނީ އޭގެ އެތައް ގުނައެއް ނުހައްގުން ފަސް އަހަރު ދުވަހުގެ ތެރޭގައި ހޯދުމުގެ ބޭނުމުގައެވެ! ކަލޭމެންގެ ލީޑަރުންގެ ގޮތުގައި ކަލޭމެން ހޮވަން ޖެހޭނީ އެފަދައިން ކަންތައްކޮށް ވައްކަންކުރުމުގެ މަގުފަހި ކުރާ މީހުންނެއް ނޫނެވެ. ކަލޭމެން ހޮވަން ޖެހޭނީ ކަލޭމެންނާއި ކަލޭމެންގެ ގައުމު، ކަލޭމެންގެ ޖަމާއަތް ހިމާޔަތް ކުރާނޭ ބައެކެވެ. ކަލޭމެންގެ ގައުމަކީ ކަލޭމެންގެ 'އާއިލާ' ކަމުގައި ދެކޭށެވެ! އެއާއިލާއަށް ބޭނުންވަނީ ހަރުދަނާ މައިންބަފައިންނެވެ. ކަލޭމެންގެ ގައިގައި ދަނޑިމާރު އަޅައިގެން ވެސް މަދަރުސާއަށް ފޮނުވާނޭ މައިންނާއި ބަފައިންނެވެ! ކަލޭމެންގެ ގައުމުގެ އާއިލާ ހިންގަން ކަލޭމެން ހޮވަން ޖެހޭނީ އެފަދަ ލީޑަރުންނެވެ. ކަލޭމެންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދީ، ކަލޭމެން ލައްވާ މަސައްކަތްކުރުވައިގެން ކަލޭމެންގެ ގައުމު ކުރިއަށް ގެންދާނޭ ފަދަ ލީޑަރުންނެވެ. [މި މަގާމުގައި ހުޅުލޭވައި ބަނދަރު ފަސްދޮޅަހުގެ އަހަރުތަކުގެ ކުރީކޮޅު، އެންމެ ފުރަތަމައިން ބިނާކުރި ގޮތް މަތިން ހަނދާންކޮށްލާށެވެ! މާ ނިކަމެތި ހާލުގައި ގައުމު ވަނިކޮށް، އަމިއްލަ ކެރުމާއި ހިއްވަރުން، އަދި، ވަރުގަދަ ލީޑަރެއްގެ ބެލުމުގެ ދަށުން ކާމިޔާބާއެކު އެ މަސައްކަތް ނިންމާލިއެވެ!]