Support Us

ދެ ތަސްވީރެއްގެ ތަފާތާއި އެ ތަފާތު ބުނެދޭ ވާހަކައެއް

ޝައްކެެއްނެތް ގޮތުގައި ތިރީގައިވާ ދެ ތަސްވީރު އަޅާ ކިޔާލާއިރު، އެންމެނަށް ވެސް ވަރަށް ވެސް ބޮޑު ތަފާތެއް ފާހަގަކުރެވޭނެއެވެ. ނިދަން އޮތް ދެ ކުދިން ނިދަން އޮތް ތަނުގެ ތަފާތެވެ. ފިނިހޫނުކަމާއި ވަޔާއި ވިއްސާރަ ފަދަ ތަބީއަތުގެ އުންސުރުތަކުން ސަލާމަތްކަން ލިބިގެންވީ އަރާމު ކޮޓަރިއެއްގައި އޮތުމާއި އެފަދަ އުންސުރުތަކަށް ނަފްސު ހުށަހަޅާލެވިގެން، ހާމަ އުޑުގެ ދަށުގައި އޮންނަ އޮތުމުގެ ތަފާތެވެ. ދެ ކުދިންގެ ބޯ ދަށުގައި އޮތް 'ބާލީހުގެ' ތަފާތެވެ. ކަފަ ބާލިހެއްގެ މަޑު އޮމާން ކަމާއި ހަރު ހިލައިގެ ބާލިހެއްގެ ހަރު ކުރަކިކަމާ ދެމެދުގެ ތަފާތެވެ. ދެ ކުދިން ލައިގެން އޮތް ދެ ހެދުމުގެ ތަފާތެވެ. ސާފު ތާހިރު ހެދުމާއި ކިލާވެ، މިލަވެފައިވާ ދެ ހެދުމުގެ ތަފާތެވެ. އެއް ކުއްޖަކު ހިފައިގެން އޮތް ކުޅޭކުޅޭ ބުދާއި އަނެއް ކުއްޖާގެ އަތް ހުޅުވާލެވި ހުސްކޮށް އޮތްކަން ރަމްޒުކޮށްދޭ ދިނުމެވެ. އެކަކަށް ލޯތްބާއި އަޅާލުން އޮތް ކަމެވެ. އަނެކަކު މިކަމުން މުޅިން މަހުރޫމުވެފައިވާ ކަމެވެ.

މި ތަފާތުތައް ބުނެދެނީ ކޮން ވާހަކައެއް ހެއްޔެވެ؟ މުޖުތަމައުގެ އަފުރާދުންގެ މެދުގައި އޮންނަ ބޮޑު، އަދި، ހުއްޓުމެއް ނެތި ބޮޑުވަމުންދާ އިގުތިސާދީ ބޮޑު ތަފާތުވުމުގެ ވާހަކައެވެ. ލިބުމާއި ނުލިބުމުގެ ތަފާތުގެ ވާހަކައެވެ. އެއްބަޔަކަށް ދިރިއުޅެވޭނޭ ގޮތެއް ލިބިފައި އޮތުމާއި އަނެއް ބަޔަކު މިކަމުން މަހުރޫމުވެފައި އޮތުމުގެ ވާހަކައެވެ. މުޖުތަމައުގެ މުއްސަނދިކަން ހަމަހަމަ ގޮތެއްގައި އެންމެންގެ މައްޗަށް ބެހިގެން ނުދާ މައްސަލައިގެ ވާހަކައެވެ. މިކަން ކުރުމަށް މުޖުތަމައުގެ ވެރިން ނުކުޅެދިފައި ނުވަތަ ކުރަން ބޭނުން ނޫން ކަމުގެ ވާހަކައެވެ. އަދި، މިކަމުގެ ސަބަބުން، ދެބަސްވުންތަކާއި ކޯޅުންތައް، ތަޅާފޮޅުމާއި ހަނގުރާމަތައް ކުރުން މެދުވެރިވެ، އިންސާނުންގެ އިންސާނިއްޔަތުކަން ގެއްލި، އެއްވެސް ކުށެއް ނެތް، އެންމެ މައުސޫމު ނިކަމެތިން، އެންމެ ނިކަމެތިވާ ވާހަކައެވެ. އަދި، ކަންކަން މި ދަރަޖައަށް ދާއިރު، މުޖުތަމައުގެ ޒަމީރު މަރުވެ، ލީޑަރު ތަސްބީހަ ކިޔައި، ޚުޝާމަދުކޮށް އަތްޖަހައި ލީޑަރުންގެ މޮޅުކަން ބުނެދޭން މުޖުތަމައުގެ އަފުރާދުން ތިބޭ ކަމުގެ ވާހަކައެވެ

"ޟަމީރު އިންސާނީ މަރުވުމީ މުޞީބަތެކޭ،
ޒަމީނު އޭރުން އެއްފަދަވެޔޭ ޤިޔާމަތެކޭ!

އަމާންކަމުގެ އަސަރާ ހިޔަނިވެސް ފިލައި ނެތިގޮސް
ޒަމާނުގައި ވާނީ އަގަލުކުޑަ ޚަޞީލަތެކޭ!

މިހެން ވުމުން ދެމުނަސް ކޯރުތައް ލެޔާ ކަރުނައިން
އެހެން ވެދާނެޔެ ބުނެލުން އެވެސް ޢަދާލަތެކޭ"

(ޅެން ބައިތު: އާދަމް ނަސީރު އިބުރާހިމް)