...

Support Us

(އެއްވަނަ ބައި: މިނިމަމް ވޭޖް)

"ޚާއްޞަ އެހީފުޅެއް" ނުދެއްވައި، މިހެން ހައްދަވައިލެއްވުން ކީއްތޯއެވެ؟

މިއީ ފުލޯކު ވާހަކަޔަކަށް ވިޔަސް، ވާހަކަ މިފަހަރުވެސް އޮޑި މި ދުއްވަނީ ޙަޤީޤަތޭ ކިޔާ ފުށި ރަށްގަނޑުގެ ގެނބުރުންނެވެ.

އަޅުގަނޑަކީ ވަރަށް އާދައިގެ ދިވެހި ރައްޔިތަކީމެވެ. މަސައްކަތް ކުރަނީ ގަމުތެރޭ ފިހާރައެއްގެ ސޭޓެއްގެ މަޤާމުގައި ހުރެގެން، ޖެހުނުހައި ކަމެއް ކުރާ ގޮތަށެވެ. މުސާރަޔަކަށް ލިބެނީ މަހަކު 3،000 ރުފިޔާއެވެ. ދިރިއުޅުމުގެ ޚަރަދު ބަލަހައްޓާކަށް އެޔަކުން ނުފުދެއެވެ. އެހެން ކަމުން، އަޅުގަނޑުގެ އަންހެނުންވެސް މަސައްކަތު ދެއެވެ. ބޮޑުވެފައި ހުރި ދަރިފުޅުވެސް ކިޔެވުން ހުއްޓައިލައިފައި، ވަޒީފާގެ ބާޒާރަށް ނިކުމެއްޖެއެވެ. ތިންމީހުންނަށް ލިބޭ އެއްޗެއް އެއްކޮށްލައިގެން ވަރަށް ބަލައިގެން އުޅުނީމައި، މަސް ނިމޭއިރު ކިރިޔަކިރިޔާ ނުދަރާ ވެއެވެ.

ކަން މިހެން އޮއްވައި، ”މިނިމަމް ވޭޖް“ ކިޔާ އެއްޗެއްގެ ވާހަކަ ދެކެވެން ފަށައިފިއެވެ. މިކަމާ އެންމެ ކަންބޮޑުވީ އަޅުގަނޑު ވަޒީފާ އަދާކުރާ ތަނުގެ ބޮޑުމީހާއެވެ. މިހައިރު ދޭ އެއްޗަކަށް ވުރެ ބޮޑު އެއްޗެއް އަޅުގަނޑަށް ދިނުމަކީ ޤާނޫނީ ގޮތުން އޭނާގެ މައްޗަށް ލާޒިމުވެއްޖެ ކަމަކަށް ވެއްޖިއްޔާ، ދެން ވާނީ ގެއްލުމޭ އޭނާޔަށް ބުނެވުނެވެ. ފިހާރަ ޖެހޭނީ ބަންދުކުރާށޭވެސް ބުނެވުނެވެ. މިއީ ވާހަކަ އިވުނު ދުވަހު އޭނާޔަށް ކިޔުނު އެއްޗިއްސެވެ. ދެން ޖެހިގެން އައި ދުވަހު އޭނާ ބުނީ އެހެން އެއްޗެކެވެ. އެއީ، ޖެހިގެން ހުންނަ ފިހާރައިގައި އުޅޭ ނަޖްރޫލް 3،000 ރުފިޔާޔަށް ސޭޓުކަން ކޮށްދޭން އެއްބަސްވި ވާހަކައެވެ! ނަޖްރޫލް އަކީ ބިދޭސީއެކެވެ. ބިދޭސީންގެ މައްޗަކަށް ”މިނިމަމް ވޭޖް“ އެއް ނުހިނގަޔޯލައޭ ފިހާރައިގެ ވެރިމީހާ ބުންޏެވެ.

އެގޮތަށް ބަލައިފިއްޔާ، ބިދޭސީންގެ މައްޗަށް ނުހިނގާ ކިތަންމެ ކަމެކެވެ. ފިހާރަ ފިހާރައިގެ ސޭޓުންނަށް ބިދޭސީން ތިބުން މަނަލެވެ. އެކަމަކު ބިދޭސީން ސޭޓުންނަށް ތިބުމަކީ ޢާންމު ކަމެކެވެ. ޓޫރިސްޓު ވިސާގައި އެތެރެވެފައި ދެން ވަޒީފާ އަދާކުރަން މަޑުކޮށްލުންވެސް ބިދޭސީންނަށް މަނަލެވެ. އެކަމަކު އެއީވެސް ޢާންމު ކަމެކެވެ. ކޯޓާ ނެތް، ނުވަތަ ކޯޓާޔަށް ވުރެ އިތުރަށް ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅުންވެސް އެންމެނަށް މަނަލެވެ. އެކަމަކު އެކަން ނުކުރާ ވިޔަފާރިވެރިޔަކު މަދުން ނޫނީ ނެތެވެ. ރަޖިސްޓަރީ ނުކުރާ ވިޔަފާރި ހިންގުންވެސް މަނަލެވެ. އެކަމަކު އެއީ ބިދޭސީންގެ އާދަޔަކަށް ވެއްޖެއެވެ. ޓެކްސް ނުދައްކައި ވިޔަފާރިކުރުންވެސް މަނަލެވެ. ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާ ކަނޑައެޅިގެން ޚިލާފަށް މިތަނަށް އައިސް އެކި ކަހަލަ މަސައްކަތު ގުރޫޕު ހަދައިގެން އުޅުންވެސް މަނަލެވެ. އެކަމަކު މިހިރީވެސް ބިދޭސީން  އޭގައި ހިމެނެންޏާ ބެލޭ ކަންކަމެއް ނޫނެވެ. އެހެން ވީމައި، ”ތަންފީޒު“ މިލަފުޒު އަޅުގަނޑު މި ލިޔުމުގައި އަދި ބޭނުންކުރާ ހިތެއް ނެތެވެ.

އެކަމަކު އަޅުގަނޑަށް މިޖެހުނީ ހައުދަހައި ދެރަ ކަމެކެވެ. އޮތް ވަޒީފާޔާއި ލިބެމުން އައި މުސާރަކޮޅުވެސް މިޖެހުނީ ދޫކޮށްލާށެވެ. މިކަމުގައި ނަޖްރޫލް ގެ ކުށެއް ނެތެވެ. ވަޒީފާ ދީގެން އުޅުނު ސާހިބުމީހާގެ ކުށެއްވެސް އަޅުގަނޑަކަށް ނުފެނުނެވެ. ނަޖްރޫލް ފައިސާ ބޭނުމެވެ. މިޤައުމުގައި ހަވާދު ހަދައި، ކެޔޮ ތެލުލައި، މިކަހަލަ އެތައް ކަމެއް ކުރާ، އޭނާގެ އެތައް މުވާޠިނުންނަކަށް ފިހާރައިން ހުޅުވައިދެވޭނޭ ތަފާތު އެތައް ފުރުޞަތެއްވެސް އޭނާ ބޭނުމެވެ. ވީހާވެސް ކުޑަ އެއްޗެއް ދީގެން ފައިދާ ބޮޑުކުރާން ފިހާރައިގެ ވެރިމީހާވެސް ބޭނުންވާނެއެވެ. ބާޒާރުގެ ޙާލަތުތަކާއި ނިޒާމު ހިންގުމުގެ ޙަޤީޤަތްތަކާ އެއްގޮތަށް ވިޔަފާރި ބައްޓަންވުމަކީ ދުނިޔޭގެ ޙަޤީޤަތެވެ. އެހެންވީމައި، އެމީހުންގެ ކުށެއް އަޅުގަނޑަކަށް ނުފެނުނެވެ.

އެކަމަކު އަޅުގަނޑަށް މިޖެހުނީ ގޮތެއް ފެނޭތޯ ދުވަން ފަށާށެވެ. އެހެންކަމުން، ދިވެހީންނަށް ގޮތްހުސްވީމައި ޢާންމުކޮށް ހުޅުވިފައި ހުންނަ ހަމައެކަނި ދޮރުން އަޅުގަނޑުވެސް ވަދެެއްޖައިމެވެ. އޮފީހެއް ނެތް މެންބަރުގެ ގާތް މީހަކު މަތިކޮށްގެން، އެ މީހާޔަށް ކުޑަ ހަދިޔާއެއްވެސް ދިއްކޮށްލައިގެން މެންބަރުގެ ފައިންޕުޅު ފެނޭތޯ މަސައްކަތް ފަށައިފީމެވެ.

މެންބަރު އަޅުގަނޑަށް ފައިންޕުޅު ދެއްކެވިއެވެ. އަދި އަޅުގަނޑުގެ ވާހަކަ ކަނުލައި އެއްސެވިއެވެ. އެބޭފުޅާގެ މުސާރަފުޅާއި ޢިނާޔަތްތަކާ އަޅައިބަލާއިރު އަޅުގަނޑަށް ލިބެމުން އައި 3،000 ރުފިޔާ ކިތަންމެ ކުޑަޔަސް، އެއިން އަޅުގަނޑަށް ވާ ވަރުގެ ވާހަކަ އެއްސެވިއެވެ. ހަމްދަރުދީގެ ބޯޖެއްސެވުންތަކުން ބޯޖެއްސެވިއެވެ. އަދި މައްސަލައިގެ ޙައްލެއްގެ ގޮތުން އަޅުގަނޑަށް 10،000 ރުފިޔާގެ ހަދިޔާއެއް ދެއްވާނެ ވާހަކަވެސް ވިދާޅުވިއެވެ. އަދި އެޔާ ވިދިގެން، ދެއަހަރާ ބައިގެ ފަހުން ކުރިމަތިވާނޭ އިންތިޚާބުގައިވެސް އޭނާ ވާދަކުރައްވާނޭ ވާހަކަވެސް ވިދާޅުވިއެވެ. އެހައިތަނުން އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ އެންމެހައި މެންބަރުން އެބޭފުޅާޔަށް ވޯޓުލާންވާނެޔޭ އަދި ވިދާޅުނުވިޔަސް، ވިސްނާ މީހަކަށް އިޝާރާތަކުން ފުދެން ޖެހޭކަން އަޅުގަނޑުވެސް ދެނެގަތީމެވެ.

ދަންނަވަންތޯއެވެ! ޢިއްޒަތްތެރި މެންބަރު އައްސަވާށެވެ! ތިޔަ ބޭފުޅުންވެސް އައްސަވާށެވެ! އަޅުގަނޑު އެ ހަދިޔާއެއް ބޭނުމެއް ނޫނެވެ. ހަދިޔާއާއި، ޞަދަޤާތާއި އެހީފުޅުގެ ނަމުގައި ކަރަށް މަހައިލެވޭ މަޅިޔެއް އަޅުގަނޑު ބޭނުމެއް ނޫނެވެ. އަޅުގަނޑު ބޭނުމީ އެހެން ކަމެކެވެ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު މިދަންނަވާހެން ހައްދަވައިލެއްވުން ކީއްތޯއޭއެވެ. އެއީ ކޮން ގޮތެއް ތޯއޭ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އައްސަވައިފާނެތީ އެ ގޮތް މިތާނގައި ދަންނަވައިލަމެވެ.

އަޅުގަނޑަށް ފުރަތަމަ ކޮށްދެއްވަންވީ ކަމަކީ، ލިޔުމާ ޢަމަލާ ދިމާކުރެއްވުމެވެ. ކަމާ ބަހާވެސް ދިމާކުރެއްވުމެވެ. މިރާއްޖެޔަކީ ކޮންމެގޮތަކުން ނަމަވެސް ހަފޮޅުން އެތެރެވެއްޖިއްޔާ ބައިއަޅާ އޮޑިޔެއްކަން އެނގިގެން މިތާނގެ އިމިގްރޭޝަން ޤާނޫނާ ކަނޑައެޅިގެން ޚިލާފަށް މިތަނަށް ޤަޞްދުގައި މިތަނަށް އައިސް ތިބި ބިދޭސީން ”ރެގިޔުލަރައިޒް“ ކުރެއްވުން ހުއްޓަވައިލެއްވުމެވެ. ކޮންމެވެސް މަޖުބޫރީ ސަބަބަކަށްޓަކައި އެއީ ކޮންމެހެން ދެއްވަންވެއްޖެ ޚިދުމަތެއް ކަމަށް ވަންޏާ، އެ ޚިދުމަތް ދެއްވަން ވާނީ އެބަޔަކީ އިންސާނީ ވަގުފާރީގެ ޝިކާރަކަށް ވެފައި ތިބި ބައެއްކަން ކަނޑައެޅިގެން ސާބިތުވާ ބަޔަކަށެވެ. އެކަމަކު އެއީވެސް އެމީހުން ބޭރުކުރެވޭނޭ މަގެއް ފެނިވަޑައިގަންނަވަންދެނެވެ. އަޅުގަނޑުމެންނަކީ ކުޑަ ޤައުމަކަށް ވިޔަސް، މިތާނގެ ޤާނޫނުތަކުގެވެސް ކޮންމެވެސް އަގަކާއި ބާރެއް އޮންނަންވާނެއެވެ. އަމިއްލަ އިޚްތިޔާރުން މިތަނަށް އައިސް ޤަޞްދުގައި ޤާނޫނާ ޚިލާފުވާ މީހުންނަށް އޮންނަންވާނީ ހަމައެންމެ ގޮތެކެވެ. އެއީ ޑީޕޯޓު ކުރުމެވެ.

ދެން އަޅުގަނޑަށް ކޮށްދެއްވަންވީ ކަމަކީ، މިރާއްޖޭގައި ވަކިފަރާތެއްގެ މަސައްކަތު ވީސާގައި ނުއުޅެ ”މިނިވަން މަސައްކަތްތެރީން“ ގެ ގޮތުގައި އުޅޭ ބިދޭސީން ބޮޑެތި ކުންފުނިތަކުގެ މަސައްކަތުގައި ގެންގުޅުން ހުއްޓުވައިދެއްވުމެވެ. ހަމަ އެންމެ މިސާލެއް ދަންނަވާނަމެވެ. މާލޭގެ ބޮޑު މަގެއްގައި، ޤާނޫނު ތަންފީޒުކުރަން އޮންނަ މުއައްސަސާއެއްގެ ސަރަޙައްދީ ގޮތްޕެއް ހުންނަ ކޮށްޓާ ޖެހިގެން އިރަށް ހަމަ އެމަގުގައި އޮންނަ ކޮށްޓެއްގައި، އެތައް ޤަވާޢިދަކާ ކަނޑައެޅިގެން ޚިލާފަށް ދިމާޔަށް ފެނިގެން ހަދަމުންގެންދާ ޢިމާރާތެއް ކަހަލަ ތަނެއްގައި މަސައްކަތްކުރަން ގެންގުޅޭ ބައެއް ބިދޭސީންނަކީ ”ޑޭ ލޭބަރުން“ނެވެ. މިގޮތަށް އެތައް ތަނެއްގައި ކަންކަން ކުރިޔަށްދަންޏާ، ސަރުކާރުގެ އާމްދަނީއަށް ވަންނަންޖެހޭ ކޯޓާ ފައިސާ ކޮބައިތޯއެވެ؟ މިގޮތަށް ގެންގުޅޭ މީހަކު ބަލިވެއްޖިއްޔާ، އެއިން މީހަކަށް ހާނީއްކައެއް ވެއްޖިއްޔާ، މަރުވެގެން އަނބުރާ ޤައުމަށް ފޮނުވަންވެއްޖިއްޔާ، އެކަންކަން ކުރެވޭނީ ހަމަ އަޅުގަނޑުމެން ފަޤީރުން ދައްކާ ޖީ.އެސް.ޓީ އިން ދެއްތޯއެވެ؟ މިކަހަލަ ކަންކަން ހުއްޓުވާލަދެއްވުން ކީއްތޯއެވެ؟

ދެން އަޅުގަނޑަށް ކޮށްދެއްވަންވީ ކަމަކީ، ރަޖިސްޓަރީ ނުކުރާ ވިޔާފާރިތައް ހޯއްދަވައިގެން އެ ވިޔަފާރިތައް ބަންދުކޮށްދެއްވުމެވެ. އެގޮތަށް ކުރާ ވިޔަފާރިތަކަކީ ހަނާކުރި ހަވާދާއި މަސްމިރުހުން ފެށިގެންގޮސް ރިސޯޓު ސަޕްލައިއާ ހަމަޔަށް ހިނގާ ކަންކަމެވެ. ބިދޭސީ ”ކުދި ހޮހަޅަތަކުގައި“ އުޅޭ ނަޖްރޫލް މެން ކަހަލަ މީހުންނާ ހަމައިން އެ ކަންކަމެއް ނުހުއްޓެއެވެ. އެހެރީ ވަރަށް ވަރަށް ބޮޑެތި، ނަންހިނގާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މަހުޖަނު އެކަންޓެންޓުންނާ ހަމަޔަށް ހިނގާ ކަންކަމެވެ. މި ޒާތުގެ ބިދޭސީން މިތާނގައި ވަކިހިއްޕައިގެން ކުރާ ބޮޑެތި ވިޔަފާރިތަކުން ކުރެ އެއްވެސް ވިޔަފާރިޔަކުން ރަޖިސްޓަރީ ފީއެއް، ފިހާރަ ކުއްޔެއް، ޖީ.އެސް.ޓީ އެއް، ބީ.ޕީ.ޓީ އެއް ކަހަލަ އެއްވެސް ޓެކުހެއް ދައުލަތަކަށް ނުލިބޭނެއެވެ. އަޅުގަނޑުގެ ސާހިބުމީހާ އޭނާގެ ގަމުތެރޭ ފިހާރަގަނޑު ހިންގަން އެ ޖެހެނީ މިކަހަލަ އެތައް ވިޔަފާރިޔަކާ އެއް ބާޒާރުގައި ވާދަކޮށްގެން، އެކަމަކު ދައްކަންޖެހޭ ހުރިހާ ޓެކުހެއް ދައްކައިގެނެވެ. އަޅުގަނޑަށް ކޮށްދެއްވަންވީ ކަމަކީ ފިހާރައިގެ ވެރިމީހާ އެޙާލުން ސަލާމަތް ކޮށްދެއްވައި، ދިވެހީންނަށް ބާޒާރުގެ އިންސާފު ހޯއްދަވައިދެއްވުމެވެ. އޭރުން އަޅުގަނޑަށްވެސް އިންސާފުވެރި މައިދާނެއްގައި ވަޒީފާގެ ފުރުޞަތު އޮންނާނެކަން ކަށަވަރުވާނެއެވެ.

ޖުމުލަކޮށް ދަންނަވާނަމަ، އަޅުގަނޑަށް ކޮށްލައްވައިދެއްވަންވީ ކަމަކީ، ރައްޔިތުންގެ ފައިސާއިން ވަރަށް ބޮޑު ޚަރަދެއް މިހާރުވެސް ކުރައްވައިގެން ހައްދަވާ ޤާނޫނުތައް މާނަހުރި ގޮތެއްގައި ބާރުވެރި ކޮށްދެއްވުމެވެ. ޢަމަލީ ގޮތުން ހިނގާގޮތް ހައްދަވައިދެއްވުމެވެ.  ރައްޔިތުންގެ ފައިސާއިން ނުހަނު ބޮޑު ޚަރަދެއް ކުރައްވައިގެން މިހައިރުވެސް ހިންގަވާ، ތަންފީޒީ އެކި އިދާރާތަކުގެ މަސައްކަތް ރަނުންރަނަށް ކުރޭތޯ ބައްލަވައިދެއްވުމެވެ. ނުކުރާނަމަ، އެ ފަރާތްތަކާމެދު މާނަވީ ފިޔަވަޅުތައް އަޅުއްވައި، ކަންކަން އިޞްލާޙު ކުރެއްވުމެވެ. އަދި ކުދި، ބޮޑު، މުއްސަނދި، ފަޤީރު، އެންމެހައި ރައްޔިތުންގެ މައްޗަށާއި ކަންކަމުގެ މައްޗަށް ހަމަހަމަކަމާއެކު ޤާނޫނުތައް ތަންފީޒުކޮށްދެއްވުމެވެ. މިހިރީ ދައުލަތުގެ ބަޖެޓުން އިތުރު ޚަރަދެއް ކުރައްވަން ޖެހިވަޑައިގަންނަވާނޭ ކަންކަމެއް ނޫނެއް ނޫންތޯއެވެ!

ދެން ކޮށްދެއްވަންވީ ކަމަކީ، ބިދޭސީންނަކީވެސް ހަމަ ކޮންމެހެން މިތާނގައި ބައިތިއްބަވަން ވެއްޖެ ބަޔަކަށް ވެއްޖިއްޔާ، އެމީހުންވެސް  ”މިނިމަމް ވޭޖް“ގެ ހަމަތަކުގެ ދަށަށް ގެންނަވައި، އެމަގުން އެމީހުން އާދައިގެ ވަޒީފާތަކުގައި އަޅުގަނޑުމެން ”އަންޑަރކަޓް“ ކުރާނޭ އިތުރު ފުރުޞަތެއް އަނެއްކާވެސް ނުދެއްވުމެވެ. މިކަމަށްވެސް ދައުލަތުގެ ބަޖެޓުން އިތުރު ޚަރަދެއް ނުދާނެ ނޫންތޯއެވެ!

ފަހު ވާހަކަޔަކަށް ދަންނަވަން އޮތީ، މިދެންނެވި ކަންކަން ކުރައްވާއިރު، އިންތިޚާބާ ވޯޓާ މަތިނުކުރައްވާށޭއެވެ. އަދި ވަކީން ޚާއްޞަކޮށް، ހަދިޔާއާއި، ޞަދަޤާތާއި، ޚާއްޞަ އެހީފުޅުގެ ނަމުގައި އަޅުގަނޑުމެންގެ ތެރެއިން ހޭޖެހޭ މީހުންގެ  މިނިވަންކަމާއި ޒަމީރު ބައްލަވައިނުގެންނެވޭނެޔާއެވެ.  ވީމައި، އެމަގުން ވަޑައިނުގެން، މިހެން ހައްދަވައިލެއްވުން ކީއްތޯއެވެ؟ އަޅުގަނޑު މި ވާހަކައިގައި މިދެންނެވި ކަންކަން ކޮށްލައްވައިދެއްވުން ކީއްތޯއެވެ؟ މި ކަންކަން ކޮށްލައްވައިދެއްވިއްޔާ، އެވަރުން ހަމަ ގައިމުވެސް އަޅުގަނޑަށް ވާނެއެވެ. އެއިރުން ތިޔަބޭފުޅުންނަށް ވޯޓުދިނުމާމެދު އަޅުގަނޑުވެސް، އަޅުގަނޑުގެ ޢާއިލާވެސް، އަދި ކަންކަމުގައި އަޅުގަނޑުގެ ލަފާ އަހައިއުޅޭ އެންމެންވެސް، ވަރަށް ސީރިޔަސްކޮށް ވިސްނާނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
33

One Response

  1. ތިޔަކަމުގައި އެއްމެފުރަތަމަވެސް ކުރަންވީ ކަމަކީ، މަޖްލިސް އިސްލާޙު ކުރުމެވެ. މިގޮތުން ކޮންމެ އަތޮޅަކަށް މެންބަރެކެވެ. އަދި މާލެއަށް ދެ މެންބަރުންނެވެ. މުސާރައަކީ 25،000 ރުފިޔާ އެވެ. ހުންނާނެތަނެއްގެ ކުލި ދައްކާދޭނީ ސަރުކާރުން ކަމަށްވިޔަސް 10،000 ރުފިޔާ އަށްވުރެ ބޮޑު އެއްޗެއް ދީގެން ނުވާނެއެވެ. ބޭސް ކޮށްދޭން ޖެހޭނީވެސް ހަމަ އެހެން ދިވެހި ރައްޔިތުންނެކޭ އެއްގޮތަށް އިންޑިއާ ނުވަތަ ލަންކާއިންނެވެ. މުސާރަ އާއި ޢިނާޔަތަކީ މެންބަރުން އަމިއްލައަށް ކަނޑައަޅާ އެއްޗަކަށް ވެގެން ނުވާނެ އެވެ. އަދި މެންބަރަކީ އެއްވެސް ސިޔާސީ ޕާޓީ އަކަށް ނިސްބަތްވާ މީހަކަށް ވެގެން ވެސް ނުވާނެއެވެ. މިހާހިސާބުން ދައުލަތުގެ މާލިއްޔާގައި ރައްޔިތުންނަށް ޚަރަދު ކުރާނެ އެއްޗެއް ހަރުލާނެ ކަމަށް ފެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *